بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ދަރުމައާއި ޘަވާބު ހޯދުމުގެ ނަސީބުވެރިންކަމުގައި، އަޅުގަނޑުމެން ލެއްވިކަމަށްޓަކައި، ދީލަތިވަންތަ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރާ ޙާލު، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، މި މާތް މައްސަރުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުންނަށްވެސް، މި ބަރަކާތްތެރި މައްސަރުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.

މުޅި ދުނިޔެ، އެކަކު އަނެކަކަށް، އަދި އެއް ޤައުމު އަނެއް ޤައުމަށް، އެހީތެރިވެ އެއްބާރުލުމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އަންނަ މިފަދަ ދުވަސްވަރަކާއި، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އިއްތިފާޤުވެގެން އައުމަކީ، އަޅުގަނޑުމެން ފަދަ އިސްލާމީ މުޖުތަމަޢަކަށް ނުހަނު ގިނަ ކަންކަން ހަނދާންކޮށްދީ، އެތައް ޢިބްރަތްތަކެއް ލިބިދޭ ކަމެކެވެ. ރަމަޟާން މަސް، އަޅުގަނޑުމެންނަށް އުނގަންނައިދޭ އެންމެ މުހިންމު ފިލާވަޅަކީ، ދަތިކަމާއި ނިކަމެތިކަމުގައި ދިރިއުޅޭ އެހެން އިންސާނުންގެ ޙާލަތު އިޙްސާސްކޮށް، އަނެކުންނަށް އެހީތެރިވެ އޯގާތެރިވުމުގެ ރޫޙު އަށަގެންނެވުމެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބުރޫ އަރައިފިއެވެ. އިޤްތިޞާދަށް ލޮޅުން އަރައި، ފަރުދުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ އީމާންތެރިކަމާއި އިސްލާމީ އެއްބަނޑުއެއްބަފާކަމުގެ ވަރުގަދަ ގުޅުމުގެ ސަބަބުން، މި ބަލިމަޑުކަމުގެ ތެރޭގައިވެސް، އަޅުގަނޑުމެންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫޙު އިތުރަށް އާލާވެއްޖެއެވެ.

މިއަދު އަޅުގަނޑުމެންނާ މި ބައްދަލުކުރީ، اللهُ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަމުގެ ޢަޤީދާގެ އަލީގައި، އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަކޮށް، އެކަލާނގެ އަޅުތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް، ނަފްސުތައް ހާނުވައިދޭ ރޫޙާނީ މައްސަރެކެވެ. އެހެންކަމުން މި ބަރަކާތްތެރި މޫސުމުގެ މަންފާ އެންމެ ހެޔޮގޮތުގައި ޙާޞިލުކުރުމަށްޓަކައި، ރޯދައިގެ އަޅުކަން ފުރިހަމަކޮށް، ގިނަގިނައިން ޤުރްއާން ކިޔަވައި، ރޭއަޅުކަންކޮށް، ޞަދަޤާތް ދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.

ދުޢާ އިޖާބަކުރެއްވުމުގެ މި މަތިވެރި މޫސުމުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރައްވައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ދުޅަހެޔޮކަމާއި ޞިއްޙަތު ރައްކާތެރިކޮށްދެއްވުން އެދި، ގިނަގިނައިން ދުޢާ ކުރުމަށް ނަޞޭޙަތްތެރިވަމެވެ. މިފެށުނު ބަރަކާތްތެރި ރަމަޟާން މަހަކީ، އަޅުގަނޑުމެންގެ ރާއްޖެއަށާއި، މުޅި އިސްލާމީ އުންމަތަށް، ހުރިހާ ގޮތަކުންވެސް ބާއްޖަވެރި، އުފާފާގަތިކަމުން ފުރިގެންވާ މައްސަރެއް ކަމުގައި ލައްވައި، ހެޔޮގޮތުގައި ރޯދަ ހިފައި، ރޫޙާނީ އާރޯކަން އިތުރުކުރުމުގެ ހެޔޮ ނަޞީބު ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި އިބްތިހާލްވެ ދުޢާ ދަންނަވަމެވެ.