އާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މިހާރަށްވުރެ ލުއިފަސޭހަ ގޮތެއްގައި މުއާޞަލާތު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ޤާއިމުކުރައްވައިފައިވާ، އޮންލައިން ޕްލެޓްފޯމް "GOV.MV" މެސެޖުގެ ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމުގެ ފުރުޞަތު އަމިއްލަ ފަރުދުންނަށް މިހާރު ހުޅުވިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ގޮތަށް ހަމަޖެއްސެވުމުން، އަމިއްލަ މީހުން ސަރުކާރުގެ އިދާރާތަކަށް "GOV.MV" މެސެޖުގެ ޒަރީއާއިންނާއި، ސިޓީން ހުށަހަޅާ ކަންކަމަށް ޖަވާބު ދެއްވުމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރައްވާނީ ތިރީގައިވާ ގޮތުގެ މަތީން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1. އަމިއްލަ މީހުން "GOV.MV" މެސެޖުގެ ޒަރީއާއިން ނުވަތަ ސިޓީން ހުށަހަޅާ ކަންކަމަށް މި ދެންނެވުމާއެކު މިވާ ނަމޫނާއާ އެއްގޮތަށް، ލިޔުމުން އެ މީހަކަށް ޖަވާބު ދެއްވުން.
2. އަމިއްލަ މީހަކު "GOV.MV" މެސެޖުގެ ޒަރީއާއިން ނުވަތަ ސިޓީއަކުން ކަމަކަށް އެދިއްޖެނަމަ، އެ އިދާރާއެއްގެ ސަރވިސް ޗާޓަރުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެ މީހަކަށް ޖަވާބެއް ދެއްވުން.
3. "GOV.MV" މެސެޖުގެ ޒަރީއާއިން ނުވަތަ ސިޓީއަކުން ސަރުކާރުގެ އިދާރާއަކަށް ދިވެހިރައްޔިތަކު، ބޭރު ބަހަކުން ކަމެއް ހުށަހެޅި ނަމަވެސް، އެ އިދާރާއަކުން އެ މީހަކަށް ދިވެހިބަހުން ޖަވާބު ދެއްވުން.
4. އަމިއްލަ މީހަކު ކަމަކަށް އެދިގެން ސަރުކާރުގެ އިދާރާއަކަށް ހުށަހެޅުމުން، އެ އިދާރާގެ ވަކި ގަވާއިދެއްގައި ނުވަތަ ވަކި އުސޫލެއްގައި ނުވަތަ ވަކި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތަށް އެ ކަމެއް އަލުން ހުށަހެޅުމަށް ޖަވާބުދެއްވާނަމަ، އެ ގަވާއިދެއް ނުވަތަ އެ އުސޫލެއް ނުވަތަ އެ އިޢުލާނެއް ބެލޭނެ ފަސޭހަ ގޮތެއް އެ މީހަކަށް އޮޅުން ފިލާނޭހެން ޖަވާބު ދެއްވުން.
"GOV.MV" މެސެޖުގެ ޚިދުމަތް ފެށުމުން، މި ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމަށް އަމިއްލަ ފަރާތްތަކަށް ބާރުއެޅުއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމާ ހަމައަށް ސަރުކާރުގެ އިދާރާތަކަށް އަމިއްލަ މީހުންގެ ފަރާތުން ލިބިފައިވާ ސިޓީތަކާ މެދުގައްޔާއި، އީމެއިލްތަކާމެދުގައި ޢަމަލުކުރައްވާނީ މިހައިތަނަށް ޢަމަލުކުރައްވަމުން ގެންދެވި ގޮތަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ދެންނެވުން ނުކުތުމުން، މި އޮފީހުގެ ނަންބަރު 63/1975 (14 އޮކްޓޫބަރު 1975)  ދެންނެވުމާއި، 59/1991 (15 ޖޫން 1991) ދެންނެވުމާއި، 68/1995 (7 އޮކްޓޫބަރު 1995) ދެންނެވުމާއި، 77/2001 (25 ޑިސެންބަރު 2001) ދެންނެވުން ބާޠިލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.