އާޖެންޓީނާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ޑޮކްޓަރ އޫގޯ ހާވިއެރް ގޯބީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އާޖެންޓީނާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އާޖެންޓީނާގެ ސަފީރު ވަނީ ރާއްޖެއާއި އާޖެންޓީނާއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އަބަދުވެސް ރާއްޖެއަށް އާޖެންޓީނާއިން އެއްބާރުލުން ދެއްވާނެކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ އިސް ދައުރެއް އަދާކުރާތަން ދެކިވަޑައިގަތުމަށް ބޭނުންފުޅުވާކަން އާޖެންޓީނާ ސަފީރު  ފާހަގަކުރެއްވިއެވެ.

އާޖެންޓީނާގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އާޖެންޓީނާއަކީ ރާއްޖޭގެ އެކުވެރިއެއްކަމަށާއި، އަބަދުވެސް ދެޤައުމުގެ ގުޅުން ބަދަހިކުރެެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ސަފީރު ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާ ގުޅޭގޮތުން، ޚާއްޞަކޮށް ކަނޑުފަޅު ހިމާޔަތްކުރުމާއި ގުޅިގެން ދިވެހިރާއްޖެ މިސާލަކަށް ބަލައި މަސައްކަތްކުރެެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ  ފަތުރުވެރިކަމާއި، އިންސާނީ ޙައްޤޫތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅޭގޮތުން އަދި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި އާޖެންޓީނާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. 

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާއި އާޖެންޓީނާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.