بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ، ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަޢުދު ޙުސައިން، ރައްޔިތުންގެ މަޖިލީހުގެ ހުވަދުއަތޮޅު އުތުރުބުރީ ރައްޔިތުންނަށް ނިސްބަތްވާ ޢިއްޒަތްތެރި މެންބަރުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ކުންފުނިތަކުގެ އިސްވެރިން، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން، ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރީ ކައުންސިލް، އަދި ރަށު ކައުންސިލުތަކުގެ މެންބަރުން، މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ލޮބުވެތި ރައްޔިތުން، ދުރު އަތޮޅުތަކުން، އަތޮޅުތަކުގެ ކައުންސިލުން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި މެންބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް ސުނާމީ ކާރިސާގައި، 2004 ވަނަ އަހަރު ޑިސެންބަރު މަހުގެ 26ވީ ދުވަހު އަޅުގަނޑުމެންނާ ވަކިވެގެންދިޔަ އެންމެހައި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ކިބަފުޅުގައި އަޅުގަނޑު ދުޢާ ދަންނަވަން. އަދި ހަމައެއާއެކު، އެ ޢާއިލާތަކަށް، އެންމެހައި ފަރާތްތަކަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާކުރަން.

އާދެ، އަޅުގަނޑުމެން މިއަދު އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި މި ދުވަސް އާދެ، 26 ޑިސެންބަރު ފާހަގަކުރަނީ، އާދެ، މީގެ 15 އަހަރު ކުރިން، 2004 ވަނަ އަހަރުގެ އެ ދުވަސް ވެގެންދިޔައީ، އަޅުގަނޑުމެންގެ މުޅި ޤައުމަށް، ދިވެހިރާއްޖޭގެ އެތަކެއް ޢާއިލާތަކަށް، ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކަށް އާދެ، ދުވަހަކުވެސް ނުދެކޭފަދަ ކަޅު އަނދިރި، ނާމާން، ވަރަށް ހިތާމަވެރި ދުވަހަކަށް. އާދެ، 108 މީހުން ދުނިޔެދޫކޮށް، އެތައް ޢާއިލާތަކެއްގެ ގެދޮރު ނެތިފަނާވެ، އެތައް ރައްޔިތުންތަކަކަށް ވަރަށް ބޮޑެތި، ގިނަގުނަ ގެއްލުންތަކެއް ލިބުނު.

އާދެ، މިއީ އަޅުގަނޑުމެންގެ ދިވެހި ޤައުމުގެ ތާރީޚުގައިވެސް އަޅުގަނޑުމެންގެ ރައްޔިތުން ނުދެކޭފަދަ ހިތާމަވެރި ދުވަހެއް. އާދެ، އެ ދުވަހު އަޅުގަނޑުމެންނަށް ފެނިގެންދިޔަ އެކުވެރިކަމަކީ، އެއްބައިވަންތަކަމަކީ އެއީ އަޅުގަނޑުމެން ފާހަގަކުރަންޖެހޭފަދަ ކަމެއް. އާދެ، އެދުވަހު ފެނިގެންދިޔައީ، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރިވެތި މިސާލު. އެކަކު އަނެކަކަށް މަދަދުވެރިވުމުގެ ރިވެތި ނަމޫނާ. އަޅުގަނޑުމެން ދިވެހީންނަކީ އެއްބައިވަންތަ ބައެއްކަން، އަޅުގަނޑުމެން އެދުވަހު ވަނީ ވަރަށް ފުރިހަމައަށް ދައްކުވައިދީފައި.

އާދެ، އަޅުގަނޑުމެންނަކީ އެކުވެރި ބައެއްކަން، އަޅުގަނޑުމެންގެ ދިވެހިންވަނީ އެދުވަހު ދައްކުވައިދީފައި. އާދެ، މި ޖަލްސާ ފެށިގެންދިޔައިރު، އާދެ، ކީރިތި ޤުރްއާނުގެ އެ މޫރިތި އާޔަތްތަކުން، آل عمران ސޫރަތުގެ 103 ވަނަ އާޔަތުން، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މި އަންގަވާފައި ވަނީ އެކުވެރިންތަކެއްގެ ގޮތުގައި، އަޚުންތަކެއްގެ ގޮތުގައި އަޅުގަނޑުމެން ވުމަށް. އަޅުގަނޑުމެން ޢަދާވާތްތެރިކަން ދޫކޮށްލުމަކީ، އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެ، އަބަދުވެސް އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭނެ ކަންތައް. އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އަންގަވާފައިވަނީ އެކަން.

އާދެ، އަޅުގަނޑުމެން އެކުވެރިކަމާއި އެއްބައިވަންތަކަން، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި އަޅުގަނޑުމެން ދައްކަން އެބަޖެހޭ. އަޅުގަނޑުމެންގެ ޢާއިލާތަކުގެ މެދުގައި، އަޅުގަނޑުމެންގެ ގޭތެރޭގައި، އަޅުގަނޑުމެންގެ އޮފީސް މާޙައުލުގައި، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި، އަޅުގަނޑުމެން މިފަދަ އެއްބައިވަންތަކަމެއް، އެކުވެރިކަމެއް، އެހީތެރިވުން، މަދަދުވެރިވުން އަޅުގަނޑުމެން ދައްކުވައިދެން އެބަޖެހޭ.

އާދެ، އަޅުގަނޑުމެންގެ ހަނދާނަށް އަންނަނީ، އަޅުގަނޑުމެން ކުޑައިރުވެސް އަޅުގަނޑުމެން ކިޔާ ފޮތެއްގައި އޮންނާނެ. "އެންމެ ދަނޑިބުރިއެއް ވަރަށް ފަސޭހަކަމާއެކު ބިންދައިލެވޭނެ." އެކަމަކު ތިން ދަނޑިބުރި އެއްކޮށްފި ކަމަށްވަންޏާ، އެ ބިންދައިލުމަކީ އެއީ ފަސޭހަކަމަކަށް ނުވާނެ. މިއަދު ޢިއްޒަތްތެރި މެންބަރާއި އަދި އަތޮޅު ކައުންސިލުގެ ރައީސް ތިޔަ ވިދާޅުވި ކަންތައްތައް އަޅުގަނޑުމެން ހާސިލުކުރުމަށްޓަކައި އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަކީ، އެކުގައި މަސައްކަތް ކުރުން. އަޅުގަނޑުމެންނަށް ތަރައްޤީ ހޯދޭނެ. އަމާންކަންވެސް ހޯދޭނީ، ރަނގަޅު ރައްޔިތެއް އަޅުގަނޑުމެންނަށް ބިނާކުރެވޭނީ، ސުލޫކުގެ އަޚުލާގު ރަނގަޅު ދަރިންތަކެއް އަޅުގަނޑުމެންނަށް ތަރުބިއްޔަތު ކުރެވޭނީ، އެކުގައި މަސައްކަތް ކުރެވިގެން. އެކަން ނުކޮށެއް، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ނުކޮށް ދޫކޮށްލާފައި، ތަރައްޤީއަކީ އެއީ އަމާންކަމަކީ ހަމަޖެހުމަކީ އެއީ އަޅުގަނޑުމެންގެ ފަހަތުން އަންނާނެ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް ލިބިފައި ހުރި ފިލާވަޅުތައް، އަޅުގަނޑުމެންގެ ކާބަފައިން ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެންނަށް ދައްކުވައިދީފައި ހުރި ރިވެތި މިސާލުތައް އަޅުގަނޑުމެން ދަމަހައްޓަން އެބަޖެހޭ.

އާދެ، އަޅުގަނޑު ފާހަގަކޮށްލާނަން، މިއަދުވެސް އަޅުގަނޑުމެން ތަޙައްމަލު ކުރަމުން މިދަނީ ދަތި ވަގުތުތަކެއް. ދުނިޔެ ދުވަހަކުވެސް ނުދެކޭފަދަ ދަތި އުނދަގޫ ވަގުތުތަކެއް. ވަރަށް އުނދަގޫގޮތަކަށް އަޅުގަނޑުމެން ވަރަށް ދުރުދުރުން، އަޅުގަނޑުމެން މިއަދު މި ރަށަށް ފޭބިއިރުވެސް ހަޤީޤަތަކީ އަޅުގަނޑުމެންނަށް އުދަނގޫވި، އަޅުގަނޑުމެން މިއަދު މި އުޅެންޖެހޭ ގޮތަކީ އެއީ ފަސޭހަގޮތެއް ނޫން. އެހެންނަމަވެސް، އެ ވަގުތަކާއި އެ ޙާލަތަށް ރިޢާޔަތްކޮށް، އެކަމަކުން އަރައިގަތުމަށްޓަކައި، ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަކީ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

އާދެ، ތިޔަބޭފުޅުން ވިސްނައިވަޑައިގަންނަވާ، މި ކޯވިޑް 19ގެ ޙާލަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުން ދައްކަވަމުން ގެންދަވާ އެކުވެރިކަމާއި އެހީތެރިވުމުގެ ނަމޫނާ. ކުރީ ސަފުގައި ތިބެގެން، އެތަކެއް ޞިއްޙީ ޚިދުމަތްތެރިންނާއި، ސަރުކާރުގެ، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ފުލުހުންނާއި ސިފައިންނާއި، އެތައް ބަޔަކު ރެޔާއިދުވާލު އެތައް ސަތޭކަ ދަރުމަވެރިންނެއް، މި ދައްކުވައިދޭ މިސާލަކީ މިއީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން އުޅެންޖެހޭ ގޮތް. އަޚުންތަކެއްގެ ގޮތުގައި އެކުވެރިކަމެއްނެތި ދެކޮޅުވެރިކަންމަތީގައި ތިބޭ ބަޔަކަށް ކާމިޔާބެއް ނުލިބޭނެ. އެއީ އަޅުގަނޑުމެންނަށް އޮތް ޗޮއިސްއެއް ނޫން. ދެކޮޅުވެރިވެގަތުމަކީ އެއީ އަޅުގަނޑުމެންނަށް އޮތް ޗޮއިސްއެއް ނޫން. އަޅުގަނޑުމެން ޖެހެނީ އެކުވެރިކަމާއެކީ، ކޮންމެ ކަމެއްގައި އުޅެން.

އާދެ، އަޅުގަނޑު މި ފުރުޞަތުގައި، މިއަދު ދިވެހި ރައްޔިތުން އެ ދައްކުވައިދޭ ނަމޫނާ، ޚާއްޞަކޮށް، ކޯވިޑް 19ގެ ޙާލަތުގައި އަޅުގަނޑުމެންނަށް މި ލިބުނު ގެއްލުންތައް، ކިޔެވުމުގެ، ސްކޫލުތަކަށް ނުދެވުމުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ގެއްލުންތައް، އިޤްތިޞާދީ ގޮތުން ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ލިބިގެންދިޔަ ގެއްލުންތައް، ގޭގައި ތިބެންޖެހުމުގެ ސަބަބުން އެކިގޮތްގޮތުން ދިމާވި ނަފްސާނީ އެތައް މައްސަލަތަކެއް. އާދެ، މި ކަންތައްތައް ޙައްލުކުރުމަށްޓަކައި، ޙައްލު ހޯދުމަށްޓަކައި، މިކަމުން އަރައިގަތުމަށްޓަކައި އެކުގައި ހުރިހާ ފަރާތްތަކުން ރެޔާއިދުވާލު ކުރާ މަސައްކަތްތަކަށް އަޅުގަނޑު ވަރަށް އިޅްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ވަރަށް ރަނގަޅު ވާހަކައެއް. އަޅުގަނޑު ވަރަށް ކަނުލައި އަޑުއެހިން. ދެބޭފުޅުން ޚިޔާލުތަފާތުވާންޖެހެނީވެސް ބޭނުމަކު. އެއީ އަޅުގަނޑުމެން އެނޫން މޮޅުގޮތެއް ހޯދުމަށްޓަކައި ޚިޔާލުތަފާތުވާންޖެހެނީ. ބަޙުޘްކުރަންޖެހެނީ، މޮޅު ގޮތްތަކެއް ހޯދަން. ރަށަށް، އަތޮޅަށް، ޤައުމަށް ކުރެވޭ ކޮންމެ ރަނގަޅު ކަމެއްގައި ދެކޮޅުހެދުމަކީ އެއީވެސް ކޮށްގެންވާނޭ ކަމެއްނޫން. އަނިޔާވެރިކަމަށް ހިތްވަރު ދިނުމަކީ އެއީ ކޮށްގެންވާނެ ކަމެއްނޫން. އަޅުގަނޑުމެން މުސްލިމުން، އަޅުގަނޑުމެންގެ މައްޗަށް ހަމައެކަނި އޮތީ އިންޞާފު. އިންޞާފުން ކަންތައްތައް ކުރުން. އެއީ އެންމެންގެ މައްޗަށް އޮތްކަމަކީ.

އަޅުގަނޑުމެން އެއްބައިވަންތަކަމުގެ ވާހަކަ ދައްކާއިރު، އެކުވެރިކަމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މިސްކިތުގައި ނަމާދުކުރަނީ ޖަމާޢަތުގައި. ހުކުރުކުރަނީ ޖަމާޢަތުގައި. ޢީދުކުރަނީ ޖަމާޢަތުގައި. އެހެންވީމާ، ޖަމާޢަތުގެ މުހިންމުކަން. އެއްވެސް މީހަކަށް، އެކަކަށްވުރެ ކުރިއަށް، އެއް ސަފެއްގައި ހުރެގެން އެރުމެއްނޯވޭ. އެންމެން އެއް ހަމައެއްގައި. އެހެންވީމާ، ހަމައެކަނި އަޅުގަނޑުމެން މިކަމަށް ފިކުރު ހިންގާލުމުންވެސް، ހަމަހަމަކަން އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ. އިޙްތިރާމުކުރުން، އެކަކު އަނެކަކަށް އޯގާތެރިވުން އެއީ އިސްލާމްދީން އަޅުގަނޑުމެންނަށް ދައްކުވައިދިން އެންމެ ރީތި މިސާލު، ނަމޫނާ، ނަސޭޙަތް. އެގޮތުގައި އަޅުގަނޑުމެން ދެމިތިބެން އެބަޖެހޭ.

އާދެ، މިއަދުގެ ސަރުކާރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މި ސަރުކާރުގެ، ދިވެހިރާއްޖޭގެ ތަރައްޤީގެ ކަންތައްތައް ކުރިޔަށް މިގެންދަނީ، ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުންނާ ގާތުން ދެވޭ ޚިދުމަތްތަކެއްގެ ގޮތުގައި. އެއްވެސް މީހަކު، އެއްވެސް ބަޔަކު، އެއްވެސް ރަށެއް، އެއްވެސް އަތޮޅެއް ބާކީކޮށްލުމަކީ އެއީ މިއަދުގެ ސަރުކާރުގެ ސިޔާސަތެއް ނޫން. އަބަދުވެސް އެކުގައި މަސައްކަތްކޮށް، ނަތީޖާ ހާސިލުކުރުން އެއީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމަކީ.

އާދެ، ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ. ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި، އާދެ، އަޅުގަނޑުމެން ދެ އަހަރުގެ ވާހަކަ ދައްކާއިރު، އަޅުގަނޑު މިއަދު ގެއްލުނު ތަނުގެ ވާހަކަ ނުދައްކަން މި ހުންނަނީ. މި އަހަރު އަޅުގަނޑުމެން ވޭތުކުރި ދުވަސްތައް، އެ ވާހަކަ އަޅުގަނޑު ނުދައްކަން މި ހުންނަނީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، ދިވެހިރާއްޖޭގެ ރަށްތަކަށް ތަރައްޤީ ގެނައުމަށްޓަކައި، ކަންތައްތައް ހާސިލުކޮށްދިނުމަށްޓަކައި، ފަސޭހަ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައިވެސް ވަނީ ކުރެވިފައި. ޚާއްޞަކޮށް، އިޖުތިމާޢީ ދާއިރާގައި، ޞިއްޙީ ކަންތައްތައް، ރާއްޖޭގެ އެކި އަތޮޅުތަކުގައި ތަރައްޤީވެގެން އަންނަ އައުމަކީ އެއީ އަޅުގަނޑު ގަބޫލުކުރަނީ މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާނެ، އެންމެ ފަސޭހަވެގެންދާނެ ކަންތައްތައް.

އާދެ، ހަމައެއާއެކު ތަޢުލީމީ ނިޒާމު ވަރުގަދަކޮށް، ރަށުގައި ތިބެގެން، އަތޮޅުގައި ތިބެގެން، ސިޓީގައި ތިބެގެން، މަތީ ފެންވަރުގެ ތަޢުލީމު ހޯދައިދިނުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެން އެބަދޭ. އަޅުގަނޑުމެންގެ އުންމީދަކީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެން އެންމެން އެކުގައި ކުރެވޭ ހެޔޮ ރަނގަޅު މަސައްކަތްތަކުން އިތުރު ކުރިއެރުންތައް އިރާދަކުރެއްވިއްޔާ މިކަމަށް ލިބިގެންދިއުން.

އާދެ، އަމާންކަން. އަމާންކަން ޤާއިމުކުރުމަށްޓަކައި އަމާން ވެށްޓެއް އެއީ އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަމަކަށްވަނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއަދު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ދިވެހިރާއްޖޭގެ ސިޓީތަކުގައި، ގިނަގުނަ މަސައްކަތްތަކެއް އެކު އެއްކޮށް، ރައްޔިތުންނާ އެއްކޮށް ގުޅިގެން ކުރެވެމުން އެބަދޭ. މި ދަތުރުގައިވެސް އަޅުގަނޑުމެންނަށް މިފަދަ ޕްރޮގްރާމުތަކެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، ވިލިނގިލީ އަދި ހުވަދުއަތޮޅު އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން އޮތީ، ހެޔޮ ކަންތައްތައް ކުރުމުގައި، ރަނގަޅު މަގުން ދިޔުމުގައި، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަމާ ހިނގާށޭ. ވަކި ޚިޔާލެއް ހުރީތީވެ، ރަށަށް އަންނަ ކުރިއެރުމަށް، ޤައުމަށް އަންނަ ހަމަޖެހުމަށް ހުރަސްއަޅާ ބަޔަކަށް، އެއްވެސް ބަޔަކު ނުވަމާ ހިނގާށޭ. އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ މަސައްކަތެއްކޮށް، ކުރިއަށް އޮތް، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި، އެ މަސައްކަތް އަޅުގަނޑުމެން ކުރަމާ ހިނގާށޭ. މިއަދު އަޅުގަނޑުމެންނަށް، އާދެ، މާޒީގައި ފެނިގެންދިޔަ ކަންތައްތަކާއި އަދި މިއަދު ހިނގަމުންމިދާ ކަންތައްތަކަށް ބުރަވެ ތިބެ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޚާއްޞަކޮށް، ތުއްތުކުދީންނަށް މިއަދު މަދަރުސާގައި ކިޔަވަމުންދާ ކުދީންނަށް، އަޅުގަނޑުމެން ނަމޫނާ ދައްކަމާ ހިނގާށޭ. އަޅުގަނޑުމެން މިއަދު ދެއްކި އެއްޗެއް އެކުދީންނަށް ދަސްވެ، މާދަމާ އެކުދީންގެ ފަރާތުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކަންތައްކުރި ގޮތަކުން ދެން ކަންތައްތައް ފެނިގެންދާނީ.

އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ ތަރައްޤީއާއި، ދިވެހިރާއްޖޭގެ ހަމަޖެހުމާއި ކުރިއެރުން، މި މަސައްކަތް ކުރުމުގެ އެންމެ ބޮޑު ޙިއްޞާއެއް، އަޅުގަނޑު ގަބޫލުކުރަނީ އޮތީ އަޅުގަނޑުމެން ދިވެހީންގެ އަތްމަތީގައި ކަމަށް. އެހެންވީމާ، ގުޅިގެން އެކުގައި ޚާއްޞަކޮށް، އަޅުގަނޑު ގަބޫލުކުރަނީ މިފަދަ ދުވަހެއް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، ޢަޒުމު ވަރުގަދަކުރުމަކީ، އެއީ އަޅުގަނޑުމެން ހަމަ ކުރަން އެންމެ ރަނގަޅު ކަންތައް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑަކީ، ކާރިސާތަކުން ސަލާމަތްވެގެންވާ، ރައްކާތެރިވެގެންވާ ފަސްގަނޑެއް ގޮތުގައި ތާއަބަދަށް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަދި ދިވެހީން، އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންނަކީ، ޞިއްޙަތު ރަނގަޅު، ދުޅަހެޔޮ ބައެއްގެ ގޮތުގައި މާތް ﷲ މިންވަރު ކުރެއްވުން. ދިވެހި ޤައުމާއި ރައްޔިތުންނަށް ތާއަބަދަށް ފާގަތިކަމާއި އުފާވެރިކަން މިންވަރު ކުރައްވާށި!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.