ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިންޑިއާގެ ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނަރަލް މރ. ގްރިޝް ޗަންދްރަ މުރްމު، އާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުގެ އޮޑިޓާއި ގުޅުންހުރި އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން އިންޑިއާގެ ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނަރަލް ފަދަ ތަޖުރިބާކާރު ބޭފުޅަކު ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހުރިހާ ދާއިރާއަކުންވެސް އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްޓަކައި އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން އިންޑިއާ ސަރުކާރުން ޚާއްޞަގޮތެއްގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ވެދެއްވާ އެހީތެރިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި އިންޑިއާގެ ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނަރަލް ދެއްކެވި ވާހަކަފުޅުގައި އެބޭފުޅާ ވަނީ ރާއްޖޭގެ ބައެއް އިދާރާތަކުގެ މީހުން ބިނާކުރުމަށް ނުވަތަ ތަމްރީނުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ތައްޔާރަށްއޮތްކަމުގައި ވިދާޅުވެފައެވެ. އަދި ޚާއްޞަކޮށް ހެޔޮވެރިކަން ކުރިއަށް ގެންދިއުމަށާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާ އިން މީހުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެކަމުގައި އެބޭފުޅާ ވިދާޅުވިއެވެ. މީގެ އިތުރުން އެކި ދާއިރާތަކުން އޯޑިޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުމަށްވެސް އެބޭފުޅާ ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން ތިމާވެށީގެ ދާއިރާއިންނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އެބޭފުޅާ ފާހަގަކުރެއްވެވިއެވެ. އަދި އެބޭފުޅާ ވަނީ ޤައުމުގައި ހުރި ވަޞީލަތްތައް އެންމެ ފުރިހަމައަށް ބޭނުން ކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުކޮށްލެއްވުމުގައި އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އިންޑިއާގެ ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނަރަލް ވަނީ ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރާއި މެދު ސޮއިކުރައްވާފައިވާ ބައެއް އެމް.އޯ.ޔޫ ތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މި އެމް.އޯ.ޔޫ ތަކުން ލިބިގެންދާނެ ފައިދާތަކާއި ގުޅޭގޮތުންވެސް އެ ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމުގެ ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.