1.      ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ސިޔާސަތުތައް އެކަށައަޅައި، މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުން.

2.      ދިވެހިރާއްޖޭގައި މަސައްކަތްކުރުމާއި، މަސައްކަތްކުރުވުމުގެ ޤައުމީ ސިޔާސަތު އެކަށައަޅައި ހިންގުން.

3.      ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ތަންފީޒުކުރުމަށް މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް އެކުލަވައިލައި، ތަންފީޒުކުރުން.

4.      ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ތަންފީޒުކުރުމަށްޓަކައި، މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.

5.      މަތީ ތަޢުލީމާއި ތަމްރީނުގެ ނިޒާމުގެ ފެންވަރު ހިފެހެއްޓުމުގެ އުސޫލުތައް ހަދައި ހިންގުން.

6.      ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ނިޒާމަކީ، ފުޅާ ދާއިރާއެއްގައި ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ފަހިވެފައިވާ ނިޒާމެއްކަން ކަށަވަރުކުރުން.

7.      ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ދާއިރާ ތަރައްޤީކޮށް، ކާމިޔާބުކަމާއެކު ތަޢުލީމު ނިންމާ ދަރިވަރުން އިތުރުކުރުމަށް، ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން މަސައްކަތްކުރުން.

8.      ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން.

9.      މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ސިޔާސަތު އެކަށައަޅައި، އެކަމުގެ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.

10. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެފަދަ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމާއި، ކަމާބެހޭ ތަފާސްހިސާބު ބެލެހެއްޓުން.

11. ޤާނޫނަކުން ބާރު ލިބިގެން އުފައްދާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ބެލެހެއްޓުމަށްޓަކައި، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ މަރުކަޒުތަކުން އަމަލުކުރޭތޯ ބަލައި، އެކަން ކަށަވަރުކުރުން.

12. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާގޮތަށް ކިޔަވައިދޭ ޕްރޮގްރާމްތަކާއި، ދަރިވަރުން ހާޒިރުވާންނުޖެހޭ ގޮތަށް ހިންގާ ޕްރޮގްރާމްތައް އަދި އެ ދެބައި ހިމެނިގެން ހިންގާ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.

13. ޤާނޫނު ނަންބަރު 2011/3 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު)ގެ ދަށުން ހިންގަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ޤާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު)ގެ ދަށުން ހިންގަމުންދާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހިންގުމުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރަމުންދޭތޯ ބެލުން.

14. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހިންގާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތަކާ ގުޅިފައިވާ ދިރާސާތަކަކީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ފަހިވާގޮތަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކަކާއި ކުރެވޭ ދިރާސާތަކަކަށް ހެދުމަށް މަސައްކަތްކުރުން.

15. މަތީ ތަޢުލީމާއި ތަމްރީނު ދިނުމާބެހޭ ކަންތައްތަކުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މަޝްވަރާއާއި ލަފާދިނުން.

16. ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންގެ ދަފުތަރެއް އެކުލަވާލައި ބެލެހެއްޓުން.

17. ބޭރުގެ އެހީގެ ދަށުން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ދަށުން، މީހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކޯސްތަކުގައި ބައިވެރިކުރުމުގެ ކަންތައްތައް ހިންގުމާއި، ހިންގުވުމާއި، އެކަންކަން ބެލެހެއްޓުން.

18. އެހީދޭ ބޭރުގެ ފަރާތްތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއަށް ލިބޭ ކޯސްތަކުގައި މީހުން ބައިވެރިކުރުމާބެހޭ އުސޫލުތައް އެކުލަވައިލައި، އެކަންކަން ވިލަރެސްކުރުން.

19. މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީ އެހީދިނުމުގެ ޕްރޮގްރާމްތަކަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ޤައުމީ ތަރައްޤީއަށް ބޭނުންވާ މުހިންމު ޕްރޮގްރާމްތަކެއްކަން ކަށަވަރު ކުރުން.

20. މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީ އެހީދިނުމުގެ ޕްރޮގްރާމްތަކުގެ މަގުސަދު ހާސިލުވަމުންދޭތޯ ބެލުން.

21. ދުރުންދޭ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގުމާބެހޭ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.

22. ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ރިސާރޗް ފަންޑެއް ގާއިމުކޮށް، އެ ފަންޑު ހިންގައި ބެލެހެއްޓުން.

23. މަސައްކަތްތެރިކަމުގެ ދާއިރާއިން ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމާއި، ކެރިއަރ ގައިޑެންސް ދިނުން.

24. ދިވެހިންނަށް ވަޒީފާއާއި، މަސައްކަތުގެ ފުރުޞަތު އިތުރުކުރުމަށް މަސައްކަތްކުރުން.

25. ވަޒީފާ އަދާކުރާ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.

26. ރާއްޖޭގެ މަސައްކަތާއި ވަޒީފާގެ މާޙައުލަކީ ޞިއްޙީގޮތުން ސަލާމަތްކަން ބޮޑު، ރައްކާތެރި މާޙައުލަކަށް ހެދުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތަކާއި، ގަވާއިދުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ބޭނުންވާ ކޮންސެޕްޓް ކަރުދާސްތައް ތައްޔާރުކުރުން.

27. ރާއްޖެއިން ބޭރުގެ ވަޒީފާތަކަށް ދިވެހިން ފޮނުވުމާބެހޭ ސިޔާސަތު އެކަށައަޅައި، އެ ސިޔާސަތު ހިންގުން.

28. ދިވެހިންނަށް ޚާއްޞަ މަސައްކަތްތެރިކަމާއި ވަޒީފާގެ ދާއިރާތައް ކަނޑައަޅައި އެ ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުމަށް މަސައްކަތްކުރުން.

29. ވަޒީފާގެ ބާޒާރާބެހޭ ތަފާސްހިސާބު ބެލެހެއްޓުމާއި، ދިރާސާތައް ކުރުމާއި، ވަޒީފާގެ ބާޒާރާބެހޭ މަޢުލޫމާތު ޝާއިޢުކޮށް، އާންމުކޮށް ލިބޭނެ ނިޒާމެއް ހަމަޖެއްސުން.

30. ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމާބެހޭ ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތަކާގުޅޭ ރޭވުންތައް ރޭވުމާއި، އެ ސިޔާސަތުތަކަށާއި ރޭވުންތަކަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.

31. މުޖުތަމަޢު ބިނާކުރުމުގައި، އެކިއެކި ކަންތައްކުރުމަށް ބޭނުންވާ ޤާބިލު މީހުން އުފެއްދުމަށްޓަކައި ސަރުކާރުގެ އެކި ފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކުން ކުރާ އެކިއެކި މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން އެހީތެރިވެދިނުން.

32. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންއާ ގުޅޭގޮތުން ރާއްޖެއިން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.

33. ބޭރުގެ ވޮލަންޓިއަރުން ރާއްޖެއަށް ގެނައުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް ހެދުން.

34. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން ޢިލްމީ ދިރާސާ ކުރުމަށް ހިތްވަރުދީ، ޢިލްމީ ދިރާސާ ކުރެވޭނޭގޮތްތައް ތަނަވަސްކުރުމާއި، އެފަދަ ދިރާސާތަކުގެ ހޯދުންތައް އާންމުކޮށް ފެތުރުމުގެ ނިޒާމެއް ގާއިމުކުރުން.

35. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

36. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން އަދާކުރަންޖެހޭ އެހެނިހެން ޒިންމާތައް އަދާކުރުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

(ށ) ލޭބަރ ރިލޭޝަންސް އޮތޯރިޓީ 

(ނ) މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ

(ރ) މޯލްޑިވްސް ޕޮލިޓެކްނިކް

(ބ) ނޭޝަނަލް ޖޮބް ސެންޓަރ 

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

1.      ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުސޫލުތައް ހަދައި ހިންގުން.

2.      ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، މުރާޖާކޮށް އިޞްލާޙުކުރުމާއި، އެ އޮނިގަނޑު ތަންފީޒުކުރުން.

3.      ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުން.

4.      ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ހުއްދަދިނުމާއި، އެކްރެޑިޓްކުރުމާއި، އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން.

5.      ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާގުޅޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.

6.      މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދުތަކާއި، އެ ސަނަދުތައް ހާސިލުކުރާ ފަރާތްތަކުގެ ދަފުތަރެއް ބެލެހެއްޓުން.

7.      ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ޕްރޮގްރާމްތައް އާންމުކުރުން.

8.      މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުން.

9.      ތަފާސްހިސާބާއި ރިސާރޗްގެ ބޭނުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން މަޢުލޫމާތު ހޯދުން.

10.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުން.

11.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޭ ޚިދުމަތްތަކަށް ފީއެއް ނަގާނަމަ އެ ފީއެއް ނަގާނެ އުސޫލު ކަނޑައަޅައި، އާންމުކުރުން.

12.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމެއް ގާއިމުކުރުން.

13.  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.

(ށ) ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް

1.      ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)އާ އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުންނާއި ވަޒީފާއަދާކުރާ ފަރާތްތަކުން އަމަލުކުރަމުންދޭތޯ ބަލައި، އެކަންކަން ތަންފީޒުކުރުމަށްޓަކައި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2.      ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ހޭލުންތެރިކަން އިތުރުކުރުން.

3.      ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި ލަފާދިނުން.

4.      ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައި ހިމެނިގެންނުވާ ކަންތައްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި، އެފަދަ ކަންކަމުން ނަހަމަގޮތުގައި ފައިދާ ނަގާނަމަ، އެކަންކަން މިނިސްޓަރަށް އެންގުން.

5.      ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކާ ދެމެދު މުޢާމަލާތުކުރުމުގައި ޢަމަލުކުރާނެ ގަވާއިދުތައް ހެދުން.

6.      ޤާނޫނު ނަންބަރު 2008/2 އާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައިވާ ކަންކަން ރަނގަޅަށް ތަންފީޒުކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން، މަސައްކަތްކުރާ ތަންތަން ދޭތެރެދޭތެރެއިން ބަލައި ޗެކްކުރުން.

7.      ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާފަރާތާ ދެމެދުގައި ޖެހޭ މައްސަލަތަކަށް އަވަސް އަދި ސުލްޙަވެރި ހައްލެއް ހޯދައިދެވޭނެ ގޮތްތައް ރާވައި ހިންގުން.

8.      ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވަޒީފާއާއި މަސައްކަތާ ގުޅުން ހުރި ކަންކަން ބަލައި މޮނިޓަރ ކުރުން.

9.      މަސައްކަތްތެރިންގެ ޖަމުޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޖަމުޢިއްޔާތަކާގުޅޭ މުޢާމަލާތުތައް ކުރުން.

10. ލޭބަރ ރިލޭޝަންސް އޮތޯރިޓީއާ ގުޅުން ހުރި ކަންކަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ މުޢާމަލާތުކުރުން.

(ނ) މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

1.      ވަޒީފާތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތައް ކަނޑައަޅައި، އެފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސިޔާސަތުތައް އެކަށައެޅުން.

2.      އެޕްރެންޓިސްޝިޕް ނިޒާމް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މަޢުލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.

3.      މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޕްރޮގްރާމްތަކުގައި ތަމްރީނުދޭ ފަރާތްތަކާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގައި ބައިވެރިވާ ވަޒީފާ ދޭ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން.

4.      އެމްޕްލޯޔަރ ބޭސްޑް ޓްރެއިނިންގ ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާއި، އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މަޢުލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން،

5.      ރަސްމީ ނިޒާމެއްގެ ތެރެއިން ދެވޭ ސަނަދެއް ނެތި އެއް ބާވަތެއްގެ މަސައްކަތުގައި ދެމިތިބޭ މުވައްޒަފުންނަށް މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމުގެ ތެރެއިން ރިކޮގްނިޝަން އޮފް ޕްރަޔަރ ލަރނިންގ ނިޒާމެއް ގާއިމުކޮށް އެ ނިޒާމް ތަންފީޒުކުރުން.

6.      މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ބޭނުންވާނެ ކޮމްޕިޓެންސީ ސްޓޭންޑަރޑްތައް އެކުލަވާލުމާއި، ޓްރެއިނިންގ މެޓީރިއަލް އުފެއްދުމާއި، އެ ތަކެތި މުރާޖާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

7.      ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގައި ބަޔާންކުރާ މިންގަނޑާއި ދަރިވަރުން ހާސިލުކުރަންޖެހޭ ފެންވަރު ވަޒަންކުރާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ހުނަރު ހާސިލުވެފައިވާ މިންވަރު ދެނެގަތުމުގެ އިމްތިޙާނުތައް ކުރިއަށްގެންދިއުން.

8.      ދިވެހިރާއްޖޭގެ ސަރަޙައްދުތަކާއި ރަށްރަށުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި، ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކުރުމަށްޓަކައި އެ ފަންނުތައް ފާހަގަކޮށް، އެ ދާއިރާތަކުން މީހުން ތަމްރީނުކުރަންޖެހޭ މިންވަރާއި ފެންވަރު ކަނޑައެޅުން.

9.      މަސައްކަތުގެ ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކާއި އިމްތިޙާނުދޭ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރުން.

10. ފަންނީ މާހިރުންގެ ޕެނަލްތައް އެކުލަވާލުމާއި، އެ ޕެނަލްތަކުގެ ފަންނީ އެހީގައި ކޮންޕިޓެންސީ ސްޓޭންޑަރޑްތައް ތައްޔާރުކޮށް ސެކްޓަރ ކައުންސިލްތަކަށް ހުށަހަޅައި ފާސްކުރުން.

11. މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރޭގައި ހިންގާ ތަމްރީނުތަކާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން އެކި ފަރާތްތަކަށް ފަންނީ ލަފާދިނުން.

12. ވަޒީފާދޭ ފަރާތްތަކާއި، ދަރިވަރުންނާއި، ސަރުކާރާއި، ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމެއް ގާއިމުކުރުން.

13. މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކާބެހޭ މަޢުލޫމާތު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީ، ތަމްރީނުދޭނެ ފަރާތްތަކާއި، ތަމްރީނު ލިބިގަންނަ ފަރާތްތައް ހޯދުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

14. ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމް ފަރުމާކޮށް އެ ނިޒާމުގެ ފެންވަރު ހިފެހެއްޓުން.

15. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.

 

(ރ) މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތްތައް

1.      ވަޒީފާތަކަށް އެވަގުތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތަކުގެ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މި ތަމްރީންތައް ހިންގުމުގައި ވަޒީފާދޭ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުން.

2.      މޯބައިލް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމްތައް ރާވައި ހިންގުން.

3.      ވަޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ހުނަރުތަކާބެހޭ މަޢުލޫމާތު ދިނުން.

4.      ފަންނީ ހުނަރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނު ދިނުމުގެ ވަސީލަތްތައް ހަމަޖެއްސުން.

5.      މަސައްކަތްތެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނުގެ މަރުޙަލާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިވާގޮތަށް ތަމްރީނުތައް ފަރުމާކުރުން.

6.      ހުނަރުވެރި މަސައްކަތްތެރިންނަށް އޯޕަން ލާރނިންގއާއި އީލާރނިންގ މެދުވެރިކޮށް ތަމްރީނުވުމުގެ ފުރުޞަތުތައް ހޯދައިދިނުން.

7.      ރާއްޖޭގެ އެކިއެކި ރަށްރަށުގައި ނުވަތަ ސަރަހައްދުތަކުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި ޚާއްޞަ ފަންނުތައް (މިސާލު: ކިއްސަރު ވަޑާން، އަތްކަން ކުރުން، ލިޔެލާޖެހުން، ވިޔުމާއި ޖަރީކުރުމުގެ މަސައްކަތް) ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުން.

8.      ޓެކްނިކަލް އަދި ވޮކޭޝަނަލްގެ ދާއިރާތަކުން އައު އުފެއްދުންތައް އުފެއްދުމަށާއި އައު އީޖާދުތައް އީޖާދުކުރުމަށް ބާރުއަޅައި، އެފަދަ އުފެއްދުންތަކާއި އީޖާދުތައް ފެތުރުން.

9.      ޕޮލިޓެކްނިކުން ހިންގާ ތަމްރީނާގުޅޭ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުން.

(ބ) ނޭޝަނަލް ޖޮބް ސެންޓަރުގެ މަސައްކަތްތައް

1.      ވަޒީފާދޭ ފަރާތްތަކާއި، ދިވެހިންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތައް ރާވައި ހިންގުން.

2.      ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އަދާކުރެވިދާނެ ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

3.      މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ކުރާނެ ސްކިލްޑް އަދި ސެމީ-ސްކިލްޑް މަސައްކަތްތައް ދަސްކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެކިއެކި ވަޒީފާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި، ހުނަރުވެރިކަން ދަސްކުރުމުގެ ފުރުޞަތުތައް ބޭނުންކުރުމުގައި އެހީތެރިވުން.

4.      މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި، އިރުޝާދުދެވޭނެ ގޮތްތައް ރާވައި ހިންގުން.

5.       މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހިން، އާމްދަނީ ލިބޭފަދަ މަސައްކަތެއް ކުރުމަށް ބާރު އެޅުމަށާއި، މަސައްކަތަށް އަހުލުވެރިކުރުމަށްޓަކައި ޕްރޮގްރާމްތައް ރާވައި ހިންގުން.

6.      ވަޒީފާގެ ފުރުޞަތުތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތައް ރާވައި ހިންގުން.

7.      ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާ ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

8.      ވަޒީފާ ދޭ ފަރާތްތަކާއި އަމިއްލަ ޖަމުޢިއްޔާތަކާ ގުޅިގެން އެމްޕްލޯއިމަންޓް ސަރވިސަސް ފުޅާކުރުމަށް މަސައްކަތްކުރުން.