ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުއްވާފައިވާކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލެޓަރހެޑްގައި، ދައުރުވަމުންދާ ސިޓީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކަށް ނުވާތީ، އެކަމުގެ ތެދު މަޢުލޫމާތު ހާމަކުރުމުގެގޮތުން ދަންނަވަމެވެ. 

    
1.    މި ސިޓީގައި ބަޔާންކޮށްފައިވަނީ ރިޓަޔަރކުރާ އުމުރުގެ މީހުންނަށް ދައުލަތުގެ ބަޖެޓުންދޭ ފައިސާ 2019 ވަނަ އަހަރުގެ ބަޖެޓުގައި ނުހިމެނުމަށްކަމަށް ބުނާއިރު، 2019 ވަނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން މި އޮފީހުން އެއްވެސް ފަރާތަކަށް އެއްވެސް އިރުޝާދެއް އަދި މިހާތަނަށް ދީފައެއް ނުވާނެއެވެ.
 
2.    މި ސިޓީގައި ޖަހާފައިވާ ނަންބަރަކީ، ދައުލަތުގެ ސިޓީތަކުގައި ނަންބަރުޖަހާ އުޞޫލުތަކަށް ބަލާއިރު، މިއޮފީހުން މިނިސްޓްރީ އޮފް ޓޫރިޒަމަށް ފޮނުވާ ސިޓީގައި ޖަހާ ނަންބަރެވެ. އަދި ސިޓީގައިވާ ނަންބަރުގައި މިއޮފީހުން އެއްވެސް ތަނަކަށް ސިޓީއެއް ފޮނުވައިފައެއް ނުވެއެވެ. 

3.    ސިޓީގައިވާ ވާހަކަތަކަކީ، ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 7 ވަނަ ދުވަހު ގދ. ފަރެސްމާތޮޑާގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމާއި، ބަނދަރު ހުޅުވުމާއި، ފަރެސްމާތޮޑާ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރިޓަޔަރމަންޓް އުމުރަކީ މިހާރު 65 އަހަރަށް އޮންނަ އޮތުން، 74 އަހަރަށް ނުވަތަ 75 އަހަރަށް ބަދަލުކުރައްވާނޭކަމުގައި ވިދާޅުވި ވިދާޅުވުމުގެ މާނަ އޮޅޭގޮތަށް ފަތުރަމުންގެންދާ ވާހަކަތަކެއްކަމުގައި ފާހަގަކުރަމެވެ. އަދި މި އުމުރު ބަދަލުކުރުމުން، މިހާރު ދިވެހި ކޮންމެ ރައްޔިތަކަށް 65 އަހަރުވުމުން ލިބެމުންދާ 5000/- ރުފިޔާގެ އެލަވަންސް ކަނޑައިލާނެކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކަށް ބާރުލިބޭގޮތަށް ތައްޔާރުކޮށްފައިވާ ސިޓީއެއްކަންވެސް ފާހަގަކުރަންޖެހެއެވެ. އަދި މިކަމާ ގުޅޭގޮތުން 2018 ވަނަ އަހަރުގެ ޖުލައިމަހުގެ 11 ވަނަ ދުވަހު މ. ކޮޅުފުށީގެ ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، 65 އަހަރު ފުރިފައިވާ މީހުންނަށް ލިބޭ ފައިސާ އެއްވެސް ގޮތަކަށް ދަށްނުކުރައްވާނޭކަމަށާއި، މި އުމުރުގެ ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ އިތުރުކުރައްވާނޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައަށް ބަލާއިރު، މިހާރުވެސް 65 އަހަރުން މަތީގެ މުވައްޒަފުން ދައުލަތުގެ އެކި މުއައްސަސާތަކުގައި ޚިދުމަތްކުރަމުންދާކަމާއި، މިފަދަ އެއްވެސް މީހެއްގެ އެލަވަންސް އުނިކޮށްފައިނުވާކަން ފާހަގަކުރަމެވެ. 

ވުމާއެކު، މިކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދީ، ރައްޔިތުންގެ ތެރޭގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުއްވާފައިވާކަމަށް ބުނެ، ސޯޝަލް މީޑިޔާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލެޓަރހެޑްގައި، ދައުރުވަމުންދާ ސިޓީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާ ސިޓީއެއް ނޫންކަން ހާމަކުރައްވާފައިވާ ނޫސް ބަޔާން