بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ނޮވެންބަރު 3، 1988 ގައި ދިވެހިންނަށް ނަޞްރާއި ކާމިޔާބީ މިންވަރުކުރެއްވިކަމަށްޓަކައި، ޙައްޤަށް ނަޞްރު ދެއްވާ މަތިވެރިވަންތަ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި މިމަތިވެރި ނަޞްރުގެ ހަނދާންތައް އައުކުރާ މި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. ނަޞްރުގެ ދުވަހުގެ ކާމިޔާބާ ގުޅިފައިވާ، 19 ޝަހީދުންގެ ޛިކުރާ އައުކޮށް، އެ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ.
މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާޢަތެއްގެ ބަޔަކު، ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި ޢުދުވާނަކީ، ދިވެހި ތާރީޚު ދުށް ވަރަށް އަނިޔާވެރި ޢަމަލުތަކެކެވެ. ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މިބިމަށް އޮހޮރުވައި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ ޢަމަލުތަކެކެވެ. އެދުވަހު، ދިވެހިންގެ ލޯތައް ފުރިގެންދިޔައީ، ހިތާމަޔާއި މޮޅިވެރިކަމުގެ ކަރުނައިންނެވެ. ނަމަވެސް އެ ހިތާމަވެރި ދުވަހުގެ އިރު އޮއްސިގެން ދިޔައީ، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި މަދަދާއެކު، ދިވެހިންނަށް ދެއްވި ނަޞްރާއި ކާމިޔާބީގެ ފިނިކަމާއި ތަސައްލީންނެވެ.
މިއަދު، އަޅުގަނޑުމެން އެދުވަހުގެ ހަނދާންތައް އައުކުރަނީ، އެދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުންނެވެ. އަދި އެހާދިސާއިން ޢިބްރަތް ޙާޞިލުކުރަމުންނެވެ. ނަޞްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުޠެއްނެތި، ލޯބިވުމުގެ މުހިންމު ކަމެވެ. އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވެވަޑައިގެންނެވި، ސިފައިންގެ ބޭކަލުންނާއި ޢާންމު ރައްޔިތުންގެ ޤުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ޤައުމާ މެދު އޮންނަ ޚާލިޞް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަމެވެ. އެ ލޯތްބާއި ޤަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންދެއެވެ. ޖީލުން ޖީލަށް އެ ލޯބި ވާޞިލުވެއެވެ.
ދިވެހި ޤައުމުގެ ދިފާޢީ އައްޑަނަ ކަމަށްވާ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، އޭރުވެސް އަދި މިހާރުވެސް، ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެކެވެ. ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާއިން، ދިވެހި ޤައުމު ޙިމާޔަތްކުރުމުގައި، ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކުވެސް އަޅުގަނޑުމެންގެ ހަނދާނުން ފުހެވިގެން ނުދާނެއެވެ. އަދި އެނުރައްކާތެރި ވަގުތުގައި، ދިވެހި ރައްޔިތުން އިސްކުރި، އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ، ޤައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެކެވެ.
ނޮވެންބަރު 3ގެ ޢުދުވާނު ނާކާމިޔާބު ކޮށްލުމުގައި، ދިވެހި ރައްޔިތުންގެ ފަރާތުން، ދިވެހި ދައުލަތަށް ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި، އެދުވަހުގެ އެ ޢުދުވާނާ ދެކޮޅަށް ޙަރަކާތްތެރިވި އެންމެހައި ޢާންމު ރައްޔިތުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަމެވެ. ހަމައެފަދައިން، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް، އަވައްޓެރި އިންޑިޔާ ސަރުކާރުން، ޢަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، މި ފުރުޞަތުގައި ޝުކުރު އަދާކުރަމެވެ.
އަދި ހަމަ އެހެންމެ، ދިވެހި އަސްކަރިއްޔާ ޒަމާނީކޮށް، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސިފައިންނާ މެދު އޮންނަ ފުރިހަމަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓެވުމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކުރައްވާ ބުރަ މަސައްކަތްޕުޅު ފާހަގަކޮށް، އެކަމަނާއަށް ޝުކުރު ދަންނަވަމެވެ. އަދި އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ދިވެހި ޤައުމީ ދިފާޢީ ބާރުން ހޯދަމުން އަންނަ ކުރިއެރުމާއި ތަރައްޤީ ފާހަގަކޮށް، ތަހުނިޔާ ދަންނަވަމެވެ.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ޙިމާޔަތްކުރުމުގެ މަތިވެރި ޤައުމީ ޚިދުމަތުގައި، ކެތްތެރިކަމާއި ސާބިތުކަމާއެކީ ދެމިތިބުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى، ދިވެހި ސިފައިންނަށް މިންވަރުކޮށްދެއްވުމެވެ. އަދި އަޅުގަނޑުމެންގެ މި ލޮބުވެތި ޖަޒީރާވަންތަ ރާއްޖެ، އަބަދަށްޓަކައި މިނިވަން ދިވެހި ދިދައިގެ ހިޔަލުގައި، ޞުލްޙަ މަސަލަސްކަމާއި އަމާންކަންމަތީގައި ލެހެއްޓެވުމެވެ.