بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


މުޖުތަމަޢުގެ ކޮންމެ ދާއިރާއެއްގައިވެސް ހަމަހަމަކަމާއެކު ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު، ކޮންމެ އަންހެނަކަށްވެސް ލިބިގެންވާނެކަމަށް އަޅުގަނޑުމެންގެ ސަރުކާރުން ޤަބޫލުކުރަން. އިސް މަޤާމުތަކުގައި އަންހެނުންގެ އަދަދު އިތުރުކުރުމާއި، އަދި މުޖުތަމަޢުގެ ކަންކަން ނިންމުމުގައި، އަންހެނުންގެ ދައުރު ފުޅާކުރުން މުހިންމުކަމުގައި ދެކެން. މުޖުތަމަޢުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައް ސަރުކާރުން މިހާރު ވާނީ ތަޞްދީޤުކޮށްފައި. އެ ބަދަލުތަކުގެ ސަބަބުން، ކޮންމެ އަތޮޅު ކައުންސިލަކާއި ކޮންމެ ރަށު ކައުންސިލެއްގެ، ތިންބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ޚާއްޞަ ވެގެންދާނެ. އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއެކު މިކަން ވަރަށް އަވަހަށް ޙަޤީޤަތަކަށް ވާނެކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ޤާނޫނީ ގޮތުން ގެނައި މި ބަދަލުގެ ސަބަބުން، އެމީހަކު ދިރިއުޅޭ މުޖުތަމަޢެއްގެ ކަންކަން އިދާރީގޮތުން ރާވައި ހިންގުމުގައި އަންހެން ކައުންސިލަރުންގެ ޢަމަލީ ބައިވެރިވުން ލިބޭނެކަން ކަށަވަރުވެގެންދާނެ.

އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވެދިނުމުގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގާ އަންހެނުންނަށް ފަސޭހައިން ލޯނު ލިބޭނެ މަގުފަހިކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް. ހަމަ އެފަދައިން، މިންތީ ގޯނާތައް ފަދަ، އަންހެނުންނާ ނުއެކަށޭނަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކޮށްދިނުމަކީވެސް ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް.

މުޖުތަމަޢުގައި އަންހެނުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުމަށް މިދުވަސް ފާހަގަކުރާއިރު، މިންތީ ހަމަހަމަކަން އެދެވޭގޮތުގައި ހާސިލުކުރުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އަޅުގަނޑުމެން ޤަބޫލުކުރަން. ސަރުކާރުގެ ހުރިހާ ފަންތިއެއްގައި އަންހެންނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތްކުރާނަން.