بسـم اللَّه الرّحـمٰـن الـرّحيـم
 
  اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
 
الســّلام عليــكم ورحـمــة اللّـه وبـركاتـه،
 
އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ވާޖިބު އަދާކުރަމުން މި ގެންދަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ދަމަހައްޓައިގެން ކަމުގެ ޔަޤީންކަން ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު މިއަދުވެސް އަރުވަން. އަދި ކުރިޔަށްއޮތް ތާނގައިވެސް މިކަންކަން މިގޮތުގެމަތީން ދަމަހައްޓާނޭ ކަމުގެ ޔަޤީންކަންވެސް މިއަދު މި ފުރްޞަތުގައި ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އަރުވަން.
 
ވޭތުވެދިޔަ އަހަރަކީ، ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް ކާމިޔާބުކަމާއެކު ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެވިގެންދިޔަ އަހަރު.
 
 ޢިއްޒަތްތެރި ރައީސް؛
 
ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަންދޭ އެއްކަންތައް.

 

ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމާއި، މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ބަންޑާރަ ނައިބު އޮފީހުން މިހާރު އެކުލަވައިލައްވާފައިވާ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ވޭތުވެދިޔަ އަހަރު ގިނަ ލަނޑުދަނޑިތަކެއްވަނީ ޙާޞިލު ކުރެވިފައި.
 
ޢަދުލު އިންޞާފުގެ ދާއިރާއަކީ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޤަދަރު ލިބިފައި އޮތް ދާއިރާއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކީ ކުރެވޭތޯ ސަރުކާރުން މި ގެންދަނީ ބަލަމުން. ޢަދުލު އިންޞާފު ޤާއިމު ކުރެވޭނީ އެންމެންނާމެދުވެސް ހަމަހަމަކަމާއެކު، އެއް އުސޫލަކުން ޢަމަލުކޮށްގެން.
 
ރާއްޖޭގައި، ޤާނޫނުގެ ބޭރުން އަދި ކޯޓުތަކުގެ އަމުރާ ޚިލާފަށް މީހުން ހިފައި ހައްޔަރުކުރީމާ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކަމަށް އަދަބުދޭތީ، ބައެއް ފަރާތްތަކުން ކަންބޮޑުވުން އެބަ ފާޅުކުރޭ. އެހެންނަމަވެސް އެކަންކަން އެގޮތަށް ހިންގުމަކީ، ޤާނޫނުގެ ވެރިކަން ބަލިކަށިވެ، މުޖުތަމަޢުގެ އިންތައް ހަލާކުވެގެންދާނެ ކަމެއް. އެކަހަލަ ކަންކަން ހިންގުމަކީ، ގަބޫލު ކުރެވޭނެ ކަމެއް ނޫން.
 
ޢިއްޒަތްތެރި ރައީސް؛
 
ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތުކަމެއް ދެމުން މިގެންދަނީ، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށް. އެގޮތުން ވޭތުވެދިޔަ އަހަރަކީ، ސަރުކާރުގެ ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު އަހަރެއް. ހަމައެޔާއެކު ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދިޔަ އަހަރެއްވެސްމެ. އަދި އިޤްތިޞާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރެއް. މާތްﷲގެ އިރާދަފުޅާއެކު، މި 2016 ވަނަ އަހަރަކީ، މިދިޔަ އަހަރަށްވުރެ ގިނަ، ބޭނުންތެރި މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާނެ އަހަރެއް.
 
މާލޭގައި ޢިމާރާތްކުރަމުންދާ ފްލެޓްތަކުގެ ތެރެއިން ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމުގަޔާއި އަދި ގާކޮށީގައި ހަދާ ފްލެޓްގެ މަސައްކަތް ނިންމައި، އިރާދަކުރެއްވިއްޔާ މިއަހަރު އެ ދެތަނުގައި މީހުން ދިރިއުޅެން ފަށާނެ.
 
ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ޢިމާރާތް ކުރަމުންގެންދާ 704 ހައުސިންގ ޔުނިޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ނިމި، އެތަނުގައި މީހުން ދިރިއުޅެން ފަށާނެ. އަދި މެދުފަންތިއަށާއި މަތީފަންތިއަށް އަމާޒުކޮށްގެން، އަމިއްލަ ކުންފުނިތަކުން ހަދާ 1200 ފްލެޓްގެ މަސައްކަތްތައް މިހާރުވަނީ ފަށާފައި.    
 
ހުޅުމާލޭ ޔޫތު ސިޓީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10,120ހައުސިންގ ޔުނިޓުގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ.
 
މީގެއިތުރުން ޗައިނާ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގެ ދަށުން ފަށާފައިވާ 1500 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތްތައް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިންމާލެވޭނެ. މިދެންނެވި ޢަދަދުތަކާއެކު ޖުމްލަ 13,524 ފްލެޓް ޢިމާރާތް، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ކުރެވޭނެކަމާމެދު އަޅުގަނޑު އުންމީދު ކުރަން.
 
          ޢިއްޒަތްތެރި ރައީސް؛
 
ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތައް، އާ މާކެޓްތަކަށް އިޝްތިހާރު ކުރުމަށާއި، ދިވެހިރާއްޖޭގެ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ލިބިފައިވާ އެމް.އެސް.ސީ ސެޓްފިކެޓް ދެމެހެއްޓުމަށްޓަކައި މިދިޔަ އަހަރު ހިންގުނު ތަފާތު މަޝްރޫޢުތަކުގެ ސަބަބުން، މިހާރު މަހުގެ އެކްސްޕޯޓް 14 މާކެޓަކަށް އިތުރުވެ، ޔޫރަޕް މާކެޓުގެ އިތުރުން، އެމެރިކާއަށް އެކްސްޕޯޓް ކުރެވޭ މަހުގެ އުފެއްދުންތައްވެސް ނިސްބަތުން ދަނީ އިތުރުވަމުން.

ޤުދުރަތީގޮތުން ދިމާވާ އެކިއެކި ހާދިސާތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކާ ގުޅޭގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެލައިޑް އިންޝުއަރެންސް ކުންފުންޏާ ގުޅިގެން މިހާރު ދަނޑުވެރިންނަށް އިންޝުއަރެންސް ސްކީމެއް ވަނީ ތަޢާރުފްކުރެވިފައި.
 
        ޢިއްޒަތްތެރި ރައީސް؛
 
ތަހުޒީބު މުޖްތަމަޢަކަށް ބޭނުންވާ ތަރުބަވީ ތަޢުލީމާއި ތަމްރީނަށް އަމާޒުކޮށްގެން، 2015 ވަނަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ޕްރީސްކޫލް ތަޢުލީމް ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި، ސަރުކާރުގެ ސްކޫލްތަކުން ޕްރީސްކޫލް ތަޢުލީމް ދޭން ފެށުން. ހަމައެޔާއެކު، ޢުމުރުން 18 އަހަރު ވަންދެން ނުވަތަ ގްރޭޑް 10ގެ ތަޢުލީމަށްފަހު، އިތުރު 2 އަހަރުގެ ސްކޫލް ތަޢުލީމު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތް މިވަނީ ފަށާފައި. މިބަދަލާއެކު ރާއްޖެ ވެގެންދާނީ، 14 އަހަރުގެ ހިލޭ ސްކޫލް ތަޢުލީމު ފޯރުކޮށްދެވޭ މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށް.
 
ޢަރަބި އިސްލާމީ ތަޢުލީމު ރާއްޖޭގައި ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން މިހާރު ރާއްޖޭގެ 48 ސްކޫލެއްގައި ޢަރަބިބަސް މިގެންދަނީ ކިޔަވައިދެމުން. އަލަށް އެކުލަވައިލެވުނު ޓީޗަރުންގެ އޮނިގަނޑުގެ ދަށުން، ޓީޗަރުންގެ މުސާރައަށް މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލުތަކެއް ގެނެވި، މިދިޔަ އަހަރު ނިމުނުއިރު، އެ އޮނިގަނޑުގެ ދަށުން ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ހުރިހާ ޓީޗަރުންވަނީ ތަމްރީނުކުރެވިފައި. އަދި ޓީޗަރުން ޑިގްރީ ފެންވަރަށް ގެންދިޔުމުގެ 10 އަހަރު ދުވަހުގެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މިއަހަރު ފެށިގެންދާނެ.
 
          ތަޢުލީމީ ދާއިރާގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ، އެއްވެސް ކުއްޖަކު ބާކީނުކޮށް، ޢުމުރުން 18 އަހަރުވަންދެން ނުވަތަ އެކުއްޖަކަށް ވަޒީފާގެ ބާޒާރަށް ނުކުމެ ވަޒީފާ އަދާކުރެވޭނޭފަދަ ޤާބިލުކަމެއް ލިބެންދެން ތަޢުލީމުގެ ކޮންމެވެސް ހަރުފަތެއްގައި ނުވަތަ ގިންތިއެއްގައި ގެންގުޅުން.
 
ދިވެހިރާއްޖެއަކީ، މެލޭރިޔާ ނައްތައިލެވިފައިވާ ޤައުމެއް ކަމަށް ޑަބްލިޔޫ.އެޗް.އޯ އިން ވަނީ ކަނޑައަޅާފައި. އަދި އެކަމުގެ ލިޔުން މިދިޔަ އަހަރު ވަނީ ހަވާލުކޮށްފައި. މިއީ ޞިއްޙީ ދާއިރާއިން ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ހަމައެޔާއެކު، އެންސްޕާއާއި އާސަންދަ މެދުވެރިކޮށް ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް، ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިދިޔަ އަހަރު ފޯރުކޮށްދީ، 6,000 އަށްވުރެ ގިނަ މީހުން ބަލައި ފަރުވާދީފައިވޭ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އެސް.ޓީ.އޯ.ގެ ބޭސްފިހާރަތައް ޤާއިމުކޮށް، އާސަންދަ މެދުވެރިކޮށް މި ބޭސްފިހާރަތަކުން ރައްޔިތުންނަށް ހިލޭ ބޭސް ދޫކުރަން ވަނީ ފެށިފައި. މިކަންކަމަކީ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑެތި ކުރިއެރުންތަކެއް.
 
ކެންސަރާއި ކިޑްނީ އަދި ހިތުގެ ބަލިތަކަށް މެދުނުކެނޑި ދިގު މުއްދަތަކަށް ބޭސްފަރުވާކުރަންޖެހޭ މީހުންނަށް، އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސް ނިޒާމުގެ ދަށުން، ދާއިމީ ގޮތެއްގައި ފަރުވާ ލިބޭނެގޮތް ވަނީ ހަމަޖައްސައިދެވިފައި. އަދި ހަމައެއާއެކު، މިހާތަނަށް 23 މީހެއްގެ ކިޑްނީ ބަދަލުކޮށް، 5 މީހެއްގެ ލިވަރ ބަދަލުކޮށްދެވިފައިވޭ. އަދި ރާއްޖެއިން ލިބެން ނުހުންނަ ޞިއްޙީ ޚިދްމަތްތަކަށް ރާއްޖެއިން ބޭރުގެ 31 ހޮސްޕިޓަލަކުން "ހުސްނުވާ އާސަންދަ"އިގެ ޚިދްމަތް ދެމުން ގެންދެވޭ.
 
ހަމައެއާއެކު ފެންވަރު ރަނގަޅު ކެތްލެބެއް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އައި.ޖީ.އެމް.އެޗް.ގައި ޤާއިމުކުރެވޭނެ. އަދި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކަށް ޚާއްޞަ ސުޕަރ ސްޕެޝަލިސްޓް ކިޑްނީ ސެންޓަރެއްވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޤާއިމުކުރެވޭނެ. އަދި ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދްމަތް، އިރާދަކުރެއްވިއްޔާ މި ސެންޓަރުން ލިބިގެންދާނެ.

ޢިއްޒަތްތެރި ރައީސް؛
 
އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ހުރި ގޮންޖެހުންތަކާއި ފުރްޞަތުތައް ދެނެގަތުމަށްޓަކައި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމަނައިގެން، [ކައުންސިލް ފޮރ އިކޮނޮމިކް އެމްޕަވަރމަންޓް އޮފް ވިމެން] ގެ ނަމުގައި ކައުންސިލެއް އެކުލަވައިލައި، ކައުންސިލްގެ މަސައްކަތްތައް މިހާރުވަނީ ފަށާފައި.
 
ގެވެށި އަނިޔާގެ ޢަމަލުތައް ރާއްޖޭގައި ފެތުރިފައިވާ މިންވަރާއި އެފަދަ ޢަމަލުތައް ހިނގަމުންދާ ނިސްބަތާއި، ސަބަބާއި، ޒާތާއި، އަދި ވަށްޓަފާޅިއާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައްކޮށް، ހޯދަންޖެހޭ ތަފާސް ހިސާބުތައް ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން މިގެންދަނީ އަޅަމުން.
 
ރާއްޖޭގެ އުފެއްދުންތެރި ހަކަތައަކީ، ޒުވާނުން ކަމަށްވުމާއެކު، ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. މިގޮތުން، ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމަށާއި، ވަޒީފާ ބޭނުންވާ ޒުވާނުންނަށް ވޭތުވެދިޔަ އަހަރު އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ވަނީ ހިންގިފައި. އަދި ވަޒީފާގެ ދަފްތަރުގެ ނަމުގައި އެކުލަވައިލެވިފައިވާ ޑޭޓާބޭސް މެދުވެރިކޮށް، ޒުވާނުންނަށް ވަޒީފާ ހޯދައިދީ، ވަޒީފާގެ މަޢުލޫމާތު ފޯރުވައިދިނުމުގެ މަސައްކަތް މިހާރުވެސް މި ގެންދަނީ ކުރަމުން.
 
ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމަށާއި، މަސްދޯނިފަހަރު ބަނުމަށާއި، އަދި ދޯނިފަހަރަށް ބޭނުންވާ އިންޖީނާއި، ޒަމާނީ ވަސީލަތްތައް ހޯދުމުގައި މާލީގޮތުން އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ލޯނު ޕްރޮގްރާމުގެ ދަށުން 13 ފަރާތަކަށް، 7.7 މިލިއަން ރުފިޔާގެ ލޯނު މިދިޔަ އަހަރު ވަނީ ދޫކުރެވިފައި.

ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމަށްޓަކައި ދެ ފިޔަވައްސަކަށް ބަހާލައިގެން ހިންގާ ލޯނު ޕްރޮގްރާމުގެ ދަށުން، 84 ފަރާތަކަށް ޖުމްލަ 5.7 މިލިއަން ރުފިޔާގެ ލޯނު މިހާރުވަނީ ދޫކުރެވިފައި.
 
 ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް [ގެޓްސެޓް]ގެ ނަމުގައި 34 ވިޔަފާރިއަކަށް ލޯނުގެ ގޮތުގައި 25.5 މިލިއަން ރުފިޔާ ކަނޑައެޅި، އެ ލޯނުތައް ދޫކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރުދަނީ ހިނގަމުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެ ލޯނުތައް އެ ފަރާތްތަކަށް ދޫކުރެވޭނެ. މީގެއިތުރުން، އައި.ޑީ.ބީ ގެ އެހީގައި [ފަސޭހަ މަދަދު]ގެ ނަމުގައި 30 މިލިއަން ރުފިޔާގެ ސްކީމެއް އިޢުލާނު ކުރެވި، އެކަމުގެ ހުށަހެޅުންތައް މިހާރުދަނީ ދިރާސާ ކުރެވެމުން. އަދި ގެޓްސެޓް ޕްރޮގްރާމުގެ 2 ވަނަ ބުރެއް މިއަހަރު އިޢުލާނުކޮށް، ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ އަދި ވިޔަފާރީގެ ދާއިރާއަށް ވަނުމަށް ޝައުޤުވެރިވާ ޒުވާނުންނަށް 40 މިލިއަން ރުފިޔާގެ ސްކީމެއް އިރާދަކުރެއްވިއްޔާ މިއަހަރު ހުޅުވިގެންދާނެ.
 
 ސަރުކާރުގެ މައިގަނޑު އަނެއް އަމާޒަކީ، ރާއްޖޭގައި އަމަންއަމާންކަން ޤާއިމުކޮށްދިނުން. އަދި ރާއްޖޭގެ ރައްޔިތުންނަށް އަމާން މާޙައުލެއް ތަނަވަސްކޮށްދިނުން. އެގޮތުން، މިދިޔަ އަހަރަކީ، ކުށުގެ ވެށި ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެއް. ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން 2014 ވަނަ އަހަރަށްވުރެ 2015 ވަނަ އަހަރު ހުށަހެޅުނު ވައްކަމުގެ މައްސަލަތައް ގާތްގަނޑަކަށް 22 ޕަސެންޓް މަދުކުރެވިފައިވަނީ. ފޭރުމުގެ މައްސަލަތައް 12 ޕަސެންޓް މަދުކުރެވިފައިވަނީ. މާރާމާރީގެ މައްސަލަތައް ގާތްގަނޑަކަށް 12 ޕަސެންޓް މަދުކުރެވިފައިވަނީ. ކުށް ތަކުރާރުކުރާ މީހުންގެ ނިސްބަތް، 21 ޕަސެންޓް ދަށްކުރެވިފައިވަނީ. ކުށަށް އަރައިގަންނަ ކުޑަކުދިންގެ ނިސްބަތް، 8 ޕަސެންޓް ދަށްކުރެވިފައިވަނީ.
 
  ޢިއްޒަތްތެރި ރައީސް؛
 
  މާލެ ސަރަޙައްދަށް ލިބެމުންދާ ސާފު ބޯފެން އެއްވެސް ދަތިކަމެއްނެތި ޢާންމުންނަށް ފަސޭހަކަމާއެކު ލިބޭނެކަމުގެ ޔަޤީންކަން ހޯދައިދިނުމަށް މާލޭގެ 2 ސަރަޙައްދެއްގައި އާ 2 ފެން ޕްލާންޓް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު ވަރަށް އަވަހަށް ފަށާނެ. [އެންމެނަށް ސާފުބޯފެން] ވަޢުދާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން 2015 ވަނަ އަހަރު 10 ރަށެއްގެ ފެނުގެ ނިޒާމު ޤާއިމުކޮށް، ފެން ފޯރުކޮށްދެވިފައިވޭ. އަދި މިއަހަރު 37 ރަށެއްގައި ފެނުގެ ނިޒާމުގެ މަޝްރޫޢު، އެކި މަރްޙަލާތަކުގައި ކުރިއަށްދާނެ.
                                    
 އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު 10 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދެވިފައިވޭ. އަދި 2015 ވަނަ އަހަރު 22 ރަށެއްގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައި، 42 ރަށެއްގެ ނަރުދަމާ ނިޒާމު ފަރުމާކުރުމުގެ މަސައްކަތް، އެކި މަރްޙަލާގައި ކުރިއަށްދާނެ.

ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން، 13 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. އަދި 12 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ އާ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މިއަހަރު ފެށިގެން ކުރިއަށްދާނެ.
 
2015 ވަނަ އަހަރު 9 ރަށެއްގެ ބަނދަރު ހަދައި ނިމިފައިވޭ. އަދި 9 ރަށެއްގެ ބަނދަރު ފުންކޮށް، މަރާމާތު ކުރެވިފައިވޭ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބަނދަރު ހެދުމުގެ 51 މަޝްރޫޢެއްގައި ސޮއިކޮށް، އެ ބަނދަރުތަކުގެ މަސައްކަތް، އެކި މަރްޙަލާތަކުގައި މިހާރުދަނީ ހިނގަމުން.
 
ރަށްރަށުގެ ބިމުގެ މުއްސަނދިކަން އިތުރުކުރުމުގެ ގޮތުން، 7 ރަށެއްގެ ބިން ހިއްކައި، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. އިތުރު 3 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގައި މިހާރުވަނީ ސޮއިކުރެވިފައި.
 
20 ރަށެއްގެ މަގުހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށް، 8 ރަށުގެ މަސައްކަތް މިހާރުވަނީ ޢަމަލީގޮތުން ފަށާފައި. މި އަންނަ މާރިޗު މަހުގެ ތެރޭގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އިތުރު ވަސީލަތް ހޯދައިދޭން ސަރުކާރުން ވަނީ ނިންމާފައި.
 
ހައްދުންމަތީ ބޮޑުމަގުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ނިމި، އެ މަގުގެ ބޭނުންކުރަން ފެށޭނެ.
 
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ޚިދުމަތް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ދިނުމަށްޓަކައި 7 ސަރަޙައްދަކަށް ބަހާލެވި، އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދެއްހާ ތާނގައި، ހުރިހާ ސަރަޙައްދަކަށް މި ޚިދުމަތްތައް ދާއިމީގޮތެއްގައި ލިބިގެންދާނެ.
 
ޢިއްޒަތްތެރި ރައީސް؛
 
މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނެ ކަމަށް ލަފާކުރެވިފައި މިވަނީ 4.8 ޕަސެންޓްގައި. އަދި މިއަހަރު، 2016 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.4 އިންސައްތައަށް ކުރިއަރާނެކަމަށް ލަފާކުރެވޭ. 2014 ވަނަ އަހަރާއި އަދި 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އަޅައިބަލާއިރު، ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 1.54 އިންސައްތައިގައި.
 
2015 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒަރވް ހުރީ 567 މިލިއަން އެމެރިކާ ޑޮލަރުގައި. އަދި 2016 ވަނަ އަހަރު ނިމޭއިރު ރަސްމީ ރިޒަރވްގައި 644 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ.
 
ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އަދި ޑިޕޮސިޓަރުންގެ ޙައްޤުތައް، ޚާއްޞަކޮށް، ކުދި ޑިޕޮސިޓަރުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށްޓަކައި ޑިޕޮޒިޓް އިންޝުއަރަންސް ސްކީމެއް މިދިޔަ އަހަރުވަނީ ޤާއިމުކުރެވިފައި.
 
ވޭތުވެދިޔަ އަހަރަކީ ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނު އިތުރުކުރުމަށް މަގުފަހިކުރުމަށްޓަކައި މިނިމަމް ރިޒަރވް ރިކްޔަރމަންޓް 20 ޕަސެންޓުން 10 ޕަސެންޓަށް ތިރިކުރެވިފައިވާ އަހަރެއް.
 
ޢިއްޒަތްތެރި ރައީސް؛
 
         ފަތުރުވެރިކަމުގެ ދާއިރާއިންވެސް ރާއްޖެ، ވޭތުވެދިޔަ އަހަރުވަނީ ފާހަގަކުރެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައި. މިދިޔަ އަހަރު ރާއްޖެއަށް 1.23 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި. އަދި މިދިޔަ އަހަރު މި ދާއިރާއިން 1000 އެނދު ވަނީ އިތުރުވެފައި. ހަމައެއާއެކު، ރިޒޯޓް ހެދުމަށް ބޮޑެތި ފަޅުތަކުގައި ރަށް އުފެއްދުމަށާއި، އަދި ބިންހިއްކުމުގެ މަޝްރޫޢުތައް ނިންމުން އަވަސްކުރުމަށްޓަކައި ހޮޕަރ ޑްރެޖަރ ގަތުމަށް ދައްކަންޖެހޭ ފައިސާ މިހާރުވަނީ ދައްކައި ނިންމާފައި. އިންތިޒާރު ކުރެވޭގޮތުގައި މިއަހަރު ފަހުކޮޅު އަޅުގަނޑުމެންނާ ހަމަޔަށް މި ޑްރެޖަރ އަންނާނެ.
 
ފަތުރުވެރިކަން ކުރިއަރުވައި މި ޞިނާޢަތު ތަރައްޤީ ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންދީ، ފަތުރުވެރިކަން އިނދަޖައްސައިލުމަށް ކެނޑިނޭޅި ދިވެހިންގެ ބަޔަކު، ކުރަމުންދާ މަސައްކަތުގެ ސަބަބުން، ފަތުރުވެރިކަމަށް އަސަރުނުކުރެޔެކޭ ދެންނެވޭކަށް ނެތް. މިކަމަށް ހުއްޓުމެއް ގެނައުމުގެ ގޮތުން މިދިޔަ އަހަރު މިޢިއްޒަތްތެރި މަޖިލީހުންވަނީ ޤާނޫނެއް ފާސްކޮށްދެއްވާފައި. އެހެންނަމަވެސް އެ ޤާނޫނުގައި، ޤާނޫނީ ގޮތުން ޙައްލުކުރަންހުރި މައްސަލަތަކެއް ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވާތީ، އަލުން ވިސްނާވަޑައިގަތުމަށް ޢިއްޒަތްތެރި މަޖިލީހަށް މި ބިލް ވާނީ ފޮނުވާފައި.
 
           ރާއްޖޭގެ ނަން ކިލަނބުކޮށް، ރާއްޖެއަށް ދަތިކުރުމަށް އެކިފަރާތްތަކުން މަސައްކަތް ކުރަމުންގެންދާތީ، ކަންކަމުގެ ޙަޤީޤަތް ސާފުކޮށްދީ، ބޭރު ދުނިޔޭގައި ރާއްޖޭގެ ތަޞައްވުރު ރަނގަޅު ކުރުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާއާއި ވަގުތު ހޭދަކުރަން ސަރުކާރަށްވަނީ މަޖުބޫރުވެފައި.
 
 މިދިޔަ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކުރެވިގެން ލޯނު ސްކީމްތަކެއް ހިންގުނު އަހަރެއް. އެގޮތުން، އޭ.ޑީ.ބީ.ގެ އެހީގެ ދަށުން 23 މިލިއަން ރުފިޔާގެ ލުއި ލޯނު ސްކީމެއް ހިންގައި، މި ސްކީމްގެ ދަށުން 96 ވިޔަފާރިއަކަށް މިދިޔަ އަހަރު ލޯނުވަނީ ދޫކޮށް ނިންމާފައި. މީގެތެރެއިން 40 އިންސައްތަ ލޯނު ޚާއްޞަކުރެވިފައިވަނީ ޒުވާނުންނަށާއި އަންހެނުންނަށް.
 
ޢިއްޒަތްތެރި ރައީސް؛
 
ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލުވެފައިވާ ފަރާތްތަކާއި، ޚިޔާނާތްތެރިވެފައިވާ ފަރާތްތަކާއި، ދައުލަތުގެ މުދަލާއި ފައިސާއާ ގުޅިގެން ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާ ފަރާތްތަކާ ގުޅޭގޮތުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓްތަކުގެ އަލީގައި އެފަދަ ފަރާތްތަކުން ކޮށްފައިވާ ޢަމަލުތަކާ ގުޅިގެން ދައުލަތަށް ލިބެންވާ ފައިސާ ހޯދުމުގެ މަސައްކަތް، މިއަހަރު ބަންޑާރަ ނައިބު ފަށްޓަވާނެ.  
 
          ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު މަޤްޞަދަކީ ރާއްޖޭގެ މިނިވަންކަމާއި މި ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް ކުރިއެރުވުން. އަދި ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާ ގުޅުން އިތުރަށް ބަދަހިކުރުން. އަދި ރާއްޖެއަށް ލިބިފައިވާ އެހެން ޤައުމުތަކުގެ އިޙްތިރާމް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަނުމަށް ބޭރުގެ ފަރާތްތަކަށް ފުރްޞަތު ދިނުމުގެ ބަދަލުގައި، އެފަރާތްތަކާ ގުޅިގެން މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން. މީގެއިތުރުން، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި، ރާއްޖެއަކީ އެ ޙައްޤުތަކަށް އިޙްތިރާމްކުރާ ޤައުމަކަށް ހެދުން. އެގޮތުން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގެ ދަށުން ރާއްޖެއިން ކުރަންޖެހޭ ކަންތައްތަކާއި، ނަގަންޖެހޭ ޒިންމާތައް ނެގުމަށް ބާރުއެޅުން.
 
މާތްﷲގެ ވާގިފުޅާއެކު، 2015 ވަނައަހަރު، ޚާރިޖީ ދާއިރާގައި ދިވެހިރާއްޖެވަނީ ދިވެހިން ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ހާސިލުކޮށްފައި. ރާއްޖޭގެ ރީތި ނަން ދަމަހައްޓައި، ދިވެހި ޤައުމުގެ ޤަދަރާއި ޝަރަފު މަތިވެރި ކޮށްދީފައި.
 
          ވޭތުވެދިޔަ އަހަރަކީ ރާއްޖެއަށް އެކިއެކި ރޮނގުތަކުން ބޮޑެތި ފައިދާތަކެއް ހާސިލު ކުރެވޭނެ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނު އަހަރެއް. މިގޮތުން، އިންޑިއާ، ޗައިނާ، ޖަޕާން، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް އަދި ފަލަސްތީނާ އެކީ ވަނީ އެކި އެއްބަސްވުންތަކުގައި ސޮއިކުރެވި ތަންފީޒުކުރަން ފެށިފައި. އަދި ހަމައެއާއެކު، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީއަށް އ.ދ. އިން އެހީ ދޭނެ ދާއިރާތަކާބެހޭ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރެވިފައި.
 
           ޢިއްޒަތްތެރި ރައީސް؛
 
          ސަރުކާރުގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުއަސާސީގެ ދަށުން ހަދާފައިވާ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި އިޙްތިރާމްކުރާ ބައެއްގެ ގޮތުގައި ދިވެހިން ދެމިތިބުން. ހަމައެއާއެކު، ރާއްޖެއަކީ ބޮޑެތި ޖިނާއީ ކުށްތައް މަދު، އަދި މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެފައިވާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުން. އަދި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެވެސް އިޙްތިރާމް ލިބިފައިވާ، އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި އަބަދަށްޓަކައި ދެމެހެއްޓުން. އެހެންކަމުން، މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މިގެންދަނީ ކުރަމުން. މި އެންމެހައި ކަންތައްތައް މިގޮތަށް ކުރުމުގައި ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ސަރުކާރަށް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އޮތް ވާހަކަ ދަންނަވަން.
 
        މާތްﷲ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށި! ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަށް ގެންދިޔުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށި! އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަންމަތީ މި ޤައުމު އަބަދަށްމެ ލަހައްޓަވާށި! އާމީން.
 
والسّلام عليــكم ورحـمــة اللّـه وبـركاتـه.