ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވައިފާ ވަނީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އަދި، މިގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މިފަދަ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން ޝާމިލުކުރުމަށް މަސައްކަތްކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި އެމަނިކުފާނުގެ އުންމީދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރީންނަށް ޤުރުއާން އުނގަންނައިދިނުމަށް ހުރި ދަތިކަން ފިލުވައިލުމަށް މި ފަހިވެގެން ދިޔަ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގިނަ ޢަދަދެއްގެ ދިވެހިން މި ޕްރޮގްރާމްގައި ބައިވެރިވެ އޭގެ ފައިދާ ލިބިގަތުމެވެ. އަދި، އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓްރީއާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކުރައްވަމުންދާ މިފަދަ މަސައްކަތްތައް ފާހަގަކޮށް، މިއަދު މި ފެށި ޕްރޮގްރާމް މެދުކެނޑުމެއްނެތި ރަނގަޅަށް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ގޮވާލައްވާފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދާ ދިވެހި ދަރިވަރުންނަށް ޤުރުއާން އުނގެނުމަށް އޮތް ފުރުޞަތު ހަނި ވުމުގެ ސަބަބުން ޤުރުއާން އުނގެނުމަށް ދިމާވެފައިވާ ދަތިކަން ފިލުވާލައި، ދިވެހީންނަކީ ޤުރުއާނަށް އަހުލުވެރި ބަޔަކު ކަމުގައި ހެދުމެވެ. އަދި، ރާއްޖެއިން ބޭރުގައި ތިބި ދިވެހީންނަށް ވެސް އެ ޤައުމުތަކުގައި ތިބެ ޤިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިގޮތުން މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފެށިގެން މިދަނީ ތިން ލެވެލްއެއްގެ ކްލާސްތަކެވެ. އެއީ އަކުރު އުނގަންނައިދިނުމުގެ ކްލަސްތަކާއި، ފިލި އުނގަންނައިދިނުމުގެ ކްލާސްތަކާއި، ކަލިމަތައް އުނގަންނައިދިނުމުގެ ކްލާސްތަކެވެ. މި ޕްރޮޤްރާމްގައި މިހާތަނަށް މެލޭޝިޔާ އިން 25 ބައިވެރިން، ސްރީލަންކާއިން 14 ބައިވެރިން އަދި، އިންޑިޔާ އިން 8 ބައިވެރިން ރަޖިސްޓަރީ ކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުގެ އިތުރުން މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް ޢަލީއާއި، ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު އަސްލަމް ޝާކިރާއި، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ޙުސައިން ނިޔާޒް ވަނީ ވާހަކަފުޅުދައްކަވާފައެވެ.