ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، 2020 މޭ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވައި، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖައްސަވައިފި ކަމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
ވީމާ، މި ކަންކަން ތަންފީޛު ކުރެއްވުމުގެ ގޮތުން މި އޮފީހުގެ ނަންބަރު 11/2020 (17 އެޕްރީލް 2020) ދެންނެވުމާއި، ނަންބަރު 12/2020 (21 އެޕްރީލް 2020) ދެންނެވުމުގައި ދަންނަވައިފައިވާ ގޮތުގެ މަތިން މި މުއްދަތުގެ ތެރޭގައިވެސް ޢަމަލު ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފައިވާ މި ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައި ދަންނަވަންވެސް ރައީސް ވިދާޅުވިއެވެ.