ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 117 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 5 ބޭފުޅަކު ހިމެނިވަޑައިގަތެވެ. އެ ބޭފުޅުންނަކީ، 56 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މިހާރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގޭގެ ސީނިއަރ ސުޕަވައިޒަރ، ކޮންސަލްޓަންސީގެ މަގާމުގައި ހުންނެވި ގަލޮޅު އޮނުހިރި އަލްފާޟިލް އިބްރާހީމް ޒަކީއާއި، 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވި ހެންވޭރު އާދުނި ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކާއި، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވި މާފަންނު ގިނަވެލި ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދެވެ. އަދި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މިހާރު ރައިސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ޗީފް، ވީ.އައި.ޕީ. ވެއިޓަރ ކޮންސަލްޓަންސީގެ މަގާމުގައި ހުންނެވި މާފަންނު ފަތްކޯނި އަލްފާޟިލް އިބްރާހީމް ޙަލީމާއި، 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުން، އުމުރުފުޅުން 65 އަހަރުވެގެން ވަކިވެވަޑައިގެންނެވި މާފަންނު ކުންނުމަލާ އަލްފާޟިލާ ފާއިޒާ އަބްދުލްޤާދިރެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު މިރޭ ލިބިވަޑައިގެންނެވި 117 ބޭފުޅުންގެ ތެރެއިން 32 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އަދި މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން އިނާމު ހާސިލު ކުރެއްވީ 30 ބޭފުޅެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިރޭ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން، މަސައްކަތުގެ މަގާމާއި، ކާތިބު ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާކަމާއި، ނަރުސް ކަމާއި، މުދިން ކަމާއި، ކުޑަކަތީބުކަމާއި، ކަތީބުކަމާއި، ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރކަމާއި ޑެޕިޔުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި ޑިރެކްޓަރ ޖެނެރަލްކަމާއި، މެޖިސްޓްރޭޓްކަން އަދި މި ނޫންވެސް ތަފާތު އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުން އިނާމު ހާސިލުކުރެއްވިއެވެ. މީގެ އިތުރުން، އެމް.އެން.ޑީއެފް.އާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިފޯމް ބޭނުންކުރާ މުއައްސަސާތަކުގެ ގިނަ އަދަދެއްގެ ބޭފުޅުންނަށްވެސް މިރޭ އިނާމު ލިބިވަޑައިގަތެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މިރޭގެ ޖަލްސާގައި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ، އެއަރ ނެވިގޭޝަން ސަރވިސަސް އެންޑް އެއިރޮޑްރޯމްސްގެ މަގާމުގައި ހުންނެވި މައްޗަންގޮޅީ ސިލްވަރޑާޒް އަލްފާޟިލާ ފާޠިމަތު ރާމިޒާއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ޢާންމުކޮށް ދެއްވާނީ، އަހަރަކު އެއްފަހަރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. އެހެންނަމަވެސް، މިއީ މި އިނާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވެފައި، ހުށަހެޅުއްވި ބޭފުޅުންގެ އަދަދު ގިނަކަމާއެކު، އެއް ޖަލްސާއެއްގައި ހުރިހާ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ވަނީ ނިންމަވައިފައެވެ.