މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ގޮތަށް މި ހަމަޖެއްސެވީ، ކޮންމެ އަހަރެއްގެ އޮގަސްޓުމަހުގެ 10 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފައި އޮތް ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ތަފާތު އެކި ސަބަބުތަކާހުރެ އަހަރުގެ ތެރޭގައި އަންނަ އެހެން ދުވަހެއްގައި މި ދުވަސް ފާހަގަކުރައްވަމުން ގެންދަވަންޖެހިވަޑައިގަތުމާ ގުޅިގެން، ޤައުމީ ފެންވަރުގައި ފާހަގަކުރައްވާނެ ދަނޑުވެރިންގެ ދުވަހަކާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހާމެދު 2020 ފެބުރުވަރީ 11 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުން ދެއްވި ލަފާގެ މަތިން ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދަނޑުވެރިންގެ ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވި މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެ ފަރާތްތަކާ ކުރިމަތިވާ ހުރަސްތަކާއި ދިމާވާ ދަތި ކަންކަން ފާހަގަކޮށް، އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އައު ފަންނުތައް ދަނޑުވެރިންނަށް ތަޢާރަފުކުރުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަހެއް ކޮންމެ އަހަރަކު ފާހަގަ ކުރަމުންދާނަމަ، ދިވެހި ދަނޑުވެރިކަމުގެ ޞިނާޢަތުގެ ތަރައްޤީގެ ސިޔާސަތުތަކާއި މަޝްރޫޢުތައް އެހެނިހެން ޞިނާޢަތުތަކާ އެއް މިސްރާބެއްގައި ތަރައްޤީކުރުމުގެ ފުރުޞަތު ފަހިވެފައި އޮންނާނެ ކަމަށާއި، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހާ ގުޅޭގޮތަށް ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުން،ދަނޑުވެރިންނާއި، އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.