ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ކޮލަންބޯގައި ބާއްވާ ނޭޝަންސް ފުޓްބޯލް ޓޯނަމަންޓް ފޯރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021 މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްގެ އިތުރުން ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް، ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ނަމާލް ރާޖަޕަކްސަ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފުޓްބޯލް ސްރީލަންކާ ( އެފް.އެސް.އެލް)އިން އިންތިޒާމުކޮށްގެން ބާއްވާ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތަކީ ރާއްޖެއާ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް، މި ހަތަރު ޤައުމުގެ މެދުގައި ބާއްވާ ރަހުމަތްތެރިކަމުގެ ބައިނަލްއަޤްވާނީ ފުޓްބޯޅަ މުބާރާތެކެވެ.

މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ފުރަތަމަ މެޗްގައި ރާއްޖެއާ ސްރީލަންކާ ބައްދަލުކޮށްފައިވާއިރު މި މުބާރާތް މި އަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ. މުބާރާތް ފެށުމުގެ ގޮތުން ރާއްޖެއާ ސްރީލަންކާގެ ޓީމު ބައްދަލުކުރި މެޗް ނިމުނީ 4 ލަންޑު 4 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަންނަވައެވެ.