ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) ގައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމަށާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ޓަކައި ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް، "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" ގެ ނަމުގައި އުފެދުނީ ކަމަށް ބަޔާންކުރާތީ، މިއަދުން ފެށިގެން އެ އިދާރާ ޤާއިމު ކުރައްވައި،
އެ އިދާރާއަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އުފެދުމާ ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަވައި،
އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން، އެ އިދާރާއަށް ބަދަލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 482 ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.