بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ބޯހިޔާވަހިކަމަކީ ވަރަށްބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. މިއަދު ސަރުކާރުން މި ފަށާ އެއް މަސައްކަތަކީ ޚާއްޞަކޮށް، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް.

"ގެދޮރުވެރިޔާ ލޯނު ސްކީމް"ގެ ނަމުގައި، މިއަދު މި ފަށާ ލޯނު ސްކީމަކީ ކުޑަ އިންސްޓްރެސްޓެއްގައި، ދިގު މުއްދަތުން ދައްކާ ޚަލާޞްކުރާ ގޮތަށް، ތަޢާރުފުކުރާ ލޯނު ސްކީމެއް. މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި، ނޫނީވިއްޔާ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަންޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި، ނޫނީވިއްޔާ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ ޢިމާރާތް. ގިނަވެގެން މަހެއްގެ މައްޗަށް 5000 ރުފިޔާ އަނބުރާ ދައްކަންޖެހޭނީ.

ހަދަން ފަށާފައިވާ ގެ ނިންމާލުމަށްޓަކައި، ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ގިނަވެގެން ހަތް ލައްކަ ރުފިޔާ، ކޮންމެ ފަރާތަކަށް ދޫކުރެވޭނެ.

އެހެންކަމުން މިއަދު މި ފަށާ ލޯނު ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުޞަތު ފަހިވެގެންދާނެ.

އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ މުޅިރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެއް. އެގޮތުން ޚާއްޞަކޮށް، މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް، ގެދޮރުވެރިކުރުމަށްޓައި ފަށާފައިވާ މަޝްރޫޢު އިރާދަކުރެއްވިއްޔާ، ކުރިއަށް އެބަދޭ. މިހާރު ސޮއިކުރެވި، މަސައްކަތް ފެށުމަށްޓަކައި 7000 ފްލެޓްގެ މަސައްކަތް ވަނީ ތައްޔާރުވެފައި.

އޭގެ އިތުރުން 4000 ޔުނިޓެއް އެޅުމުގައި ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވަޢުދާ އެއްގޮތަށް، މި ދައުރު ނިމޭއިރުގައި، ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާސިލުވެގެންދާނެ.