ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި 2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ނުހުޅުވާގޮތަށް ހަމަޖައްސަވައިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައިފި ކަމަށާއި، 2020 ޖުލައި 5 ވާ އާދީއްތަ ދުވަހުން ފެށިގެން، ތިރީގައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރާތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ކުރިއެކޭވެސް އެއްގޮތަށް، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށް ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރާއިރު ޢަމަލުކުރަންޖެހޭ
އުސޫލުތަކާއި މިންގަނޑުތައް
 
1.ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތައް ލުއިކޮށް، އައު އާންމު ހާލަތު ނުވަތަ ނިއު ނޯމަލްގެ ހާލަތުގައި ސަރުކާރުގެ އިދާރާތައް ހިންގުމާއި، އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކައުތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، މި ހާލަތުގައި މުވައްޒަފުން ޢަމަލުކުރަންޖެހޭ ގޮތާ ބެހޭ ގޮތުންނާއި، މަސައްކަތުގެ މާޙައުލުގެ ސާފުތާހިރުކަމުގެ އިރުޝާދުތަކާއި، އިޖުތިމާޢީ ގައިދުރުކަމުގެ އިރުޝާދުތަކާ ބެހޭ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލައި އާންމުކޮށްފައިވާ އެ ކޮމިޝަނުގެ ސަރކިއުލަރ ނަންބަރު  24/2020 (23 ޖޫން 2020) ގައި ހިމަނައިފައިވާ ކަންކަން ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުން.
2. ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުން.
3. ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުން.
4. ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުން.  
5. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ޚިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިޔުން. އަދި، އޮންލައިންކޮށް ދެވެންހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުން.
6.  ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން، އޮންލައިންކޮށް ކުރެވެން ހުންނަ މަސައްކަތްތައް، އޮންލައިންކޮށް ކުރާނެ އިންތިޒާމު ހަމަޖައްސައި، އޮންލައިންކޮށް މަސައްކަތް ކުރުމަކީ އާންމު އުސޫލެއް ކަމުގައި ހެދުން.
7. އޮފީހުން ކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓްކުރުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރުން. މިގޮތުން، ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒްކޮށްގެން "ޕޭޕަރލެސް" މަސައްކަތުގެ މާޙައުލެއް އޮފީހުގައި ޤާއިމުކުރުމަށް މަސައްކަތްކުރުން.
8. ކޮވިޑް 19 އާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުން.
ވީމާ، 2020 ޖުލައި 5 ވާ އާދީއްތަ ދުވަހުން ފެށިގެން، މަތީގައިވާ ގޮތުގެ މަތިން ސަރުކާރުގެ އިދާރާތައް ހުޅުއްވައިގެން ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.