ދައުލަތުން މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދޭންޖެހޭ ނިޒާމުގެ ނަޒާހާތްތެރިކަމާ ގުޅޭގޮތުން  އޭސީސީން ނެރުނު ހުދުކަރުދާސް، ވޮލިއުމް 5 ޢަދަދު 1 އާ ގުޅޭގޮތުން ދަންނަވަމެވެ. ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި ކޮމިޓީއެއް ސަރުކާރުން އުފެއްދިއެވެ. މި ކޮމިޓީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި މިނިސްޓްރީ އޮފް ފިނޭންސް އަދި އެ މައްސަލައަކާގުޅޭ މިނިސްޓްރީއެކެވެ. 

މިކޮމިޓީ އެކުލެވިގެންވާ ގޮތާއި، ކޮމިޓީގެ މަސައްކަތްތައް ބަޔާންކޮށްފައިވަނީ "ސަރުކާރު ޝާމިލްވާ އެކި މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމުގައި ޢަމަލުކުރާނޭގޮތުގެ އުސޫލު" ގައެވެ. މިއުސޫލުވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައެވެ. ކޮމިޓީއަށް ޖުމްލަ 37 މައްސަލަ ހުށަހެޅި، ބައެއް މައްސަލަތަކާބެހޭ ގޮތުން ވާހަކަ ދެކެވިފައިވެއެވެ. ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވިފައިވަނީ 19 ފެބްރުއަރީ 2020 ގައެވެ. އެ ތާރީޚަށްފަހު، އެ ކޮމިޓީގެ މަސައްކަތްވަނީ ހުއްޓިފައެވެ. އަދި 15 ސެޕްޓެންބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކޮމިޓީ އުވާލައްވާފައެވެ.

ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ޙައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ ("ނޫމަޑި") އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި 2 (ދޭއް) މައްސަލައެކެވެ. އެއީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި ނޫމަޑިއާއި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ދެމެދު 20 ޖަނަވަރީ 2011 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ މައްސަލައަކާއި 500 ހައުސިންގ ޔުނިޓާއި ޕޮލިސް އެކަޑަމީއަކާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށްޓަކައި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ދެމެދު 30 މެއި 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައްސަލައެވެ. މި މައްސަލަތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުންފުނިން ހޯދުމަށް އެދިފައިވަނީ، ގާތްގަނޑަކަށް 155,000,000 (ސަތޭކަ ފަންސާސް ފަސް މިލިއަން) އެމެރިކާ ޑޮލަރު އަދި އާބިޓްރޭޝަނަށް ހިނގާ އިތުރު ޚަރަދުތަކެވެ.

ނޫމަޑި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރަށް ރާއްޖެއިން ބޭރުގެ ޤާނޫނީ މާހިރުންގެ ފަރާތުން ލިބުނު ލަފަޔަށް ބަލައި، ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމްތައް އެއްބަސްވުންތަކާ އެއްގޮތަށް ފުރިހަމަކޮށްފައިނުވާތީއާއި މިމައްސަލައާގުޅޭ ގޮތުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރާ ދެކޮޅަށް ނޫމަޑީގެ ހެކިވެރިއަކަށްވެ ހެކިބަސްދީފައިވާތީ، މި މައްސަލާގައި އާބިޓްރޭޝަނުން ގޮތެއް ކަނޑައަޅައިފިނަމަ، މާލީ ގޮތުން ދިވެހި ދައުލަތަށް ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތުމުން، ދެބަސްވުންތައް ޙައްލުކޮށް، ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް 'ފުލް އަދި ފައިނަލް ސެޓްލްމަންޓުގެ' ގޮތުގައި 55,000,000 (ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން 25 އޮގަސްޓު 2019 ގައި ސެޓްލްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށް، އާބިޓްރޭޝަން މަރުޙަލާއިން "ކޮންސެންޓް އެވޯޑަކަށް" ދެފަރާތުން އެއްބަސްވެފައިވެއެވެ.

މީގެ އިތުރުން، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާގައި ދައުލަތުގެ ވަޒީފާތަކުން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ 19 މައްސަލައެއް ކޯޓުން ބޭރުގައި ޙައްލުކޮށްފައިވާނެއެވެ. މި މައްސަލަތަކުގައި ޢަމަލުކޮށްފައިވަނީ ޝަރީޢަތުގެ ޢާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ މިފަދަ މައްސަލަތަކުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިގޮތުން، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކި ކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، 26 އޮކްޓޫބަރު 2017 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރު 2016/SC-A/13 ޤަޟިއްޔާ (ދައުލަތް ވ. މުޙައްމަދު ހަބީބް) މައްސަލައާއި އަދި އޭގެ ފަހުން ކޮށްފައިވާ ޙުކުމްތަކުގެ އަލީގައި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަތަކުގައި، އެއްވެސް ސަބަބެއް ނެތި މީހަކު ވަޒީފާއިން ވަކި ކޮށްފައިވާކަން ކަމާބެހޭ އޮފީހަކުން ފޮނުވާ ލިޔެކިއުންތަކުން އެނގެން އޮތްނަމަ، އެފަދަ މައްސަލައެއް ޝަރީޢަތުގެ 3 މަރުޙަލާއިން ނިންމުމުގެ ބަދަލުގައި ޤާނޫނުއަސާސީގައި 'މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް' ބުނެފައިވާ އުޞޫލަށް ބަލައި، ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގައި ވަޒީފާގެ މައްސަލަތައް ޙައްލުކޮށްފައިވާނެއެވެ.

ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށް އިތުރު ބޭއިންޞާފެއް ކުރިމަތި ނުވާނޭހެން، އެފަދަ މައްސަލަތައް ޝަރީއަތުގެ 3 މަރުޙަލާއިން ގޮތެއް ނިންމުމުގެ ބަދަލުގައި ޞުލްޙަވެރިކަމާއެކު ޙައްލުކުރަން ފެށުމުން، ކުރިން ކޯޓަށް މައްސަލަ ހުށަހަޅާފައިނުވާ ފަރާތްތަކުން ދައުލަތާ ދެކޮޅަށް މައްސަލަތައް ހުށަހަޅަން ފެށިއެވެ. މިފަދަ މައްސަލަތަކުގައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރެވި އެކަމަށް ޙައްލު ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ފާއިތުވި މުއްދަތަށާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތަށާއި ސަރުކާރުގެ މަޞްލަޙަތަށާއި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަށްޓަކައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނެ ޢަދަދަކީ، 1 އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތްތައް ކަމަށް ހުށަހަޅާފައިވާނެއެވެ. މި މިންވަރަށް ބަދަލުގެ މިންވަރު ކަނޑައަޅާފައިވާނީ  ނުހައްޤުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށް ބަލާ މިންގަނޑުތަކާއި އަދި 1 އަހަރު ދުވަހަކީ އެހެން ވަޒީފާއެއް ހޯދުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ބަލައިގެންނެވެ. އަދި މި އުޞޫލަށް ދައުލަތުން ޢަމަލުކުރަމުން ފެށިފަހުން، ނުހައްޤުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އެންމެ ގިނަވެގެން ނަގައިދެވިދާނޭ މިންވަރަކީ 1 އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްކަމާއި މިއީ ދިވެހިރާއްޖޭގައި އަމަލުކުރުން އެކަށީގެންވާ މިންގަނޑެއް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/586  (25 ޖުލައި 2019) ޤަޟިއްޔާގައި ނިންމާފައިވެއެވެ.

ދައުލަތަށް ރައްދުވާ ގޮތަށް އިތުރު ދަޢުވާއެއް ނުކުރުމަށް އިޤްރާރުވެ އަދި/ނުވަތަ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށް، ނިންމާފައިވާނެއެވެ. މިފަދައިން މައްސަލަ ޙައްލުކުރަން ބޭނުންނުވާ ފަރާތްތަކުގެ މައްސަލަތައް ނިންމަނީ ޝަރީޢަތުގެ މަރުޙަލާއިންކަންވެސް ފާހަގަކުރަމެވެ.

ނުޙައްޤުން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށްފައިވާ ފަރާތްތަކުގެ ތަފްޞީލުތައް ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައިވާނެއެވެ.  

 

ދައުލަތުގެ އިދާރާ

މީހުންގެ ޢަދަދު

ވަޒީފާއިން ވަކިކުރި ތާރީޚް

ޖުމްލަ ފައިސާ

 (ރުފިޔާ)

1

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ މެންބަރުން

2

27 ޖޫން 2016 އަދި 22 ޖުލައި 2018

 

2

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

3

18 އޮގަސްޓް 2016 އާއި 6 މާޗް 2018 އާ ދެމެދު

 

3

މޯލްޑިވްސް ޕޮލިސް ސަރވިސް

7

10 ޖަނަވަރީ 2013 އާއި 2 އޮގަސްޓް 2018 އާ ދެމެދު

 

4

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

1

9 މާޗް 2017

 

5

ޓެކްސް އެޕީލް ޓްރައިބިއުނަލް

1

19 އޭޕްރީލް 2017

 

6

ކާޑެއްދޫ އެއަރޕޯޓް

5

1 އޭޕްރީލް 2018

 

 

 

6,805,036.80

 

މަތީގައި ބަޔާންކޮށްފައިވާ މައްސަލަތަކުގައި، ދަޢުވާކުރާ ފަރާތްތަކުން އެދިފައިވަނީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމަޔަށް މުސާރައާއި ޢިނާޔަތްތައް ނަގައި ދިނުމަށެވެ. ސިވިލް ކޯޓުގެ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޑިސްޕިއުޓް މަރުޙަލާގައި މި މައްސަލަތައް ޙައްލުކޮށް އެފަރާތްތަކަށް ދިނުމަށް ދައުލަތުން ހުށަހަޅައި އެއްބަސްވި ޢަދަދަކީ ޝަރުޢީ މަރުޙަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުޞަތު އޮތް މިންވަރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ މިންވަރެކެވެ. އަދި ކޯޓަކުން ކުރާ ޙުކުމެއްގައި ފައިސާ ދެއްކުމަށް އަންގާ މުއްދަތަކީ، ކޯޓުން ކަނޑައަޅާ މުއްދަތެއް ކަމުގައިވާއިރު، މި ފައިސާ ދައްކާ ޚަލާސް ކުރުމަށް ދައުލަތުން އެއްބަސްވެފައިވާ މުއްދަތުތަކަކީވެސް ދައުލަތަށް ބުރަ ބޮޑު ނުވާނޭ ގޮތަކަށް އެއްބަސްވެފައިވާ މުއްދަތުތަކެކެވެ.