2020 މޭ 31 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް، ތިރީގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ހުޅުވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1. އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެއެވެ. އިދާރާއެއް ހުޅުވާނީ، އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.
2. އިދާރާއެއް ހުޅުވިނަމަވެސް، އެ އިދާރާއަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިލައިގެން ނުވާނެއެވެ.
3. އިދާރާތައް ހުޅުވާނީ، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި 3 ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
4. 3 ވަނަ ނަންބަރުގައިވާ ގޮތަށް ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ކަމުގައި ވިޔަސް، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، މި ނޫން ދުވަސްތަކާއި ވަގުތުތަކުގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރެވިދާނެއެވެ.
5. އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރުމަށް އިދާރާއަށް ނެރެންވާނީ ވީހައިވެސް މަދު އަދަދެއްގެ މުވައްޒަފުންނެވެ.
6. އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ، އެ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފުސީލު، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
7. ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭ އެއްފަދައިން، އެ އިދާރާއެއްގެ މަސައްކަތްތަކުގެ ތެރެއިން ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ކުރަންވާނީ އެ ގޮތުގެ މަތިންނެވެ. އަދި އިދާރާއިން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް ދޭނީ އޮންލައިންކޮށެވެ.
ވީމާ، 2020 މޭ 31 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށް، މަތީގައިވާ ގޮތުގެ މަތިން ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.