އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަސް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.              
މިކަން މިގޮތަށް ހަމަޖެއްސެވީ، ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރައްވާނެ ދުވަހަކާ ބެހޭގޮތުން2019 ޑިސެންބަރު 17 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
އޮކްބޫބަރު މަހުގެ 22 ވަނަ ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް މި ނިންމެވީ، އެ ދުވަހަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލަޔަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަސް ކަމަށް ވާތީއާއި، ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސްކަމަށް އެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފަޔާ ގުޅިގެން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަސް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.