ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޑްރަގް ކޯޓަށް ޒިޔާރަތްކުރައްވާ، އެ ތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވާ، މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރުކުރީގައި ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެ ކޯޓުގެ އެކި އިދާރާތައް ބައްލަވާލައްވާ، އެ ތަނުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ.

ޑްރަގް ކޯޓުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު، އަދި ވަކިން ޚާއްޞަކޮށް ޒުވާނުން، ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ. އަދި، މިކަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މުޅި ދައުލަތުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ޤައުމާއި މުޖުތަމަޢަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމުގައެވެ. އަދި، މި ކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކުން އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމުން، މި ކަމުގައި ވެސް ކާމިޔާބީ ލިބޭނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން އެއްވެސް ދާއިރާއަކުން އެއްވެސް މީހަކު ބާކީވިޔަ ނުދެއްވާނެކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑްރަގް ކޯޓުގެ އިސްވެރިން ވަނީ، މި ވަގުތު އެ ކޯޓަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން، އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި، ޑްރަގް ކޯޓު ހިންގާ ޢިމާރާތަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ. އަދި، އެ ކޯޓަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޑޮކްޓަރ ޢަބްދުލްމަލިކް ބައިވެރިވެވަޑައިގެންނެވިއެވެ.