ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. ރަސްގެތީމުގެ އާޘާރީ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވައިލައްވައިފިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރަސްގެތީމުގައި ހުންނަ އިހުގެ ދެ ޒިޔާރަތަކާއި އިހުގެ މިސްކިތެއް ހުރިތަނަކާއި އާޘާރީ ވަޅެއް ބައްލަވާލައްވާފައެވެ.

ރަސްގެތީމަކީ ފޯކްލޯތަކުގައި ވާގޮތުގައި ކޮއިމަލާ ރަސްގެފާނު ރާއްޖެއަށް ވަޑައިގެން މަޑުކުރެއްވި ރަށެވެ. ތާރީޚީ ފަތްފުށްތަކުން ފެންނަގޮތުގައި ކޮއިމަލާ ރަސްގެފާނަކީ ރަސްގެތީމަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި ކުރިން ރަސްގެތީމުން ވަނީ އާޘާރީ ބައެއް ތަކެތިވެސް ފެނިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. ރަސްގެތީމަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތްވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.