بســم اللّـه الرّحمـن الرّحيــم

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ، ރޭ އަވަހާރަވުމާ ގުޅިގެން، ދެކުނު އެފްރިކާއަށާއި އަދި މުޅިދުނިޔެއަށް ލިބުނު ފުން ހިތާމައިގައި ދިވެހި ސަރުކާރު ބައިވެރިވެ، ނެލްސަން މަންޑޭލާގެ އަނބިކަނބަލުންނަށާއި، ޢާއިލާގެ ބޭފުޅުންނަށާއި، ދެކުނު އެފްރިކާގެ ރައީސް ޖޭކަބް ޒޫމާ އަށާއި، ދެކުނު އެފްރިކާގެ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚުލާޞްތެރިކަމާއެކީގައި ތަޢުޒިޔާ ދަންނަވަން.

ނެލްސަން މަންޑޭލާ އަވަހާރަވި ޚަބަރު އަޅުގަނޑުމެން އެހީ، ވަރަށް ފުން ހިތާމައާ އެކުގައި. ދެކުނު އެފްރިކާއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ، އެކުވެރި ޤައުމެއް. އެހެންކަމުން، ރާއްޖެއާ މިހާ ގާތް ގުޅުމެއް އޮތް ޤައުމެއްގެ ވަރަށް މުހިންމު ޝަޚުޞިއްޔަތެއް މިދުނިޔެއާ ވަކިވެވަޑައިގަތުމަކީ ދިވެހި ސަރުކާރަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް. މި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން، މާދަމައިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ހަމަޖައްސަވާފައި. އަދި ނެލްސަން މަންޑޭލާގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޚާއްޞަ މަންދޫބެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފު ފޮނުއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ ނިންމަވާފައި.

ނެލްސަން މަންޑޭލާއަކީ، މުޅި ދުނިޔެ ޚާއްޞަ ޤަދަރެއް ދީފައިވާ ބައިނަލްއަޤުވާމީ ޝަޚުޞިއްޔަތެއް. ލާމަސީލު ބޭފުޅެއް. މި ޖީލުގެ ގިނަބައެއްގެ އިޙުތިރާމާއި ޤަދަރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއްވެސްމެ. އެމަނިކުފާނު އެންމެބޮޑަށް ފާހަގަވެގެންދަނީ، އިންސާނީ ހަމަހަމަކަމާއި ޙައްޤުތައް ކަށަވަރުކޮށްދެއްވުމަށް ވަކާލާތުކުރައްވައި، ނަމޫނާ ދެއްކެވި ޝަޚުޞިއްޔަތެއްގެ ގޮތުގައި. އަދި ނަސްލީ އިމްތިޔާޒު ނައްތާލެއްވުމަށް ބުރަމަސައްކަތްޕުޅުތަކެއް ކުރެއްވި ހިތްވަރުފުޅުގަދަ ބޭފުޅެއްގެ ގޮތުގައި.

ނެލްސަން މަންޑޭލާއަކީ ދިވެހި ރައްޔިތުންގެ މަޤްބޫލުކަން ހޯއްދަވާފައިވާ ޝަޚުޞިއްޔަތެއްވެސްމެ. އެމަނިކުފާނުގެ ޚިދުމަތްތަކާއި މަސައްކަތްޕުޅުތަކުން އަޅުގަނޑުމެންގެ ވަރަށްގިނަ ބަޔަކަށް ހިތްވަރު ލިބިގެންދިޔަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިނިވަންކަމާއި، އިންސާނީ ކަރާމާތްތެރިކަމާއި، ޙައްޤުތައް މިއަދުގެ ދުނިޔޭގައި އާންމު ބަސްތަކަކަށްވެ، އެކި ޤައުމުތަކުގެ ޤާނޫނުއަސާސީގައާއި ޤާނޫނުތަކުގައި އިންސާނީ ކަރާމާތާއި ޙައްޤުތަކުގެ ވާހަކަ ބަޔާންވެގެންދިޔަ އެންމެ މުހިންމު ސަބަބަކީ އެމަނިކުފާނުގެ މަސައްކަތްޕުޅު. އެމަނިކުފާނު ދެއްކެވި އިންސާނީ ހަމަހަމަކަމުގެ ރީތި ނަމޫނާގެ ސަބަބުން، ތަފާތު ދީންތަކުގެ މީހުންވެސް ޞުލްޙަވެރިކަމާއެކު އުޅުމާއި، އެކަކު އަނެކެއްގެ ޙައްޤުތަކަށް އިޙުތިރާމުކުރުމުގެ މުހިންމުކަން އެމަނިކުފާނުގެ ޢަމަލީ މަސައްކަތްޕުޅުން ވަނީ އަޅުގަނޑުމެންނަށް ދައްކަވާފައި. ޚާއްޞަގޮތެއްގައި އެމަނިކުފާނަކީ ބަދަލުހިއްޕެވުމުގެ އެއްވެސް ރޫޙެއް ގެންގުޅުއްވާފައިނުވާ ބޭފުޅެއްކަން، އަޅުގަނޑު މި ފުރުސަތުގައިވެސް ފާހަގަކުރަން. އެހެންކަމުން، މުޅިދުނިޔޭގެ ލޯތްބާއި އިޙުތިރާމާއި ޤަދަރު ހޯއްދަވާފައިވާ ބޭފުޅަކު، މިއަދު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމަކީ، މުޅި ދުނިޔެއަށް ލިބުނު ވަރަށް ފުން ހިތާމައެއް. އަދި އެއީ، މުޅި އިންސާނިއްޔަތަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް. މިކަން މިއަދު ދިވެހިރައްޔިތުންނާއި ދިވެހި ޤައުމު ފާހަގަކުރަން.

ނެލްސަން މަންޑޭލާއަށް ސައުތު އެފްރިކާގެ ރައްޔިތުން ދީފައިވާ ޤަދަރާއި ލޯބި ރަމްޒުވެގެންދަނީ، އެމަނިކުފާނަށް "މަޑީބާ" އަދި ޤައުމުގެ ބައްޕަ ނުވަތަ "ޓާޓާ" ގެ ނަމުން މުޚާޠަބުކުރާ ކުރުން. ނަސްލީ އިމްތިޔާޒާ ދެކޮޅަށް އޭ.އެން.ސީ. ގެ ވެރިޔެއްގެ ހައިސިއްޔަތުން ކުރެއްވި އިޙްތިޖާޖުގެ ސަބަބުން، 27 އަހަރުގެ ދިގުމުއްދަތެއް ބަންދުގައި ހޭދަކުރައްވަން ޖެހިވަޑައިގެންކަމުގައި ވީނަމަވެސް، އެމަނިކުފާނުގެ ޢަޒުމަށް ކުޑަވެސް ހީނަރުކަމެއް ނައިކަމީ، ދެކުނު އެފްރިކާ ދެކެ އެމަނިކުފާނު ލޯބިވެވަޑައިގެން މިންވަރު ރަމްޒުކޮށްދޭ ވަރަށް އަލިގަދަ ހެތްކެއް. އަދި ދެކުނު އެފްރިކާގެ ތާރީޚުގައި އެޤައުމުގެ ވެރިކަމަށް އިންތިޚާބުވެވަޑައިގަތް ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅަކަށްވެގެންދިޔައީވެސް ނެލްސަން މަންޑޭލާކަން އަޅުގަނޑު ފާހަގަކުރަން. އެއީ، ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރެއްވި މަސައްކަތްޕުޅު ހާމަވެގެންދާ ޙަޤީޤަތެއް. އަދި އެމަނިކުފާނުގެ މަތިވެރި ޚިދުމަތް، މުޅިދުނިޔެ ގަބޫލުކުރާ ކަމުގެ ފާޅުކަންބޮޑު ހެތްކެއްގެ ގޮތުގައި ނޮބެލް ޞުލްޙައިގެ އިނާމު، މަންޑޭލާއަށް ލިބިވަޑައިގެންކަން ފާހަގަކުރެވޭ. ރޭ މަންޑޭލާ އަވަހާރަވުމާ ގުޅިގެން، މުޅި ދުނިޔެއަށް ގެއްލިގެން މިދިޔައީ، މިޖީލު ދުށް އެންމެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ލާމަސީލު ޝަޚުޞިއްޔަތު. އެތައް ބިލިޔަން ރައްޔިތުންނަކަށް ހިތްވަރާއި ޢަޒުމް ލިއްބައިދިން ލީޑަރެއް.

އަޅުގަނޑުގެ މި ކުރު ބަޔާން ނިންމާލާނީ، ނެލްސަން މަންޑޭލާގެ ފުރާނައަށް ހެޔޮ ރަޙުމަތަށް އެދި ދުޢާ ދަންނަވަމުން. އެމަނިކުފާނުގެ އަނބިކަނބަލުންނަށާއި ޢާއިލާގެ ބޭފުޅުންނަށް މި ލިބިވަޑައިގެންނެވި ފުން ހިތާމައަށް ކެތްކުރުމުގެ ހިތްވަރުދެއްވުންއެދި ދަންނަވަމުން. އަދި ދެކުނު އެފްރިކާގެ ރައީސް ޖޭކަބް ޒޫމާ އަށާއި، ދެކުނު އެފްރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް އަދިވެސް އެއްފަހަރު، ވަރަށް އިޚުލާޞްތެރިކަމާއެކު ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަޢުޒިޔާ ދަންނަވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه