بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަދަކީ ރާއްޖޭގައި ފާހަގަކުރާ މިއަހަރުގެ ދަނޑުވެރިންގެ ދުވަހެވެ. އަދި މާދަމާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކާބޯތަކެތީގެ ދުވަހެވެ. އެހެންކަމުން، މި ދެދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށާއި، ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހައި ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮ އެދުންތައް ފޮނުވަމެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަޤީންކަން" މި ޝިޢާރެވެ. އަޅުގަނޑުމެންގެ ރާއްޖެއާއި މުޅި ދުނިޔެ މިހާރު ކުރިމަތިލާން ޖެހިފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރެވޭ ތަޖުރިބާތަކުންވެސް، އަޅުގަނޑުމެންނަށް ޤަބޫލުކުރެވެމުން މިދަނީ، މި ޝިޢާރާ އެއްގޮތަށް، މުޅި ޤައުމު އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑުކަމެވެ.

ޤައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، އެ ޤައުމަކީ ކާބޯތަކެތީގެ ޔަޤީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ވެގެންނެވެ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ޤައުމަށް މެދުވެރިވާ ކޮންމެ ޙާލަތެއްގައިވެސް، މިދެންނެވި ޔަޤީންކަން ރައްޔިތުންނަށް ލިބިދިނުމަށެވެ.

ދަނޑުވެރިކަމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެކެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް، ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް، މިއަހަރު ސަރުކާރުން ނިންމީވެސް، މި ޞިނާޢަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ ބޭނުމުގައެވެ.

ދަނޑުވެރިކަމަށް ފަހި ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން މިހާރު ނިންމާފައިވާނީ، މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށެވެ. އަދި ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އިތުރު 6 ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް، މިދިޔަ ހަފުތާގައި ވާނީ އިޢުލާނުކޮށްފައެވެ.

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން، މީގެ ކުރިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް، ސަރުކާރުގެ ވަޢުދާ އެއްގޮތަށް، މިހާރު ވާނީ ކަނޑާލައިފައެވެ. އަދި މިދިޔަ އަހަރުން ފެށިގެން، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ދަނޑުވެރިކަމަށް ސަރުކާރުން އަންނަނީ ލޯނު ދޫކުރަމުންނެވެ. މީގެ އިތުރުން، ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕްރޮގްރާމްތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މަޢުލޫމާތު ފެތުރުމުގެ މަސައްކަތްވެސް ވަނީ އިތުރަށް ފުޅާކުރެވިފައެވެ.

ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ދަނޑުވެރިން އުފައްދާ ތަކެތި، ރަނގަޅު އަގުގައި ތާޒާކަމާއެކީ، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުމެވެ. މި ދަތިކަން ޙައްލުކޮށްދިނުމަށް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވާނީ، އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއް އުފައްދާފައެވެ.

އިޤްތިޞާދަށް ކުރިމަތިވެފައިވާ މި ހީނަރުކަމުން އަރައިގަތުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމާ ގުޅޭ މަޝްރޫޢުތަކަށް، ބޭރުގެ އެހީދޭ ޖަމުޢިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތްވެސް، ސަރުކާރުން މިއަންނަނީ ކުރަމުންނެވެ. މިގޮތުން މިހާރުވެސް ޖަޕާން ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ޔޫ.އެން.ޑީ.ޕީ މެދުވެރިވެގެން، ރާއްޖޭގެ ދެކުނުގައި ދަނޑުވެރިން އުފައްދާ ތަކެތި ގަނެ، ތާޒާކަމާއި ރައްކާތެރިކަމާއެކު، ބާޒާރަށް ނެރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި، ރާއްޖޭގެ އުތުރުގެ 3 އަތޮޅު ޝާމިލުވާ ގޮތަށް، ދަނޑުވެރިކަން ފުޅާކުރުމުގެ މަޝްރޫއެއްގައި މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ސޮއިކޮށްފައެވެ. މިއީ، ދަނޑުވެރިކަމުގެ ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހި ދަނޑުވެރިން އަހުލުވެރިކުރުވައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކައި މާކެޓް ކުރުމަށާއި، ދަނޑުވެރިންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުވެގެންދާނެ މަޝްރޫޢަކަށް ވެގެންދާނެއެވެ.

އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲގެ ވާގިފުޅާއެކު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށި، ދަނޑުވެރިންނަށް މަޝްރޫޢުގެ ފޮނި މީރުކަށް ލިބެން ފެށުމެވެ. ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށާއި ދަނޑުވެރި ޢާއިލާތަކަށާއި، ކާބޯތަކެތި އުފެއްދުމުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަދަށްވުރެ ފަހި މާދަމާއެއް، اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރައްވާށިއެވެ. ދިވެހި ދަނޑުވެރިންގެ ޤާބިލުކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ޞިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް، ސަރުކާރާއި ރައްޔިތުން ކުރާ މަސައްކަތުގައި، އެކަލާނގެ ބަރަކާތް ލައްވައި، ދަނޑުވެރިކަމުގެ ދާއިރާއަށް ކާމިޔާބާއި ބާއްޖަވެރިކަން މިންވަރުކުރައްވާށިއެވެ! އާމީން.