بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ، މި އަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށާއި މަސައްކަތްތެރީންނަށް، އަދި އެމީހުންގެ ޢާއިލާތަކަށް މަރުޙަބާ އާއި ތަހުނިޔާ ފޮނުވަމެވެ.

ކޮންމެ ޤައުމެއްގައިވެސް، މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުންނެވެ. ތަމައްދުންގެ ރީތި ކުލަތަކުން މުޖުތަމަޢު ޒީނަތްތެރިވެ، ނަމޫނާ ޙަޟާރަތެއް ބިނާވެގެން ދަނީ، އެ މުޖުތަމަޢެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. ޢިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް، ޢަމަލީ ސިފަ ގެނެސްދޭ ބަޔަކީވެސް، އެ މުޖުތަމަޢެއްގެ މަސައްކަތްތެރިންނެވެ. ދިވެހިރާއްޖޭގައިވެސް މަސައްކަތްތެރިން އަދާކުރަމުން އަންނަނީ، ޝުކުރާއި ތަޢުރީފު ޙައްޤު ދައުރެކެވެ.

ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކީ، މަސައްކަތްތެރިއެއްގެ މާނައިގައި ބެލެވޭނެ މީހެކެވެ. އެހެންކަމުން، މަސައްކަތްތެރިންނަކީ މުޖުތަމަޢުގެ ފުރިހަމަ އިޙްތިރާމާއި ޤަދަރު ޙައްޤުވާ ބައެކެވެ. މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޙައްޤުތައް ލިބިދިނުމަށް، މުޅި މުޖުތަމަޢު އެކުގައި މަސައްކަތް ކުރަންޖެހެއެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު، އެމީހުންގެ ޙައްޤުތައް އަދިވެސް ފުރިހަމަނުކުރެވޭކަން ފާހަގަކުރަންޖެހެއެވެ. ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމާއި، މަސައްކަތް ކުރުވުމަށްފަހު، އެމީހުންގެ ޙައްޤު އުޖޫރަ ނުދިނުމާއި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ޙާލަތްތަކުގައި، މަސައްކަތްތެރިން ގެންގުޅުން ފަދަ މައްސަލަތައް، މިހާރުވެސް ހިނގަމުންދެއެވެ.

މަސައްކަތްތެރިންނާ ގުޅިފައިވާ މިފަދަ މައްސަލަތައް ޙައްލުކޮށް، އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައްވެސް މި އަންނަނީ ގެންނަމުންނެވެ. އޭގެ ތެރެއިން، މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން މިހާރު ވާނީ ޤާނޫނީ ގޮތުން ލާޒިމް ކުރެވިފައެވެ.

ހަމައެފަދައިން، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، 10 އިންސައްތައަށްވުރެ މަދު ނޫން ޢަދަދަކުން ސަރވިސް ޗާޖް ނެގުމަށާއި، ސަރވިސް ޗާޖްގެ ގޮތުގައި ނަގާ ފައިސާ، މުވައްޒަފުންނަށް ދިނުމަށް، ޤާނޫނުގައި މިހާރުވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުންވެސް، މަސައްކަތްތެރިންގެ ޙައްޤުތައް ލިބިދިނުމަށްޓަކައި، ކޮންމެހެން ގެންނަންޖެހޭ ބައެއް ބަދަލުތައް މިހާރު ވާނީ ޤާނޫނުގައި ހިމަނައިފައެވެ.

މިހާރު ކުރިމަތިވެފައިވާ ކޯވިޑުގެ ނުރައްކާތެރިކަމުގެ ތެރޭގައިވެސް، ޤައުމުގެ އިޤްތިޞާދު ކޮޅަށްޖެހުމުގައި މަސައްކަތްތެރިން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އޭގެ ތެރެއިންވެސް، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަންޖެހެއެވެ. އަދި ހަމަ މި ދަތިކަމުގެ ތެރޭގައި، ގިނަ ޢަދަދެއްގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަކަންވެސް ފާހަގަކޮށްލަމެވެ. އެފަދަ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމުގެ ގޮތުން، 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވާނީ، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވައިދީފައެވެ.

ޤައުމެއްގެ ތަރައްޤީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ޤައުމެއްގެ އަމިއްލަ ދަރިން، ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ޙަވާލުވެގެންނެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް، ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު، ޤައުމު ތަރައްޤީކުރަން ފަށައިފިނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްޤީއެއް ހޯދޭނެކަން ޔަޤީނެވެ.

ކޮންމެ މީހަކުވެސް ބުރަ މަސައްކަތްކޮށް، ގައިން ދައު އޮހޮރުވަނީ، ވަރަށް މަތިވެރި ޢަޒުމެއްގައެވެ. ވަރަށް ފޮނި އުންމީދެއްގައެވެ. އެއީ، އުފާވެރި ތަނަވަސް ދިރިއުޅުމެއް ހޯދުމެވެ. މިއަދަކީ އެ ވަރުގަދަ ޢަޒުމްގައި މަސައްކަތްކުރާ މީހުންގެ ޢީދު ދުވަހެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންނަށާއި، ވަޒީފާ އަދާކުރާ އެންމެންނަށް، ވަރަށް އުފާވެރި ބާއްޖަވެރި ތަނަވަސް މުސްތަޤުބަލަކަށް އެދެމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ޤައުމު ބިނާކުރުމުގެ ގޮތުންނާއި، އަމިއްލަ ދިރިއުޅުން އާރާސްތުކުރުމުގެ ގޮތުން، ވަޒީފާ އަދާކޮށް މަސައްކަތްކުރާ އެންމެންގެ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ހެޔޮ ތައުފީޤު ދެއްވުމެވެ. މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް މިކުރާ މަސައްކަތް ކާމިޔާބު ކުރައްވައި، ހުރިހާ މަސައްކަތްތެރިންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށިއެވެ! އާމީން.