ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ގ. ޕާރނިސް ލޯޖެހި އަޙްމަދުމަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ޚަބަރު އެއްސެވީ، ވަރަށްފުން ހިތާމައާ އެކުގައި ކަމަށާއި، މި ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން، ޢާއިލާގެ އެންމެހައި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ.

ލޯޖެހި އަހްމަދު މަނިކު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު ރޭ އިރާކޮޅު އިންޑިޔާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.

އަލްމަރްޙޫމް ލޯޖެހި އަޙްމަދު މަނިކަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު 1961 ވަނަ އަހަރު [ބީޗްވިލާ“ ހިންގަވަން ފެށްޓެވި ދުވަސްވަރު، [ބީޗްވިލާ“ އިން އުފައްދައި މަޝްހޫރުވެގެންދިޔަ ފިނިބުއިމެއް ކަމަށްވާ [ޑޮންޑޮން“ ފުޅިފުޅިއަށް އަޅުއްވައި ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ، ލޯޖެހި އަޙްމަދުމަނިކެވެ.

ވިޔަފާރީގެ ގޮތުގައި މިމަސައްކަތް އަމިއްލަފުޅަށް ކުރައްވަން ފެށްޓެވުމުގެ ޢަޒުމް އަޙްމަދު މަނިކުގެ ހިތްޕުޅުގައި އަބަދުވެސް އޮވެއެވެ. އެކަން ޙަޤީޤަތަކަށް ވެގެންދިޔައީ 1982 ވަނަ އަހަރުއެވެ. މިކަމުގައި އެންމެބޮޑަށް ފާހަގަކުރެވޭކަމަކީ، އަމިއްލަ ފޯމިއުލަރއެއް ބޭނުންކުރައްވައިގެން، މި ބުއިންތައް އުފައްދަވަން ފެށްޓެވި ފެށްޓެވުމެވެ. [ތްރީ ޗޮއިސް“ގެ ނަމުގައި ރާއްޖެއަށް މަޝްހޫރުވި ފިނިބުއިންތައް ތައްޔާރު ކުރެއްވުމުގެ މަސައްކަތް އޭރު ފެށްޓެވީ ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެންނެވެ.

އިޤްތިޞާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1997 ވަނަ އަހަރު ލޯޖެހި އަޙްމަދު މަނިކަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން 2009 ވަނަ އަހަރު ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.

އަލްމަރްޙޫމް ލޯޖެހި އަޙްމަދުމަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން، ގަލޮޅު އަވަށުގެވެސް ވަރަށް އިސް ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކުރެވޭ ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަޙްމަދު މަނިކަކީ، ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި އެކްލަބަށް ބޮޑެތި ޤުރްބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ.