މި ސަރުކާރު އައީ ރައްޔިތުންނަށް ޚިދުމަތްކުރުމަށްކަމަށާއި، ރަށެއްގެ އެއްވެސްކަމެއް ރައްޔިތުން ބޭނުންނުވާގޮތަށް ދާނަމަ ނުވަތަ ސަރުކާރުގެ އެއްވެސްކަމެއް އިޞްލާޙުކުރަން އޮތްކަމުގައިވާނަމަ އެކަމެއް ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ މިހާރު އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހިމަންދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ރައްޔިތުން އެދޭ ކޮންމެ ކަމެއް ސަރުކާރުގެ ޤާބިލުކަން ހުރި މިންވަރަކުން ވަކި ފިކުރަކަށް ވަކި ކުލައަކަށް ބެލުމެއްނެތި ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓު ހުށަހަޅާއިރު ރައްޔިތުންގެ ބޭނުންތައް ހިމަނައިގެން ބަޖެޓު ހުށަހެޅުމަށް ނިންމަވާފައިވާކަމުގައި ވިދާޅުވެފައެވެ.

ކުރިއަށް އޮތް އަހަރުގެ ބަޖެޓާއި ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގާތްގަނޑަކަށް ތިރީސް ހައެއް ޕޮއިންޓް ނުވައެއް ނުވަތަ ތިރީސް ހަތް ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަންނަ އަހަރަށް ހުށަހެޅުމަށް މަސައްކަތްކުރައްވާކަމުގައެވެ. އަދި ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ އަމާޒު ހިފާފައިވާނީ މިހާރު ފަށާފައިވާ މަސައްކަތްތައް ނިންމުމަށާއި، އިޖުތިމާޢީ ގޮތުން ކަންކަން ރަނގަޅުކުރަންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ޖެންޑަރ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ގާތްގަނޑަކަށް ދެގުނަ ބޮޑު ބަޖެޓެއް މިއަންނަ އަހަރުގެ އެ މިނިސްޓްރީގެ ބަޖުޓުގައި ޖެހުމަށް ނިންމަވާފައިވާކަމަށެވެ.

ހަމަ އެއާއެކު އިޖުތިމާޢީ ކަންކަން ރަނގަޅުކުރުމަށް ކުރިއަށް އޮތް އަހަރު ފެށޭއިރު މިނިމަމް ވޭޖު ތަޢާރަފުކުރުމަށް ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ސަރުކާރުގައި މަސައްކަތް ކުރާ ގާތްގަނޑަކަށް ފަނަރަ ހާހެއްހާ މީހުންގެ މުސާރައަށް ބޮޑުތަނުން ކުރިއެރުން ލިބޭނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި ހަމަ އެއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް ތޭރަހާސް މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން މި ދަތުރުފުޅަށްފަހު، ރަށްރަށުގެ ވިޔަފާރިތަކުގެ ކަރަންޓް ބިލާއި، ގެސްޓް ހައުސް ހިންގާ ރަށްރަށުގެ ކަރަންޓު ބިލަށް ރަނގަޅުގޮތެއް ހެދުމުގެ މަސައްކަތާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެއްވުމަށް ފައްޓަވާނެކަމުގައިވެސް މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ރިޔާސީ އިންތިޚާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީ ވަޢުދުތަކުގެ ތެރެއިން 90 އިންސައްތަ ވަޢުދު ފުއްދުމުގެ މަސައްކަތް އެކި ސްޓޭޖްތަކުގައި ފަށާފައިވާކަން އުފަލާއެކު ހާމަކުރައްވާފައެވެ. އަދި ކޮވިޑްގެ ޙާލަތާއި އެކުވެސް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް މި މިންވަރަށް ކުރެވިފައިވަނީ ދަޢުލަތުގެ ހިންގުންތެރި ފަރާތްތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެބޭފުޅުންނަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ.

ހިމަންދޫ ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރުން އެރަށުގެ ތަރައްޤީއަށްޓަކައި ހިންގަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކުޑަކުދިންގެ ޕާކާއި، އައުޓް ޑޯ ޖިމާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި އެރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި، ހިމަންދޫ ސްކޫލުގެ 12 ކްލާސްރޫމުގެ އިމާރާތާއި، މަލްޓިޕާޕަސް ހޯލުގެ މަސައްކަތް މިހާރު ވަނީ ފެށުމުގެ ހިސާބުގައިކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މިއަދު ހިމަންދޫގައި ހުޅުއްވައިދެއްވި ބަނދަރަކީ 241 ފޫޓު ފުޅާ އަދި 91.3 ފޫޓު ދިގު މިނުގެ ބަނދަރެކެވެ. މި ބަނދަރު ހެދުމަށް 43،687،336.51 ރ ޚަރަދުކޮށްފައިވެއެވެ.