بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެމް.ޓީ.ސީ.ސީ.ގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު ފަހީމް، އެމް.ޓީ.ސީ.ސީ.ގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އާދަމް ޢާޒިމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެމް.ޓީ.ސީ.ސީ.ގެ ހުރިހާ މުވައްޒަފުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އެމް.ޓީ.ސީ.ސީ.އަށް 41 އަހަރު ފުރުން މިރޭ ފާހަގަކުރާއިރު، ޙަޤީޤަތުގައި މި ފާހަގަކުރެވެނީ، މިވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި މި ކުންފުނި ހޯދާފައިވާ ކާމިޔާބީ ކަމާމެދަކު އަޅުގަނޑުގެ ޝައްކެއްނެތް. އެމް.ޓީ.ސީ.ސީ.ގެ ޙަޔާތުގައިވެސް އައި އެންމެ ޙަރަކާތްތެރި އަދި އެންމެ ކާމިޔާބު ދުވަސްތަކަކީ މިދިޔަ ދެ އަހަރު.

އާދެ، މިކަމަށްޓަކައި ކުންފުނީގެ 41 އަހަރުގެ ތެރޭގައި ކުންފުންޏަށް ޚިދުމަތްކުރެއްވި ހުރިހާ ބޭފުޅުންނަން ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމުން، މި ދެންނެވި މުހިންމު ކާމިޔާބީ ޙާޞިލްކުރެއްވި ކަމަށްޓަކައި، އެމް.ޓީ.ސީ.ސީ.ގެ މިހާރުގެ ހިންގުންތެރި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. އަދި ހުރިހާ މުވައްޒަފުންނަށްވެސް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅުދެއްކެވި ސީ.އީ.އޯ.ގެ ވާހަކަތަކުގައިވެސް، އަދި އަޅުގަނޑަށް އޭގެ ކުރިން ފެނުނު ވީޑިއޯތަކުގައިވެސް، އަޅުގަނޑު މި ދެންނެވި ކަންތައްތަކުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ.

އެމް.ޓީ.ސީ.ސީ.އޭ ބުނުމުން، މިއަދު އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތް. ހަމަގައިމުވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތް. އެއީ، މި ކުންފުންޏާ ޙަވާލުކުރާ ކޮންމެ މަޝްރޫޢެއްވެސް، އޭގެ އެންމެ ރަނގަޅު ފެންވަރުގައި، ވަގުތަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަން. މިއީ މިއަދުއެމް.ޓީ.ސީ.ސީ.އާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޔަޤީންކަން. ރައްޔިތުންގެ ހިތްތަކުން އެމް.ޓީ.ސީ.ސީ.ވަނީ އިތުބާރާއެކު ޖާގަ މިއަދު ހޯދާފައި.

މި ކުންފުނިން އެ ބަދަލު ގެނެސްދިންކަމަށްޓަކައި މި ކުންފުނި ހިންގުމާ ޙަވާލުވެވަޑައިގެން ތިއްބެވި ބޯޑުގެ ހުރިހާ ޑިރެކްޓަރުންނަށާއި، އެންމެހައި މުވައްޒަފުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމަށް މަރުޙަބާއާއި ޝުކުރު ދަންނަވަން.

ކުންފުނީގެ އިސްވެރިޔަކަށް އާދަމް ހަމަޖައްސެވުމަށް އަޅުގަނޑު ބައްދަލުކުރި ދުވަހު، އަޅުގަނޑު ދެއްކި ވާހަކަތައް ވަރަށް ރަނގަޅަށް އެ ވިދާޅުވެދެއްވީ. އަޅުގަނޑު އާދަމާ ކުންފުނި ހިންގުމާ ޙަވާލުކުރީ ޔަޤީންކަމާއި އިތުބާރާއެކު. އެބޭފުޅާ އެ ގެންދަވަނީ، އެ ކަންތައްތައް ޢަމަލީގޮތުން ދައްކަވަމުން. އަދިވެސް އެއްފަހަރު އާދަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އެމް.ޓީ.ސީ.ސީ.އޭ ބުނުމުން، އެއީ ހަމައެކަނި ޢިމާރާތްކުރުމާއި، ދަތުރުފަތުރާއި، ކަނޑު އުޅަނދުފަހަރުގެ އިންޖީނު ވިއްކާ ކުންފުންޏެއް ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުކުރެއްވިދާނެ. ނަމަވެސް ޙަޤީޤަތުގައި މި ކުންފުންޏަކީ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް. ޚާއްޞަކޮށް، ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިޔާއޭ ދެންނެވިދާނެ.

ބަނދަރު ހެދުން، ބިން ހިއްކުން، ގޮނޑުދޮށް ޙިމާޔަތްކުރުން، ޝީޓް ޕައިލްކުރުން، މިއީ މި ކުންފުނީގެ އެންމެ ޒަމާންވީ މަސައްކަތްތައް. މިއީ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ލަފާފުރުމުގެ ޚިދުމަތާ ގުޅިފައި ހުރި މަޝްރޫޢުތައް. އެއަރޕޯޓް ހެދުމާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަކީވެސް، ރަށްރަށާއި މާލެއާ ދެމެދު ހުރި އަސާސީ ޚިދުމަތުގެ ތަރައްޤީގެ ފަރަޤު ނައްތައިލުމަށްޓަކައި ހިންގާ ވަރަށް މުހިންމު މަޝްރޫޢުތަކެއް.

އާދެ، މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ މި ދެންނެވީ. އެއީ ތަރައްޤީވެސް ލާމަރުކަޒުވުން. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ޚިދުމަތްތައް ޤާއިމުކުރުން. ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހި، އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެ ސަރަޙައްދަކުން، އަސާސީ ޚިދުމަތްތައް ލިބޭނެގޮތް ހެދުން.

މިހާރު އަޅުގަނޑުމެން ތަޖުރިބާކުރަމުން މިދާ ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައި، ތަރައްޤީގެ ބައެއް ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަން ޖެހުނު. އެހެންނަމަވެސް، ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔުމަށް ވަރަށް ބޮޑަށް ސަމާލުކަން އަޅުގަނޑުމެން ދިނިން.

މި ދެންނެވި އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ އެއް ދާއިރާއަކީ، ދަތުރުފަތުރުގެ ދާއިރާ. ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މި އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން ވާނީ އެމް.ޓީ.ސީ.ސީ.އާ ބޮޑު މަޝްރޫޢެއް ޙަވާލުކޮށްފައި. އެ މަޝްރޫޢުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ފެށުމަށް، މި ކުންފުނިން އެ އަންނަނީ ތައްޔާރުވަމުން.

މި ދެންނެވި ފަދަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުޞަތުތަކެއް ސަރަޙައްދުތަކުގައި އުފެދިގެންދާނެ. ރަށްރަށުގައި އުފެދޭ އެ ވަޒީފާތަކަށް އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން. ހުނަރުވެރި ކެރޭ ދިވެހި ޒުވާނުން. މިއީ ސްކޫލްތަކުން ނިމިގެން ނުކުންނަ ދަރިވަރުންވެސް، އަދި ބެލެނިވެރިންވެސް މިހާރަށްވުރެ ބޮޑަށް ވިސްނަންވީ ކަމެއް.

ދިވެހި ޒުވާނުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، ރާއްޖޭގައި މިހާރު ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ހިއްޕަވައިގެން، ޤައުމީ ތަރައްޤީގައި ބައިވެރިވެވަޑައިގެންދެއްވަން. ތިޔަ ޒުވާނުންގެ ރަށާއި އަތޮޅާއި އަދި މުޅި ރާއްޖެވެސް، ތިޔަ ޒުވާނުން ބޭނުންވާ ގޮތަކަށް ތަރައްޤީ ކުރުމުގެ ފުރުޞަތު މިހާރު އޮތީ ހުޅުވިފައި. ޤައުމަށްވެސް އަދި ތިޔަ ޒުވާނުންނަށްވެސް އެކަމުން ލިބޭނެ މަންފާ ވަރަށް ބޮޑުވާނެ.

ޤައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި އެމް.ޓީ.ސީ.ސީ.އަކީވެސް، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއް. މި ކުންފުނިން ހިންގާ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، 3 އަހަރުގެ ތެރޭގައި 100 މީހުން ތަމްރީނުކުރަން ވަނީ އަމާޒު ހިފާފައި. މިފަދަ ޕްރޮގްރާމްތައް މި ހިންގަނީ ހަމަ ދިވެހި ޒުވާނުންނަށް ފުރުޞަތު ހޯދައިދިނުމަށް.

އިޖުތިމާޢީ ޒިންމާގެ ދަށުން މި ކުންފުނީގެ ޙަރަކާތްތައް ރާވާލާފައި އޮތީ، މުޖުތަމަޢަށް ވަރަށް ފައިދާހުރި ގޮތަކަށް. އެފަދަ އެއްކަމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި، މި ކުންފުނިން ހޯދާފައިވާ ކުރިއެރުން. އެފަދަ 31 މީހަކު މިހާރުވެސް އެމް.ޓީ.ސީ.ސީ.ގެ ވަޒީފާތަކުގައި އެބަ ތިއްބެވި. މިއީ އަޅުގަނޑު ދަންނަވާނީ، ޙަޤީޤަތުގައިވެސް މުޖުތަމަޢު ވަރަށް ބޮޑަށް ބޭނުންވާ ކަމެކޭ.

މި ކުންފުނީގެ މައިގަނޑު މަސައްކަތްތަކަށް ބަލާއިރު، ޢާންމު ރައްޔިތުން ބޭނުންވާ އެންމެ މުހިންމު ޚިދުމަތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ ކުންފުންޏަކީ، އެމް.ޓީ.ސީ.ސީ.އޭ ދެންނެވުން ދޮގަކަށް ނުވާނެ. ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ރައްޔިތުންނަށް މަގުފަހިކޮށްދިނުމުގައި މި ކުންފުނިން ކުރަމުން އަންނަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް.

މަސްވެރިކަމުގެ ޞިނާޢަތަށް އައި އިންޖީނުގެ އިންޤިލާބަށްފަހު، ދިވެހި މަސްވެރިކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގައި، މި ކުންފުނިން އަދާކުރަމުން އަންނަނީ، ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ދައުރެއް. މަސްދޯނިފަހަރުގެ އިންޖީނުން ފެށިގެން، ކުދިކުދި ސްޕެއަރޕާޓްސް އާއި، އެހެން ވަސީލަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް މެދުކެނޑުމެއް ނެތް.

ކޯވިޑް-19ގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް، މި ކުންފުނީގެ ޙަރަކާތްތައް ހުއްޓުމެއް ނެތި ދިޔައީ ކުރިއަށް. ކޯވިޑްގެ ދަތިތަކާ އެކުގައިވެސް، އަޅުގަނޑުމެން މިހާރު މިވަނީ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށާފައި. އެހެންކަމުން، ކުރިއަށް މިއޮތް ދުވަސްތަކުގައި މި ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ކުންފުނީގެ ދުވެލި މާބޮޑަށް ހަލުވިވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

އަޅުގަނޑުމެން ތަރައްޤީގެ ކޮންމެ ވާހަކައެއް ދައްކާއިރު، އެއާ އެކީގައި ތިމާވެށި ޙިމާޔަތްކުރުމުގެ ވާހަކަ ނުދައްކައި ދޫކޮށްލެވޭކަށް މިހާރަކުއެއް ނެތް. ކުންފުނީގެ ފަރާތުން ހިންގާ އަސާސީ ޚިދުމަތްތަކުގެ ތެރޭގައިވެސް، ތިމާވެށްޓާ ގުޅޭ ވަރަށް ގިނަ މަޝްރޫޢުތައް އެބަ ހިމެނޭ. ބަނދަރު ހެދުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ފަޅު ފުންކުރުމަކީވެސް މި ދެންނެވި ފަދަ މަޝްރޫޢުތައް.

ތަރައްޤީއަށްޓަކައި އަޅުގަނޑުމެންގެ ވެށި ހަލާކުކުރެވޭކަށް ނެތް. ތަރައްޤީއަކީ ވަކި ކަހަލަ ބަނދަރެއް، ނުވަތަ ވަކި ބާވަތެއްގެ ކަނޑުތޮށްޓެއް ނޫން. ރަށުގައި ހަދާ ބަނދަރުން އެ ރަށަކަށް ދެމެހެއްޓެނިވި ތަރައްޤީއެއް ލިބޭތޯ، އެއީ އަޅުގަނޑުމެން މިއަދު ކުރަންވީ ސުވާލަކީ. ރަށުގައި ހަދާ ބަނދަރުގެ ސަބަބުން ރަށް ގިރުން އިތުރަށް ގޯސްވަންޏާ، އެއީ ދެމެހެއްޓެނިވި ތަރައްޤީތޯ ސުވާލުކުރަންޖެހޭ. ރަށްރަށަށް ގެނެވޭ ޢުމްރާނީ ތަރައްޤީން އެ ރަށްރަށަށް ދެމެހެއްޓެނިވި ތަރައްޤީއާއި ފައިދާ ލިބޭތޯ އަޅުގަނޑުމެން ޔަޤީންކުރަންޖެހޭނެ.

މިއީ އަޅުގަނޑުމެން އެންމެން މިއަދު ވިސްނަންޖެހޭ ކަމެއް. ދުނިޔޭގެ މޫސުން މިހާރު ބަދަލުވަމުން ދާގޮތަށް ބަލާއިރު، ތަރައްޤީއަށްޓަކައި ކިތަންމެ ކުޑަ ކަމެއް ކުރިޔަސް، ތިމާވެށްޓަށް ލިބިދާނެ ގެއްލުމެއް އޮތްތޯ ބަލައި، އެކަމަކުން ސަލާމަތްވުމަކީ މިއަދު ކުރަންޖެހިފައި އޮތް ކަމެއް. ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި، މަޝްރޫޢުތައް ފަރުމާކުރައްވާ ބޭފުޅުން އަދި މަޝްރޫޢުތައް ތަންފީޒު ކުރައްވާ ބޭފުޅުންވެސް މިކަންކަމަށް ވިސްނުން ގެންގުޅުއްވަން އެބަޖެހޭ.

ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދިނުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތު ތަންފީޒުކުރުމުގައި، ސަރުކާރުގެ ކުންފުނިތަކުން އަންނަނީ، ވަރަށް މުހިންމު ދައުރެއް އަދާކުރަމުން. ޚާއްޞަކޮށް، އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ ކުންފުނިތަކުގެ ދައުރު ވަކިން ބޮޑު.

ރައްޔިތުންގެ އަސާސީ ޚިދުމަތްތައް، މާތް ގެ ވާގިފުޅާއެކު މިހާރު އެ އަންނަނީ ރަށްރަށުގައި ފުރިހަމަވަމުން. ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ބަނދަރު ހެދުމުގެ މަޝްރޫޢުތައްވެސް، އެ އަންނަނީ ނިމެމުން. ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތައްވެސް އެ އަންނަނީ ނިމެމުން.

އަޅުގަނޑުގެ ނަޒަރުގައި މިހާރު މިއޮތީ މި ކުންފުނީގެ މިސްރާބު މުޅިން އެހެން އަމާޒަކަށް ސީދާކުރަންވީ ވަގުތު ޖެހިފައި. ދެން ރާއްޖޭގެ ޚާއްޞަކޮށް، އަތޮޅުތަކުގެ ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ކުރަންޖެހޭނެ ކަންތައްތަކުގެ ގޮތުގައި އަޅުގަނޑަށް ޤަބޫލުކުރެވެނީ މަގުތައް ހެދުމާއި، އެއްރަށް އަނެއްރަށް ކަނޑުމަގުންނާއި އަދި ބްރިޖާއި ކޯޒްވޭތަކުން ގުޅައިލުން. މިކަމަށް އެމް.ޓީ.ސީ.ސީ. ތައްޔާރުވާން އެބަޖެހޭ.

50 ވަނަ އަހަރަށް އަމާޒުކޮށް، ދެންމެ ދެއްކި ވީޑިއޯގައި، އެ ވާހަކަތައް އެބަހުރި ދައްކަވާފައި. އަޅުގަނޑުގެ އެދުމަކީ، ޒަމާނީ ޓެކްނޮލޮޖީއާއި، ތަމްރީނާއި، އެކްސްޕަރޓީސް ހޯއްދަވައިގެން މިކަންތައްތަކަށް ތައްޔާރުވުމަށް. އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން ޢާޒިމަށާއި، އެމް.ޓީ.ސީ.ސީ.ގެ ޓީމަށް މިކަމުގައި އެބައޮތް.

އަދި ހަމައެއާއެކު، އެމް.ޓީ.ސީ.ސީ.ގެ އަމާޒަކަށް ދެން ވާންވީ ބައިނަލްއަޤްވާމީ ޕްރޮޖެކްޓްތަކާ ދިމާއަށް މިސްރާބު ޖެހުން. އެކަމުގެވެސް ޚިޔާލު، ކުންފުނީގައި ގެންގުޅުއްވާތީ، އެކަމަށްޓަކައި ކުންފުނީގެ ހިންގުންތެރިންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، މި ކުންފުނިން ހޯދަމުން އަންނަ ކާމިޔާބީ ފާހަގަކޮށް، އަދިވެސް އެއްފަހަރު، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށާއި، ބޯޑުގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ކުރިމަގުގައިވެސް ޓީމެއްގެ ގޮތުގައި، އެއް ވާނެއްގައި މަސައްކަތްކޮށް، ދިވެހިންނައިގެން ކާމިޔާބީގެ އައްސޭރިއެއް ހޯދޭނެކަން އަޅުގަނޑަށް ޔަޤީން.

އަޅުގަނޑުގެ ދުޢާއަކީ، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.