بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ރެހެންދި ސްކޫލްގެ ޕްރިންސިޕަލް ނާޒިމް ޢަބްދުﷲ، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ޕްރިންސިޕަލުންނާއި ވެރިން، ޚިދުމަތްތެރި ޓީޗަރުންނާއި މުދައްރިސުން، ރާއްޖޭގެ ލޮބުވެތި ދަރިވަރުންނާއި، އެ ދަރިވަރުންގެ އެންމެހައި ބެލެނިވެރިން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ކޮންމެ އަހަރެއްގެވެސް ދިރާސީ އަހަރު ފެށޭ ދުވަހަކީ، އަޅުގަނޑުމެންނަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ކުރެވޭ ދުވަހެއް. އަޅުގަނޑުމެން އެންމެންނަށް އައު އުންމީދުތަކެއް ލިބޭ ދުވަހެއް. ޚާއްޞަކޮށް، މި އަހަރުގެ ދިރާސީ އަހަރު ފެށިގެން މިދަނީ، ވަރަށް ތަފާތު އިޙްސާސްތަކަކާއެކު. ގާތްގަނޑަކަށް ދޮޅު އަހަރުގެ ދަތި އުނދަގޫ ދުވަސްތަކަކަށްފަހު، މިއަދު މި ފެށޭ ދިރާސީ އައު އަހަރު، އިރާދަކުރެއްވިއްޔާ ވެގެންދާނީ ވަރަށް އުފާވެރި، ވަރަށް ހިތްހަމަޖެހޭ އަހަރަކަށް.


ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު މި ފަށަނީ، ސަރުކާރު ސްކޫލްތަކާއި، އަމިއްލަ ސްކޫލް މަދަރުސާތަކުގެ 92936 ދަރިވަރުންނާއެކު. އެހެންކަމުން ތިޔަ ހުރިހާ ކުދިންނަށްވެސް، ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، އަޅުގަނޑުގެ ހިތުގެ ލޯތްބާއެކު ވަރަށް ހޫނު މަރުޙަބާއެއް ކިޔަން. އަދި މި އުފާވެރި މުނާސަބަތުގައި، ސްކޫލް މަދަރުސާތަކުގެ ޕްރިންސިޕަލުންނަށާއި ވެރިންނަށް އަދި އެންމެހައި ޓީޗަރުންނަށާއި ބެލެނިވެރިންނަށާއި، ތަޢުލީމީ ދާއިރާގެ އެންމެހައި މުވައްޒަފުންނަށްވެސް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.


ކޯވިޑް-19 އާ ގުޅިގެން، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް އަޅުގަނޑުމެން އެންމެން ހޭދަކުރީ، ވަރަށް އުނދަގޫ ދަތިކަމެއްގެ ތެރޭގައި. އެންމެ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނު އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާ. ވަކި މުއްދަތަކަށް ސްކޫލްތައް މުޅިން ބަންދުކޮށް، ދަރިވަރުންގެ ކިޔެވުމަށް ނުހަނު ގިނަ ހުރަސްތަކެއް ކުރިމަތިވި. ނަމަވެސް، އެ ދަތި އުނދަގުލުގައިވެސް ދަރިވަރުންގެ ކިޔެވުން މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިޔުމުގައި، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިން، އަގުނުކުރެވޭހާ އުނދަގޫ އެތައް މަސައްކަތްތަކެއް ކުރެއްވި.


އެ ދަތި އުނދަގުލުގައިވެސް، ނިމިގެންދިޔަ ދިރާސީ އަހަރުގެ ކަންކަން ރާވައި ހިންގުމުގައި، އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރ ޢާއިޝަތު ޢަލީގެ އިރުޝާދުގެ ދަށުން، ސްކޫލްތަކުގެ ވެރިންނާއި މުވައްޒަފުން ކުރައްވާފައިވަނީ ވަރަށްވެސް މަތިވެރި ޖިހާދެއް. އެކަމަށްޓަކައި، ސްކޫލްތަކުގެ ވެރިންނާއި ޓީޗަރުންނާއި، ދަރިވަރުންނާއި ބެލެނިވެރިން، އެ ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކުރަމުން، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


ކޯވިޑް-19ގެ ދަތި އުނދަގޫތަކުގެ ތެރޭގައިވެސް، އަޅުގަނޑުމެން މިއަދު ދިރާސީ އައު އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެހެން ޤައުމުތައް އަދިވެސް އޮތީ ވަރަށްދަތި ނިކަމެތި ޙާލަތެއްގައި. ގިނަ ޤައުމުތައް އަދިވެސް އޮތީ ފުރަބަންދުގައި. ޢާންމު ވިޔަފާރިތަކާއި، ދަތުރުފަތުރުތައް އެހުރީ ހުއްޓިފައި. ގިނަ ބަޔަކު އަދިވެސް ތިބީ ކޯވިޑް ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖެހިފައި.

ނަމަވެސް، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއި އޯގާވަންތަކަމުން، ރާއްޖެއަށް ބޭނުންވާވަރަށް މިހާރު ހުރީ ވެކްސިން ލިބިފައި. ގިނަ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެސްކޮށްފި. ރާއްޖެއަށް މިހާރު މިވަނީ އައު ޢާންމު ޙާލަތަކަށް އާދެވިފައި. އަޅުގަނޑުމެން، އޮފީސްތަކާއި ވިޔަފާރިތައް މިއޮތީ ހުޅުވާލާފައި. ސްކޫލް މަދަރުސާތަކުގެ ކިޔެވުންވެސް ޢާންމު އުޞޫލުން މިއަދު މި ފެށުނީ. ޢާންމު ދަތުރުފަތުރުތަކަށްވެސް ވަރަށް ބޮޑެތި ލުއިތަކެއް ލިބިއްޖެ.


އެހެންނަމަވެސް، މިހާރުވެސް ބައެއް ޤައުމުތަކުގައި، ކޯވިޑް ޖައްސާ ވައިރަހުގެ ތަފާތު ބާވަތްތައް ފެތުރެމުން އެބަދޭ. އެހެންކަމުން، އައު ޢާންމު ޙާލަތަކަށް އަޅުގަނޑުމެންނަށް އާދެވިފައިވިޔަސް، ކޯވިޑް-19ގެ ނުރައްކާތެރިކަން މުޅިން ފިލައިގެންދިޔައީ ކަމަށް ޤަބޫލުކޮށްގެން އަދި ނުވާނެ. ކޯވިޑް ޖައްސާ ވައިރަހުގެ ނުރައްކާތެރި ބާވަތްތައް އަދިވެސް ރާއްޖެއަށް އަތުވެދާނެ ކަމަށް، އަޅުގަނޑުމެން އަބަދުވެސް ސަމާލުވާންޖެހޭނެ.


އެހެންކަމުން، އަޅުގަނޑުމެން މިއަދު ގަދައަޅައި މަސައްކަތް ކުރަންވީ، ކޯވިޑް ކޮންޓްރޯލް ކުރުމުގައި، މި ލިބުނު ކުރިއެރުން އެގޮތުގައި ދަމަހައްޓަން. އަޅުގަނޑުމެންގެ ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާއިރުވެސް، ކޯވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް، ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންވެސް ފުރިހަމައަށް ޢަމަލުކުރެއްވުން ވަރަށް މުހިންމު.


ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައްވެސް، ޢާންމު އުޞޫލުން ހުޅުވައިގެން ޚިދުމަތްދޭއިރު، އޮފީސްތަކުގެ މުވައްޒަފުންވެސް، އަދި ޚިދުމަތް ހޯއްދަވާ ބޭފުޅުންވެސް، ކޯވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް.


މިދިޔަ ދިރާސީ އަހަރުގެ ވަރަށް ގިނަ ދުވަސްތަކެއްގައި، މާލެއާއި އެހެން ބައެއް ރަށްރަށުގައިވެސް، ދަރިވަރުން ތިބެންޖެހުނީ ސްކޫލަށް ދާނެ ފުރުޞަތެއް ނުލިބި، ވަރަށް ބޮޑު ނުތަނަވަސްކަމެއްގައި. އެހެންކަމުން، މިއަދު މި ލިބުނު ފުރުޞަތުގެ ބޭނުން ހިފައި، ހުރިހާ ދަރިވަރުންވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ކުރިއަށް ގެންދަންވީ އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކުގައި. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި ފެށުނު ދިރާސީ އަހަރަކީ، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށް އަޅުގަނޑު އުންމީދުކުރަން.


ކޯވިޑުގެ މިދަތިކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މުހިންމު ތަޖުރިބާއަކީ، ކޮންމެ ޙާލަތެއްގައި، ކޮންމެ ތަނެއްގައި ތިބެގެންވެސް ކިޔެވުމުގެ ފުރުޞަތު މިއަދު އެބައޮތްކަން. އަދި އެކަމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެކަން. އެހެންވީމާ، ހުރިހާ ކުދިންވެސް މިއަދު ޢަޒުމް ކަނޑައަޅަންވީ، ކުރިމަތިވާ އުނދަގޫތައް ގިރާކޮށްގެންވެސް، ތަޢުލީމު ހޯދުމަށް. ތިޔަކުދިން ގަދައަޅައި މަސައްކަތް ކުރަންވީ، ޤައުމަށް ޚިދުމަތްކުރާ އަދި ޤައުމަށް ބޭނުންތެރި ކުއްޖަކަށްވުމަށް. މައިންބަފައިންނާއި ޢާއިލާ ފަޚުރުވެރިވާ، އަދި މުޖުތަމަޢަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭނެ ކުއްޖަކަށްވުމަށް.


މިދިޔަ ދޮޅުއަހަރުގެ ތެރޭގައި ތިޔަކުދިންގެ ތަޢުލީމީ އަދި އިޖުތިމާޢީ ޙަޔާތުން ގެއްލިގެން އެދިޔައީ ވަރަށް މުހިންމު ބައެއް. އެބައި އަލުން އަނބުރާ ހޯދޭތޯ ތިޔަކުދިން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެތައް ދުވަހަކަށްފަހު ރައްޓެހި ރަޙްމަތްތެރިންނާ ބައްދަލުވާއިރު، ހިނިތުންވުމާއެކު މަރުޙަބާ ކިޔައި، ކުރިން އޮތް އެކުވެރި ގުޅުން އާލާކުރަން މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް.


މިދިޔަ ދިރާސީ އަހަރުގެ ތެރޭގައި، އެންމެ ބޮޑު ބުރައެއް އުފުއްލެވި އެއް ބަޔަކަށް، ހަމަގައިމުވެސް ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ޓީޗަރުންވާނެ. ކޯވިޑުގެ ދަތިކަން ކުރިމަތިވުމުގެ ކުރިންވެސް، ޓީޗަރުން ކުރައްވަމުން ގެންދެވީ، އަޅުގަނޑުމެންނަށް ވަޒަން ނުކުރެވޭވަރުގެ ބުރަ މަސައްކަތްތަކެއް.


އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި، ހޭދަކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ޓީޗަރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް، ސަރުކާރުން މި އަންނަނީ ކުރަމުން. މީގެ އިތުރުން، ޓީޗަރުން ލިބުންދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް، އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދީ، އެކަމަށްޓަކައި ލިބެންޖެހޭ ޢިނާޔަތްތައްވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން.


ޙަޤީޤަތުގައި ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ، މީހުން ބިނާކުރުމުގެ ޢަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ބޭފުޅުން. އޭގެ އިތުރުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައިވެސް، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް. މުޖުތަމަޢަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ، ހަރުކަށި ފިކުރު ފެތުރުމާއި، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިން.


އައު ޢާންމު ޙާލަތާއެކު އަޅުގަނޑުމެންނަށް ކުރިއަށްދެވޭނީ، ސަރުކާރުން މިހާރު ފަށާފައިވާ ކޯވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދެއްވައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވައިގެން. އިރާދަކުރެއްވިއްޔާ، މިއަދު މި ފެށުނު ދިރާސީ އާ އަހަރާއެކު، ޓީޗަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.


ހަމައެއާއެކު، 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޯވިޑް ވެކްސިން ޖެހުމުގެ ޚާއްޞަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން. ސަރުކާރުގެ މިހާރުގެ އަމާޒަކީ، މި މަސް ނިމުމުގެ ކުރިން، ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން. މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވައި، ތިޔަބޭފުޅުންގެ ތުއްތުކުދިންނަށް ވެކްސިން ޖައްސަވައިދެއްވުމަށް، ހުރިހާ ބެލެނިވެރިންނާއި، މައިންބަފައިންގެ އަރިހުން އަޅުގަނޑު އެދެން.


އަޅުގަނޑު މި މަޤާމުގައި، ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ބޭނުންވޭ، ސްކޫލްތަކުގެ ކިޔެވުން ފެށިގެންދާއިރު، ކޯވިޑުން ރައްކާތެރިވުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން، ވަރަށް ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅާފައިވާކަން. އެ އުޞޫލުތަކަށް ހުރިހާ ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންވެސް ފުރިހަމައަށް ޢަމަލުކުރެއްވުމަކީ، ކިޔެވުން މެދުކަނޑާނުލައި ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް މުހިންމު ކަމެއް.


މާތް ﷲގެ ވާގިފުޅާއެކު، ކޯވިޑުގެ ނުރައްކާތެރި ވަބާއިން ރާއްޖެއަށް ރައްކާތެރިކަން ލިބިގެންދާނީ، އަޅުގަނޑުމެން އެންމެން އެކުގައި ކުރާ މަސައްކަތުން. ކޯވިޑުން ރައްކާތެރިވުމުގައި އެންމެ ބޮޑު ބުރައެއް އުފުއްލަވަމުން ގެންދަވާ ބަޔަކީ، ޞިއްޙީ ޚިދުމަތްތެރިންނާއި، ދިވެހި ފުލުހުންނާއި، ދިވެހި ސިފައިން، އަދި ހިލޭސާބަހަށް މަސައްކަތް ކުރައްވާ ބޭފުޅުން. އެބޭފުޅުން
އެ ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް، މިއަދުވެސް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.


މިއަދު މި ފެށުނު ދިރާސީ އައު އަހަރުގެ މުނާސަބަތުގައި، އަދިވެސް އެއްފަހަރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، ހުރިހާ ދަރިވަރުންނަށް، ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.


އަޅުގަނޑުގެ ދުޢާއަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރައްވައި، ދެ ދުނިޔޭގައިވެސް އަޅުގަނޑުމެންނަށް ފައިދާ ހުރި ޢިލްމުތައް އުނގެނުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى ރާއްޖޭގެ އެންމެހައި ދަރިވަރުންނަށް މިންވަރު ކުރެއްވުން. ކޯވިޑް ވަބާއިން ރައްކާތެރިކަން ދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން އެކަލާނގެ މިންވަރު ކުރައްވައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި، މާތް اللهُ ބަރަކާތް ލައްވައި، އެކަމުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ދެއްވާށި. އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.