ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ ކުޅުނު ހަތަރުވަނަ މެޗު ބައްލަވާލައްވައިފިއެވެ. މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ރާއްޖެ ބައްދަލުކޮށްފައި ވަނީ އިންޑިއާގެ ޤައުމީ ޓީމާއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށްދާ މި މުބާރާތުގައި މިރޭ ކުޅުނު މި މެޗަކީ މި މުބާރާތުގެ ދިހަވަނަ މެޗެވެ. މި މެޗުގައި 3 ލަނޑު 1 ލަނޑުން ކުރިހޯދައި މެޗް ކާމިޔާބުކުރީ އިންޑިއާގެ ޓީމެވެ. މި ނަތީޖާއާއެކު އިންޑިއާގެ ޓީމު ވަނީ މުބާރާތުގެ ފައިނަލަށް ގޮސްފައެވެ.

މި މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ބައެއް ވެރިން ވެސް ދަނޑަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ރާއްޖޭ ޤައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރެއްވުމަށް ގަލޮޅު ދަނޑުގައި ތިއްބެވިއެވެ.

މީގެ ކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ.