މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަށުން މިހައިތަނަށް ހިނގަމުންއައި "ޑިޕާޓްމަންޓް އޮފް ސްޕެޝަލް ނީޑްސް އެޑިޔުކޭޝަން" ގެ ނަން "ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން" ގެ ނަމަށް 2018 ޑިސެންބަރު 13 ވަނަ ދުވަހުން ފެށިގެން ބަދަލުކުރައްވައި، އެ އިދާރާގެ ބައެއް މަސައްކަތްތަކަށް ބަދަލުގެންނަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ އިދާރާގެ މަސައްކަތްތައް އަލުން ހަމަޖައްސަވާފައިވާގޮތް ތިރީގައި މިވަނީއެވެ.

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުގެ މަސައްކަތްތައް

  1. ޤައުމީ މަންހަޖާ އެއްގޮތަށް ހުރިހައި ދަރިވަރުން ޝާމިލުކޮށްގެން ދެވޭ ތަޢުލީމު ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމުތައް ފަރުމާކޮށް، ރާވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުން.
  2. ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ތަޢުލީމާއި ތަމްރީނުގެ ހަމަހަމަ ފުރުޞަތުތައް ހުރިހައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް، އިންކްލޫސިވް އެޑިޔުކޭޝަނުގެ މިންގަނޑުތަކާ އެއްގޮތަށް އުނގަންނައިދިނުމަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ޤާއިމުކުރުން.
  3. "އާރލީ އިންކްލޫޝަން" އަދި "އާރލީ އިންޓަވެންޝަން" ގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަރުދަނާ ރެފަރަލް ނިޒާމެއް ޤާއިމުކުރުމާއި ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުން. 
  4. އިންކުލޫސިވް އެޑިޔުކޭޝަނުގެ ދާއިރާއިން ރާއްޖޭގައި ހިންގާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިނގާގޮތް ބަލައި ވަޒަންކޮށް ދޭންޖެހޭ ފަންނީ ލަފާދިނުން.
  5. އިންކްލޫސިވް އެޑިޔުކޭޝަނުގެ ދާއިރާއިން ޓީޗަރުންނާއި ފެސިލިޓޭޓަރުން ތަމްރީންކުރުމާއި،     މި ފަރާތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުތައް ދާއިމީގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.
  6. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ތަންތަން ފަރުމާކުރުމަށް ބާރުއެޅުން.
  7. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމަށް އެޅޭ ހުރަސްތައް ކުޑަކުރުމަށާއި ޝާމިލުކުރުމުގެ ޘަޤާފަތެއް އުފެއްދުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަސައްކަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  8. އިންކްލޫސިވް އެޑިޔުކޭޝަނުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.