بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން. ރާއްޖޭގެ އުފާވެރި ޤައުމީ ދުވަހުގެ ހަނދާންތައް ގުޅިފައިވަނީ، ވަރަށް މަތިވެރި ޤައުމީ ބަޠަލެއް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ކުރެއްވި ވަރަށް މަތިވެރި ޖިހާދަކާ.

އާދެ، މިއަދަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރުމަށް، އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އަޅުގަނޑުމެން އައުކުރާ ދުވަސް. އެހެންކަމުން، އެމަތިވެރި ޖިހާދުގެ ޒިކުރާ އާކުރަމުން، އެރަދުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ދުޢާކުރަން.

ހަމައެފަދައިން، ރާއްޖޭގެ ޤައުމީ ޙަޔާތުގެ އެކި ދުވަސްވަރު، ދިވެހިންގެ މިނިވަންކަމަށްޓަކައި، ޤައުމީ ޖިހާދުގައި ޤުރްބާންވެވަޑައިގެންނެވި، އެންމެހައި ޤައުމީ ބަޠަލުންގެ ހަނދާންތައް އައުކޮށް، އެ މަތިވެރި ބަޠަލުންނަށް ހެޔޮދުޢާ ކުރުމަކީވެސް، މިފަދަ ޤައުމީ މުނާސަބަތެއްގައި އަޅުގަނޑުމެން އަދާކުރަންޖެހޭ ޤައުމީ ވާޖިބެއް.

ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ހިތްތަކުގައި އެންމެ މަތިވެރި ޤަދަރެއް ދެވިފައިވާ ދުވަހަކީ ޤައުމީ ދުވަސް. ޤާނޫނުއަސާސީގައިވެސް، ވަކި ތާރީޚެއްގައި ކަނޑައެޅި ބަޔާންކޮށްފައިވާ ހަމައެކަނި މުނާސަބަތަކީވެސް، މިއަދު އަޅުގަނޑުމެން މިފާހަގަކުރާ، ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ.

ޤައުމީ ދުވަހަށް މިހާ މަތިވެރި ދަރަޖައެއް ދެވިފައިވަނީ، ރާއްޖޭގެ މިނިވަންކަމަށާއި އަމިއްލަވަންތަކަމަށް އެންމެ މަތިވެރި ނަޞްރެއް ލިބިފައިވަނީ، އެ ދުވަހު ކަމަށްވާތީ. އާދެ އެއީ، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅެމުން އައިތާ 15 އަހަރާއި 6 މަސްވެފައި ވަނިކޮށް، އުތީމު ތިން ބެއިންގެ ޤައުމީ ޖިހާދުގައި، ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ދުވަސް.

އެހެންކަމުން، ޤައުމީ ދުވަހުގެ ނަމުގައި މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އިސްތިޢުމާރީ ބާރެއްގެ ދިގު އަޅުވެތިކަމަކުން ރާއްޖެއަށް މިނިވަންކަން ލިބުމުގެ އުފާ. އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ނޭވާލުމުގެ މަތިވެރި ނިޢުމަތް ލިބިފައިވުން.

މިއަދުވެސް އަޅުގަނޑަށް ލިބޭ އެންމެ މަތިވެރި އުފަލަކީ، އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ދިވެހި ޤައުމަށްޓަކައި، ދިވެހި ރައްޔިތުންގެ ދިފާޢުގައި، ފުރާނަޔާއި ލެއިން ޤުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް މިޤައުމުގައި ސާބިތުވެ އޮތްކަން. މިއީ ހަމަ ކޮންމެ ދިވެއްސަކުމެ ފަޚުރުވެރިވާނެ ކަމެއް.

އެކާވީސް ވަނަ ސައްތައިގެ ފިކުރިއްޔާތަކީ، އަދި މިޒަމާނުގެ ސިޔާސީ، އިޤްތިޞާދީ ވިސްނުމަކީ، މިނިވަން މުސްތަޤިއްލު ޤައުމުތަކެއްގެ، ގުޅިލާމެހިފައިވާ ބަދަހި އެއް މުޖުތަމަޢު. އަޅުގަނޑުމެންގެ މި ރާއްޖެއަކީވެސް، މި ދެންނެވި މުޖުތަމަޢުގައި ހިމެނޭ އެއް ޢާއިލާ، ނުވަތަ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއް ގޭބިސީ.

އަޅުގަނޑު މިއަދުވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ޔަޤީންކަމާއެކު ދަންނަވަން ބޭނުންވަނީ، ހުރިހާ ޤައުމުތަކަކާއެކުވެސް، ޚާރިޖީ ގުޅުންތައް އަޅުގަނޑުމެން ހަރުދަނާކުރަމުން މިއަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުންކަން.

ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތު. މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް ދަމަހައްޓާނީ ހަމަ މި ސިޔާސަތު.

މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި. އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު.

ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން، އަދި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުން. ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް އިޢާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް.

މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު އޮތް ބަދަހި ގުޅުން. ކޯވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން.

އެކަމަށްޓަކައި، ރާއްޖެއަށް އެހީތެރިވެދިން، އަދި މިހާރުވެސް އެހީތެރިވެދެމުން އަންނަ ހުރިހާ ޤައުމުތަކަށާއި، ވަކިވަކި ފަރުދުންނަށާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި، އަޅުގަނޑު ޝުކުރު ދަންނަވަން.

ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭ ވަރަށް މަތިވެރި ނިޢުމަތްތަކެއް، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާކަން ހަނދާނަށް ގެންނަންޖެހޭ. އޭގެ ތެރެއިންވެސް އެންމެ މަތިވެރި ނިޢުމަތަކީ، އިސްލާމްދީނުގެ އުޖާލާ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އަލިވެފައިވުން.

އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ޙިއްޞާކުރާ ބަޔަކަށްވުމީ، ދިވެހިންގެ ޤައުމީ ފަޚުރާއި ޝަރަފު އިތުރުވެގެންދާ ކަމެއް. މިއީ އަޅުގަނޑުމެންނާ ޙަވާލުވެފައިވާ ޤައުމީ އަމާނާތެއްކަން ޤަބޫލުކޮށް، ޤައުމިއްޔަތުގެ މި ތަނބުތައް، ނަގަހައްޓައި ދެމެހެއްޓުމަކީ، މި ލޮބުވެތި ވަޠަނަށް މަންމަގެ ނަމުން މުޚާޠަބުކުރާ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއް.

ދިވެހިންގެ ޤައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ، އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ މި ދެންނެވި ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެދިގެން. ޤައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް.

ޤައުމިއްޔަތަކީ، ޤުރުބާނީތަކުގެ ބިމުގައި، ޤައުމީ ބަޠަލުންގެ ޖިހާދީ ލެޔާއި، ރައްޔިތުންގެ ހިތްވަރާއި ފަންވަރުން ދިރުން ލިބިގެން ހެދި ފޯދޭ ވަސްމީރު މާގަހެއް. ޤައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން، މާދަމާގެ ޖީލުތަކަށް މިނިވަންކަމުގެ ހުވަނދު ލެވޭނީ، އަދުގެ ދިރިތިބީން އެގަހަށް ހޭހަންކޮށް، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙު ފުރިހަމައަށް ހަރުލައްވައިގެން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި މި ލޮބުވެތި ވަޠަނަށާއި ދިވެހިވަންތަކަމަށް އޮތް ލޯބި އިތުރުކޮށްދެއްވައި، މި ޤައުމުގެ ފަޚުރުވެރި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى، އަޅުގަނޑުމެންނަށް ދެއްވުން. އަދި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ޤައުމީ ބަޠަލުންގެ އުޖާލާ ޒިކުރާތަކުން، ދިވެހިންގެ ހިތްތައް ދިރިގެން ދިޔުމުގެ ހެޔޮ ނަޞީބަށް އެދި، އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه