بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު މި އިފްތިތާޙު ކުރެވުނު ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތަކީ، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޚިދުމަތެއް. އަދި އެއީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، މިހާރަށްވުރެ ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ވަރަށް ހަރުދަނާ ފާލަމަކަށް ވެގެންދާނެ.

މި ޚިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް، ޢާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުން. ކަމެއް ހުށަހެޅުމަށްޓަކައި އޮފީހަކަށް ދާން ނުޖެހުން. އަދި އޮފީސް ހުޅުވެންދެން އިންތިޒާރު ކުރަންވެސް ނުޖެހުން. އަދި އޮފީސް ބަންދުކޮށްފައި ހުރުމުން، ހުށަހަޅަން ބޭނުންވާ ކަމެއް ހުށަނޭޅި ހުންނަން ނުޖެހުން. އޭގެ އިތުރުން، ކަމެއް ހުށަހެޅުމުން، އެ ހުށަހެޅި ކަމަކާމެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު، މި ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލެން ހުރުން.

އަޅުގަނޑުމެންގެ ވަށައިގެން މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލްވަމުން. ދިރިއުޅުމުގެ އަސާސީ ހުރިހާ ޚިދުމަތެއްހެން މިހާރު އެ އަންނަނީ، ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން. ފައިސާގެ މުޢާމަލާތްތަކާއި، ޤައުމުތަކަށް އެތެރެވެ ބޭރުވުމާއި، ދަރިންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ޚިދުމަތްތައްވެސް އެ އަންނަނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަކަމާއެކު ގުޅެމުން.

އެހެންކަމުން، އަޅުގަނޑުމެންވެސް މިވަނީ ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ޤާއިމުކުރަން ޖެހިފައި. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ދެންމެ މިނިސްޓަރ އެ ވިދާޅުވިފަދައިން، ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. ޑިޖިޓަލް އައިޑެންޓިޓީ ތަޢާރުފްކުރުމުން، ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ.

ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތް ތަޢާރުފްވެގެން އަންނައިރު، ޤާނޫނީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ. އެކަމަށް ދުރާލައި ޙައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލެއް މިހާރުވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި.

ޑިޖިޓަލް ޚިދުމަތް ތަޢާރުފްކުރާއިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މަޢުލޫމާތުތައް. އަދި އިންޓަރނެޓްގެ ޒަރީޢާއިން ހިންގާ އެކިއެކި ޖަރީމާތަކުން ރައްޔިތުން ޙިމާޔަތްކޮށްދިނުމަކީވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް.

އެހެންކަމުން، ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޙިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު އަންނަނީ ފަރުމާ ކުރަމުން. އަދި ރާއްޖޭގެ އިންޓަރނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެށްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަރ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުން.

ކޯވިޑް-19ގެ ދަތިކަމުގައި އަޅުގަނޑުމެން މި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ޑިޖިޓަލްކޮށް ޚިދުމަތް ފޯރުކޮށްދިނުމާއި ޚިދުމަތް ލިބިގަތުމުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގި ކަށަވަރުވެއްޖެ. ފުރަބަންދުގައި ތިބެގެން ކިޔަވައިދިނީ ޑިޖިޓަލް ކްލާސްރޫމްތަކެއްގައި. ވިޔަފާރިއާއި އިޤްތިޞާދީ ކިތަންމެ މުޢާމަލާތެއް ހިންގީ ޑިޖިޓަލް ވަސީލަތްތަކުން. ސަރުކާރުގެ ވަރަށް ގިނަ ޚިދުމަތްތައް ދެމުން އައީ އޮންލައިންކޮށް.

މީގެ އިތުރުން އިޤްތިޞާދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށްޓަކައި، ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ޤައުމު ގެންދިޔުމަކީވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. އެކަމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މިހާރު މި އަންނަނީ އަޅުގަނޑުމެން ކުރަމުން.

ޚިދުމަތްތައް ޑިޖިޓަލްވެގެން އަންނައިރު، ސަރުކާރުގެ އޮފީސްތަކަށް، ޢާންމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރުވެ، ސަރުކާރުގެ ޚިދުމަތްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ. މިއީ، ރައްޔިތުންނަށް ޚިދުމަތް ދެއްވަން ތިއްބެވި، ސަރުކާރުގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް.

ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުން ގުޅިގެންދާއިރު، އެ ނިޒާމުގެ ޙަޤީޤީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި، ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން. އެކަން ކުރެވޭނީ، ޢާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަންނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ޤާއިމުކުރެވިގެން.

ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ ޢާންމު މިންގަނޑުތަކާއި، ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް ޢާންމުކުރެވޭނެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމްތައް އޮފީސްތަކުގައި ޤާއިމުކުރެވޭނެ.

މީގެ އިތުރުން، ސަރވިސް ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ނުލިބޭނަމަ، ހަމަ މި ނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާނެ. މި ނިޒާމު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، އެއް ވަގުތެއްގައި ބެލެން ހުންނާނެ.

ރައްޔިތުންނާއި ސަރުކާރާ ދެމެދު މުވާޞަލާތު ކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ތަޢާރުފްވެގެން އަންނައިރު، ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް މިކަންކަމަށް ވިސްނައި، ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދެވޭނެ ގޮތްތައް، ދުރާލައި އިންތިޒާމުކުރާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ރައްޔިތުންނާ ވީހާ ގާތުން، އަދި ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމަކުން ޚިދުމަތް ދިނުމަށް ސަރުކާރުން ހިންގާ މިފަދަ ކަންކަމުގެ ފައިދާ، އެންމެ ފުޅާމިނުގައި ރައްޔިތުންނަށް ލިބޭނެ ގޮތްތައް މެދުވެރިކުރެއްވުން. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ދައުލަތް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ޤައުމަށް އިތުރު ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.