بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ޢަމްރޫ ރަޝާދު، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަރީފް، އަދި އެސް.ޓީ.އޯ.ގެ އިސްވެރިންނާއި، މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުން، އަދި މި ޙަފްލާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިފަދަ މުހިންމު ޙަފްލާއެއް ފެށުމުގެ މި ރަސްމިއްޔާތުގައި އަޅުގަނޑަށް ބައިވެރިވެވޭ ކަމަށްޓައި އެކަމާ އުފާކޮށް، ވަކިން ޚާއްޞަކޮށް، އެސް.ޓީ.އޯ.އަށް އަޅުގަނޑު މިކަމުގައި ޝުކުރު ދަންނަވަން.

އާދެ، ޤައުމީ މިފަދަ މުހިންމު މަސައްކަތެއް، ޤައުމަށް ނުހަނު ބޭނުންތެރިކަމެއް ފެށްޓެވީތީވެ، އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑައިރެކްޓަރަށާއި، އަދި މިކަމުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ މައި ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ވަޢުދަކީ، ދިވެހިރާއްޖެއަށް، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުން. އާދެ، ޒުވާނުންނަކީ ޤައުމުގެ ހުރިހާ ދާއިރާއެއްގައި ޤައުމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެވޭނެފަދަ ޤާބިލު ބަޔަކަށް ހެދުން.

އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހި ސަރުކާރުން މި އަހަރުވެސް އެންމެ ބޮޑު ހޭދައެއް ކުރެވޭ އެއް ދާއިރާއަކަށް ވެގެން މިދަނީ ޞިއްޙީ ދާއިރާ. އާދެ، އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ، އަބަދު ޤައުމެއް، އެހެން ބައެއްގެ މައްޗަށް ބަރޯސާވެފައި އޮވެގެނެއް އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް، ބޭނުންވާ ހިސާބަކަށް އަޅުގަނޑުމެންނަކަށް ޤައުމައިގެން ނުދެވޭނެ. ޙަޤީޤަތުގައި މި ކަންތައްތަކަކީ މިއީ، އަޅުގަނޑު ޤަބޫލުކުރަނީ ކުރަން މާބޮޑަށްވެސް ލަސްވެފައި އޮތް ކަންތައްތަކެއް ކަމަށް. ޤައުމަށް ބޭނުންވާ، ޚާއްޞަކޮށް، ޓެކްނިކަލް ދާއިރާތަކަށް ޒުވާނުން ބިނާކުރުމުގެ މަސައްކަތަކީ އެއީ، ކޮންމެހެން ކުރަންޖެހޭ ކަމެއް.

އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުންވެސް އަޅުގަނޑުމެންނަށް ފާހަގަވެގެން ގޮސްފި، ރާއްޖޭގެ އަތޮޅުތަކުގަޔާއި އަދި މާލޭގައި މި ދާއިރާތަކުގައި މީހުންގެ ނިސްބަތުން ކިތައް ދިވެހިންތޯ މަސައްކަތް ކުރަނީ. އަޅުގަނޑު މީގައި ދަންނަވާލަން ބޭނުންވަނީ، ސަރުކާރުގެ ސިޔާސަތު އަދި ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ވަޢުދު ކަމަށްވާ ދިވެހިން ބިނާކުރުން، އާދެ، އެކި ދާއިރާތަކަށް ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުމުގެ މަސައްކަތުގެ ހެޔޮ ނަތީޖާ އިރާދަކުރެއްވިއްޔާ، ދިވެހިރައްޔިތުންނަށް ފެނިގެންދާނެއޭ.

އާދެ، މިއަދު އަޅުގަނޑުމެން ހަމަ ބަލައިލަން އެބަޖެހޭ، ދިވެހިރާއްޖެ ދަތުރު މި ކުރަނީ ވަރުގަދަ ލާމަރުކަޒީ ނިޒާމަކަށް. އަޅުގަނޑުމެންގެ އަތޮޅުތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ރަށުން، އަތޮޅުން ދެވޭ ޚިދުމަތްތައް ފުޅާކޮށް، ފަސޭހައިން ފޯރުކޮށްދިނުމަކީ އެއީ ދިވެހި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު. އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް އެކަމަކަށް މަސައްކަތް ކުރައްވާ އެއްކަމަކީ، ރައްޔިތުންނަށް މި ދެންނެވިގޮތަށް، ގާތުން، ރަށުން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން.

އާދެ، ޞިއްޙީ ދާއިރާއަށް ބަލައިފި ކަމަށްވަންޏާ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އަބަދުވެސް ފެނިގެން މިދަނީ ޚިދުމަތާ ހަމައަށް މީހުން އަންނަތަން. އާދެ، ވަރަށްބޮޑު ތަކުލީފެއް ދިވެހިރައްޔިތުންނަށް މި ޖެެހެނީ. ރަށުން ފުރައިގެން މާބަނޑު އަންހެނުންނާއި، އަދި އެނޫންވެސް ވަރަށް ބޮޑެތި ބަލިތަކުގެ މީހުން މިޖެހެނީ ޚިދުމަތާ ހަމައަށް ވަރަށް ދުރަށް، ދުރު ދަތުރެއް ކުރަން.

އާދެ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ބޮޑެތި ބަދަލުތަކެއް މިވަނީ ގެނެވިފައި. ޚާއްޞަކޮށް، ޞިއްޙީ ދާއިރާއަށް ދިވެހިރާއްޖޭގެ އުތުރާއި ދެކުނާއި، މެދުރާއްޖެތެރޭގައި އެ ދެވުނު ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެ. އިރާދަކުރެއްވިއްޔާ، މިގޮތަށް މި ޚިދުމަތް ރަށުގައި ތިބެގެން ލިބިގެންދާނެކަމީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫން.

އާދެ، އަޅުގަނޑުމެން ހަމައެކަނި ވޭތުވެދިޔަ ދެ އަހަރަށް ބަލައިފިކަމަށްވަންޏާ، އާދެ، މާލެ ނައިސް ގާތްގަނޑަކަށް ތިންހާސްވަރަކަށް އެމް.އާރު.އައި ސީ.ޓީ.ސްކޭން މިވަނީ ހެދިފައި. އަދި ތޭރަސަތޭކައެއްހާ އެމް.އާރު.އައި ހެދިފައި އޮތްކަން މިއީ މިކަންތައް ފޯރުކޮށް ނުދެވުނުނަމަ، ބޮޑުކަނޑެއް ކަޑައްތުކޮށްފައި، ތަކުލީފުތަކަކާއެކު މާލެ އަންނަން ޖެހޭނެ ކަމެއް.

އެހެންވީމާ، އަޅުގަނޑުމެންނަށް މި ފެންނަނީ މިފަދަ މުހިންމު ޕްރޮގްރާމްތަކުގެ ސަބަބުން، ކުރީގައި މި ދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެ ފަސޭހަކަން ލިބި، ރަށުގައި ތިބެގެން ރަނގަޅު ފަރުވާތަކެއް ލިބިގެންދާނެތަން.

އާދެ، އަޅުގަނޑު މީގައި ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ދިވެހިރާއްޖެ ލާމަރުކަޒުވެގެން ދާއިރު، ހިންގުން ހަރުދަނާވެގެން ދާއިރު، ހޮސްޕިޓަލުތަކުގެ ހިންގުން ހަރުދަނާކޮށް، ރަނގަޅު ޚިދުމަތްތަކެއް ދިނުމަށްޓަކައި، ޚާއްޞަކޮށް، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް އަދި މިނިސްޓްރީ އޮފް ހެލްތުގެ ޓީމުން އެ ކުރައްވާ މަސައްކަތް. އެ މަސައްކަތް އަޅުގަނޑު ހަމަ ފާހަގަކޮށް، އެ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން ބޭނުންވޭ.

އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި އެ ބޭނުންވާ ތަކެތި ފޯރުކޮށްދީ، އެންމެ ބޭނުންތެރި ކަންތައްތައް ކޮށްދިނުމަށްޓަކައި، ރެޔާއިދުވާލު އެސް.ޓީ.އޯ.އިން ކުރާ މަސައްކަތް އަޅުގަނޑު ހަމަ ފާހަގަކޮށް، ޚާއްޞަކޮށް، އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ޢަމްރޫ ރަޝާދަށާއި އަދި އެސް.ޓީ.އޯ.ގެ އެ ޓީމަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެމް.އެން.ޔޫ.އަކީ އަޅުގަނޑުމެންގެ މީހުން ބިނާކުރުމަށްޓަކައި، އަޅުގަނޑުމެންގެ އެންމެ ވަރުގަދަ މުއައްސަސާ. ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް، އެކި ކަންތައްތަކަށް، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެން މީހުން އުފެއްދުމަށްޓަކައި ވަކިން ޚާއްޞަކޮށް، އެމް.އެން.ޔޫ.އިން ކުރާ މަސައްކަތް ފާހަގަކޮށް، އެމް.އެން.ޔޫ.ގެ ޗާންސެލަރަށާއި އަދި ވައިސް ޗާންސެލަރަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ސަރުކާރުން މިކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނެއޭ. ދިވެހިރާއްޖޭގެ ރަށްތައް ވަރުގަދައަށް، ރަނގަޅަށް ގާތުން ރައްޔިތުންނަށް އެ ބޭނުންވާ ގޮތަށް ހިންގި އަދި ޚިދުމަތްތައް، ވަކިން ޚާއްޞަކޮށް، ދުޅަހެޔޮ ޞިއްޙަތެއްގައި ދިވެހިން ތިބުމަށްޓަކައި ރައްޔިތުންނާ ގާތުން ޞިއްޙީ ފަރުވާ ލިބިގެންދާނެ ދުވަސް އިރާދަކުރެއްވިއްޔާ މިއަށްވުރެވެސް ފުޅާކޮށް އަދި ކުރިއަށް އޮތްތާނގައި ތަނަވަސްވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ހުރިހާ ދިވެހިންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭ ބަޔެއްގެ ގޮތުގައި ލައްވައި އަދި އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލެއްވުން. އަދި ދިވެހިރާއްޖެއަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.