ބޭރު ޤައުމުތަކުން ސީދާ އެކި އަތޮޅުތަކަށް މުދާ ގެނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް، ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށްޓަށް މިއަދު ވަޑައިގަންނަވައި، ސަރުކާރުން އެ ރަށުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި، އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަނެއް ތަރައްޤީވެ ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދަތުރުފަތުރު ކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިފައި އޮތުން ކަމުގައި ވިދާޅުވިއެވެ. އެ ގޮތުން ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު، މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމަށް ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ، މި ސިލްސިލާގެ ދަށުން އިންޑިއާގެ ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތެއްގެ އިތުރުން ފަސޭހަކަމާއެކު މުދާ އުފުލޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ، އިގްތިޞާދީ ޙަރަކާތްތައް އިތުރުކޮށް ސަރަޙައްދީ ތަރައްޤީ ގެނައުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެ ގޮތުން ސަރުކާރުގެ އަމާޒަކީ މީހުން އުޅޭ ކޮންމެ ރަށަކުން ވެސް، ފަސޭހަކަމާއެކު އަވަހަށް ދެވޭ ހިސާބުގައި އެއަރޕޯރޓެއް އޮންނަ ގޮތަށް، ވައިގެ ދަތުރުފަތުރުގެ ވިއުގައަކުން މުޅި ރާއްޖެ ގުޅައިލުންކަމަށާއި، އެއަރޕޯރޓްތަކާއި ކައިރީގައިވާ އެހެން ރަށްތައް ވެސް ރަނގަޅު ފެރީ ވިއުގައަކުން ގުޅައިލުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ތަފްޞީލު ކޮށްދެއްވަމުން އެމަނިކުފާނު ވަނީ، މިއަދު މި ހުޅުވުނީ ހޯރަފުށީ އެއަރޕޯޓް ކަމުގައި ވީ ނަމަވެސް، ޙަޤީޤަތުގައި މިއީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި އެޅި ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ ގޮތުން މި އެއަރޕޯޓަކީ، މުޅި އިހަވަންދިންޕޮޅު ތަރައްޤީކުރުމުގެ ފެށުން ކަމަށާއި، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، އިހަވަންދޫ އަދި ތަކަންދޫ މާރަންދޫގެ ރައްޔިތުން ވެސް އުންމީދުކުރަމުން ދިޔަ ތަރައްޤީ ގެނެސްދޭނެ އެންމެ މުހިންމު އެއް ވަޞީލަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ވިއުގައަކުން ގުޅައިލުމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލެ ނޫން ސަރަޙައްދުތަކަށް ވެސް ރާއްޖެއިން ބޭރުން ދަތުރުވެރިންނަށް އާދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންގުޅޭ ރޭވުންތައް ޙިއްޞާކުރައްވާފައެވެ. މި ގޮތުން، ހަނިމާދޫގައި މުޅިން އައު ބައިނަލްއަޤްވާމީ އެއަރޕޯރޓެއް ބިނާކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށާއި، އެ މަސައްކަތް ނިމުމުން، ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނަށް ސީދާ ބޮޑު ތިލަދުންމައްޗަށް ދަތުރުކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އައްޑޫ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްޞާ ކުރައްވާފައެވެ.
ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެ މަނިކުފާނު ހޯރަފުށްޓަށް ކުރެއްވި ޒިޔާރަތުގައި ވެވަޑައިގެންނެވި ވަޢުދެކެވެ. މިއީ ތިލަދުންމަތީ އުތުރުބުރީގައި ތަރައްޤީކުރި ފުރަތަމަ އެއަރޕޯޓެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހޯރަފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެރަށު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އިންތިޒާމްކުރި ޖާފަތެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ އިރާކޮޅު ވަނީ އެނބުރި މާލެ ވަޑައިގަންނަވާފައެވެ.