ނީލޯފަރުހިނގުމުގައި ބާރުގަދަ އެއްޗެއް ގޮވައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަނިޔާ ލިބިވަޑައިގަތުމުގެ އިތުރުން، ބައެއް ޢާންމު ރައްޔިތުންނަށް މި ހާދިސާގައި ގެންލުންތަކެއް ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައި މި ހާދިސާއާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިރޭ، މުލިއާގޭގައި ކުރިއަށްދިޔަ މި ކުއްލި ބައްދަލުކުރެއްވުމުގައި، އެ ހާދިސާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، މިކަން ހިނގާދިޔަގޮތް ތަޙުޤީޤުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުން ވަނީ މި ޢަމަލު ކުށްވެރިކުރައްވައި މިކަން ވީ އެންމެ އަވަހަށް ތަޙުޤީޤުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، މިފަދަ ޙާލަތްތަކުގައި ޤައުމުގެ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅެންހުރި ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވެވިއެވެ.