بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ކޯވިޑް-19ގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިމަތިވި ދަތި އުނދަގޫ 10 ވަރަކަށް މަސްދުވަހަށްފަހު، މިއަދަކީ، اللهُ سُبْحَانَهُ وَتَعَالَىގެ ރަޙްމަތްފުޅުން، މި ބަލިން ސަލާމަތްވުމުގެ އުންމީދު، އަޅުގަނޑުމެންނަށް އައުވެގެންދާ ދުވަހެއް.

މިއަދަކީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބޭ ދުވަސް. އެކަމަށްޓަކައި އެންމެ ފުރަތަމަވެސް اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން.

މިއަދު މި ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއް. އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ކޯވިޑް-19 ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، މިބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ޞިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން މިއަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ޤައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ވާނީ ފަށާފައި.

އެކަން ހާސިލުކުރުމަށްޓަކައި، މިއަދާ ހަމައަށް އައިއިރު، ކުރެވުނު މަސައްކަތުން މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައި. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން.

ވޭތުވެދިޔަ 10 މަސްދުވަހަކީ، ކޯވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރި ދުވަސްތަކެއް. އެތައް ބައެއްގެ ވަޒީފާ ގެއްލުނު. އެތައް ޢާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެ. ވިޔަފާރިތައް ހުއްޓުމަކަށް ގެނުވި. މިސްކިތްތަކާއި ސްކޫލްތައް ބަންދުކުރަން ޖެހުނު. ޢާއިލާތަކުގެ މެންބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެންޖެހުނު. ދަތުރުފަތުރު ހުއްޓި، އަސާސީ އެތައް ޚިދުމަތަކަށް ބުރޫއެރި.

މިއަދު މިލިބޭ އައު އުންމީދާއެކީވެސް، އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި. އަޅުގަނޑުގެ މިއަދުގެވެސް އިލްތިމާސަކީ، ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަޅުގަނޑުމެންގެ ޢަމަލުތައް އަދިވެސް ބެހެއްޓެވުން. ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ. ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވައިލައްވާ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިއްބެވުމަށާއި، ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދެއްވާ.

اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއި އޯގާވަންތަކަމުން، މިބަލީގެ ނުރައްކާތެރިކަމުން އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ސަލާމަތް ވެވޭނެ. ކޯވިޑްގެ ނުރައްކަލުން ސަލާމަތްވެ، ޤައުމު އަލުން އާރާސްތުކޮށް، އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.