بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ރާއްޖެއިން ބޭރަށް އެކިއެކި ޤައުމުތަކަށް ކަނޑައަޅުއްވާފައިވާ ދިވެހި ސަފީރުން، މި މުބާރާތް އިންސާފުކޮށްދެއްވާ ފަނޑިޔާރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިން، ޤުރްއާނާބެހޭ މަރުކަޒުގެ އިސްބޭފުޅުން، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ކައުންސިލްތަކުގެ ރައީސުން، އަދި މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބެލެނިވެރިން، އަދި މި މުބާރާތުގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ދަރިވަރުން، ދުރާއިގާތުން މި ޙަފްލާ ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެފުރަތަމަވެސް، ދަތި އުނދަގޫ ވަގުތެއްގައިވެސް، ޤުރްއާން މުބާރާތް، ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް މި ބާއްވަމުންގެންދާ ޤުރްއާން މުބާރާތް މެދުކެނޑުމެއްނެތި މިވަގުތުގެ ޙާލަތުގައި ބޭއްވެން އޮތް އެންމެ ރަނގަޅަށް ގެންދެވިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރަށާއި، މިނިސްޓްރީގެ އެންމެހައި ބޭފުޅުންނާއި އަދި މިކަމުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެއްވެސްޝައްކެއްނެތް، މި މަސައްކަތަކީ ވަރަށް ޝުކުރު ޙައްޤު މަސައްކަތެއް. އަޅުގަނޑު ހަނދާން އެބަހުރި، މުބާރާތް ބޭއްވުމަށްޓަކައި، އެންމެ ފުރަތަމަ މިގޮތަށް މުބާރާތް ގެންދިއުމަށްޓަކައި މި ވާހަކަ ދެކެވުނު ދުވަސް. އާދެ، އެދުވަހު މިނިސްޓަރާއި އަދި މިނިސްޓަރު އަރިހުގައި ތިއްބެވި ބޭފުޅުން މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި އެ ވިސްނެވިގޮތަށް، އަދި އެއަށްވުރެ މާރަނގަޅަށް މި މުބާރާތް ގެންދިޔަކަމީ އެއީ މިއަދު ވަރަށްބޮޑަށް އެ މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން އެންމެން ޝުކުރު އަދާކުރަންޖެހޭ ކަމެއް.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ފެށުމާއެކު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޚާއްޞަކޮށް، ދީނީއެއްބައިވަންތަކަމާއި އަދި ދީނީކަންކަމަށް ވަރަށް އިސް ސަމާލުކަމެއް ދެއްވާ. އަޅުގަނޑު ވަކީން ޚާއްޞަކޮށް، ފާހަގަކޮށްލަން ބޭނުންވޭ، ސަރުކާރުގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ޚާއްޞަކޮށް، އިޖުތިމާޢީ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި، ތަޢުލީމީ ކަންތައްތައް ވަރުގަދަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ސޯޝަލް ކައުންސިލް އުފައްދަވައި، އެ ކައުންސިލާ ވަރަށްގިނަ ޒިންމާތަކެއް ޙަވާލުކުރެއްވި.

އާދެ، މިއަދު މި ޖަލްސާގައިވެސް ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ހަތަރު ވަޒީރުން އެބަ ބައިވެރިވެވަޑައިގަންނަވާ. އެގޮތުން، ކައުންސިލްގެ މަސައްކަތްތަކުގެތެރޭގައި އެންމެބޮޑު ސަމާލުކަމެއް ދިނުމަކީ އެއީ، ދީނީ ކަންތައްތައް ކުރިއަރުވައި، ޚާއްޞަކޮށް، ދަރިވަރުންނާއި ތުއްތުކުދީންގެ ހިތްތަކުގައި، ޤުރްއާނަށް އޮތް ލޯބި އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި އެއީ ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އަޅުގަނޑުމެން މި ކައުންސިލަށް ދެއްވަމުން ގެންދަވާ އިރުޝާދު.

އާދެ، މި އަހަރު އަޅުގަނޑުމެންނާ ބައްދަލުކުރީ އަދި މިއަދު މި އަހަރުގެ އެންމެފަހު ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާއިރު، ވަރަށް ތަފާތު، ވަރަށްދަތި، ހިތާމަވެރި އުނދަގޫ ކަންތައްތަކެއް އަޅުގަނޑުމެންނަށް މެދުވެރިވެގެން ގޮސްފި. އާދެ، އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ކަމަކުން ފިލާވަޅުތަކެއް ލިބިގެންދޭ. މި އަހަރު އަޅުގަނޑުމެން މިވޭތުކުރި ގޮތްތަކުން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެތެރެއިން އެ ގެއްލުންނުވާ ހަމަ އެންމެ ރައްޔިތެއް، އެއްވެސް ދަރިޔަކުނެތޭ. ޚާއްޞަކޮށް، ތަޢުލީމީ ރޮނގުން އެ ގެއްލިގެންދިޔަ ބަޔަކީ އެއީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ގުނައި އަދަދުނުކުރެވޭވަރުގެ ގެއްލުމެކޭ. އަދި އެހެނިހެން ގޮތްގޮތުން، އިޤްތިޞާދީ ގޮތުން، އިޖުތިމާޢީ ގޮތުން އަޅުގަނޑުމެންނަށް ލިބިގެންދިޔަ ގެއްލުންތަކަކީ އެއީ އަޅުގަނޑުމެން މިއަދު، މާދަމާ އަނެއްކާވެސް އަޅުގަނޑުމެންނާ އާ އަހަރެއް ބައްދަލުކުރާއިރު، އާ ޢަޒުމްތަކަކާއެކު އެ ގެއްލިގެންދިޔަ ކަންތައްތައް ހޯދުމަށްޓަކައި އެންމެން އެކުގައި ގަދައަޅައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ ކަމެކޭ.

އާދެ، އަޅުގަނޑު ފާހަގަކޮށްލަން، އަޅުގަނޑުމެންނަށް ދިމާވެގެން މިދިޔަ، އަދިވެސް އަޅުގަނޑުމެން އެކަމެއްގެ އުނދަގުލުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރަމުންމިދާ ކޯވިޑް- 19ގެ މިކަމަކީ މިއީ، މިހިސާބަށް އަޅުގަނޑުމެންނަށް މިކަމުން އަރައިގަތުމަށްޓަކައިވެސް މިއާދެވުނީ ވަރަށްބޮޑަށް އަޅުގަނޑުމެން ގުޅިގެން ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކުރަން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މެދުކެނޑުމެއްނެތި ރެޔާއިދުވާލު މިކަމުގައި ކުރެއްވި މަސައްކަތްޕުޅުތައް.

އާދެ، އަޅުގަނޑުމެންގެ އެންމެން އެކުގައި ގުޅިގެން މި ކުރެވުނު މަސައްކަތުން މިއަދު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަންތައްތަކުން އަރައިގަނެވޭ މަންޒަރު ފެނިގެން އެބަދޭ. އިޤްތިޞާދު ރަނގަޅުވެގެންދާ މަންޒަރު، އަޅުގަނޑުމެންނަށް އެބަ ފެނޭ. އަދި އިރާދަކުރެއްވިޔާ، އަންނަ އަހަރު އަޅުގަނޑުމެންނަށް ސްކޫލްތައް ހުޅުވި، ތަޢުލީމު، އާދެ، ކުރިންދިންގޮތަށް
އެ މަސައްކަތް ފެށިގެންދާނެކަމީ އެއީ އަޅުގަނޑުމެން މިއަދު އުންމީދުކުރާގޮތް.

އާދެ، މި ހުރިހާ ކަމެއް ކުރުމުގައިވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއްދޭންވީ، އަޅުގަނޑުމެންގެ އެކުވެރިކަމާއި، އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި، އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވުމާއި، އެކަކަށް ހެދޭ ގޯހެއް އޮތްކަމަށްވަންޏާ، އެކަމެއްވެސް އަނެކާއަށް ކިޔައިދިނުމާ، މި ރޫޙު ބޮޑަށް ދިރުވުމަށޭ. އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބިއިރު، އަޅުގަނޑުމެންގެ ދީނުން އަޅުގަނޑުމެންނަށް ދީފައިވާ، ލިބިފައިވާ އެންމެ އަގުހުރި ފިލާވަޅުތަކަކަށް މިވަނީވެސް، މި ދެންނެވިގޮތަށް ކަންތައްތައް ކުރަން.


އާދެ، އަޅުގަނޑުމެން ކުރިއަށްއޮތްތަނުގައި، މި ދެންނެވިގޮތަށް އަޅުގަނޑުމެންނަށް ދަސްވި، އިތުރަށް ދަސްވި ކަންތައްތަކަށް ބަލައިގެން، އަޅުގަނޑުމެންގެ އުޅުމުގައި ޚަރަދުކުޑަކުރުމާއި، އިސްރާފުނުކޮށް އަޅުގަނޑުމެން އިޤްތިޞާދު ކުރުން އެއީ އަޅުގަނޑުމެން އިތުރަށް ވިސްނަންޖެހޭކަމެއް.

އާދެ، މިއަދު އަޅުގަނޑުމެންނަށް އެނގިގެންދިޔަ ކަންތައްތަކަކީ، މިފަދަ ކަންތައްތައް ކުރިމަތިވާއިރު، އަޅުގަނޑުމެންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އަމިއްލަ ފުދުންތެރިކަން އިތުރުކުރަންޖެހޭކަން. އަޅުގަނޑުމެންގެ ކޮންމެ ޒުވާނަކީ، ކޮންމެ ދަރިޔަކީ ސްކޫލް މަދަރުސާ ނިމުމުން މަސައްކަތަކާ ހަމައަށްދެވި، އަމިއްލަ ދިރިއުޅުމަކަށް ތައްޔާރުވެވޭފަދަ ގޮތަކަށް ކަންތައްތައް ކުރެވޭ ކުއްޖަކަށްވުން.

އާދެ، މިއަދު އަޅުގަނޑު ހަމަ ބެލެނިވެރިންނަށްވެސް، ގިނަ އަދަދެއްގެ ބެލެނިވެރިން ވަޑައިގެން ތިއްބެވުމުން، ދުރާއިގާތުން އަދި މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބެލެނިވެރިންނަށްވެސް ދަންނަވަން އޮތީ، ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ. ގެއްލުނުބައި އަޅުގަނޑުމެންނަށް ހޯދޭނީ، ކުރީ އަހަރުތަކުގައި އަޅުގަނޑުމެން ކުރި މަސައްކަތުގެ ތިންގުނަ، ހަތަރުގުނަ އިތުރަށް މަސައްކަތްކޮށްގެންނޭ.

އާދެ، އަޅުގަނޑުމެންނަށް އެންމެ މުހިންމީ އަޅުގަނޑުމެންގެ ޤައުމު. އަޅުގަނޑުމެންގެ ރައްޔިތުން. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ލޮބުވެތި ޅަދަރިން. އެހެންވީމާ، އެ ދަރީންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށްވުރެ، މުހިންމު އެއްވެސް ކަމެއް އަޅުގަނޑުމެންގެ ކުރިމަތީގައެއް ނެތް.

އެހެންވީމާ، އަޅުގަނޑު މިއަދު ގޮވާލަން ބޭނުންވަނީ، އިތުރު ހިތްވަރެއްލާފައި، އެންމެން އެކީގައި އަޅުގަނޑުމެން މަސައްކަތްކޮށް، އެކަކު އަނެކަކަށް އެހީތެރިވެ، ކުރިއަރައިގެންދާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތްކުރަމާ ހިނގާށޭ. ރުޅިވެރިކަމުން ދުރުވެ، އެކަކު އަނެކެއްގެ މައްޗަށް އޮންނަ ޙަސަދަވެރިކަން އެއްކޮށް އަޅުގަނޑުމެން ނައްތާލައި، އެކުވެރި ޖައްވެއްގައި އުޅޭ ބައެއްގެ ގޮތުގައި އަޅުގަނޑުމެން އުޅެމާ ހިނގާށޭ. އެންމެ މުހިއްމީ ޤައުމުކަން، ރައްޔިތުންނަށްވުރެ މުހިންމު ބައެއް ނެތްކަން ދަނެގެން، ކޮންމެ މީހަކުވެސް، އެކަކު އަނެކަކަށް އަޅައިލަމާ ހިނގާށޭ.

އާދެ، އަދިވެސް އެއްފަހަރު، މި މުބާރާތް މިހާ ފުރިހަމަކޮށް، އަޅުގަނޑަށް ދެންނެވޭނީ، މިއީ އިންޓަރނޭޝަނަލް މުބާރާތެކޭ އަޅުގަނޑުމެންނަށް މި ބޭއްވިގެން މިދިޔައީ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި މުބާރާތުގައި ބައިވެރިވެއްޖެ. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ލައިވްކޮށް، ދުނިޔޭގެ އެކި ޤައުމުތަކުގައި ވަގުތުންވަގުތަށް މި މުބާރާތް އިންސާފުވެގެން ދިޔައިރު، އިނާމުތައްވެސް އެ ޤައުމުތަކުގައި އަޅުގަނޑުމެންގެ ކުރިމަތިން ލިބިގެންދިޔަ މަންޒަރު. ކުރީގައި އަޅުގަނޑުމެން ކުޑައިރު، ރޯދަމަހުގެ ހަވީރު އަޅުގަނޑުމެންނަށް ޕްރޮގްރާމްތަކެއް އޮވޭ. އޭގައި ރޭޑިއޯގެ ޒަރީޢާއިން އަޅުގަނޑުމެންނަށް އަޑުއިވޭ، މިހާރު އިނާމު ހިފައިގެން ގޭގެ ކުރިމަތީގައި މީހަކު ހުންނާނެ ވާހަކަ. މިއަދު އަޅުގަނޑުމެންނަށް މި ފެނުނީ މެލޭޝިއާގައިވެސް، ސްރީލަންކާގައިވެސް އަދި ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރަށްތަކުގައިވެސް، ސީދާ ލައިވްކޮށް އަޅުގަނޑުމެންނަށް މި މަންޒަރު ފެނިގެން މިދިޔައީ.

އަޅުގަނޑު ދަންނަވާނީ މިއީ ވަރަށްބުރަ މަސައްކަތަކުން، ވަރަށްގިނަ ބައެއްގެ މަސައްކަތާއެކު ކުރެވުނު ކަމެކޭ. އެކަމަށްޓަކައި ހުރިހާ ކައުންސިލުތަކުގެ މެންބަރުންނަށާއި އަދި ރާއްޖެއިން ބޭރުގައި ތިއްބަވާ ސަފީރުންނާއި، އިސްލާމިކް މިނިސްޓްރީއާއި، ޤުރްއާނާބެހޭ މަރުކަޒާއި، ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި، މިކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އެދުމަކީ، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ޤުރްއާން މުބާރާތް، ގިނަ ބަޔަކަށް، ރާއްޖޭގެ ދިވެހީންނަށް، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެ ފުރުޞަތު ލިބޭފަދަ ގޮތަކަށް، މިއަށްވުރެވެސް ފުރިހަމަގޮތަކަށް އިންތިޒާމުވެގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި ޤައުމަކީ، އަޅުގަނޑުމެންނަށް އަމާން ޤައުމެއްގެ ގޮތުގައި ލައްވައި، އަޅުގަނޑުމެންގެ އެންމެންނަކީ، ޚާއްޞަކޮށް، ޤުރްއާނަށް ލޯބިކުރާ، ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް، ކޮންމެ ދުވަހަކުވެސް، ކޮންމެ ވަގުތަކުވެސް، އަޅުގަނޑުމެންގެ އުޅުންބަހައްޓައި، ރީތި އަޚްލާޤެއްގެވެރި ބައެއްގެ ގޮތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރުކުރެއްވުން. ކޯވިޑް-19ގެ މިބަލިމަޑުކަމުން އަޅުގަނޑުމެންގެ ޤައުމު ސަލާމަތްކުރައްވައި، ރައްޔިތުންނަށް މިކަމުން ފަސޭހައިން އަވަހަށް އަރައިގަނެވި، އަޅުގަނޑުމެންގެ އިޤްތިޞާދު އަނބުރައި ވަރުގަދަވާނޭ ދުވަސްތަކެއް މިންވަރުކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.