ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހައްދުންމަތީ އަތޮޅު ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ލ. އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުންނާއި، އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތޮޅުގެ އެކި ރަށްރަށުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދާ އިދާރާތަކުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާކަމަށާއި ބައެއް ވަޞީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވެވިއެވެ. އަދި އަތޮޅުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އަތޮޅުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 2 ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުން އަވަސްކޮށްދެއްވުމަށާއި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ ޕްރޮޖެކްޓް އަވަސް ކޮށްދެއްވުމަށާ، ކެންސަރ ހޮސްޕިޓަލްގެ މަސައްކަތް ފެށުން އަވަސްކޮށްދެއްވުމަށް ކައުންސިލްގެ މެންބަރުން ވަނީ ދަންނަވާފައެވެ. އެބޭފުޅުން ވަނީ އަތޮޅުގެ ބައެއް ސްކޫލުތަކަށް ޖާގައިގެ ދަތިކަމާއި، ވަޞީލަތްތައް މަދުކަމާއި، މުވައްޒަފުންގެ މަދުކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އަތޮޅުގެ ބައެއް ރަށް ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އަތޮޅުގައި ޓުއަރިޒަމް ފުޅާކުރުމުގެ ޝައުގުވެރިކަން އަތޮޅު ކައުންސިލުންވަނީ ފާޅުކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގެ ދަރިން ރަށުގައި ވަޒަންވެރިވެގެންތިބޭއިރު ވަޒީފާއެެއް ހޯދުމަށް ނުވަތަ އެހެން ބޭނުންތަކަށް ވެސް މާލެނައިސް އެރަށަކުން އެ ބޭނުމެއް ފުދިގެންދާނެ ގޮތް ހަމަޖެހެން ބޭނުންވާކަންވެސް އެބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޒުވާނުން މަސްތުވާތަކެތިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށްވެސް އެބޭފުޅުން ބޭނުންވާކަން ވަނީ މިބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ބާކީ ނުކޮށް އެރަށެއްގައި ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތައް ވީ އެންމެ އަވަސް ސްޕީޑެއްގައި ކުރިއަށްގެންދިއުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ބައެއްކަންކަމުގައި ކަމާ ގުޅުންހުރި މުވައްސަސާތަކާއި ސީދާ ވާހަކަދައްކައިގެން ޙައްލުހޯއްދެވުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އަތޮޅު ކައުންސިލާއި ރަށުކައުންސިލުން ގުޅިގެން ކިޔަވާ ކުދިންގެ ރައްކާތެރިކަމާއި ސަލާމަތަށް، މަސައްކަތްކުރައްވައި، ކުދިންގެ ހޭލުންތެރިކަމަށް ޕްރޮގްރާމުތައް ހިންގުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.