بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މި ދުވަސް އެ ބަޔަކަށް ނިސްބަތްވާ، ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ކުޑަކުދިންނަށް، އަޅުގަނޑުގެ ހިތުގެ ލޯތްބާއެކު، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި އެ ކުދިންގެ ލޯބިވާ މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ބަލަދުވެރިންނަށާއި، އެ ކުދިންގެ ޢާއިލާތަކަށްވެސް، މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. ހަމައެފަދައިން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކަށްވެސް، ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމެވެ.

ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދީ އެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަކީ، އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމަކާއި ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދީގެން، ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން، ކުޑަކުދިންގެ ޞިއްޙަތަށާއި ތަޢުލީމަށް އަދި އެ ކުދިންގެ ހެދިބޮޑުވުމަށާއި އެ ކުދިންގެ އިޖުތިމާޢީ ރައްކާތެރިކަމަށް، ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަށްވެސް، ސަރުކާރުން މި އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. ބޭނުމަކީ، މުޖުތަމަޢުގައި ހިމެނޭ މަދު ބައެއްގެ ފަރާތުން ވިޔަސް، ކުޑަކުދިންނަށް ކުރިމަތިވާ، އެންމެހައި ގޯނާތަކާއި ގަނާކުރުމުގެ ޢަމަލުތަކުން އެކުދިން ރައްކާތެރި ކުރުމެވެ.

ކުޑަކުދިންގެ ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެން މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، ލޯތްބާއި އޯގާތެރިކަމާއެކު ކުޑަކުދިން ބަލައި ބޮޑުކުރުމަށެވެ. ކޮންމެ ކުޑަކުއްޖަކާ މެދުވެސް ދެކެންވީ، ތިމާގެ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެހެން މީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުމުގެ ސިފަ، އެކުދިންގެ ކިބައިން ފެންނާނީ، އަޅުގަނޑުމެން އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން ބެހެއްޓި މިންވަރަކުންނެވެ. މުޖުތަމަޢަށް ބޭނުންތެރި، އަދި މުޖުތަމަޢުގައި ބަސްވިކޭ ބަޔަކަށް އެ ކުދިން ވާނީ، އެހެން މީހުންނާ ކުރާ މުޢާމަލާތުތަކުގައިވެސް، އަދި ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް، އަޅުގަނޑުމެން އެ ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުންނެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެ ކުދިންނަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޢަދުލު އިންޞާފު ހޯދައިދިނުމަށް، މިހާރުވެސް މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް މަސައްކަތަކީ، 28 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެކުލަވައިލި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް، މިދިޔަ އަހަރުގެ ކުރީކޮޅު ޢަމަލުކުރަން ފެށުމެވެ. ނަމަވެސް، ކުޑަކުދިންގެ ޙައްޤުތަކާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރުމަކީ، ޤާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ، މާފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމެކެވެ. އެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާ ހިމެނޭ ގޮތުން، މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުން މިއަދު ފެންނަމުން މިދާ ނުރަނގަޅު އެންމެހައި ކަންކަމުން އެނގެނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދޭންޖެހިފައިވާ މިންވަރެވެ. ޒުވާން ފުރާއަށް އަޅައިގެން އަންނަ ދުވަސްވަރު، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިތުނަވެރި އެންމެހައި ފިކުރުތަކުން، އެ ކުދިންގެ ސިކުނޑިތައް ތަޣައްޔަރުކުރިޔަ ނުދިނުމަށްޓަކައި، އޯގާތެރިކަމާއި، ކުލުނާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ މަތިވެރި ސިފަތަކަށް، އެކުދިން ހާނުވަން ޖެހިފައިވާ މިންވަރެވެ. މިއީ، މިއަދު ކޮންމެ މަންމައަކާއި ކޮންމެ ބައްޕައެއް، އަދި ކޮންމެ ބެލެނިވެރިއަކާއި ކޮންމެ މުދައްރިސަކުވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެކެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކުޑަކުދިން ޙިމާޔަތްކޮށް، އެ ކުދިންނަށް ހެޔޮ ގޮތްތައް ހޯދައިދިނުމުގެ ހެޔޮ ތައުފީޤް، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވުމެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ކުޑަކުދިން ތަރުބިޔަތުކޮށް، އެކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަށާއި، ލޯތްބާއި އުފާވެރިކަމުގެ މާޙައުލެއްގައި ދަރިން ބޮޑެތިކުރުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ. އާމީން.