ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އުފައްދަވައިފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ދެއްވައިފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި، 2020 އެޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވައި، ގޭގައި ތިބެގެން ކުރެވެންހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފައިވާ މި މުއްދަތުގެ ތެރޭގައި،ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މިހައިތަނަށް ސަރުކާރުން އަޅުއްވައިފައިވާ،  ތިރީގައިވާ ފިޔަވަޅުތައް އެގޮތުގެ މަތިން ކުރިޔަށް ގެންދެވުމަށް ދަންނަވަންވެސް ރައިސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ. 
1.        އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި،  ތިރީގައި މިވާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރެއްވުން.
(ހ)  ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
(ށ)  ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
(ނ)  ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
(ރ)  ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
(ބ)  ބޭންކުތަކުން ދޭ ޚިދުމަތް؛
(ޅ)  ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
(ކ)  ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
(އ)  ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
(ވ)  ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
(މ)  ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
(ފ)  ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
(ދ)  ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
(ތ)  އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
(ލ)  ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
(ގ)  ޖަލުތަކުގެ ޚިދުމަތް؛  
(ޏ)  ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
(ސ) މޫސުމާބެހޭ ޚިދުމަތް.
 
2.        މަތީގައި ބަޔާންވެ ދިޔަ ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް އޮފީހަށް ނެރުއްވާ މުވައްޒަފުންނާއި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، 2020 މާރިޗު 12 ވަނަ ދުވަހު އިޢުލާނު ކުރައްވައިފައިވާ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން އޮފީހަށް ނުނެރުއްވުން.
3.        އޮފީސްތައް ހުޅުވައިގެން އާންމުކޮށް ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އުސޫލު މެދުކަނޑާލި ނަމަވެސް،  ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް، ކަމާބެހޭ މުވައްޒަފުން ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރެއްވުމަށް އޮފީސް ހުޅުވަން ޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން    އެ މަސައްކަތެއް ކުރެއްވުން.
4.        ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުން.
5.        އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން.
6.        އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން (ސޯޝަލް ޑިސްޓެންސިންގ) ތަންފީޛުކުރުމުގެ ގޮތުން،  މުވައްޒަފުން ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން.
ވީމާ، މިފިޔަވަޅުތައް ތަންފީޛު ކުރެއްވުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ދަންނަވަމެވެ. މި އޮފީހުގެ ނަންބަރު 7/2020 (18 މާރިޗު 2020) ދެންނެވުމާއި، ނަންބަރު 8/2020 (26 މާރިޗު 2020) ދެންނެވުމުން ސަރުކާރު ބަންދުކުރައްވާފައިވާ ދުވަސްތަކަކީ، ޞިއްޙީ ޚާއްޞަ ހާލަތަކާ ގުޅިގެން، ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ބަންދުކުރައްވައިފައިވާ ދުވަސްތަކެއް ކަމަށާއި، އެ ދުވަސްތަކަކީ، ދިވެހިރާއްޖޭގެ ޤައުމީ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ދުވަސްތަކެއް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.