بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ.

ޙާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.

ގިނަ ދުވަސްތަކަކަށްފަހު އަޅުގަނޑުމެން އެއްތަނަކުން މިއަދު މި ބައްދަލުކޮށްލަނީ. އެއީ ކޯވިޑުގެ ދަތި އުނދަގުލުގައި އެތައް ދުވަސްތަކެއް އަޅުގަނޑުމެން ހޭދަކުރުމަށްފަހުގައި، މިއަދު މިވަނީ އާ ޢާންމު ޙާލަތެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަން ފަށާފައި.

މިވަގުތު އަޅުނޑުމެންގެ އެންމެބޮޑު އެއް އަމާޒަކީ، ރާއްޖޭގައި ވެކްސިންޖެހޭ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދައި، ހުރިހާ އެންމެންނަށް ވެކްސިން ފުރިހަމަކޮށްދިނުން. ދުނިޔޭގެ ޞިއްޙީ ތަޖުރިބާކާރުން އިއްތިފާޤުވާ ގޮތުގައި، ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ، ވެކްސިންގެ ދެ ޑޯޒް އަވަހަށް ހަމަކުރުން. އިރާދަކުރެއްވީތީ، އަޅުގަނޑުމެން ކުރި މަސައްކަތުން މިއަދު މިވަނީ ރާއްޖޭގައި ވެކްސިން ޖަހާ އާބާދީގެ، 12 އަހަރުން މަތީގެ، އެ އެންމެންނަށް ވެކްސިން ޖެހޭވަރަށް ވެކްސިން ހޯދިފައި.

12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މިހާރު ވެކްސިން ޖެހުމަށް ޑަބްލިޔޫ.އެޗް.އޯ. އިން ހުއްދަ ލިބިފައި މިއޮތީ އެންމެ ވެކްސިނަކަށް. "ފައިޒަރ". އިރާދަކުރެއްވީތީ، މިއަދު އަޅުގަނޑުމެންނަށް މިވަނީ މި ފައިޒަރގެ ވެކްސިންވެސް ލިބިފައި. އަންނަ ހަފްތާ ފެށުމާ އެކީގައި، ރާއްޖޭގެ ސްކޫލްތަކުގައި އުޅޭ 12 އަހަރާއި 17 އަހަރުގެ ދަރިވަރުންނަށް، އަދި އެ ޢުމުރުފުރައިގެ ހުރިހާ ކުދިންނަށް ވެކްސިން ޖެހުމުގެ ބޮޑު މަޝްރޫޢެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. އަޅުގަނޑުމެންގެ އަމާޒަކީ، މި މަސް ނިމޭއިރަށް، ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖަހާ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ޖެހުން. އަޅުގަނޑުގެ މިއަދުގެ އިލްތިމާސަކީވެސް ވީހާވެސް އަވަހަށް ހުރިހާ ބޭފުޅުން ވެކްސިން ޖައްސަވައި ނިންމެވުން.

ދިވެހިން ވެކްސިނަށް ދިން އިޖާބައާއި، ކޯވިޑް ކޮންޓްރޯލް ކުރުމަށް ރައްޔިތުން ދީފައިވާ އެއްބާރުލުމާއެކު، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިހާރު މިވަނީ އާ ޢާންމު ޙާލަތަކަށް ޤައުމު ގެންދިޔުމުގެ މަސައްކަތް ފެށިފައި.

ދިގު މުއްދަތަކަށްފަހު، އިއްޔެ މިވަނީ ސްކޫލްތަކަށް ކުދިން ހާޒިރުވެ، ކިޔެވުން ފަށާފައި. ކޯވިޑުގެ ޙާލަތާ ގުޅިގެން ސްކޫލްތަކުގައި ކިޔަވައިދިނުން މެދުކަނޑާލުމަށްފަހު، މިގޮތަށް ކިޔަވައިދޭން ފެށި މަދު ޤައުމުތަކުގެ ތެރޭގައި، ރާއްޖެ ހިމެނޭކަން މިއަދު އުފަލާއެކު އަޅުގަނޑު ފާހަގަކުރަން.

މި ހަފްތާގެތެރޭ އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ނުކުމެ މަސައްކަތް ކުރަން މިވަނީ ފަށާފައި. ކެފޭ، ރެސްޓޯރެންޓް، ސެލޫން، ޖިމް އަދި އެހެނިހެން ވިޔަފާރިތައް، ޢާންމު ޙާލަތުގެ ގަޑިތަކާ އެއްގޮތަށް ހުޅުވައި، މިހާރު މިވަނީ ޚިދުމަތް ދޭން އަދި މަސައްކަތް ކުރަންވެސް ފަށާފައި. މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް މިހާރުވަނީ ވަރަށްގިނަ ލުއިތަކެއް ދެވިފައި. މި ދެވުނު ލުއިތަކާ އެކީގައި، އިޤްތިޞާދީ ޙަރަކާތްތައް ރަނގަޅުވާން މިވަނީ ފަށާފައި.

އެކްސްޕޯޓްގެ މިންވަރު، މިދިޔަ އަހަރުގެ ޖުލައިމަހާ އަޅައިބަލާއިރު، މިހާރުވަނީ 19 ޕަސެންޓް އިތުރުވެފައި. އިމްޕޯޓުގެ މިންވަރު، މިދިޔަ އަހަރުގެ ޖުލައިމަހާ އަޅައިބަލާއިރު، 45 ޕަސެންޓް އިތުރުވެއްޖެ. މި އަހަރުގެ ޖުލައިގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 14 ޕަސެންޓް އިތުރުވެއްޖެ. މި މުއްދަތުގެ ތެރޭގައި، ހަމައެކަނި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 23 ޕަސެންޓް ވަނީ އިތުރުވެފައި.

ފަތުރުވެރިކަމަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާ އަނބުރާ އިޢާދަކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށައިފި. މި ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 93 ޕަސެންޓް މީހުން މިހާރު ވަނީ ވެކްސިން ޖަހާފައި. ދެ ޑޯޒް ހަމަކޮށްފައި. ބޯޑަރ ކޮންޓްރޯލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މިހާރުވަނީ ވެކްސިން ޖަހައި ނިންމާފައި.

ކޯވިޑުގެ ޙާލަތާއެކު ދިގު މުއްދަތަކަށް ގެސްޓްހައުސްތައް ބަންދުވެފައި ހުރުމަށްފަހު، އަލުން މިވަނީ ހުޅުވައިލެވި ޚިދުމަތް ދޭން ފެށިފައި. މިހާރު ރާއްޖޭގައި ހިނގަމުންދާ ރިޒޯޓުތަކުގެ 95 ޕަސެންޓް މިހާރު މިވަނީ މުޅިން ހުޅުވާފައި. މިހާތަނަށް655,000 ޓޫރިސްޓުން ރާއްޖެއަށްވަނީ ޒިޔާރަތްކޮށްފައި.

ކޯވިޑުގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވުމާއެކު، އަޅުގަނޑުމެންވެސް މި ހޭދަކުރީ ވަރަށްދަތި އުނދަގުލުގައި. ދުނިޔޭގައި ކޯވިޑް ފެތުރެން ފެށިއިރު، ރާއްޖެއަކީ މިފަދަ ބަލިމަޑުކަމަކާ ކުރިމަތިލުމުގެ އެއްވެސް ވަސީލަތެއް ޤާއިމުކުރެވިފައި ހުރި ޤައުމެއް ނޫން. ފުރަތަމަވެސް އަޅުގަނޑުމެންގެ އަމާޒަކަށްވީ، މި ބައްޔަށް ފަރުވާދެވޭވަރަށް ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލުކަން އިތުރުކުރުން. އަދި މި ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދަތިތައް ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ކޮށްދެވެންހުރި ކަންތައްތައް ކޮށްދިނުން. މާތްﷲގެ އިރާދަފުޅުން ކޯވިޑުގެ ޙާލަތު ކޮންޓްރޯލް ކުރެވި، އާ ޢާންމު ޙާލަތަކަށް ދަތުރުކުރުމުގެ ފުރުޞަތު މިވަނީ ކުރިންވެސް ދެންނެވި ފަދައިން ފެށިފައި.

ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް ފެށި، ކުދި ވިޔަފާރިތައް ހުޅުވާލައި، ވަޒީފާތައް އިޢާދަވާން ފަށައިފި. ދިރިއުޅުން އާރާސްތު ކުރުމުގެ މަސައްކަތް މިވަނީ ފެށިފައި. މިކަން މިގޮތުގައި ދެމެހެއްޓޭނީ، ހުރިހާ ރައްޔިތުން އެކުގައި ގުޅިގެން ވެކްސިން ޖެހުމަށް މިކުރާ މަސައްކަތް ކާމިޔާބުކޮށް، ރާއްޖެއަކީ 12 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިން ޖަހާފައިވާ އާބާދީއެއް ދިރިއުޅޭ ޤައުމަކަށް ހެދިގެން. އަޅުގަނޑުގެ މިއަދުގެވެސް އިލްތިމާސަކީ، ހުރިހާ ރައްޔިތުންވެސް ވީހާ އަވަހަކަށް ވެކްސިން ޖަހައި ނިންމުން.

މިއަދާ ހިސާބަށް އައިއިރުގައި، މުޅި އާބާދީގެ 80 ޕަސެންޓް މިވަނީ ފުރަތަމަ ޑޯޒް ޖަހައި ނިންމާފައި. އަދި ދެވަނަ ޑޯޒް، 69 ޕަސެންޓް ވެކްސިން ޖަހައިފި. މާލެއަށް އެކަނި ބަލާއިރު، މާލޭގައި ވެކްސިންޖަހާ އާބާދީ ކަމުގައިވާ 181,000 މީހުންގެ ތެރެއިން 82 ޕަސެންޓް، ފުރަތަމަ ޑޯޒް ޖަހައިފި. 70 ޕަސެންޓް މީހުން ދެވަނަ ޑޯޒް ޖަހައިފި.

މިއީ ފެށުމުގެ ގޮތުން އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން ބޭނުންވި ބައެއް މަޢުލޫމާތުތަކެއް. އެއަށްފަހު ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު ދާނަން.

ޢަބްދުﷲ ޖަމީލް - ހުރިހާ ނިއުސް:

ޝުކުރިއްޔާ އަޅުގަނޑަށް ފުރުޞަތު ދެއްވިކަމަށްޓަކައި. އަޅުގަނޑު ފުރަތަމަ ސުވާލެއްގެ ގޮތުގައި އަހާލަން ބޭނުންވަނީ، އަޅުގަނޑުމެން، މިއީ ސިޔާސީ މަސްރަޙަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްކޮޅު. އާ ސިޔާސީ ޕާޓީތައް އުފެދެމުން އެބައާދޭ. ބައެއް ބޭފުޅުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ވާހަކަ އެބައޮތް އިޢުލާނު ކުރައްވާފައި. އެހެންނަމަވެސް، މީގެކުރިންވެސް މަނިކުފާނު އަރިހުން ސުވާލު ކުރެވުނު ހަނދާނެއްވޭ، ކުރިއަށް އޮތް ދައުރުގައި ކުރިމަތިލައްވާނަންތޯ؟

މިހާރު މަނިކުފާނު އެއްވެސްވަރަކަށް ވިސްނާވަޑައިގެންފިންތޯ، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާމެދު ކޮބައިތޯ މަނިކުފާނުގެ ޚިޔާލުފުޅަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޤާނޫނުއަސާސީގައި އޮންނަ ގޮތުން ކޮންމެ މީހަކަށްވެސް، ފަސް އަހަރުގެ ދެ ދައުރަށް ކުރިމަތިލުމުގެ ފުރުޞަތު އެބައޮތް. އެގޮތުން، ކުރިއަށް އޮތް 2023 ގައި ކުރިމަތިލުމުގެ ފުރުޞަތު އަޅުގަނޑަށްވެސް އެބައޮތް. އެ ބަންދެއްނުވޭ. އެހެންނަމަވެސް، ކުރީ ދުވަހުވެސް އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުގެ މިހާރުގެ އަމާޒަކީ، އަޅުގަނޑުވީ ވަޢުދުތައް ފުއްދުމުގައި ކުރިއަށްދިޔުން. ބައިވަރު މަސައްކަތް އެބަހުރި ކުރަން. ގާތްގަނޑަކަށް ދޮޅުއަހަރު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައްޖެ.

އެހެންވީމާ، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައާއި، މާލޭ ކަނެކްޓިވިޓީ ބްރިޖުގެ މައްސަލައާއި، ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ނިންމުން އެއީ، އަޅުގަނޑުގެ އެންމެ މުހިންމު އަމާޒަކީ. އެހެންނަމަވެސް، ތިޔަ ވިދާޅުވިގޮތަށް، ތިޔަ ކަމުގައި އަޅުގަނޑަށް ފުރުޞަތު ބަންދުވެފައެއް ނެތް.

މުޙައްމަދު ނަސީމް - މިހާރު އޮންލައިން:

އެމް.ޑީ.ޕީ.ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި މަނިކުފާނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތް ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅުންވެސް މި ވިދާޅުވަނީ. މަނިކުފާނު، އެ މަނިކުފާނާ ނުވެސް ގުޅުއްވާ ކަމަށް. ދެން އެމަނިކުފާނު އަނެއްކާ ވިދާޅުވެފައި އެބައޮތް، އެކީގައި ސިޔާސީ މަސައްކަތެއް ދެން ނުކުރެއްވޭނެއޭ. އެހެންވީމާ، އެ ވިދާޅުވާވަރަށް ގުޅުން ގޯސްވެގެންތޯ މިހާރު ގޮސްފައި މިއޮތީ. ދެން އެމް.ޑީ.ޕީ.ގެ ތެރޭގައި ތިޔަ ދެބޭފުޅުންގެ ފަޅިއަށް ބެހިފައި، ދެ ފެކްޝަން އުފެދިފައި އޮންނަ ކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ. އެކަން ޙައްލުކޮށް، އެމް.ޑީ.ޕީ އެއްބައިވަންތަ ކުރަން، ކޮން މަސައްކަތެއްތޯ މިހާރު ކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ސިޔާސީ ބައެއް ކަންތައްތަކުގައި، ރައީސް ނަޝީދާއި އަޅުގަނޑާ ބައެއްފަހަރު ޚިޔާލު ތަފާތުވޭ. އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރުގައިވެސް، އެ މަނިކުފާނު ނިންމަވާ ބައެއް ނިންމުންތައް އަޅުގަނޑަށް ކަމުނުގޮސްގެން، އަޅުގަނޑު ހުންނާނެ، އަޅުގަނޑަށް ފެންނަ ގޮތް ހާމަކޮށްފައި. އެހެން ނަމަވެސް، ވެރިކަމުގައި އެ މަނިކުފާނު ހުންނެވިއިރުގައި، އޭރު ޢަމަލު ކުރައްވާނީ ވަރަށް ބޮޑަށް ވިސްނަވާފައި. ވަށައިގެން ހުރި ހުރިހާ ކަންތައްތަކަށް ބައްލަވާފައި. ބައެއްފަހަރު އަޅުގަނޑުގެ ވިސްނުމާ އިދިކޮޅަށް، އަޅުގަނޑު ހުށަހަޅާ އަޅުގަނޑުގެ ޚިޔާލުތަކާ އެއްގޮތްނުވާގޮތަށް ކަންތައްތައް ނިންމަވާ. އެއީ މައްސަލައެއް ނޫން އަޅުގަނޑަކަށް. އެހެންނަމަވެސް، އަޅުގަނޑު އެކަންކަމުގައި ދެކޭގޮތް، އަޅުގަނޑު ވަރަށް ސާފުކޮށް ބަޔާންކުރަމުން ގެންދަން.

ހަމައެގޮތަށް، މިވަގުތުވެސް، މިހާރުވެސް އަޅުގަނޑު ނިންމާ ބައެއް ކަންތައްތަކުގައި، ރައީސް ނަޝީދު ޚިޔާލުތަފާތުވޭ. އެހެންނަމަވެސް، ސަރުކާރު ހިންގަން ހުރި މީހެއްގެ ޙައިޘިއްޔަތުން އަދި ރާއްޖޭގެ ވެރިކަންކުރާ މީހެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ކަންތައްތައް ނިންމަންޖެހޭނީ، ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލައި، އަޅުގަނޑަށް ލިބިފައި ހުންނަ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް. އެހެންވީމާ، ބައެއްފަހަރު އެ ޚިޔާލުތަފާތުވުންތައް އާދޭ. އެހެންނަމަވެސް، އަޅުގަނޑު މި ދެންނެވިހެން، އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ އެ ހުރިހާ ކަމެއްގެ އަލީގައި.

ދެން ވެރިކަމުގައި ހުންނައިރުގައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިންމު އެއްޗެއް. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީނެތި، ވެރިކަން ކުރުން އެއީ ވަރަށް އުނދަގޫ ކަމަކަށްވާނެ. މިވޭތުވެދިޔަ 2008ން ފެށިގެން މިހާތަނަށް މި އެކުލަވައިލެވުނު ކޮންމެ ސަރުކާރެއްގައިވެސް އެކަންތައްތައް ވަނީ ތަޙައްމަލުކޮށްފައި. އެމް.ޑީ.ޕީ، އަޅުގަނޑުމެން 2008 ގައި ފުރަތަމަ ވެރިކަމަށް އައިއިރުގައިވެސް އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ ނެތުމުން، ވަރަށް ދަތިތަކާ ކުރިމަތިވި. އެއަށްފަހު، ރައީސް ޔާމީނުގެ ވެރިކަމުގައި ފުރިހަމަ މެޖޯރިޓީއާ އެކީގައި އެ މަނިކުފާނު މަސައްކަތް ފެށްޓެވީ. ވަރަށް އޮމާންކޮށް، ވަރަށް ސްމޫތުކޮށް ކަންތައްތައް ނިންމަމުން ކުރިއަށް ގެންދެވި. އެހެންނަމަވެސް، ވަކި ހިސާބަކުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، އެ މަނިކުފާނަށް ގެއްލުމާ އެކީގައި، ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެވަޑައިގެންނެވި. ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެވަޑައިގެންނެވި. ދެން ވަޑައިގަންނަވަން ޖެހުނީ މުޅިން އެހެން މަގަކުން.

އެހެންވީމާ، އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި. އެހެންވީމާ، ސަރުކާރު ސްމޫތުކޮށް، ރައްޔިތުންނަށް ދޭންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިފަހައްޓާނަން.

މާހަތު ޙުސައިން ރަޝީދު - ސަންގު:

އަޅުގަނޑުގެ ސުވާލަކީ، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭގައި ވާހަކަތަކެއް ދެކެވިގެންދިޔަ، ނަފްރަތު އުފެދުން ކުށަކަށް ހެދުމަށްޓަކައި މި ހުށަހެޅި ބިލާ ގުޅޭގޮތުން. ބިލް ފާސްނުވެ، ކޮމިޓީ މަރުޙަލާއަށް އަލުން ފޮނުވާލަން ޖެހުމުގެ ސަބަބުން ބައެއް ބޭފުޅުން ވިދާޅުވި، ބިލެއް މަޖިލީހެއް ފޮނުވާ ކަމުގައިވާނަމަ، އެ ގަޓް ހުންނަންޖެހޭނެ ކަމަށް. އެ ދިފާޢު ކުރެވެންވާނެ ކަމަށް ވަނީ ފާހަގަކޮށްފައި.

އަދި ހަމައެއާއެކީގައި، މަނިކުފާނަށް އަމާޒުކޮށް އެ ވިދާޅުވި ފާޑުކިޔުންތަކުގެ ތެރޭގައި، ބައެއް މެންބަރުން އިސްތިޢުފާއަށްވެސް ވަނީ ގޮވާލާފައި. އިސްތިޢުފާ ދެއްވަންޖެހޭކަމަށް ވަނީ ވިދާޅުވެފައި. އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކަށް އެމް.ޑީ.ޕީ.ގެ ސްލޮޓެއްގައި، އެމް.ޑީ.ޕީ.ގެ ރިޔާސީ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންފައި ހުންނެވި ބޭފުޅަކަށް އަމާޒުކޮށް އިސްތިޢުފާ ދެއްވަން ވިދާޅުވެވިދާނެ ކަމަށް ނުވަތަ އެގޮތަށް ބުނެވިދާނެ ކަމަށް ގަބޫލުކުރައްވަންތޯ؟ އެފަދަ ޙާލަތެއް އޮތްކަމަށް ގަބޫލުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ، އެ އޮތްގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން. އޭގައި ހުންނާނެ ބަދަލުކުރަންޖެހޭ ކަންތައްތައް. އިޞްލާޙު ކުރަންޖެހޭ ކަންތައްތައް. އަޅުގަނޑުމެން ހުންނާނެ ބައެއް ބިލް ފޮނުވާފައި، އަނބުރާ ގެނެސްފައިވެސް. އެއީ އަދި މިހާރު އެކަނި ކުރާ ކަމެއް ނޫން. މީގެކުރީގެ ސަރުކާރުތަކުންވެސް ކޮށްފައި އޮތް ކަމެއް.

ނަފްރަތުގެ ބިލް އަޅުގަނޑުމެން ފޮނުވުމަށްފަހުގައި، އެއާ ދޭތެރޭގައި ވިސްނިއިރުގައި، ޢާންމުންގެ ވިސްނުމާ އެއްޗެހި ހުރިގޮތުން، އެ ބިލަށް އިޞްލާޙުތަކެއް ގެންނަންޖެހޭ. އެ އިޞްލާޙުތައް އަޅުގަނޑުމެން ވާނީ މަޖިލީހަށް ހުށަހަޅާފައި. ކޮމިޓީ ސްޓޭޖުގައި އޭގެ ބައެއް އިޞްލާޙުތައް ގެނެވިފައި ހުރިކަންވެސް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، އެ ބިލް ސަރުކާރުން އޭރު ފޮނުވިގޮތަށް ފާސްކުރުމަކީ އަޅުގަނޑު އެދޭ ކަމެއްނޫން. އެއަށް ގެންނަންޖެހޭ ބައެއް އިޞްލާޙުތައް އެބަހުރި. އެ އިޞްލާޙުތަކާ އެކީގައި ފާސްވެގެންދިޔުން އަޅުގަނޑު އެދެނީ.

ދެން އޭގެއިތުރުން، އެމް.ޑީ.ޕީ.އަކީ ވަރަށްބޮޑު ޕާޓީއެއް. ވަރަށް ތަފާތު ޚިޔާލުގެ މީހުން އެބައުޅޭ ޕާޓީގެ ތެރޭގައި. އެހެންވީމާ، ޑިމޮކްރެޓިކް ބޮޑު ޕާޓީއެއްގައި ބައެއްފަހަރު ޚިޔާލުތަފާތުވެގެން، އެހެން ބައެއް ވާހަކަ ވިދާޅުވާނެ. އެއީކީއެއް އެކަމަކު މާބޮޑު ކަމަކަށް ހަދައިގެން، އަޅުގަނޑު ނުކުމެ އެއަށް ޖަވާބުދާދީވާންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ޑިމޮކްރަސީއެއް ފުރިހަމަވެގެން އަންނައިރުގައި، މިކަހަލަ ކިތަންމެ ކަމެއް ދިމާވާނެ.

އަޙްމަދު އަޒާން - ދިޔަރެސް:

ޝުކުރިއްޔާ ރައީސް.

ދައުލަތުގެ ވަރަށްގިނަ ކުންފުނިތަކުގެ މާލީ ޙާލަތު ވަރަށްގޯސް ކަމަށް، އެ ކުންފުނިތަކުގެ މާލީ ހިސާބުތަކުން އެބަ ދައްކާ. މިސާލަކަށް، ފެނަކަ ކަހަލަ ކުންފުނިތަކުން ބިލިއަނަކާ ގާތްކުރާ ޢަދަދަކަށް، އެކި ފަރާތްތަކަށް ދައްކަންޖެހޭ ޕޭމަންޓްސް ނެހެދި އެބަވޭ. ޤައުމީ އެއަރލައިން ހިންގަން ބޭންކުން ދަރަންޏަށް ފައިސާ ނަގާފައި އެބަވޭ. ދެން ހަމަ ކުންފުނިތަކުގެ ތަޖުރިބާ ހުރި ވަރަށްގިނަ ބޭފުޅުން ކުންފުނި ދޫކޮށްވެސް އެބަދޭ. ދެން ބައެއް ފަރާތްތަކުން ހާމަކުރާގޮތުގައި، މިހެން ދިމާވާން މިޖެހެނީ، ކުންފުނިތަކުގެ މެނޭޖްމަންޓް ލެވެލްއަށް، އެއްވެސް ތަޖުރިބާއެއް ނެތް އެކްޓިވިސްޓުންނާއި، މިކަހަލަ ބައެއް ފަރާތްތައް ޢައްޔަނުކޮށްފައިވާތީ.

ދެން އަޅުގަނޑުގެ ސުވާލަކީ، މި ކުންފުނިތައް އިޞްލާޙުކޮށް، ކޮންމެގޮތެއްވިޔަސް، މި ކުންފުނިތަކަކީ ހަމަ ދައުލަތުގެ، ޤައުމުގެ އިޤްތިޞާދުގެ ވަރަށް މުހިންމު ރޯލެއް އަދާކުރާ ކުންފުނިތައް. އެހެންވީމާ، މިކުންފުނިތައް ރަނގަޅު މަގަށް ގެންނަން ރައީސް ކޮންކަހަލަ ފިޔަވަޅުތަކެއްތޯ އަޅުއްވަން ޤަޞްދު ކުރައްވަނީ؟ އެކަހަލަ ޕްލޭނެއް އެބައޮތްތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަނަކީ ކުރިންވެސް ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއް. އެއާއެކީގައި، މިވޭތުވެދިޔަ އަހަރުގެ ތެރޭގައި، ކޯވިޑާ ގުޅިގެން އަޅުގަނޑުމެންނަށް މާލީ އެތައް ދަތިތަކެއް ކުރިމަތިވެފައި އެބައޮތް. އެގޮތުން، އެ ކުންފުނީގެ މާލީ ޙާލަތު، ކުރިއަށްވުރެ ރަނގަޅުވެފައެއް ނެތް. ޤައުމީ އެއަރލައިން ރަނގަޅު ކުރުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަ ގެންދަން. ޖޮއިންޓް ވެންޗަރއެއް ހެދުމާ ބެހޭގޮތުން.

ކޮންމެއަކަސް ރާއްޖޭގައި ޤައުމީ އެއަރލައިނެއް އޮންނަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ވައިގެ ދަތުރުފަތުރުގެ ނިޒާމެއް، ޤައުމީ އެއަރލައިނެއްގެ ގޮތުގައި އޮންނަން އެބަޖެހޭ. ޚާއްޞަކޮށް، ޑޮމެސްޓިކް ޓްރާންސްޕޯޓް ނެޓްވަރކެއް އޮންނަން އެބަޖެހޭ. އޭގެ ސަބަބުން ނުސީދާކޮށް ލިބޭ ވަރަށް ބޮޑެތި ފައިދާތައް އެބަހުރި.

އެހެންވީމާ، ރާއްޖޭގެ ޚާއްޞަކޮށް، ޑޮމެސްޓިކް ދަތުރުފަތުރު ކުރުމުގައި، އޭގައި ޑިސްކައުންޓް ރޭޓެއްގައި ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ނަމަވެސް، އެ އެއަރލައިން ދަމަހައްޓަން އެބަޖެހޭ. އޭރުން އެއްތަނުން އަނެއް ތަނަށް މުދާ ގެންދެވި، އެއްތަނުން އަނެއް ތަނަށް މީހުންނަށް ދަތުރުކުރެވި، އޭގެ ސަބަބުން ނުސީދާކޮށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބެމުން އެބަދޭ. އެހެންނަމަވެސް، އިންޓަރނޭޝަނަލް ފްލައިޓްތަކުން ފައިދާ ލިބޭކަހަލަ ދިމާއަކަށް ދިޔުމަށްޓަކައި އަޅުގަނޑު މި ދެންނެވިހެން ބޭރުގެ ބައެއް ފަރާތްތަކާ އެކީގައި މިހާރުވެސް ވާހަކަ ދެކެވެމުން އެބަދޭ. އަދި އޭގެއިތުރުން، ސީ ޕްލޭންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެއަށްވެސް އިތުރަށް އިންވެސްޓް ކުރެވިދާނެ ގޮތްތައް ހޯދައި، އެ މަސައްކަތް ކުރަމުން އެބަދަން.

ފެނަކަ، އެނގިވަޑައިގަންނަވާނެ އެއީ ވަރަށްބޮޑު ޢާންމު ޚިދުމަތެއް ދެމުން އަންނަ ކުންފުންޏެއް. އެހެންނަމަވެސް، މިއަދު މިހާތަނަށް އައިއިރުގައި ފެނަކައަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ނޫން. އެހެންނަމަވެސް، ރަށްރަށުން ގޭގެއިން، ޚިދުމަތް އެދޭ ފަރާތްތަކުން ބިލް ނުދައްކާ އެބަހުރި ފުދޭވަރަކަށް. ލިބެންވާ އާމްދަނީ. އެހެންނަމަވެސް، ލިބޭ އެއްޗަކާއި ޚަރަދާ ބަލާއިރުގައި، ކޮންމެ މަހެއްގެ މައްޗަށް އަޅުގަނޑު ހިތުން، ދެން ވަރަށް ކުޑަކުޑަ، ފަސް މިލިއަނޭ އަޅުގަނޑު ހަނދާންވަނީ. ކުންފުނިން ފައިދާ އެބަ ދައްކާ. މި ދެންނެވިހެން ލިބެންވާ ރިސީވްބަލްވެސް އެހާބޮޑަށް އެބަހުރި. ޕޭވްބަލް އެ ހުރިގޮތަށް.

އެހެންވީމާ، އެއަށް ޙައްލު ގެނައުމަށްޓަކައި މިދިޔަ ހަފްތާގައިވެސް އަޅުގަނޑު ވާނީ ފައިނޭންސް މިނިސްޓްރީއާއި، އަދި ފެނަކައިގެ އެމް.ޑީ.އާ އެކީގައި ބައްދަލުވުމެއް ބާއްވައި، ރީ-ސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ޕްލޭނެއް ރާވާފައި. އަދި ކުރީގައިވެސް އާދޭ، ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ. އެއާ ގުޅިގެން އޭ.ސީ.ސީ. އަށް މައްސަލަތައް ހުށަހެޅި، އެ މައްސަލަތައް ބަލަމުންވެސް އެބަގެންދޭ. އޭގެ އެއްވެސް މައްސަލައެއް، ކޯޓާ ހިސާބަށްދާ ހިސާބަށް އޮވެއްޖިއްޔާ، އެ މައްސަލައެއް ކުރިއަށްދާނެ. އޭގެ މެދުވެރިޔަކަށް މެދަށް ވަދެ، އެކަން ހުއްޓުވުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް.

ލައިޝާ އަޙްމަދު - ރާއްޖެ ޓީ.ވީ:

ޝުކުރިއްޔާ. ރައީސް ނަޝީދަށް އަމާޒުކޮށް މި ދިން ޙަމަލާއާ ގުޅިގެން، ފުލުހުން ހިންގި ތަޙުޤީޤަކަށްފަހުގައި، ފުލުހުން ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލައިލާއިރު، މި ޙަމަލާއަކީ މިއީ ބަޔަކު ފަންޑުކޮށްގެން ނުވަތަ މި މުޤާބިލުގެ ފައިސާއެއްގެ ބަދަލުގައި ދީފައިވާ ޙަމަލާއެއް ކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން އެބައޮތް ބުނެފައި. އެހެންނަމަވެސް، ދެން ރައީސްގެ މަންދޫބު ރޭގައި ވިދާޅުވެފައި އެބަވޭ، މި މައްސަލައިގެ ތަޙުޤީޤުގެ ފުރަތަމަ ބައި ނިމިފައިވާ ކަމަށް. ދެން ކުރިއަށް އޮތީ މީގައި ފަންޑުކުރި މީހުން ހޯދުމާއި، އެ މަސައްކަތް ކުރުން ކަމަށް.

ދެން ރައީސްގެ މަންދޫބުވެސް މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާނުދާގޮތް ގާތުން ބައްލަވަމުން ގެންދެވުމާ އެކީގައިވެސް، މި މައްސަލައަކީ މިއީ ބަޔަކު ފަންޑުކޮށްގެން ދީފައިވާ ޙަމަލާއެއް ކަމަށް ބެލެވޭނެ ހެކިތަކެއް، އިތުރު ހެކިތަކެއް ލިބިފައިވާ ކަމަށް، ނުވަތަ އެފަދަ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގަތީތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މޭ 6 ގައި ރައީސް ނަޝީދަށް އެ ދިން ޓެރަރިޒަމްގެ ޙަމަލާގެ ތަޙުޤީޤުގެ މިހާތަނަށް ވަރަށް ރަނގަޅު މަސައްކަތްތަކެއް ޕޮލިހުން ކޮށްފައި އޮތް ކަމަށް އަޅުގަނޑު ފާހަގަކުރަން. އެކަން އަޅުގަނޑުގެ މަންދޫބުވެސް ވަނީ ފާހަގަކޮށްފައި. އެއާ ގުޅިގެން ފުރަތަމަ ޝަރީޢަތަށް ފޮނުވަންޖެހޭ ކަމަށް ގަބޫލުކުރެވޭ ފަރާތްތަކުގެ ތަޙުޤީޤު ނިންމައި، ޕީ.ޖީ. އަށް ފޮނުވައި، އަދި އެ މައްސަލަ ޝަރީޢަތަށްވެސް ފޮނުވިފައި މިހާރު ވަނީ.

އެއާއެކީގައި އެ މައްސަލައިގެ ތަޙުޤީޤު އަދި ނިމުނީކީ ނޫން. އޭގައި ދެން އޭގެ ފަހަތުގައި ބަޔަކު ތިބިތޯ، އަދި ބަޔަކު ޚަރަދުކޮށްގެން ކުރި ކަމެއްތޯ ބެލުމުގެ ތަޙުޤީޤުތައް މިހާރުވެސް ކުރިއަށް އެބަގެންދޭ. އޭގެ އަޕްޑޭޓެއް މިއަދުވެސް އަޅުގަނޑަށް ކޮމިޝަނަރ އޮފް ޕޮލިސް ދެއްވި. އެއީ މިހާރު ކުރަމުންދާ މަސައްކަތްތަކުގެ. އެހެންވީމާ، އެއީ ހިނގަމުންދާ ތަޙުޤީޤަކަށްވާތީ، އޭގެ މާބޮޑު ތަފްޞީލުތަކެއް އަޅުގަނޑަކަށް މިއަދަކު ހާމައެއްނުކުރެވޭނެ. އެހެންނަމަވެސް، ފުލުހުންގެ އޮފީހުން ކޮމިޝަނަރ އޮފް ޕޮލިސް، އެ ޢާންމުކުރާ ހިސާބަށް ދިޔުމުން، އެ ވާހަކަތައް ޢާންމު ކުރަމުން ގެންދާނެ. އެއްވެސް ހާލެއްގައި އެ މައްސަލަ އެހިސާބުން ނިންމާލައިގެން ތިބީކީނޫން. އަދި މިކަމުގައި ހަރުކަށި ފިކުރު ފެތުރި ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ، އަދި ފައިސާ މިއަށް ޚަރަދުކޮށްފައި ހުރިތޯ ބެލުމުގެ މަސައްކަތް ވަރަށްގިނަ ގޮތްގޮތުން ބަލަމުން އެބަގެންދޭ. އެހެންވީމާ، އެ ނިމުމާ އެކީގައި، އަޅުގަނޑުމެން ހާމަކުރެވޭ ހިސާބަށް ދިޔައިމާ ކުރާނެ.

ނަޒާހަތު އިބްރާހީމް - ވަގުތު:

ރައީސްގެ ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފި، މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިންމު ވާހަކަ. މިވަގުތު މެޖޯރިޓީއާ އެކުގައި މަސައްކަތް ކުރައްވާ ވާހަކަވެސް ފާހަގަކުރައްވައިފި. މަޖިލީހުގެ މެންބަރުން ހިމެނޭގޮތަށް މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާ މަންޒަރު، ފަހަކަށްއައިސް ކުރިއަށްވުރެ ފާޅުގައި އެބަ ފެނިގެންދޭ.

ހަމައެއާއެކުގައި ފާހަގަކޮށްލަންޖެހޭ، ރައީސް ނަޝީދަށް ދިން ޙަމަލާ ދެވުނު އެއް ސަބަބަކީ، ރައީސް ނަޝީދަށް ދޭންޖެހޭ ރައްކާތެރިކަން ރަނގަޅުގޮތުގައި ނުދެވުން ކަމަށް، އެ މެންބަރުން އެބަ ފާހަގަކުރައްވާ. އަދި އެމް.ޑީ.ޕީ.ގެ އިސް ފަރާތްތަކުންވެސް އެބަ ފާހަގަކުރައްވާ. އަދި މިހާރު ރައީސް ނަޝީދު މާލެ ވަޑައިގެންނެވުން ރަނގަޅު ނޫން ކަމަށް ޚުދު އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން އެބަ ވިދާޅުވޭ. އެކަން އެގޮތަށް އޮތްއިރުގައި، އެބަ ތުހުމަތުކުރޭ، މަނިކުފާނުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ސަރުކާރުން ރައީސް ނަޝީދު އަނބުރާ ގެންނަވަން ބޭނުންނުވާ ކަމަށް.

އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު މެޖޯރިޓީ މުހިންމުކަން ފާހަގަކުރައްވާއިރުގައި، ފާޅުގައި މަނިކުފާނާ އެކުގައި ސިޔާސީގޮތުން މަސައްކަތް ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރުގައި، މަޖިލީހުގެ ރައީސެއްގެ ގޮތުގައި ރައީސް ނަޝީދު ބެހެއްޓެވުން އެއީ މަނިކުފާނު ތާއީދު ކުރައްވާގޮތްތޯ؟ ދެން ސިޔާސީގޮތުން މަނިކުފާނު ބޭނުންނުވަނީތޯއޭ، ރައީސް ނަޝީދު އަނބުރާ ވަޑައިގަންނަވަން. އެއީ އަޅުގަނޑުގެ ސުވާލަކީ. ޝުކުރިއްޔާ ވަރަށް ބޮޑަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ބޭނުންވޭ ވީހާވެސް އަވަހަކަށް ރައީސް ނަޝީދުގެ ފަރުވާއިން ސަލާމަތްވެ، މިނިވަންކަމާ އެކީގައި ހަމަޖެހިގެން ރާއްޖޭގައި އުޅުއްވާތަން ފެނުން. އެއީ އަޅުގަނޑު އެދޭ އެދުމެއް. ދެން ވަރަށް ދެރަކޮށް ހިނގި ކަމެއް، މޭ 6 ގެ މައްސަލައަކީ. އެއްގޮތަކަށްވެސް އެއީ ހިނގައިގެންވާނެ ކަމެއް ނޫން. އެހެންނަމަވެސް، މިހާތަނަށް މި އެނގުނުގޮތުގައި، ހަރުކަށި ފިކުރުގެ ބަޔަކު ހިމެނޭގޮތަށް މިކަން ހިނގާފައި މިއޮތީ. އަޅުގަނޑުމެންނަށް އެ ދޭންވާ ސަލާމަތާއި ރައްކާތެރިކަން އަދި އެއިރަށްވުރެ ބޮޑަށް ދޭންޖެހިފައި އޮތްކަން މިވަގުތު އެބަ ހާމަވޭ. އޭރުވެސް ކުރިއަށްވުރެ ބޮޑަށް ސަލާމަތާއި ރައްކާތެރިކަން ދެމުން އަޅުގަނޑުމެން ގެންދިޔައީ.

ރައީސް ނަޝީދު އަނބުރާ ވަޑައިގަތުން އެއީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެކަމަކަށް އަޅުގަނޑު ހުރަހެއްނާޅާނަން. އަޅުގަނޑު ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ މަނިކުފާނު ވަޑައިގެން ޤައުމީ ޚިދުމަތުގައި މަސައްކަތް ކުރެއްވުން. ސަރުކާރުން، އެމް.އެން.ޑީ.އެފް. އިން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް، ހުރިހާ ރައްކާތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން. މިހާރުވެސް މިގެންދަނީ ސަލާމަތީ ޚިދުމަތްތަކުގެ، ސެކިއުރިޓީ ދޭންޖެހޭ ފަރާތްތަކަށް ސެކިއުރިޓީ ދިނުމަށްޓަކައި ކުރަންޖެހޭ އިތުރު ހޯދުންތައް ހޯދައި، ބޭނުންވާ އާލާތްތައް ހޯދައި، އަދި އެސް.އޯ.ޕީ.ތައް ވަރުގަދަކޮށް، އެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން.

މަރްޔަމް ޝިއުނާ - ދިވެހި ޗެނަލް:

އަޅުގަނޑުގެ ސުވާލަކީ، މިހާރު ދިވެހިރާއްޖޭގައި ހަމަ އެންމެ ކަންބޮޑުވާ އެއް މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު މި ފާހަގަކުރަނީ، ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޝަރީޢަތް ކުރިއަށްދާގޮތާ ގުޅޭގޮތުން. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށް، މިފަދަ ހަޑި ޢަމަލެއްކުރި ވަޒީރަކު، އަޅުގަނޑުމެންނަށް ހަމަ ހަނދާނެއްނުވޭ، މީގެކުރިން އެއްވެސް ކެބިނެޓް ވަޒީރަކު މިފަދަ ޢަމަލެއް ހިންގިކަމެއް. އެހެންކަމަށްވާއިރުގައި، މިކަމާ ގުޅިގެން ޢަލީ ވަޙީދުގެ މައްސަލަ މިހެން ހިނގާއިރުގައި، ދާދިފަހުން ދިވެހި ޗެނަލް އަށް ދެއްވި އިންޓަރވިޔުއެއްގައި، ކުރީގެ ހޯމް މިނިސްޓަރ އެބަ ވިދާޅުވޭ، ޢަލީ ވަޙީދާމެދު ތަފާތުކުރުންތަކެއް ގެންގުޅޭ އެއް ސަބަބަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމްޕްރޮމައިޒްވާފަދަ ޑޮކިއުމަންޓްތަކެއް ޢަލީ ވަޙީދުގެ އަތުގައި ހުރީމަ ކަމަށް. މިކަމާ ދޭތެރޭގައި ރައީސް ވިދާޅުވާނީ ކީކޭތޯ؟ އެފަދަ އެއްވެސް ޑޮކިއުމަންޓެއް ހުންނާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޝިއުނާ އެއީ ކޮން ހޯމް މިނިސްޓަރެއްތޯ؟

މަރްޔަމް ޝިއުނާ - ދިވެހި ޗެނަލް:

ޢުމަރު ނަޞީރު.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެހެންތޯ. އަޅުގަނޑު ކޮމްޕްރޮމައިޒް ވާކަހަލަ އެއްވެސް ލިޔުމެއް، އެއްވެސް އެއްޗެއް، އެއްވެސް ބޭފުޅަކު އަތަކު ނޯންނާނެ، ހާމަކުރައްވާކަށް. އެއީ ޔަޤީންކަމެއް.

ޢަލީ ވަޙީދުގެ މައްސަލަ، އޭގެ ޝަކުވާތައް އަޅުގަނޑާ ހިސާބަށް އައުމުން، މި ކޮޓަރީގައި އަޅުގަނޑު އެ ހުރިހާ ކުދިންނާ ބައްދަލުކުރީ. މޭޒެއްދޮށުގައި. އެ ކުދިން އެ ކިޔައިދިން ވާހަކަތަކުގެ އަލީގައި، ޖެންޑަރ މިނިސްޓަރާއި އަދި މި މިނިސްޓްރީގެ ބޭފުޅަކާ އެކީގައި އަޅުގަނޑު އެ މީޓިންގ ބޭއްވީ. ބާއްވާފައި، އަޅުގަނޑަށް އެ ޑިޒީޝަން ނަގަން ޖެހިއްޖެކަން އެނގުނީމާ، އަޅުގަނޑު އެ ރެއިން އެ ރެޔަށް އެ ޑިޒިޝަން ނެގީ. އަޅުގަނޑަށް އެވަގުތު ކުރެވުނު އެއްކަމަކީ އެއީ، ޢަލީ ވަޙީދު މަޤާމުން ވަކިކުރުން. އެކަން އަޅުގަނޑު ކުރިން.

އެއަށްފަހުގައި، މައްސަލަ ބެލުމަށް ޕޮލިހަށް އަޅުގަނޑުމެން އެންގިން. ޕޮލިހުން ތަޙުޤީޤުކޮށް، ޕްރޮސެކިއުޝަނަށް ފޮނުވައި، ޕީ.ޖީ. އަށް ފޮނުވައި، މިހާރު އެވަނީ ކޯޓު މަރުޙަލާގައި. ދެން އެ މައްސަލަ ކުރިއަށް ގެންދަންޖެހޭނީ ކޯޓު މަރުޙަލާގައި. އެކަމުގެ ހިންގުމުގެ ތެރެއަކަށެއް އަޅުގަނޑުމެން ނުވަންނާނަން. ވަދެވޭކަށް ނުވެސް އޮންނާނެ. މިނިވަންކަމާ އެކީގައި ޝަރީޢަތްތައް ހިންގުމަށް އަޅުގަނޑުމެން ޖާގަދޭންޖެހޭނެ. އެހެންނަމަވެސް، އެ ކަންތައް ފުރިހަމަކުރުމަށް، ފުރިހަމައަށް ކުރުމަށްޓަކައި ދައުލަތުގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން އަޅުގަނޑު ކޮށްދޭންޖެހޭ ކަންތައްތައް، ފޯރުކޮށްދޭންޖެހޭ އެހީތެރިކަން އަޅުގަނޑު ފޯރުކޮށްދެމުން ގެންދާނަން. އަދި އެކަން ހިނގަމުންދަނީ ޤާނޫނުތަކާއި ޤާނޫނުއަސާސީއާ އެއްގޮތަށްތޯ ބެލުންވެސް އެއީ އަޅުގަނޑަށް މަތިކޮށްފައި އޮތް އެއް މަސައްކަތް.

އެހެންވީމާ، ކޯޓުގެ މަރުޙަލާގައި އަދި ޕްރޮސެކިއުޝަންގެ މަރުޙަލާގައިވެސް، ތަޙުޤީޤު މަރުޙަލާގައިވެސް، ކަމެއް ހިނގަމުންދަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށްތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް އަޅުގަނޑު، ކޮންމެ މަރުޙަލާއެއްގައި އެކަން އޮތަސް ކުރަމުން ގެންދާނަން.

ޢަލީ ޔާމީން - ވަން އޮންލައިން:

މަނިކުފާނުގެ ޕާޓީގެ މެންބަރެއް ކަމަށްވާ މެންބަރު ޢަފީފް އެބަވޭ، މަނިކުފާނުގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އަޅުވާފައި. ދެން ޢަފީފް އެބަ ވިދާޅުވޭ، މަނިކުފާނަކީ ޢަދާލަތު ޕާޓީގެ މެންބަރެއް ނޫންކަމެއްވެސް ނޭނގެއޭ. ދެން މަނިކުފާނަށް މި ކޯލިޝަންގެ ނުފޫޒު އޮތް ކަމަށް. ދެން ޚާއްޞަކޮށް، މި ޢަދާލަތުގެ ނުފޫޒު އޮތް ކަމަށް. ދެން މިކަމުގައި މަނިކުފާނުގެ ކޮމެންޓަކީ ކޮބައިތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑަކީ ހަމަ ފެށުނީއްސުރެ އެމް.ޑީ.ޕީ.ގެ މެންބަރެއް. މިއަދުވެސް މިހިރީ އެމް.ޑީ.ޕީ.ގެ މެންބަރެއްގެ ގޮތުގައި. އެމް.ޑީ.ޕީ އުފެއްދުމަށް ސޮއިކުރި ފުރަތަމަ 40 މީހުންގެ ތެރޭގައި، ދެވަނައަށް ސޮއިކުރީވެސް އަޅުގަނޑު. އަދި އޭގެކުރިން އުފައްދަން އުޅުނު ޕާޓީ، 42 މީހުން ސޮއިކުރި ލިސްޓުގައިވެސް އަޅުގަނޑުގެ ނަން އޮންނާނެ. އޭރު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އޭގައި އަޅުގަނޑު ސޮއިކުރީވެސް. އަދި ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ނެގި ވޯޓުގައި، ވޯޓުދިން ތިން މީހުންގެ ތެރޭގައިވެސް އަޅުގަނޑު ހިމެނޭނެ.

އެހެންވީމާ، ސިޔާސީ ޕާޓީގައި މަސައްކަތް ކުރުމާއި އަދި އަޅުގަނޑުގެ ސިޔާސީ މަސައްކަތް ފެށިގެންދިޔައީ އެމް.ޑީ.ޕީ.ގައި. އަޅުގަނޑު ދެމިހުންނާނީވެސް އިރާދަކުރެއްވިއްޔާ، އެމް.ޑީ.ޕީ.ގައި.
ސަރުކާރެއް މިހާތަނަށް، ޔާމީން، 2008 ން ފެށިގެން މިހާތަނަށް އުފެދުނު ކޮންމެ ވެރިކަމެއް އުފެދިގެންއައީ، އެންމެ ޕާޓީއަކަށް ނިސްބަތް ވެގެނެއްނޫން. ރައްޔިތުންނެއް ވެރިކަމެއް ނުދޭ، އެއް ޕާޓީއަކަށް. 2008 ގައިވެސް، 2013 ގައިވެސް، 2018 ގައިވެސް ރައްޔިތުން ވެރިކަން ދިނީ ގިނަ ޕާޓީތަކެއް އެކުލެވޭ ޖަމާޢަތަކަށް. މިއަދުވެސް މިއޮތީ އެހެން.

އެހެންވީމާ، އަޅުގަނޑު ވެރިކަން ކުރަމުން ގެންދަންޖެހޭނީ، މި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މަޝްވަރާއާ އެކީގައި. އަޅުގަނޑުގެ މައްޗަކަށް އެއީ ހިންގާ ނުފޫޒެއް ނޫން. އަޅުގަނޑު މަޝްވަރާ ކުރަންޖެހޭ ކަންތައްތަކުގައި، ޢަދާލަތާ އެކީގައިވެސް މަޝްވަރާ ކުރަންޖެހޭނެ. ޖުމްހޫރީ ޕާޓީއާ އެކީގައިވެސް މަސައްކަތް ކުރަންޖެހޭނެ. ރައީސް މައުމޫން، މިހާރު ވެއްޖިއްޔާ، އެމް.އާރު.އެމް.އާ އެކީގައިވެސް މަސައްކަތް ކުރަންޖެހޭނެ. އެމް.ޑީ.ޕީ.އާ އެކީގައިވެސް މަސައްކަތް ކުރަންޖެހޭނެ.

އެހެންވީމާ، އެއީކީއެއް އަޅުގަނޑުގެ މައްޗަށް ނުފޫޒު ފޯރުވުމެއް ނޫން. އަޅުގަނޑު ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުން ގެންދާނީ، އަޅުގަނޑަށް ވެރިކަމަށް އާދެވިފައި މިހުރި ގޮތް، ރައްޔިތުން އަޅުގަނޑަށް މި ދިން ފުރުޞަތު، އެ ދިންގޮތް ހިތުގެއަޑިން ގަބޫލުކޮށްގެން ހުރެގެން، މި ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއާއެކީ.

ޙަސަން މުޙައްމަދު - ޢަދަދު ނިއުސް:

السَّلَامُ عَلَيْكُمْ.

ރައީސް ނަޝީދަށް ޙަމަލާ ދީފައި މިވަނީ 2019 ވަނަ އަހަރުން ފެށިގެން އެކިފަހަރުމަތިން ޓެރަރިސްޓުން މަސައްކަތްކޮށްގެން. ނަމަވެސް، މިކަމުގެ އިންޓެލިޖެންސެއް، ފުލުހުންނަށް ލިބިފައެއް ނެތް. އަދި ސިފައިންނަށްވެސް ލިބިފައެއް ނެތް. އެހެން އޮއްވާ، މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި އެބަ ފާހަގަކުރެވޭ، އިންޓެލިޖެންސް އެއްކުރުމާއި ބައުލް ކުރުމުގައި މައްސަލަތަކެއް އެބައުޅޭ ކަމަށް. އަދި އެމް.އެން.ޑީ.އެފް.އަށް މިކަމުގެ މަޢުލޫމާތު ނުލިބޭނެ ކަމަށް ގަބޫލުނުކުރެވޭނެ ވާހަކަވެސް އިންކުއަރީ ރިޕޯޓުގައި އެބައޮތް.

އެހެން އެކަން އޮއްވާ، މަނިކުފާނުގެ ސަރުކާރުން 2019 ވަނަ އަހަރު ޝާއިޢުކުރި ނޭޝަނަލް އެކްޝަން ޕްލޭންގައި އެބައޮތް، ވައިލެންޓް އެކްސްޓްރީމިޒަމް ޓެކްލް ކުރެވޭނީ ސްޓޭކް ހޯލްޑަރުންގެ ދައުރު ކްލެރިފައިކޮށް، މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާ ކުރެވިގެން ކަމަށް. އަދި އެ މަސައްކަތް ކުރުމުގެ ލީޑް އެޖެންސީއަކީ ޕްރެޒިޑެންޓްސް އޮފީސް. އަދި އެކަން ނިންމަންޖެހޭ ތާރީޚަކީ 2020.

ސުވާލަކީ، އެކަންތައް ނުވެއޮތީ ކީއްވެގެންތޯއޭ. މިކަން ނުވެ އޮތުމުގައި، މަނިކުފާނު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވަންތޯއޭ؟

އަދި އަޅުގަނޑުގެ އެއް ސުވާލު އެބައޮތް.

މަނިކުފާނުވެސް ވިދާޅުވެއްޖެ، ރައީސް ނަޝީދާ ދެމެދު އޮތް ގުޅުން ސްޓްރެއިންވެފައި އޮތް ވާހަކަ. ދެން. އެމް.ޑީ.ޕީ.އަކީ މީގެ ރޫލިންގ ޕާޓީ. އަދި މަނިކުފާނު ވަޑައިގެން ތިޔަ ހުންނެވީ އެމް.ޑީ.ޕީ.ގެ ރައީސެއްގެ ގޮތުގައި. އެމް.ޑީ.ޕީ މިހާރު މަސައްކަތް ކުރަނީ، އަދި ޗެއަރޕަރސަންވެސް ވިދާޅުވެފައި އެބައޮތް، އަދި ރައީސް ނަޝީދުވެސް ވިދާޅުވެފައި އެބައޮތް، އިދިކޮޅާ ކޯލިޝަނެއް ހެދުމަށް ކަމަށް. ޕީ.ޕީ.އެމް.އާ ކޯލިޝަނެއް ހެދުމަށް ކަމަށް. މިއީ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ކޮންކަހަލަ ކަމެއްތޯއޭ. މިއީ ބޭވަފާތެރިވެވުމެއް ކަމަށް މަނިކުފާނު ހިތްޕުޅަށް އަރާތޯއޭ؟

ދެން ޖަމީލް ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާކަން ފާހަގަކުރެވޭ. އެއީ ނެކްސްޓް ޓަރމަށް ވާދަކުރައްވާނަންތޯ، ނޫންތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެއީ ކޮންމެހެން ބޭނުންވާ ކަމެއް ދޮގެއްތޯ ތިޔަބޭފުޅާ.

އާދެ، ފުރަތަމަ ކަމަކަށް، ނިންމި ހިސާބުން އަޅުގަނޑު ފަށާނަން. އެމް.ޑީ.ޕީ. އިދިކޮޅު ޕާޓީތަކާ ކޯލިޝަން ހަދާ ވާހަކަ. އަޅުގަނޑަކީ މަލްޓި ޕާޓީ ނިޒާމަށް ތާއީދުކުރާ މީހެއް. މި ރާއްޖޭގައި ބޮޑުކޮށް މިއޮތީ ދެ ފިކުރެއް. އެމް.ޑީ.ޕީ. އާއި ޕީ.ޕީ.އެމް. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އެމް.ޑީ.ޕީ.އާއި ޕީ.ޕީ.އެމް ކޯލިޝަނެއް ހެދުމަކީ، މަލްޓި ޕާޓީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަކަށެއް. މި ދެ ޕާޓީ މަސައްކަތް ކުރަންވާނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެފަރާތުގައި ތިބެގެން. އެއީ ސިޔާސީ ނިޒާމަށްވެސް، ރާއްޖޭގެ ކުރިއެރުމަށްވެސް، ރާއްޖޭގެ މަޞްލަޙަތަށްވެސް އޮތް އެންމެ ރަނގަޅު ގޮތް. އެއްބަޔަކު އަނެއްބަޔަކު ކުރާ ކަންތަކަށް ސުވާލުކުރެވި، ފާޑުކިޔެންޖެހޭނެ. އެއާ ޚިލާފަށް، މި ދެ ޕާޓީ އެކުވެއްޖިއްޔާ، ރާއްޖޭގައި މިއޮތް މަލްޓި ޕާޓީ ނިޒާމު، ނިމުމަކަށް އައުމުގެ ބިރުވެރިކަން އެބައޮތް.

އެހެންވީމާ، އެމް.ޑީ.ޕީ. އާއި ޕީ.ޕީ.އެމް ގުޅިގެން މަސައްކަތް ކުރުމަކީ، އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑެއް ނުދެކެން. އަދި ޕާޓީގެ ޗެއަރޕަރސަން އެހެން ވިދާޅުވި ކަމަށްވިޔަސް، އެއީކީއެއް އެމް.ޑީ.ޕީ.ގެ ނިންމުމެއް ނޫން. އެމް.ޑީ.ޕީ. އިން ކަންތައްތައް ނިންމާނެގޮތް، އެމް.ޑީ.ޕީ.ގެ ގަވާއިދުތަކުގައި އެބަހުރި. އެއިން ގުނަވަނަކުން އެ މައްސަލައެއް އަދި ނިންމާފައެއް ނެތް. އަދި އެނިންމަން ހުށަހެޅިޔަސް، އަޅުގަނޑު ދެކޭގޮތުގައި، އެއީކީ، އެގޮތަށް ނިންމުން އެއީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑު އެއްގޮތަކަށްވެސް ތާއީދުކުރާ ކަމެއް ނޫން.

އެއީ ކޮންމެހެން ޕީ.ޕީ.އެމް.އާ ގުޅުން ގޯސްވެގެނެއް ނޫން. އަޅުގަނޑު މި ދެންނެވިހެން މަލްޓި ޕާޓީ ނިޒާމެއް، މި ރާއްޖޭގައި އަށަގަނެ، ތަރައްޤީ ކުރުމަށް އަޅުގަނޑު ބޭނުންވާތީ. އެހެނެއް ނޫން، އެކަކު އަނެކަކާ އެކީގައި ސިޔާސީ މަސައްކަތް ކުރެވިދާނެ. ރައީސް ނަޝީދު، ރައީސް ޔާމީނާ އެކީގައި މަސައްކަތް ކުރައްވަން ބޭނުންފުޅު ކަމަށްވަންޏާ، އެކަން ކުރެއްވިދާނެ. އެއީ ކޮންމެ ބޭފުޅަކަށްވެސް އޮތް ފުރުޞަތެއް، އަނެކަކާ އެކީގައި މަސައްކަތް ކުރުން. އެހެންނަމަވެސް، މި ދެ ޕާޓީގެ މި ދެ ފިކުރު އެއްވެގެން މަސައްކަތް ކުރުމަކީ، ސިޔާސީގޮތުން އެންމެ ފައިދާހުރި ގޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން.

ޙަސަން މުޙައްމަދު - ޢަދަދު ނިއުސް:

ނޭޝަނަލް އެކްޝަން ޕްލޭންގައި ހުރި ކަންކަން ނުކުރެވުން އެއީ، ފެއިލްވުމެއް ކަމަށް ދެކެވަޑައިގަންނަވަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫނޭ، އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތް ކޮށްފިން އިނގޭތޯ. ހަރުކަށި ފިކުރާ ބެހޭގޮތުން އިދިކޮޅަށް، ޕްލޭނެއް ކޮށްގެން، ރޭވުންތެރިކަމާ އެކީގައި މަސައްކަތެއް ފެށި ބަޔަކީ މި ސަރުކާރު. "ހަރުކަށި ފިކުރު" މި ބަސް ބޭނުންކުރި ބަޔަކީވެސް މި ސަރުކާރު. މީގެކުރިން މުޅިން އެހެން ވާހަކަތަކެއް ދައްކަނީ.

އެއާ ގުޅިގެން އަޅުގަނޑުމެން އޮންނާނެ، ވަރަށް ރަނގަޅު ޕްލޭނެއް ތައްޔާރުކޮށްފައި. އޭގެތެރޭގައި، ދައުލަތުގެ އެންމެހައި ޙިއްޞާދާރުންގެ ދައުރު ކަނޑައަޅައި، ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް މިހާރުވަނީ އެކުލަވައިލާފައި. ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް، ޤައުމީ ފެންވަރުގައި މަސައްކަތްތައް ފެށުމަށް، ނޭޝަނަލް އެކްޝަން ޕްލޭނުން ޕްރިވެންޓިވް އެންޑް ކައުންޓަރިންގ ވައިލަންޓް އެކްސްޓްރީމިޒަމް، އެއީ 2020 އިން 2024 އާ ދޭތެރޭގައި ކުރަންހުރި މަސައްކަތްތައް އެކުލަވައިލާފައި މިއޮތީ.

ޓޫރިޒަމް ސެކިއުރިޓީ، މިނިމަމް ސްޓޭންޑަޑްވެސް ކަނޑައަޅައި، ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި ކަނޑައަޅައި، އެކަން މިހާރުވަނީ ޓޫރިޒަމް، މަޓީއާއި އަދި ރިޒޯޓުތަކާ ހަވާލުކުރެވިފައި.

އަޅުގަނޑު އޭގެ ކޮޕީއެއް ތިޔަބޭފުޅުންނަށް އަރުވާނަން. އޭރަށްކަންނޭނގެ ފަސޭހަވާނީ. މިހެންގޮސް މިކަމާ ބެހޭގޮތުން އަޅުގަނޑުމެން ތައްޔާރުކޮށްފައި އޮތް ދިގު ކަރުދާހެއް އެބައޮތް. އެ، ތިޔަބޭފުޅުންނާ އަޅުގަނޑު މިއަދު ނިންމާފައި ހަވާލުކުރާނަން.

އެހެންވީމާ، މި މަސައްކަތަކީ އެއީ އަޅުގަނޑުމެން ރާވައިގެން ކުރިއަށްގެންދާ މަސައްކަތެއް. އެހެން ގޮސްފައި އޮއްވައި، ކޮންމެއަކަސް މި ހިތާމަވެރި ޙާދިޘާ މި ކުރިމަތިވީ. އޭގެކުރިންވެސް މަޑުއްވަރިއާއި ތިމަރަފުށީގައި، އަދި މާލޭގައިވެސް، ޕޮލިހާއި އެމް.އެން.ޑީ.އެފް ގުޅިގެން ހުންނާނެ މަސައްކަތްތަކެއް ކުރެވިފައި. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. އަދި ރާވައިގެން ކުރަންހުރި ބައެއް ކަންތައްތައް އަޅުގަނޑުމެން، އެ މަސައްކަތުގެ ތެރެއިން ހުއްޓުވާފައިވެސް ހުންނާނެ. އޭގެތެރެއިން ހާމަނުކުރި ނަމަވެސް، އެއީ ސަލާމަތަށްޓަކައި އެކަން ނުކޮށްހުރީ. އެހެންނަމަވެސް، އެ އަޅުގަނޑު މި ދެންނެވިހެން ވާނީ އެ ކަންތައްތައް ކޮށްފައި.

އިތުރު ސުވާލެއް އެބައޮތްތޯ؟

އަޅުގަނޑު ކުރިމަތިލުމާ ބެހޭގޮތުން އަޅުގަނޑު މި ދެންނެވީ އަޅުގަނޑުގެ ވިސްނުން އަދި ހުރިގޮތް. އަޅުގަނޑަށް ފުރުޞަތު އޮތް ވާހަކަ. އަޅުގަނޑު އެކަމަކު މިއަދު އަމާޒުކުރަނީ މި އަޅުގަނޑުވީ ވަޢުދުތައް ފުރިހަމަކުރުމަށޭ.

މޫސާ ރަޝީދު - ދި އެޑިޝަން:

السَّلَامُ عَلَيْكُمْ.

އަޅުގަނޑުގެ ސުވާލަކީ، އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުން ފާސްކޮށްފައި އެބަވޭ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމަށާއި، ވަރަށްގިނަ ބަޔަކު އެއްފަހަރާ ހައްޔަރު ކުރުމަށް ޤަރާރެއް ފާސްކޮށްފައި އެބަވޭ. މި ޤަރާރާ ގުޅޭގޮތުން މަނިކުފާނުގެ ވިސްނުމަކީ ކޮބައިތޯ؟ އަދި އެގޮތަށް ޢަމަލުކުރަން މިއީ އެންމެ ރަނގަޅު ދަނޑިވަޅުތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، މޫސާ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމަށް އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ، އަޅުގަނޑު ހަނދާންވާގޮތުން 39 މެންބަރުންގެ ވޯޓަކުން ފާސްކުރީ. އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގައި، އަޅުގަނޑު ހަނދާންވާގޮތުން 146 ތިބޭ. އަޅުގަނޑަށް ގަބޫލުކުރެވުނީ، އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ގިނަ މެންބަރުން މިކަން މިގޮތަށް ކުރާކަށް އަދި ބޭނުންނުވާކަމަށް. އެއިން އަޅުގަނޑަށް ފެނުނީ. އެރޭގެ ޖަލްސާގައި، ގިނަ މެންބަރުން ބައިވެރިނުވީ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އެއިން އެއްވެސް ބޭފުޅަކު ބޭނުމެއްނުވޭ، ރައީސް ނަޝީދު ހުށަހަޅުއްވާ އެއްޗަކަށް ފާޅުގައި އިދިކޮޅަށް އެއްޗެކޭ ބުނާކަށެއް. އެހެންނަމަވެސް، މިވަގުތަކީ ކުއްލި ނުރައްކަލުގެ ޙާލަތު، ރާއްޖޭގައި އިޢުލާނު ކުރަންޖެހޭ ކަމެއް ކަމަށް އެބޭފުޅުންނަށް ފެނިވަޑައިނުގަންނަވާތީ، އެކަމުގައި ބައިވެރިނުވީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެންވީމާ، އަޅުގަނޑު އެ ނިންމާފައި އޮތްގޮތް އަޅުގަނޑު މި ދެންނެވީ.

އަޅުގަނޑު އަމިއްލައަށް ދެކޭގޮތުގައި، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރަންވީ ވަގުތެއް ނޫން މިއީކީއެއް. އެހެންނަމަވެސް، އެކަމާ ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ހޯދައި، އޭގެ ޙަރަކާތްތައް ހުއްޓުވުމަށްޓަކައި، މި ދެންނެވިހެން މިހާރުވެސް ޕޮލިހުން ވަރަށްގިނަ މަސައްކަތްތަކެއް އެބަކުރޭ. އޭގެ ނަތީޖާ ތިޔަބޭފުޅުންނަށް ފެންނަމުންވެސްދާނެ.

މޫސާ ރަޝީދު - ދި އެޑިޝަން:

އިންކުއަރީ ކޮމިޝަންގެ ރިޕޯޓުގައި އެބައޮތް، ވަރަށްގިނަ ރެކޮމެންޑޭޝަންސްތަކެއް ދީފައި. ސުވާލަކީ، މަނިކުފާނު ގަބޫލުކުރައްވަންތޯއޭ، މަޖިލީހަށް ބާރު އެބައޮތްކަން، ރައީސުލްޖުމްހޫރިއްޔާ ވަކިގޮތަކަށް ކަމެއް ކުރަން އަންގަން. ދެން މަނިކުފާނު ޤަޞްދުކުރައްވަންތޯއޭ، 241 ގެ ރެކޮމެންޑޭޝަންސްތަކަށް ޢަމަލުކުރައްވަން. ޤަޞްދުކުރައްވާނަމަ، މިހާތަނަށް ކޮންކޮން މަސައްކަތްތަކެއްތޯއޭ ކުރެއްވިފައި ހުރީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، 241 ކޮމިޓީގެ ހޯދުންތައް ވަރަށް ރަނގަޅު. ވަރަށް ރަނގަޅު ރިޕޯޓެއް އެބައޮތް އެކުލަވައިލާފައި. އޭގައި ރެކޮމެންޑޭޝަންތަކަށް އަޅުގަނޑުމެން ޢަމަލުކުރުމުގެ މަސައްކަތް ފަށައިގެން މިހާރު މިގެންދަނީ. ރިޕޯޓު އައުމާއެކީގައި، ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް، އެން.އެސް.އޭ، ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް އަޅުގަނޑު އެ ރިޕޯޓް ހުށަހެޅީ. ހުށަހަޅާފައި، އެ ދިރާސާ ކުރުމަށްޓަކައި ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ފޮނުވީ އެން.އެސް.އޭ އޮފީހަށް. އެން.އެސް.އޭ އޮފީހުން އެ މަސައްކަތް މިހާރު ކުރަމުން އެބަގެންދޭ.

މިއީ މަލްޓި އޭޖެންސީ ޓާސްކްތަކެއް ހިމެނޭ ކަމަކަށްވާތީ، މީގެ އެކި އިދާރާތަކުން ކުރަންވީ ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ކުރުމުގެ ތާވަލެއް އެކުލަވައިލައި، އެ މަސައްކަތް ކުރިއަށް އެބަދޭ. އަދި މާދަމާ އޮންނަ ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް އޭގެ ބައެއް ކަންތައްތައް ހުށަހަޅައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އަދި އޭގެއިތުރުން، އިންޓެލިޖެންސް އޮޑިޓެއް އަޅުގަނޑު ވާނީ ހަދާފައި. އެ އިންޓެލިޖެންސް އޮޑިޓުގައި، އިންޓެލިޖެންސް ތެރޭގައި ހުރި ވަރަށްގިނަ ކަންތައްތަކެއް އެބަހުރި ފާހަގަކޮށްފައި. އޭގެތެރޭގައި، މުއައްސަސާތަކުގެ އެތެރޭގައި، އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އިންޓެލިޖެންސް ޝެއަރ ކުރުމުގައި ހުރި މައްސަލަތައްވެސް އެބަހުރި ފާހަގަކޮށްފައި. އަޅުގަނޑު ހިތުން މީގެކުރިން ކޮންމެވެސް ބޭފުޅަކު އެކަން ފާހަގަކުރި. އެއީ އެމް.އެން.ޑީ.އެފް. އަށް ކަމަށްވަންޏާ، އެތަނުގެ އިންޓެލިޖެންސް ބެލުމަށްފަހުގައި، އެސް.ޕީ.ޖީ.އަށް އެ ދާންވާވަރަށް މަޢުލޫމާތު ޙިއްޞާ ނުކުރެވި ހުރުމާއި، އަދި ޕޮލިހުގައިވެސް އިންޓެލިޖެންސް ޑިޕާޓްމަންޓުން ކުރާ ކަންތައްތައް، ތަޙުޤީޤާ ހިސާބަށް ފޯރުކުރުމުގައި ހުރި މައްސަލަތައް އެބަހުރި.

އެއާއެކީގައި، އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އިންޓެލިޖެންސް ޝެއަރ ކުރުމުގައި ހުރި މައްސަލަތައްވެސް އެބަހުރި ފާހަގަކޮށްފައި. އަދި އެމް.އެން.ޑީ.އެފް.އާއި ޕޮލިހުގެ އިތުރަށް، އެބައުޅޭ އެފް.އައި.ޔޫ. އޭގެއިތުރުން، އިމިގްރޭޝަން، ކަސްޓަމްސް. މިހިރީ އިންޓެލިޖެންސްގެ ބައެއް ބްރާންޗްތައް މަސައްކަތްކުރާ ތަންތަން.

އެހެންވީމާ، މި އެންމެން އެކީގައި އެއް ތަނެއްގައި ތިބެ، މަޢުލޫމާތުތައް ޙިއްޞާ ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން މިހާރުވަނީ ރާވާފައި. އޭގެ ކަރުދާހާ އެއްޗެތި ތައްޔާރުކޮށްފައި. އިރާދަކުރެއްވިއްޔާ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އޮފީހުން އެ ކަންތައްތަކަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދާނެ.

ކުރިންވެސް ދެންނެވި ފަދައިން، 241 ކޮމިޓީގެ ރިޕޯޓުގައި ހުރި ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި ކުރަންހުރި ކަންތައްތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން.

ފައުޒާ މުޙައްމަދު - ދަ ޕްރެސް:

އަޅުގަނޑުގެ ސުވާލަކީ، ބްރިޖާއި އައްޑޫ އަދި ޢުމްރާނީ ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް، އެގްޒިމް ބޭންކުން ފައިސާ ހަމަޖެހިފައިވާއިރު، ޕްރޮޖެކްޓްތައް ބަޔަކާ އެވޯޑްކުރުން މި ލަސްވަނީ ކީއްވެތޯ؟ ދެން 2023ގެ އިންތިޚާބަށް ވާންވާއިރަށް މި މަޝްރޫޢުތައް ނިމޭނެތޯ؟ ނިމޭނަމަ، ކޮން މަޝްރޫޢެއްތޯ ނިމޭނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން އަޅުގަނޑުމެން ހިންގާ އެންމެބޮޑު އެއް މަޝްރޫޢަކީ، މާލޭ ތިލަފުށި ގުޅާލަދޭ ބްރިޖުގެ ކަނެކްޓިވިޓީގެ ޕްރޮޖެކްޓް. އެ ބިޑްކޮށް، ބަޔަކަށް އެވޯޑްކޮށް، އެގްރީމަންޓްގައި ސޮއިކުރުމުގެ އެ މަރުޙަލާގައި މިހާރު އޮތީ. އެގްރީމަންޓްގައި ސޮއިކުރުމުގެ ކުރިން، އެ ބިޑް ޑޮކިއުމަންޓްގައި އެބައޮވޭ، ކުރަންޖެހޭ މަޝްވަރާތަކެއް. ދެފަރާތުން އެއްބަސްވާންޖެހޭ އެއްބަސްވުންތަކެއް. އެ މަސައްކަތް ކުރުމުގެ ކަންތައްތައް މިހާރު ކުރިއަށްދަނީ. މިއަދުވެސް އޭގެ ބައްދަލުވުމެއް އޮތް. އަޅުގަނޑަށް ހަމަ މި އުންމީދު ކުރެވެނީ، ވަރަށް އަވަހަށް އެ ނިމި، ހަމައެކަނި އޮތީ މިހާރު އެގްރީމަންޓްގައި ސޮއިކުރާ ހިސާބުގައި.

ދެން އޭގެއިތުރުން، ހައުސިންގގެ ދެ ޕްރޮޖެކްޓެއް، ދެ ބަޔަކަށް ވާނެ، 4000 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި. އެވެސް ދެ ފަރާތަކަށް އެވޯޑްކޮށް، އޭގެ އެގްޒިމް ބޭންކުގެ ނޯ އޮބްޖެކްޝަން ލެޓަރ ވަނީ ޖުލައި މަހުގެ 20 ހާ ތަނުގައި އަޅުގަނޑުމެންނަށް ލިބިފައި. މިހާރު އެ ދިރާސާކޮށްފައި، އެއާއެކީގައި ސޮއިކޮށް، ޢަމަލީ މަސައްކަތް ފެށުމުގެ ހިސާބުގައި މިއުޅެނީ.

އަޅުގަނޑުމެން މި އުންމީދު ކުރަނީ، ބްރިޖުވެސް އެކީގޮސް އަޅުގަނޑަކަށް ހީއެއްނުވޭ، 2023 އަންނަ ހިސާބަށް، ތިލަފުށްޓާ ހިސާބަށް ގެންދެވިދާނެހެންނެއް. މިހާރު މި ކޯވިޑާ ހެދި މި ގެއްލުނު ދޮޅު އަހަރާ އެކީގައި. އެހެންނަމަވެސް، ބޮޑުބައެއް އޭގައި ނިމޭނެ. ނިމުމާ އެކީގައި، އެ ބައި ހުޅުވަމުން ގެންދިޔުން އަޅުގަނޑުމެންގެ ވިސްނުމަކީ.
ދެން އޮތީ ފެނާއި ނަރުދަމާ. ފެނާއި ނަރުދަމާގެ، ކުންފުނިތަކަށް ދިން ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އޭގެ ގާތްގަނޑަކަށް ހުރިހާ ރަށެއްގައި މިހާރު އެ ކުންފުނިތަކުގެ ޢަމަލީ ސްޓަޑީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ކޯވިޑާ ހެދި ރާއްޖެއަށް ނާދެވި، ހައެއްކަ މަސް ވޭތުވުމަށްފަހުގައި، މިހާރު ހަމަ ހުރިހާ ތަނެއްގައި ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ވަމުން އެބަގެންދޭ.

ދެން އޮތީ ޕޯޓް. ޕޯޓުގެ ދެވަނަ ސްޓޭޖުގެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، އެ ނެގޯސިއޭޝަން މިހާރު ޑަޗް ބަޔަކާ އެކީގައި ކުރަމުން އެގެންދަނީ. އެއަށްފަހުގައި، އެ ބިޑަށް އަޅުގަނޑުމެން ހުޅުވާލާނީ.

އައްޑޫ ރޯޑު ދެން އޮތީ. އައްޑޫ ރޯޑުގެ ޢަމަލީ މަސައްކަތް، އަޅުގަނޑުމެންނަށް މިހާރު ލިބިފައި އޮތްގޮތުން ވެއްޖިއްޔާ، އޮގަސްޓު ނިމި، ސެޕްޓެންބަރު ކުރީކޮޅުގައި ފެށޭވަރުވާނެ.

އާމިނަތު މާޝާ - ރަސް އޮންލައިން:

ޝުކުރިއްޔާ.

ޓީޗަރުންގެ މުސާރަ ބޮޑުކުރާއިރު، އަތޮޅުތެރޭގައި މަސައްކަތްކުރާ ޓީޗަރުންނަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެތޯ. އަދި ކިތައް ޕަސެންޓް ބޮޑުކުރެވިގެންދާނެތޯ. އަދި މުސާރަ ބޮޑުކުރުން މިއީ ބަޖެޓް ކުރެވި، ޕްލޭން ކުރެވިފައިވާ ކަމެއް ކަމަށްވާނަމަ، މި ބަދަލު، މުހިންމު އެހެން ދާއިރާއެއްގެ ގޮތުގައި މިހާރު ބެލެވޭ ޞިއްޙީ ދާއިރާއިން ފެނިގެން ހިނގައިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، މިހާރު އެންމެ ފުރަތަމަ މުސާރަތައް ހާމަނައިޒް ކުރުމުގެ މަސައްކަތެއް ކުރެވުނީ. ހުރިހާ ދާއިރާއެއްގައި ތިބި އެންމެންގެ މުސާރަތައް، އެއްކަހަލަ މަޤާމުތަކެއް އަދާކުރާ މީހުންގެ މުސާރަތައް، ހަމަކުރުމުގެ މަސައްކަތް، ސްޓަޑީއެއް ހަދާ، ނިންމާފައި އޮތީ.

އޭގެ އަލީގައި ފުރަތަމަ އަޅުގަނޑުމެން މުސާރަ ބޮޑުކުރުމަށް ނިންމާފައި މިވަނީ ޓީޗަރުންގެ. ޓީޗަރުންގެ މުސާރަތައް ބޮޑުކުރާ ޢަދަދު، އަޅުގަނޑަކަށް އަދި މިއަދަކުއެއް، އޭގެ ޕަސެންޓޭޖާ އެއްޗެއްސެއް ނެތް ދެންނެވޭކަށް. މުޅިން ނިމުނީމާ އަޅުގަނޑު ހާމަކޮށްދޭނަން.

އެއާއެކީގައި އަޅުގަނޑު އިއްޔެވެސް އޮންނާނެ، ތިޔަބޭފުޅުންނަށް ދަންނަވާފައި، އަޅުގަނޑުގެ ސްޕީޗްގައި. އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ޚިދުމަތްކުރާ ޓީޗަރުންނަށް، އިތުރު އެލަވަންސެއް ދޭގޮތަށް އަޅުގަނޑުމެން ރާވާފައިވަނީ.

ޓީޗަރުންގެ މުސާރަތައް ބޮޑުކުރުމަށްފަހު، އެއަށްފަހުގައި އަޅުގަނޑުމެންގެ އަމާޒަކީ، ޞިއްޙީ ދާއިރާގެ މުސާރަތައް ބޮޑުކުރުން. ފުރަތަމަ އެޑިޔުކޭޝަން، ދެން ހެލްތު. އެގޮތަށް އަޅުގަނޑުމެން ގެންދާނީ.

އުމްނާ އިސްމާޢީލް - ޖަޒީރާ ނިއުސް:

ޔޫތު މިނިސްޓަރ ވަޒީރުކަމުގެ މަސްއޫލިއްޔަތުން ދުރުކުރައްވާފައި ހުންނަވާތާވެސް ވަރަށްގިނަ ދުވަސް ވެއްޖެ. އަދި މި މައްސަލަ ޕީ.ޖީ.ގައި އޮންނަތާވެސް ވަރަށްގިނަ ދުވަސް ވެއްޖެ. އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، މި މައްސަލައާމެދު ގޮތެއް ނުނިންމި، މިހާ ގިނަދުވަސް ވެގެންދާއިރު، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް މަނިކުފާނު ދެކެވަޑައިގަންނަވަންތޯ؟ އަދި މި މައްސަލައާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ލިބިވަޑައިގެންފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މި މައްސަލަ ލަސްވުން، އެއީކީއެއް އެންމެ ރަނގަޅު ގޮތެއް ނޫން. ވީހާވެސް އަވަހަކަށް އަޅުގަނޑުގެ އެދުމަކީ، ޕީ.ޖީ. އޮފީހުން މިކަމުގައި ގޮތެއް ނިންމެވުން. މަހަކަށްވުރެ ގިނަވެދާނެ އޮންނަތާ. އެހެންވީމާ، އޭގައި ގޮތެއް ނިންމުން އަޅުގަނޑުގެ އެދުމަކީ.

މިކަމާ ބެހޭގޮތުން މިނިސްޓަރ މަޚްލޫފް އެބައޮތް، އަޅުގަނޑަށް ސިޓީއެއް ފޮނުއްވާފައި. އެ ސިޓީގައި ތަޙުޤީޤު ކުރިއަށްދިޔައިރުގައި ހުރި ކަންބޮޑުވުންތަކެއް ފާހަގަކުރައްވާފައި އެބަހުރި. އޭގެ ބައެއް ވާހަކަތައް، ސޯޝަލް މީޑިއާގައާއި، ނޫސްތަކުގައިވެސް އެބަހުރި. އޭގައި އެންމެ ބޮޑަށް ފާހަގަކުރައްވާފައި އޮތީ، އެސް.އޯ.އެފް.ގެ އެކައުންޓެންޓް، އެއީ ސިލޯނުގެ ރައްޔިތެއް. އޭނާގެ ބަޔާން، ސިލޯނުގައި ހުންނަ އަޅުގަނޑުމެންގެ ހައިކޮމިޝަނުން ނެގިއިރުގައި، ނަގާފައި އޮތީކީއެއް، އެ ތަޙުޤީޤަށް ބަޔާނެއް ނަގަންވާ އުޞޫލުތަކާ އެއްގޮތަކަށް ނޫނޭ. އެ ޝަކުވާ އެބައޮތް ކޮށްފައި.

އެހެންވީމާ، އަޅުގަނޑަށް އެ ޝަކުވާ ލިބުމާ އެކީގައި، އެކަން ހިނގާފައި އޮތްގޮތް، ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އަޅުގަނޑު ބަލަމުން އެބަ ގެންދަން. ބެލުމަށްފަހުގައި، އަޅުގަނޑަށް އޭގައި ފެންނަ އެއްޗެއް، އަޅުގަނޑު އެސެޓް ރިކަވަރީ ކޮމިޝަނާވެސް ޙިއްޞާކުރާނަން. ކޮށްފައި، އޭގައި މައްސަލައެއް އުޅޭކަމަށްވަންޏާ، އެކަން ހާމަކުރާނަން.

އަދި މީގައި އެންމެ ރަނގަޅު ގޮތަކީ، ވީހާވެސް އަވަހަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އެކަން އެގޮތަށް ނިންމާފައި، އެކަން ކްލޯސް ކުރަންޏާ، ކްލޯސް ކުރުން، ނޫނީވިއްޔާ ކޯޓަށް ފޮނުވަންޏާ، ކޯޓަށް ފޮނުވުން. އަޅުގަނޑު ޔަޤީންކުރަން، ޕީ.ޖީ. އެކަން ނިންމަވާނީ، މި ހުރިހާ ކަމަކަށް ބެއްލެވުމަށްފަހުގައިކަން.

މުޙައްމަދު މުޢައްލިމް - ވޮއިސް.އެމް.ވީ:

ވަރަށްގިނަ ދުވަސްތަކެއްގެ އިންތިޒާރަކަށްފަހު، ހިޔާ މަޝްރޫޢުގެ ފްލެޓުތަކުގެ އެއްބަސްވުމުގައި މިވަނީ ސޮއިކުރަން ފަށާފައި. އަދި ތަޅުދަނޑިތައް މިވަނީ ޙަވާލުކުރަން ފަށާފައި. ދެން މިހާރު ވަރަށްގިނަ ފަރާތްތަކުގެ ޝަކުވާއެއް އަދި ވަރަށްގިނަ ފަރާތްތަކުގެ ކަންބޮޑުވުމަކަށްވެސް ވެފައި މިވަނީ ހިޔާ މަޝްރޫޢުގެ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތްތައް ނިންމަން ސަރުކާރުން މި ދީފައިވަނީ އެންމެ ތިން މަސްދުވަހުގެ މުހުލަތޭ. ތިން މަސްދުވަހުގެ މުހުލަތަކީ، އެފަރާތްތަކަށް ލިބޭ އާމްދަނީއާއި، އަދި އެތަނުގައި ކުރަންޖެހޭ މަސައްކަތާ ބަލާފައިވެސް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ވަރަށްގިނަ ފަރާތްތަކުން އެބަ ބުނޭ.

އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުގެ ފަރާތުގައި އެބައޮތްތޯއޭ، އެއްވެސް ވިސްނުމެއް، މި މުއްދަތު އިތުރުކުރުމަށް އަދި ފިނިޝިންގ މަސައްކަތްތައް ކުރުމަށް މާލީ އެހީތެރިކަން ބޭނުންވެދާނެ ފަރާތްތަކަށް، އެ އެހީ ފޯރުކޮށްދިނުމަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ހިޔާ މަޝްރޫޢުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށްޓަކައި މިހާރު ސޮފްޓް ލޯނެއް، ބީ.އެމް.އެލް. ތްރޫކޮށް ދޫކުރަމުން އެބަގެންދޭ. އެއަށް އެޕްލައި ކުރެވޭނެ، ހުރިހާ ބޭފުޅުންނަށް. އެއަށް އެޕްލައި ކުރައްވާ ފަރާތްތަކަށް، ބީ.އެމް.އެލް ތްރޫކޮށް، އެ ފައިސާ ލިބެމުންދާނެ.

ދެން ތިންމަސްދުވަހުގެ ތެރޭގައި މަސައްކަތް ނުނިމޭނެ ކަމުގެ ޝަކުވާ އެބަކުރޭ، އެ ލިބުނު ވަރަށްގިނަ ފަރާތްތަކުން. މިކަމާ ގުޅިގެން އެޗް.ޑީ.ސީ.އާ އަޅުގަނޑުމެން ވާހަކަ ދެއްކިން. މިހާރު އެޗް.ޑީ.ސީ. އިން ނިންމާފައިވަނީ މި އަހަރުގެ ޑިސެންބަރުގެ ނިޔަލަށް ކުލި ނުނަގާގޮތަށް. އެހެންވީމާ، އަޅުގަނޑު ހިތުން ކުރީގައި އޮތް މުއްދަތަށްވުރެ އިތުރު ތިންމަސް އެ ލިބިގެން އެދިޔައީ. އެއަށްފަހުގައި ކުލި ނަގާނީ. އެގޮތަށް ހެދުމުންވެސް އަޅުގަނޑުމެންނަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް ފަސްލައްކައަށްވުރެ ބޮޑު ޢަދަދެއް އެބަ ޚަރަދުކުރަންޖެހޭ، އެ ލޯނު ދެއްކުމަށްޓަކައި، އެ ގެޕް ފުރިހަމަކުރުމަށްޓަކައި.

އަދި މިހާރު މިދޭ ރޭޓުގައި އަޅުގަނޑުމެން ހިޔާ މަޝްރޫޢުގެ ދަށުން މިދޭ ފްލެޓުތައް ދިނީމާ، ކުރިންވެސް އަޅުގަނޑު ދެންނެވިން، ދައުލަތުގެ ބަޖެޓުން، ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަ ހޭދަކުރަންޖެހެއޭ، މި ފްލެޓުތަކަށް އެކަނި. އަޅުގަނޑު ކުރިން ދެންނެވީ ފަސް ލައްކައޭ. ފައްސަތޭކަ މިލިއަން ރުފިޔާ އެބަ ޚަރަދުކުރަންޖެހޭ، ކުރިއަށް މިއޮތް، އެ ވަގުތު ދިނުމާއެކީގައި. މިއީވެސް ވަރަށްބޮޑު ދައްޗަކަށްވާނެ، ބަޖެޓުން އެވަރު ހޭދަކުރަން. އެހެންނަމަވެސް، އަޅުގަނޑުމެން އެކަންވެސް ކޮށްގެން މިތިބީ.

ޢަބްދުﷲ މުޢާޒް - ޕީ.އެސް.އެމް ނިއުސް:

އަޅުގަނޑުގެ ސުވާލަކީ، ކޯވިޑް-19 ގައި އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ފުރަތަމަ ރާޅާއި ދެވަނަ ރާޅަކާވެސް އަޅުގަނޑުމެން ކުރިމަތިލައިފީމު. މިއާ އެކީގައި، ވަރަށް ބޮޑަށް ކުރެވުނު ތުހުމަތެއް، ސަރުކާރުން ކޯވިޑް މެނޭޖް ކުރުމުގައި ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް. ޚާއްޞަގޮތެއްގައި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ގެންދިޔަ.

ދެން ރައީސްގެ އޯޕަނިންގ ސްޓޭޓްމަންޓްގައިވެސް ވިދާޅުވެއްޖެ، ބައެއް ކަންކަން މިހާތަނަށް ޙާޞިލުކޮށްފައިވާ ކަމުގައި. އެގޮތުން، އާބާދީއަށް ބޭނުންވާވަރަށް ވެކްސިން ކަށަވަރު ކުރުމާއި، އަދި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، އިޤްތިޞާދީ ކަންކަން ކުރިއަށް ގެންދިޔުން. ދެން ސްކޫލަށް ގޮސްގެން ދަރިވަރުން އުނގެނުމުގެ ކަންކަންވެސް މިހާރު ފެށިގެން މިދިޔައީ.

އަޅުގަނޑުގެ ސުވާލަކީ، މިއީ ހަމަ އިއްތިފާޤަކުން ވެގެންދިޔަ ކަންތައްތައްތޯއޭ، ނުވަތަ ޕްލޭނެއް އޮތްތޯއޭ. ކޮބައިތޯއޭ އެ ޕްލޭނަކީ. ޕްލޭނެއް އޮވެގެންތޯއޭ، މިކަންކަން މި ކުރިއަށްދިޔައީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ، ދުނިޔޭގައި މި ވައިރަސް ފެނުމާ އެކީގައި، އަޅުގަނޑުމެންނަށް ޚަބަރު ލިބުމާ އެކީގައި، އެއީ އެ އަހަރުގެ ފެބުރުވަރީ މަހު، އަޅުގަނޑުމެން ފުރަތަމަ މީޓިންގ ބޭއްވީ. 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި. އޭރު ހަމައެކަނި ޗައިނާއިން މި ވައިރަސް ފެނުނު ވާހަކަ، ޚަބަރު ލިބުނީ. އަދި އެ ވައިރަސް އޭގެއިތުރަށް ދެތިން ޤައުމަކަށްދިޔަ ވާހަކައެއް.

އެހެންވީމާ، އެއާއެކީގައި އެ ދުވަހު މީޓިންގއެއް ބާއްވައި، ރާއްޖެއަށް މި ވައިރަސް، ކޯވިޑް އަތުވެދާނެ ކަމަށް ބަލައި، ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް އަޅުގަނޑުމެން ކުރިން. އޭރު ރާއްޖެއަކު ނެތް، ޓެސްޓް ހެދޭނެވަރެއްވެސް. އަޅުގަނޑުމެން ޓެސްޓް ހަދަންވެސް ފޮނުވަންޖެހުނީ އިންޑިއާގެ ޕޫނާއަށް. ދެ ހަފްތާ އޭރު ނެގި. ބޭހެއް ނެތް. އެޑްމިޓް ކުރާނެ އެނދެއް ނެތް. އޮކްސިޖަން ދެވޭނެ ގޮތެއް ނެތް. ޑޮކްޓަރުންނެއް، ނަރުހުންނެއް، ޚިދުމަތްތެރިންނެއް، ދަތުރުކުރާނެ އެއްޗެއްސެއް ނެތް.

އެހެންވީމާ، އެ ދުވަހުން އެ ދުވަހަށް، އަޅުގަނޑު އަތުގައި އޮންނާނެ، އެ ދުވަހު އެންމެ ފުރަތަމަ އެބޭފުޅުން ތައްޔާރުކޮށްފައި ގެނެސްދިން ޕްލޭން، އެޗް.ޕީ.އޭ.ގެ ފަރާތުން. އޭރު ވެގެންދާނެގޮތް ވަރަށް ރަނގަޅަށް އަންދާޒާކޮށްފައި ދީފައި އޮތް ޕްލޭނެއް. އެއަށް ބަލައިގެން ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދިޔައީ. އިރާދަކުރެއްވީތީ، އެއާ އެއްގޮތަށް ދިޔައިމާ، ވަރަށްގިނަ ޙައްލުތަކެއް އަޅުގަނޑުމެންނަށް ފެނުނު.

އެހެންނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅުގައި އަޅުގަނޑުމެން ބޯޑަރު ހުޅުވާލުމާ އެކީގައި، އިތުރު ވޭރިއަންޓްތަކެއް ދުނިޔޭގައި ފެތުރިގެންދިޔައީ. އޭގެ އަސަރު ރާއްޖެއަށްކޮށް، އަޅުގަނޑުމެންގެ ހެލްތު ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރުވި. އޭގެ ސަބަބުން ޚިދުމަތްތަކަށް ބުރޫއަރައިގެންދިޔައީ.

އެހެންނަމަވެސް، އެ ވަގުތުވެސް އަނެއްކާ އެއަށް އެޓެންޑްވެ، ދައުލަތުން ކުރެވެންހުރި ޚަރަދުތައްކޮށް، ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ މީހުން ހޯދައި، އެ މަސައްކަތްތައް އަޅުގަނޑުމެން ކުރިން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދުނިޔޭގައި ކޯވިޑް ކޮންޓްރޯލް ކުރުމުގައި، އެންމެ ރަނގަޅަށް މަސައްކަތްކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ހަމަގައިމުވެސް ބޭރުގެ ފަރާތްތަކުން، މިކަން ބަލާ ފަރާތްތަކުން ދެނެގަނޭ.

އަޙްމަދު ޙަމީދު - އަވަސް އޮންލައިން:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އެހެން ނޫސްވެރިޔަކު ކުރި ސުވާލަކާ އަޅުގަނޑު ގުޅުވާލާފައި. ޙަސަން ޢަފީފް އެއީ މޭ 6 ކޮމިޓީގެ މުޤައްރިރު. އަދި މީގެއިތުރަށް، އެމް.ޑީ.ޕީ.ގެ ޕާލަމެންޓަރީ ގްރޫޕްގެ އަދި މިވަގުތު ހިނގަމުންދާ 19ވަނަ މަޖިލީހުގެވެސް އެންމެ ސީނިއަރ އެމް.ޕީ.ތަކުގެ ތެރޭގައި ހިމެނޭ ބޭފުޅެއް، ކުރީގެ ހޯމް މިނިސްޓަރ. މި ވިދާޅުވީ، ދިވެހި ޗެނަލްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އެ މަނިކުފާނަށް ފިޔަވަޅު އަޅަން މިހާރު ރައީސް އެމް.ޑީ.ޕީ. އަށް އަންގަވައިފި ކަމަށް އިނގޭތޯ. ރޭގައި ސަންގު ޓީ.ވީ.ގެ ޕްރޮގްރާމެއްގައި ޢަފީފް އެހެން ވިދާޅުވި. މައިގަނޑުކޮށް، ރައީސަކީ، މިހާރު ޢަދާލަތު ޕާޓީގެ މެންބަރެއް ކަމެއްވެސް ދެން ޢަފީފަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން.

ރައީސް، ކިހާވަރެއްގެ ޙަޤީޤަތެއް ހުރި ވާހަކައެއްތޯ، މިހާރު ޕާޓީއަށް، ޢަފީފާ ދޭތެރޭގައި ފިޔަވަޅު އަޅަން އަންގަވާފައިތޯ ވަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޙަމީދު، އަޅުގަނޑަކީ މިވަގުތު އެމް.ޑީ.ޕީ.ގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުރި މީހާ. ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭކަހަލަ ކަމެއް އައިމާ، އަޅުގަނޑު ޖެހޭނެ، އެކަން ޙައްލުކުރެވޭތޯ ބަލަން. އަދި ޚާއްޞަކޮށް، ވިލުފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ޢަފީފް ކަހަލަ ބޭފުޅަކު އެކަހަލަ ވާހަކައެއް ދެއްކެވީމާ، އަޅުގަނޑު ޖެހޭނެ، އޭގެ ޙަޤީޤަތް ހޯދަން. އަޅުގަނޑު ޕާޓީގެ ޗެއަރޕަރސަނާ ގުޅިން. އަޅުގަނޑު ދެންނެވިން، އަޅުގަނޑާ ބެހޭގޮތުން މިކަހަލަ ވާހަކަތަކެއް އެބަހުއްޓޭ، ނޫސްތަކުގައި ލިޔެފައި. މީގެ ޙަޤީޤަތް ބައްލަވައިދެއްވާށޭ. މި ވާހަކަ ޢިއްޒަތްތެރި މެންބަރު ޙަސަން ޢަފީފް ވިދާޅުވިތޯ ބައްލަވާށޭ. ބައްލަވާފައި، މިކަހަލަ ކަންތައް ވިޔަދީގެނެއް ނުވާނެއޭ. ޕާޓީގެ ތެރޭގައި ހުރި މިކަހަލަ މައްސަލަ އުފެދޭކަހަލަ ކަންތައްތަކަށް، ޚާއްޞަކޮށް، ސީނިއަރ ލެވެލްގެ ބޭފުޅުން އޭގެތެރެއަށް ވަނުން އެއީކީއެއް ރަނގަޅު ކަމެއް ނޫނޭ.

އެގޮތުން، ޕާޓީގެ އެންމެ އިސް ލީޑަރެއްގެ ގޮތުން، އަޅުގަނޑު ޕާޓީ އެކަތިގަނޑަކަށް ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އަޅުގަނޑު ކުރަމުން މިގެންދަނީ. އެގޮތުން، އަޅުގަނޑު ޙަސަން ޢަފީފާވެސް އެ ވާހަކަ ދެއްކިން. ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ޕީ.ޖީ ލީޑަރު ޢާޒިމާވެސް އަޅުގަނޑު އެ ވާހަކަ ދެއްކިން. އަޅުގަނޑު ދެންނެވިން، މިހެން އޮތީމާ، މިކަން ވީގޮތަކާ އެއްޗެހި ބައްލަވާށޭ. ބައްލަވާފައި، މިކަން ނުވާނެގޮތަކަށް ހަދާށޭ.

އަދި އަޅުގަނޑު ދެންނެވިން، އަޅުގަނޑަކީ އެމް.ޑީ.ޕީ މެންބަރަކަށް ނުވަނީތޯއޭ މިހާރު. މިހެން މި ވިދާޅުވަނީ. އެހެންވީމާ، އެ އެއްޗެހި ސާފުކޮށްދެއްވާށޭ. ކޮށްފައި، އެ އެއްޗެހި ހަމަޔަކަށް އަޅުވައިދޭށޭ އިނގޭތޯ.

ފާޠިމަތު ނަޒީފާ - ވަން އޮންލައިން:

އަޅުގަނޑުގެ ސުވާލަކީ، އެންމެފަހުން އެސްޓްރާޒެނެކާގެ ވެކްސިންގެ ޝިޕްމަންޓް، ރާއްޖެ ގެނައި ވެކްސިން އެއީ ކޮންތާކުން ގެނައި ވެކްސިނެއްތޯ، ސިންގަޕޫރުގެ ކުންފުނިންތޯ، ނުވަތަ އެހެން ކުންފުންޏަކުންތޯ. އަދި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ގެނެސްފައިވާ ވެކްސިނެއްކަމުން، ރައްޔިތުން އެނގެން ބޭނުންވާނެ. އެހެންކަމުން، އަޅުގަނޑަށް ސާފުކޮށްލައްވަދެއްވަފާނަންތޯ، އެންމެފަހުން ރާއްޖެ މި ގެނައި އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމަންޓްގައި، ގެނެވުނީ ކިތައް ޑޯޒްތޯ، އަދި ސަރުކާރުން ޚަރަދުކުރީ، ކޮންމެ ޑޯޒަކަށް ކިހާ ފައިސާއެއްތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން މި ގެނައި އެސްޓްރާޒެނެކާ ޝިޕްމަންޓަކީ، އަޅުގަނޑުމެން ސިންގަޕޯރ ކުންފުނިން ގަތް ވެކްސިނެއް. ދެން އޭގައި އޮވޭކަންނޭނގެ، އަޅުގަނޑު ހަނދާންވާގޮތުން ސިއްރު ހިފަހައްޓަންޖެހޭ މާއްދާއެއް. އެއީ ކުންފުނިތަކުން ވެކްސިން މި ވިއްކަނީ އެކި ޤައުމުތަކަށް އެކި އަގުގައި. އެހެންވީމާ، އަޅުގަނޑުމެންނާ އެކީގައި އެ ވެކްސިން އެގްރީމަންޓް ހެދިއިރުގައި، އެއަށް އެއްބަސްވެގެން އަޅުގަނޑުމެން މިތިބީ. އެއީ ހުރިހާ ޤައުމަކަށްވެސް ކުންފުނިތަކުން ވެކްސިން ފޮނުވާ ގޮތަކީ.

އެހެންވީމާ، އޭގެދަށުން އަޅުގަނޑުމެން އެ ސިއްރު ހިފަހައްޓާފައި މިއޮތީ. ދެން އޭގައި ގެނައި ޢަދަދު، ކުއްލިއަކަށް އަޅުގަނޑުގެ އަތަކު ނެތް. އެހެންނަމަވެސް، މުޅި ޝިޕްމަންޓް، މުޅި އޯޑަރ އެއްކަކު ނޫން އަދި ލިބުނީކީ. އެހެންނަމަވެސް، ރާއްޖޭގައި މުޅި އާބާދީއަށް، ވެކްސިންޖެހޭ މުޅި އާބާދީއަށް ޖެހޭވަރަށް އެސްޓްރާޒެނެކާ ވެކްސިން އެބަހުރި.

އަދި އޭގެއިތުރުން، މި މަސް ތެރޭގައި އަޅުގަނޑު ހިތުން ޖަޕާނުން އަޅުގަނޑުމެންނަށް ދޭ އެހީގެ ގޮތުގައި ފޮނުވާ އެސްޓްރާޒެނެކާވެސް އެބަ ލިބޭ.

މަރްޔަމް ޝިއުނާ - ދިވެހި ޗެނަލް:

އަޅުގަނޑު ކުރިން ކުރި ސުވާލަށް ރައީސް ދެއްވި ޖަވާބާ ގުޅިގެން، އަނެއްކާ ސުވާލެއް އުފެދުނީމާ، ފުރުޞަތަކަށް އެދުނީ އިނގޭތޯ. ތެންކިޔޫ.

ރައީސް ވިދާޅުވި، އަލީ ވަޙީދުގެ މައްސަލައިގައި، މިހާރު ކޯޓު މަރުޙަލާގައި އޮތީމާ، ކޯޓުންނޭ ކުރިއަށްދާނީ. ދެން ކޯޓުގެ ޙުރްމަތް ޢަލީ ވަޙީދު ކަނޑާފައިވާތީވެ، މިއަދު އެބަވޭ، ދެ މަސްދުވަހުގެ ޖަލު ޙުކުމެއް، ޢަލީ ވަޙީދުގެ މައްޗަށް އިއްވާފައި އިނގޭތޯ. އިއްވާފައިވާއިރުގައި، މި ޙުކުމް ތަންފީޒު ކުރުމަށް ސަރުކާރުން ކޮން ބާރެއްތޯ އެޅޭނީ. ޢަލީ ވަޙީދު ހުންނެވީ ރާއްޖެއިން ބޭރުގައި. ޢަލީ ވަޙީދު ރާއްޖެއިން ބޭރުގައި ހުންނެވިއިރުގައި، ރާއްޖެ ގެނައުމަށްޓަކައި ބައިނަލްއަޤްވާމީ ދައުލަތްތަކާ މަޝްވަރާ ކުރެވިގެން، ސަރުކާރުން އެއްވެސް ކަމެއް ކުރިއަށްދޭތޯ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ތިޔަ ވިދާޅުވާހެން، ކޯޓުން މިއަދު މެންދުރުގެ ވަގުތެއްގައި މިވަނީ ސުޕްރީމް ކޯޓުން ޙުކުމެއް އިއްވާފައި. ދެން އެ ޕްރޮސެސް އޮންނަ ގޮތުން، އަޅުގަނޑު ހިތުން ކަރެކްޝަންސާ ޙަވާލުކުރާނީ މައްސަލަ. އެއަށްފަހުގައި، މީހާ ނެތިއްޔާ، ފުލުހުންނަށް އަންގާނެ ހޯދަން. އެންގީމާ ފުލުހުން އެ މަސައްކަތް ފަށާނެ. އެހެންވީމާ، އެ މަސައްކަތް ކުރިއަށް ގެންދާނެ ފުލުހުން، ޤާނޫނާ އެއްގޮތަށް.

އަޙްމަދު އަޒާން - ދިޔަރެސް:

ޝުކުރިއްޔާ ރައީސް.

މީގެކުރިން، ހިޔާ ފްލެޓުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި، ހިޔާ ފްލެޓުތަކަށް ވަދެ، އެތަން ފެނިއްޖެނަމަ، އެއްވެސް ބަޔަކު އެތާ ތިބޭކަށް ބޭނުމެއްނުވާނޭ. ދެން މިހާރު ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކުން އެތަނަށް ގޮސް ބަލާފައި ވަނީ.

އަޅުގަނޑުގެ ސުވާލަކީ، އެއްވެސް ފަރާތަކުން މި ފްލެޓުތައް މިހާތަނަށް ދޫކޮށްލާފައިވޭތޯ. ދޫކޮށްލާފައިވާނަމަ، ދެން އެ ދޫކޮށްފައިވާ ފްލެޓުތައް، އަލުން އެހެން ބަޔަކަށް ދިނުމުގެ ޕްރޮސެސްއެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ބައެއް ފަރާތްތަކުން އެބަހުރި ފްލެޓުތައް ދޫކޮށްލާފައި. ދޫކޮށްލާފައި އަލުން އަޅުގަނޑުމެން މި ހިންގާ، އެޗް.ޑީ.ސީ. އިން މި ހިންގާ މަޝްރޫޢަށް ބަދަލުވުމަށް އެދިފައި އެބަހުރި.

ދެން އެ ހިޔާ ފްލެޓުތަކުން އެ ބާކީވާ ފްލެޓުތައް، އަނެއްކާވެސް އެ ލިސްޓުގައި ޝަރުޠުހަމަވާ މީހުންނަށް އެ ދާނީ. ކޮމިޓީން ނިންމާފައި އެ އޮތް އުޞޫލުން، އޭގައި ތަރުތީބުން އަޅުގަނޑުމެން އެ ކުރިއަށްގެންދާނެ. އަޅުގަނޑު ދަންނަވާނަން، އެ މަޢުލޫމާތުތައް ހާމަކުރަން، ދެވޭ ފަރާތްތައް.

މުޙައްމަދު ނަސީމް - މިހާރު އޮންލައިން:

މިހާރު މި ޙަސަން ޢަފީފްގެ މައްސަލައިގައި، މަނިކުފާނު އެހާ ސީރިއަސްކޮށް ނަންގަވައިގެން، ޗެއަރޕަރސަންއަށްވެސް ގުޅުއްވިއިރުގައި، އެމް.ޑީ.ޕީ.ގެ ތެރޭގައި ހަމަ ދެފަރާތަކަށް ބެހިގެން، އެކިއެކި ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދެވިއިރު، އެ ވާހަކަތަކާއި އެ ކަންތައްތައް ސާފުކުރައްވައި، އެ މައްސަލަތައް ޙައްލުކުރައްވަންވެސް މީގެކުރިން މަސައްކަތްތަކެއް ކުރައްވާފައިވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ޙަސަން ޢަފީފްގެ މައްސަލައިގައި، ކޮންމެހެން އެހާ ސީރިއަސް ކަމެއްގެ ގޮތުގައެއް ނޫން އަޅުގަނޑު ނެގީ އޭރު. ޕާޓީގެ ތެރޭގައި ބޮޑުވެގެން ހިނގައިދާނެ މައްސަލައެއް ކަމަށް އަޅުގަނޑަށް ފެންނާތީ، އެކަހަލަ ސީނިއަރ ބޭފުޅަކު ޕަބްލިކްގައި އެކަހަލަ ވާހަކައެއް ދެއްކެވީމާ، އެ ސާފުކުރަން އުޅުނީ.

ދެން މިހާތަނަށް ޕާޓީގެ ތެރޭގައި އެހުރި މައްސަލަތައް ޙައްލުކުރަން އަޅުގަނޑު މަސައްކަތް ކުރަން އިނގޭތޯ. އެކަމަކު ޕާޓީގެ ހިންގުމުގެ ތެރެއަށް އަޅުގަނޑު މި މަޤާމުގައި ހުރެ ވަނުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ.

އޭގެއިތުރުން، ޕާޓީގެ ތެރޭގައި އެ ޖެހޭ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން އެއީ، އަޅުގަނޑުގެ ދައުރު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ޕާޓީގެ ގަވާއިދުގައި އެބަހުރި، އެކިއެކި ކަންތައްތައް ކުރަންވާގޮތް. އެއީ މީހަކާ ދޭތެރޭގައި ފިޔަވަޅު އަޅަންވިޔަސް، ކަމެއް ކުރަންވިޔަސް، ކުރަންވީ އުޞޫލުތަކެއް، ޕާޓީގެ ގަވާއިދުގައި އެބަހުރި ލިޔެފައި. އެހެންވީމާ، އޭގެތެރެއިން ކަންތައްތައް ކުރިއަށް ގެންދާނަން.

ޚިޔާލު ތަފާތުވުން ހުންނާނެ. އަޅުގަނޑު ދެންނެވިހެން މިކަހަލަ ބޮޑު ޕާޓީއެއްގައި. އަދި އިންތިޚާބެއް ކައިރިވަމުން އަންނައިރުގައި ހުންނާނެ މިކަހަލަ ކިތަންމެ ކަމެއް. 2023 އޮތީ މާދުރަކުއެއް ނޫން. އެހެންވީމާ، ސިޔާސީ ތަފާތު ވިސްނުން ފެންމަތިވަމުން އަންނާނެ. އެ ގަޑީގައި އަޅުގަނޑުމެން އެއްބައެއްގެ ގޮތުގައި ތިބެން ކުރަންޖެހޭ މަސައްކަތް އަޅުގަނޑު ކުރަންވާނެ. އެމް.ޑީ.ޕީ. އަށް އަދިވެސް ކާމިޔާބު ލިބޭނީ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެން އެންމެން އެއްކޮށް ތިބެގެން. އެހެން ނޫނީވިއްޔާ އިންތިޚާބެއް ކާމިޔާބެއް ނުކުރެވޭނެ.

މާހަތު ޙުސައިން ރަޝީދު - ސަންގު:

މިދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑާ އެކީގައި ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި، މަނިކުފާނާ އެންމެ ފުރަތަމަ ޕީ.ޖީ ގްރޫޕްގެ މެންބަރުންނާ ބައްދަލުވިއިރު، ކޮންމެވެސް ކަންތައްތަކެއް ހިނގައިދިޔަ ވާހަކައެއް. އެއިންވެސް އެނގިގެންދާނެ ކަމަށް، މަނިކުފާނާމެދު އެމް.ޑީ.ޕީ.ގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރުން ދެކެނީ ކިހިނެއްކަން.

އަޅުގަނޑުގެ ސުވާލަކީ، އެ ދުވަހު ކޮންކޮން ކަންތަކެއްތޯއޭ ހިނގައިދިޔައީ؟ އެމް.ޑީ.ޕީ.ގެ ޕާލަމެންޓަރީ ގްރޫޕްގެ ތެރޭގައި މަނިކުފާނަށް ޖެއްސުން ކުރުމަށްޓަކައި މެންބަރުންތަކެއް މަސައްކަތް ކުރައްވަނީތޯއޭ، އެފަދަ ބައްދަލުވުންތަކުގައި. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން މާހަތު. އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އެ ދުވަހުގެ ފުރަތަމަ ބައްދަލުވުންވެސް ވަރަށް އޮމާންކޮށް، ހަމަ ޚިޔާލުފާޅުކުރަމުން ގެންދިޔައީ. ދެން ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ވިސްނުމަކަށް ބޮޑަށް އޮތީ، ތިމަންނާމެން މަސައްކަތް ކުރާނީ، އެމް.ޑީ.ޕީ. ވަކިންނޭ. އެމް.ޑީ.ޕީ ޕާލަމެންޓަރީ ގްރޫޕް މަސައްކަތް ކުރާނީ، އެމް.ޑީ.ޕީ.ގެ ވިސްނުމާއި، އެ އެޖެންޑާ 19 އަދި ޕާޓީގެ ވިސްނުމާ އެކީގައޭ. ސަރުކާރުން ހުށަހަޅާ ކޮންމެ އެއްޗަކާ ދޭތެރޭގައި އާނއެކޭ ބުނުން އެއީ ތިމަންނާމެން ކުރާނެ ކަމެއް ނޫނޭ. އެ ވިސްނުން އެއީ.

އެހެންވީމާ، އަޅުގަނޑު އެ ދުވަހުން ފެށިގެން ހަމަ މަސައްކަތް ކުރިން، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓަން. އެއީ އަޅުގަނޑު ކުރަންޖެހޭނެ ކަމެއް. އެއީ އެކަން ވެގެންދިޔަގޮތަކީ.

މާހަތު ޙުސައިން ރަޝީދު - ސަންގު:

މަނިކުފާނަށް ޖެއްސުން ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނުކުރޭ. އެއްވެސް ކަމެއް. އެކަހަލަ ހަމަ އެއްވެސް މައްސަލައެއް ނުޖެހޭ. އެކަހަލަ ހަމަ އެއްވެސް ކަމެއް ނުދޭ.

މާހަތު ޙުސައިން ރަޝީދު - ސަންގު:

އެހެންކަމަށްވާނަމަ މަޖިލީހުގެ ތެރެއިން މަނިކުފާނުގެ އިސްތިޢުފާއަށްވެސް ގޮވަނީ ނޫންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޕާޓީގެ ތެރޭގައި އެބަ ޚިޔާލުތަފާތުވުންތައް އާދޭ ދޮގެއްތޯ. އަޅުގަނޑު މި ދެންނެވިހެން، އެމް.ޑީ.ޕީ.އަކީ ވަރަށްބޮޑު ޕާޓީއެއް. ބައެއް ބޭފުޅުން އެހެން ވިދާޅުވާނެ ބައެއް އެއްޗެހި. އެކަމަކު އޭގައި، އަޅުގަނޑު މި މަގާމުގައި ހުރެގެން އެއަށް ރައްދުދީ، އޭގެ ފަހަތުން ދުވެ އުޅުމަކީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން.

ޢަބްދުﷲ ޖަމީލް - ހުރިހާ ނިއުސް:

މަނިކުފާނު ދެންމެގައި ސަރުކާރު ކުންފުނިތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއިރު ވިދާޅުވެއްޖެ، އައިލެންޑް އޭވިއޭޝަންގެ ޖޮއިންޓް ވެންޗަރ ހަދާ ވާހަކަ، ބޭރުގެ ބަޔަކާއެކީ. ތަންކޮޅެއް ތަފްޞީލުކޮށް ވިދާޅުވެދެއްވަފާނަންތޯ، ކޮންގޮތަކަށް، ކޮންކޮން ބަޔަކާ އެކީގައިތޯ، ޖޮއިންޓް ވެންޗަރ ހައްދަވަނީ. އަދި މިފަހަރު ދައުލަތުގެ ބަޖެޓް ހުށަހެޅުއްވިއިރުވެސް ފިނޭންސް މިނިސްޓަރުވެސް އެބައޮތް ވިދާޅުވެފައި، ދައުލަތުގެ ބައެއް ކުންފުނިތައް ޕްރައިވަޓައިޒް ކުރައްވާނެ ވާހަކަ.

އެ މަސައްކަތް ކިހާ ހިސާބެއްގައިތޯ އޮތީ. އެއީ ކޮންކޮން ކުންފުނިތަކެއްތޯ ވިދާޅުވެދެއްވަފާނަންތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ސަރުކާރުގެ ބައެއް ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާބެހޭ ދިރާސާއެއް، ހަމަ އޭގެ މާހިރަކު ޢައްޔަނުކޮށްގެން މިހާރު ކުރަމުން އެބަގެންދޭ. އަދި މުޅިން ނުނިމޭ. ނިމުނީމާ އަޅުގަނޑު އެ ޙިއްޞާކުރާނަން ތިޔަބޭފުޅުންނާ.

ދެން އައިލެންޑް އޭވިއޭޝަންގެ އެ ޖޮއިންޓް ވެންޗަރ ޕާޓްނަރެއް ހޯދުމަށްޓަކައި މިޑްލް އީސްޓްގެ ބައެއް ޤައުމުތަކާ އެކީގައި އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ. ދެ ފަރާތަކާ އެކީގައި އެބަ މަޝްވަރާ ކުރެވޭ.

މިހިސާބުން އަޅުގަނޑަށް ފެންނަނީ އަދި އެއް ސުވާލު ނަގާފައި ނިންމާލަން.

ލައިޝާ އަޙްމަދު - ރާއްޖެ ޓީ.ވީ:

ދެންމެ ރައީސްވެސް ހަމަ ވިދާޅުވިހެން، އެމް.ޑީ.ޕީ. އެންމެ ފުރަތަމަ އުފެދިގެން އައިއްސުރެ މިހާތަނަށް ހަމަ އުޅުއްވި މެންބަރެއް ރައީސަކީ. ދެން އަނެއްކާ އެމް.ޑީ.ޕީ.ގެ އެތެރޭގެ ކަންކަން ހަމަ އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅެއް.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައި އެބަވޭ، އެމް.ޑީ.ޕީ.ގެ އެތެރޭގައި ވަރަށް ބޮޑަށް ހަރުކަށި ފިކުރު މޫލާފައިވާ ކަމަށް. ރައީސް ޔާމީނާ އެކީގައި މަސައްކަތް ކުރައްވަން ނިންމެވި އެއް ސަބަބެއްގެ ގޮތުގައިވެސް އެކަން ފާހަގަކުރެވޭ.

މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ އޭގައި ކޮބައިތޯ؟ އެމް.ޑީ.ޕީ.ގެ އެތެރޭގައި، އެ ވިދާޅުވާގޮތަށް ހަރުކަށި ފިކުރު އެހާބޮޑަށް އޮތް ކަމަށް ރައީސް ޞާލިޙަށް ގަބޫލުފުޅު ކުރެއްވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އެމް.ޑީ.ޕީ.ގެ ތެރޭގައި ހަރުކަށި ފިކުރު، އެ ވިދާޅުވާގޮތަށް އޮތް ކަމަކަށެއް. އެހެނެއް ނޫން، ރާއްޖޭގައި ހަރުކަށި ފިކުރު އެބައޮތް ފުދޭވަރަކަށް. އެހެންވީމާ، އެމް.ޑީ.ޕީ.ގެ ކޮންމެވެސް ބައެއްގައި ތިބެދާނެ، އެ ވިސްނުމުގައި ތިބި ބައެއް. އެހެންނަމަވެސް، އެއީކީއެއް އެ ބޮޑު މެޖޯރިޓީއަކަށް ވެގެން، ޕާޓީގެ ވިސްނުންތަކާއި، ޕާޓީގެ ސިޔާސަތުތައް، އެދިމާއަށް އަމާޒު ކުރެވޭވަރުގެ މެޖޯރިޓީއެއް، އެމް.ޑީ.ޕީ. ތެރެއަކު ނޯންނާނެ. އޮވެއްޖިއްޔާ އެކަން އަޅުގަނޑުމެން ހުއްޓުވާނެ.

އަޅުގަނޑަށް ފެންނަނީ ދެން އަޅުގަނޑު ނިންމާލަން. ދެން އަދި އަނެއްކާވެސް ފަހުން ބައްދަލުކުރާނީ، އެހެން ދުވަހަކުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުންނަށް.