بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް، މާލޭގެ މޭޔަރ ޝިފާ މުޙައްމަދު، އެސް.ޓީ.އޯ.ގެ ޗެއަރމަން، އެސް.ޓީ.އޯ.ގެ އެމް.ޑީ ޢަމްރު ރަޝާދު، މާފަންނު ހުޅަނގު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ފަލާޙް، ކުންފުނިތަކުގެ އެމް.ޑީން، މާލޭ ސިޓީ ކައުންސިލުގެ މެންބަރުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް ހަމަ އެސް.ޓީ.އޯ.ގެ 56 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެސް.ޓީ.އޯ.ގެ ޗެއަރމަން، އެމް.ޑީ، އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު އަރިސްކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، އެސް.ޓީ.އޯ. ފެށިގެން އައީ އެވަގުތުވެސް ދިވެހިރައްޔިތުންނަށް ބޭނުންވާ އެންމެ ޒަރޫރީ ކަންތައްތައް ކޮށްދިނުމަށް. އަދި މެދުކެނޑުމެއްނެތި މިއަދާ ހަމައަށް އައިއިރުވެސް، ވަކިން ޚާއްޞަކޮށް، ކާބޯތަކެއްޗާއި، ތެލާއި، ބޭސް އަދި ގޭސް، ދަތިނުވާނޭފަދަގޮތަކަށް ރައްޔިތުންނަށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުންދާކަން މިއީ އަޅުގަނޑުމެން ހަމަ ފާހަގަކުރަންޖެހޭ ކަމެއް. އަޅުގަނޑުވެސް ވަކިން ޚާއްޞަކޮށް ފާހަގަކޮށްލަން ބޭނުންވޭ، ދިވެހިރާއްޖޭގައި، މި ކޯވިޑުގެ ހާލަތުގައި، ވަކިން ޚާއްޞަކޮށް، މާލޭގައި މި ލޮކްޑައުންގެ ދުވަސްވަރު ވަރަށް ދަތި އުނދަގޫ ގޮތަކަށް ކަންތައްތައް އޮތީ. އެހެންނަމަވެސް، އެސް.ޓީ.އޯ. އިން އަޅުގަނޑު ދަންނަވާނީ، އެސް.ޓީ.އޯ.ގެ ޓީމުން އަދި އެހެނިހެން ކުންފުނިތަކާއި ވަރަށް ގިނަ އިދާރާތައް، އަދި ޚާއްޞަކޮށް، މާލޭ ސިޓީ ކައުންސިލުގެވެސް އެހީތެރިކަމާއެކު ވަރަށް ފުރިހަމައަށް އެ މަސައްކަތް ކުރި. އަޅުގަނޑު އެކަމަށްޓަކައި، އެސް.ޓީ.އޯ.ގެ ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، މާލޭގައި، މާލެއަށް ދިމާވެފައިހުރި މައްސަލަތައް ޙައްލުކުރުން އެއީ މިއަދުގެ ސަރުކާރުގެ ވަޢުދެއް. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް. މާލެއަކީ ހިތްފަސޭހަ ތަނަކަށް ހަދަން އެބަޖެހޭ. މާލޭގެ ރައްޔިތުންނަށް، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހިތްހަމަޖެހިގެން މާލޭގައި އުޅެވޭނެ ގޮތްތައް ހޯދައިދޭން އެބަޖެހޭ. އަޅުގަނޑު ދަންނަވާނީ، އެ މަސައްކަތް ސަރުކާރަކުންވެސް ކުރެވޭނީ، އެ ސަރުކާރާ ގުޅިފައި އޮންނަ، ވަކިން ޚާއްޞަކޮށް، މިއަދު ލާމަރުކަޒީ ނިޒާމުން މުޅި ޤައުމުގެ ހިންގުން ބަދަލުވެގެންދާއިރު، އެ އޮންނަ ކައުންސިލެއްގެ ދައުރު ވަރަށް މުހިންމު. ޙަޤީޤަތަކީ އަޅުގަނޑުމެންނަށް މިއަދު ހެންވޭރުކޮޅަށް ބެލިނަމަވެސް، އަދި މިއަދު، މާފަންނަށް، މި ސަރަޙައްދަށް ބަލައިލާއިރު، އަޅުގަނޑުމެންނަށް މިފެންނަ ޗާލުކަން މި ފެންނަނީ، އަޅުގަނޑު ދަންނަވާނީ، ކައުންސިލެއްގެ ރޯލު ފެނިގެންދާތީއޭ. އެހެންވީމާ، ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑު ޔަޤީންކުރަން، އިރާދަކުރެއްވިއްޔާ، ސަރުކާރާއެކު މިފަދަ ކައުންސިލެއް އޮވެއްޖެ ކަމަށްވަންޏާ، ގިނަގުނަ މަސައްކަތެއްކޮށް، ވަޢުދު ހަމަ އެކަންޏެއްނޫން ފުއްދަންޖެހޭނީކީ، ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުން ކުރަންވީ.

އާދެ، އަޅުގަނޑުމެން ވިސްނާލަންވީ، މާލޭގެ ހުރި މައްސަލަތަކުގެ ތެރެއިން، ތޮއްޖެހުން. ވަރަށް ބޮޑަށް ތޮއްޖެހުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ދަތި އުނދަގޫތަކެއް އެބަހުރި. އަޅުގަނޑު ދަންނަވާނީ، މިއަދު މި ފެށޭ މި މަސައްކަތަކީވެސް މިކަންތައް ޙައްލު ކުރުމަށްޓަކައި ކުރެވޭ މަސައްކަތެކޭ.

އާދެ، ޕަބްލިކް ޓްރާންސްޕޯޓް އިތުރަށް ފުޅާކުރުމަކީ މުޅި ދިވެހިރާއްޖޭގައިވެސް ވައިގެ މަގުންނާއި، ކަނޑުގެ މަގުންނާއި، އަދި އެއްގަމު ދަތުރުފަތުރުގެ މި ނިޒާމު ވަރުގަދަ ކުރުމަކީ އެނގިވަޑައިގަންނަވާނެ، އެއީ، މި ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއްދީގެން ކުރަމުންގެންދާ ކަމެއް. އެގޮތުން، މިއަދު ބަސްރޫޓެއް އިތުރުވެގެންދާއިރު، އޭގެ ފަސޭހަކަން މުޅި މާލޭގައި، ވަކިން ޚާއްޞަކޮށް މާފަންނުގައި، މި ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށާއި، އެ ފަރާތްތަކަށް ހުޅުމާލެ، އަދި މާލޭގެ އެހެން ސަރަޙައްދުތަކަށާއި، އެއަރޕޯޓަށް އެ ފަސޭހަކަން ލިބިގެން އެބަދޭ. އަޅުގަނޑުމެން މިއަދު، މިފަދަ ޚިދުމަތެއް މި ފެށިގެންދާއިރު، މީގެ ފުރިހަމަ ބޭނުން ހިފަން އެބަޖެހޭ. ބަސްތަކެއް ދުއްވާއިރު، ހުސް ބަސްތަކެއް ދުއްވުމަކުން އެ މަޤްޞަދު ހާސިލެއްނުވޭ. ދުނިޔޭގެ ކުރިއަރާފައި ހުންނަ ޤައުމުތަކަށް އަޅުގަނޑުމެން ބަލައިލާއިރު، ޕަބްލިކް ޓްރާންސްޕޯޓުން އަޅުގަނޑުމެންނަށް ބަހުން އެހެން ޤައުމުތަކުގައި އޮންނަނީ ޖާގަ ނުލިބިފައި. އެހެންވީމާ، މާލޭގައި މިއޮތް ތޮއްޖެހުން، ޚާއްޞަކޮށް މަގުމަތީގައި ދުއްވާ ތަކެތީގެ ތޮއްޖެހުން ކުޑަކުރުން އެއީ، އަޅުގަނޑުމެން އެންމެން އެކަމަށް ވިސްނައިގެން، މިފަދަ ފަސޭހަތަކުގެ ބޭނުން ހިފަންޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ، އަޅުގަނޑު މިފަދަ ޚިދުމަތެއް ފެށިގެންދާތީ، މި ކުރެވިގެންދިޔަ މަސައްކަތަށްޓަކައި ޚާއްޞަކޮށް، އެސް.ޓީ.އޯ.ގެ ޗެއަރމަން، އެސް.ޓީ.އޯ.ގެ އެމް.ޑީ އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. މީގައި، މި މަސައްކަތުގައި އާރް.ޑީ.ސީ.ގެ ފަރާތުން އެ ކުރެވިގެންދިޔަ މަސައްކަތްތައް، ކޮންމެ ދުވަހަކުވެސް އަޅުގަނޑަށްވެސް ހަމަ ފެނިގެންދިޔަ. ހަމައެއާއެކު، ސިޓީ ކައުންސިލުގެ ފަރާތުން އެ މަސައްކަތް ނުކުރިނަމަ، މިހާ ފުރިހަމަކޮށް މި ކަންތައްތައް ވާނެކަން އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމެއްނޫން.

އަޅުގަނޑުގެ ނަންވެސް އެމް.ޑީ ޢަމްރު ފާހަގަކުރެއްވި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ޙަޤީޤަތަކީ މި މާލޭގައި، ވޭތުވެދިޔަ ދުވަސްތަކުގައި މި ޕާކިންގ ކަންތައްތަކާއި، މި ކަންތައްތައް ކުރުމުގައި ވަރަށް އިސް ރޯލެއް އަދާކުރެއްވި ބޭފުޅެއް، މިއަދުގެ ހެލްތު މިނިސްޓަރަކީ. އަދި އަޅުގަނޑަށްވެސް ވަރަށް ގިނަ އެޑްވައިސް މި ކަންތައްތަކުގައި، ވަރަށް ކައިރިން އެކުގައި ދޮޅުއަހަރެއްހާ ދުވަހު މަސައްކަތް ކުރަން ފުރުޞަތު ލިބިގެންދިޔަ. އެކަމަށްޓަކައި އަޅުގަނޑު ހެލްތް މިނިސްޓަރ އަޙްމަދު ނަސީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ދަންނަވަން އޮތީ، މާލޭގެ ރައްޔިތުންނަށް މިކަން އަދި ނުނިމެޔޭ. އިރާދަކުރެއްވިއްޔާ، މިއަށްވުރެމާ ހިތްފަސޭހަކޮށް މާލޭ ސިޓީ ކައުންސިލުން މި ދައުރު، މި މަސައްކަތް ކުރާތަން ފެނިގެންދާނެއޭ. އެހެންވީމާ، އެ ޔަޤީންކަން އަޅުގަނޑުވެސް ދިވެހި ސަރުކާރުގެ ފަރާތުން ހަމަ މާލޭގެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަޅުގަނޑު ހަމަ އެ ޔަޤީންކަން އަރުވަން ބޭނުން.

އާދެ، ޕަބްލިކް ޓްރާންސްޕޯޓެއްގެ ވާހަކަ ދައްކާއިރު، އަޅުގަނޑަށް ހީވަނީ، މަގުމަތީގައި، އަޅުގަނޑުމެންނަށް މާލޭގައި މިހާ ބާރުބޮޑުކޮށް އޮތްއިރު، މިކަންތައް ޙައްލު ކުރެވޭނީ، ދުއްވާ މީހުންނާއި، ހިނގާ މީހުންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން. މާލޭ ސިޓީގެ މޭޔަރ ދެންމެ ވިދާޅުވި، ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އޭގެކުރިން އެދިޔަ ހުރިހާ އަހަރުތަކެއްގައި މާލޭގައި ޕާކު ކުރަން ތަންތަނުގެ ޖާގަ ހަމަޖައްސާފައިނުވާ މިންވަރަށް ޖާގަ ހަމަޖައްސާފައިވެއްޖެއޭ. އެހެންވީމާ، މީގައިވެސް، އެ ޕާކުކުރުމުގައާއި ކަންތައްތައް ކުރުމުގައި އެހެން މީހުންނަށް ފަސޭހަވާނޭގޮތަށް އަބަދުވެސް ކަންތައްތައް ކުރަން އެބަޖެހޭ.

އަޅުގަނޑުމެންނަށް ވަރަށް ހިތާމަވެރި ކަންތައްތައް މާލޭގެ މަގުމަތިން ހިނގައިގެން ގޮސްފައިވީ. މަގު ހުރަސްކުރާ މީހުން، އަދި މަގު ހިނގާ މީހުން، އަދި ތަންކޮޅެއް ދޭންޖެހޭ ސަމާލުކަން ނުދެވި ދުއްވުމުގެ ސަބަބުން، ދުނިޔެ ދޫކޮށްފައި އެތައް ބަޔަކު ގޮސްފައިވަނީ. އަޅުގަނޑުމެންނަށް ވަރަށް ހިތާމަވެރި ކަންތައްތައް ވަނީ ހިނގައި ގޮސްފައި. އަޅުގަނޑު މިއަދު ހަމަ ޚާއްޞަކޮށް ޒުވާނުންނަށާއި، އަދި މާލެ، އަދި ބޮޑެތި ރަށްތަކުގައި، ސައިކަލު، ކާރު، ވެހިކަލް ދުއްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ، މިކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހެއޭ. މިއީ އަޅުގަނޑުމެންގެ ކޮންޓްރޯލުގައި އޮތް ކަމެއް. ދުއްވަނީ، ދުއްވާ މީހާ ދުއްވާވަރަކަށް. އެހެންވީމާ، ވިސްނައިގެން ރަނގަޅަށް ދުއްވައިފި ކަމަށްވަންޏާ، އަޅުގަނޑު ގަބޫލުކުރަނީ، މިކަހަލަ ކަންތައްތަކުން އަޅުގަނޑުމެން ސަލާމަތްވެގެންދާނެއޭ.

އާދެ، އަޅުގަނޑު އަދިވެސް އެއްފަހަރު، މި މަސައްކަތް މިހާ ފުރިހަމަކޮށް ކުރެއްވީތީވެ، މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، މިކަމުގެ އެންމެ ރަނގަޅު ބޭނުން، ހުރިހާ ރައްޔިތުންވެސް ހިފައި، މިއީ މުހިންމު ކަމެއްގެ ގޮތުގައި ބަލައިގެން، ބަހުގެ ބޭނުންކޮށް، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މި ކަންތައްތައް ބޭނުންކޮށް، މިކަމުގެ ފަސޭހަކަން ހޯދުމަށް.

އާދެ، އެސް.ޓީ.އޯ.ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު މިއަދު އެސް.ޓީ.އޯ. ކުރިއަށް އޮތްތާނގައި، އިތުރު ކާމިޔާބު، އެސް.ޓީ.އޯ. މިކުރާ މަސައްކަތުގައި، އެ ކާމިޔާބު ލިބުމަކީ އެއީ އަޅުގަނޑުމެން އެންމެންގެ އެދުން ކަމުގައި އަޅުގަނޑު ދަންނަވަން.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެން ކުރާ މިފަދަ ކޮންމެ ކަމެއްގައި، އަޅުގަނޑުމެންނަށް އެކަމުގެ ހެޔޮ ތައުފީޤު اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރެއްވުން. އަދި، އެސް.ޓީ.އޯ. އަށާއި، އަޅުގަނޑުމެންގެ މިފަދަ ހުރިހާ މަސައްކަތްތަކެއްކުރާ ހުރިހާ ފަރާތްތަކަށް ހަލުވި ދުވެލީގައި ކަންތައްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިވެގެންދިޔުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.