މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިކަން މިގޮތަށް ހަމަޖެއްސެވީ، ޤައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުށަހެޅުއްވި ކަރުދާހާމެދު، 2020 އޮކްޓޫބަރު 13 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު، އެ މަޖިލީހުން ދެއްވި ލަފާގެ މަތިން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  

މި ދުވަސް މިގޮތަށް ފާހަގަކުރެއްވުމަށް ނިންމެވީ، ދުނިޔޭގެ ތަފާސްހިސާބުގެ ދުވަސްކަމަށްވާ، 20 އޮކްޓޫބަރަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަމުންގެންދާ ދުވަހެއް ކަމަށް ވާތީއާއި، ދިވެހިރާއްޖޭގައި ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވައި،އެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކޮށް، ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމަށް ޓަކައި ދައުލަތުން ރަސްމީ ތަފާސްހިސާބު ނަގައި ބަލަހައްޓާ ހުރިހާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، މީޑިޔާއާއިރިސާޗަރުންގެ އާންމު ހޭލުންތެރިކަން އިތުރުކުރުމަށާއި، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފަހިކުރުމަށް ކަމުގައި ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.