بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު މި އިފްތިތާޙުކުރި، ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭނަކީ، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް. މި މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށުމުން، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބިގެންދާނެ.

ރާއްޖޭގައި މީހުން ބިނާކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންގެންދޭ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް، ނުވަތަ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ދާއިރާތަކުން، ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް އަމާޒުކޮށްގެން، މާސްޓަރ ޕްލޭނެއް އެކުލަވައިލެވޭ މިއީ ފުރަތަމަ ފަހަރު.

ސަރުކާރުން މި މާސްޓަރ ޕްލޭން އެކުލަވައިލާފައި މިވަނީ، ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން. ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ހުރިހާ ދާއިރާތަކާއި، ރާއްޖޭގެ މީހުން ތަމްރީނު ކުރަމުން އަންނަ ދާއިރާތަކާ ދެމެދު އޮތް ހުސްކަން، މި މާސްޓަރ ޕްލޭންގެ އެހީގައި ކުޑަކުރެވިގެންދާނެ.

އަޅުގަނޑު ދެކޭގޮތުގައި ފަންނީ ވަޒީފާތަކަށް، ތަމްރީނު ލިބިފައިވާ ދިވެހީން ހޯދުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް، މި މާސްޓަރ ޕްލޭންގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެ. އަދި ފަންނީ ވަޒީފާތަކަށް ގެންނަ ބިދޭސީންގެ ޢަދަދުވެސް ދަށްވެގެންދާނެ. އޭގެ ސަބަބުން، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންވެސްދާނެ.

ސަރުކާރުން މި މާސްޓަރ ޕްލޭން އެކުލަވާލާފައި މިވަނީ، ކުރު މުއްދަތުގައި ޙާޞިލުކުރާނެ ކަންތައްތަކާއި، ދިގު މުއްދަތުގައި ކުރާނެ ކަންތައްތަކެއް ހިމަނައިގެން. އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، މީހުން ބިނާކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ޓިވެޓު ސެންޓަރުތަކެއް ޤާއިމުކުރުން.

މިއީ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައިވެސް، ވަރަށް މުހިންމު މަސައްކަތެއް ކަމަށް އަޅުގަނޑު ދެކެން. މި މާސްޓަރ ޕްލޭންގެ ދަށުން، މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމެންޓް ފްރޭމްވަރކް އެކުލަވާލައި ތަންފީޒު ކުރަން ފެށުމުން، މިކަމުގެ ހެޔޮ ނަތީޖާ، އިރާދަކުރެއްވިއްޔާ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ފެންނަން ފަށާނެ. 

އަޅުގަނޑުމެން މި އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު އެބަ ޤާއިމުކުރަން. އިތުރު ސަރަހައްދީ ވައިގެ ބަނދަރުތައް އެބަ ހަދަން. ޓާޝަރީ ފެންވަރަށް، ފަސް ހޮސްޕިޓަލެއްވެސް އެބަ ތަރައްޤީކުރަން. ހުރިހާ ރަށެއްގެ އިންޖީނުގެތައް، ޒަމާނީ ފެންވަރަށް އެބަ ބަދަލުކުރަން. މީގެ އިތުރުންވެސް، އެތައް މަސައްކަތްތަކެއް، އެތައް ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހިންގަން.

މިއިން ކޮންމެ މަޝްރޫޢެއް ނިމޭއިރު، ރަށްރަށުގައި އުފެދިގެންދާނީ، އެތައް ވަޒީފާއެއް. މިއިން ކޮންމެ މަޝްރޫޢަކާއެކު އުފެދޭ މުއައްސަސާތައް ހިންގުމަށްޓަކައި، ކިޔަވައިގެން ތިބި ފަންނީ މީހުން ބޭނުންވާނެ. އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައިވެސް، ހުނަރުވެރި ފަންނީ މީހުން ބޭނުންވާނެ.

މިއަދު މި އިފްތިތާޙުކުރި މާސްޓަރ ޕްލޭންގެ މައިގަނޑު އަމާޒަކީ، މި ދެންނެވި ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުން. އޭރުން، ރަށްރަށުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދާނެ. ޚާއްޞަކޮށް، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި، އަންހެނުންނާއި ފިރިހެނުންގެ ފަރަޤު ކުޑަވެ، ރާއްޖޭގެ ތަރައްޤީގައި ދެޖިންސުގެ ޒުވާނުންގެ ޙިއްޞާ ވަރަށް ބޮޑަށް އިތުރުވެގެންދާނެ.

ފަންނީ މަސައްކަތްތަކަށް ވަރަށް ހުޝިޔާރު އަދި ވަރަށް ހުނަރުވެރި ދިވެހި ޒުވާނުން، ރާއްޖޭގައި ގިނަ ޢަދަދަކަށް އެބައުޅޭ. އެ ޒުވާނުންނަށް ބޭނުންވަނީ، އެ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްޤީކޮށް، ޙަޔާތުގެ ޢަމަލީ މައިދާނުގައި، އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދިނުން. މި މާސްޓަރ ޕްލޭންގެ ޙަޤީޤީ މަޤްޞަދަކީވެސް އެއީ.

މި ދެންނެވި ފުރުޞަތުތައް، ދެ ޖިންސުގެ ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމުން، އެކަމުގެ ޙަޤީޤީ މަންފާ ފެންނަން ފަށާނީ، އެ ޒުވާނުން ނިސްބަތްވާ ޢާއިލާތަކުން. އެ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުގެ ދާއިރާތަކުން އާމްދަނީ ހޯދޭނެ މަގުފަހިވުމުން، ޢާއިލީ ފުދުންތެރިކަން އިތުރުވެ، އުފާވެރި ދިރިއުޅުމަކަށް މަގު ފަހިވެގެންދާނެ.

މިއަދު މި އިފްތިތާޙު ކުރެވުނު މާސްޓަރ ޕްލޭންގެ ސަބަބުން، ހުނަރުވެރި މަސައްކަތްތަކުގެ ދާއިރާތައް ގިންތިތަކަކަށްވެސް ބަހައިލެވޭނެ. އަދި މި ނިޒާމު އިތުރަށް ހަރުދަނާވެ، ހުނަރުގެ މަސައްކަތަކީ ރައްޔިތުން ބަލައިގަންނަ އަދި ޝައުޤުވެރިވާ ދާއިރާއަކަށްވެސް ވެގެންދާނެ. އަދި ހުނަރުގެ މަސައްކަތްތެރިކަމަކީ ދިވެހީން ފަޚުރުވެރިވާ މަސައްކަތްތަކަކަށްވެސް ވެގެންދާނެ.

އެނގިވަޑައިގަންނަވާނެ، ކޯވިޑުގެ ވަބާއިން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުގެ ތެރޭގައި އަޅުގަނޑުމެން އުޅޭތާ، މިހާރު ދޮޅު އަހަރަށްވުރެ ގިނަދުވަސްވެއްޖެ. މި ދަތި އުނދަގުލުގައިވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށްގެންނަމަވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުން.

އޭގެ ތެރެއިން، ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަން ދޫކުރާ ސްޓޫޑެންޓް ލޯނުވެސް، ހުއްޓާނުލައި ކުރިއަށް ގެންދިޔައިން. ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމްވެސް މެދުކަނޑާނުލައި ކުރިއަށް ގެންދެވިއްޖެ. އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައިއެޗީވަރސް ސްކޮލަރޝިޕްވެސް ކުރިއަށް ގެންދިޔައިން.

މީހުން ބިނާކުރުމާއި، ތަޢުލީމާ ގުޅޭ މިފަދަ ޕްރޮގްރާމްތައް ހުއްޓާނުލައި، އިރާދަކުރެއްވިއްޔާ، އަދިވެސް ކުރިއަށް ގެންދަން އަޅުގަނޑު ގަސްދުކުރަން. ދަރިންނަށް ރަނގަޅު ތަޢުލީމުދީ، މީހުން ބިނާކުރުމަށް ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން މިކުރާ މަސައްކަތުގެ ނަތީޖާ މިއަދު ނުފެނިދާނެ. ނަމަވެސް މިއަދު މިކުރާ ގޮވާމުގެ ފޮނިމީރުކަން، މާދަމާގެ ދިވެހި މުޖުތަމަޢުން ފެންނާނެކަން ޔަޤީން.

އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް އެބަހުރި. އޭގެ ތެރެއިންވެސް، މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ޚާއްޞަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއް.

މެންޓަލް ހެލްތުގެ ދާއިރާއިން، ކްލިނިކަލް ސައިކޮލޮޖީއާއި، ޕްރޮފެޝަނަލް ކައުންސެލިންގ، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލަރޝިޕްތައް ހިމެނޭގޮތަށް، މާސްޓަރސް ފެންވަރުގެ 30 ސްކޮލަރޝިޕްގެ ފުރުޞަތު، މާތް ﷲގެ އިރާދަފުޅާއެކު، ސަރުކާރުން ވަރަށް އަވަހަށް ހުޅުވައިލާނަން.

ޙަޤީޤަތުގައި މީހުން ބިނާކުރުމަކީ، ޤައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ވަރަށް އަގުބޮޑު ރައުސްމާލެއް. އެކަމަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް އަޅުގަނޑު ގޮވާލަން. އަދި ސަރުކާރުން ފަހިކޮށްދޭ މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނު ކުރިއަރުވައި ތަރައްޤީކޮށްގެން، ޤައުމުގެ ތަރައްޤީގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޒުވާނުންގެ ކިބައިގައި ހުރި، ހުނަރާއި ފަންނުވެރިކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ޤައުމުގެ ތަރައްޤީގައި ބައިވެރިވާނެ، ޒިންމާދާރު ހުނަރުވެރި ޒުވާނުންތަކެއް އުފެދިގެން ދިޔުން. ރާއްޖެއަށް އަބަދުވެސް ފާގަތިކަމާއި، ތަނަވަސްކަމާއި ފުދުންތެރިކަން މިންވަރު ކުރައްވައި، ދިވެހިންގެ މެދުގައި އެކުވެރިކަމާއި ހަމަޖެހުން ޤާއިމުކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.