1.      ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާބެހޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން. 

2.      ރާއްޖޭގައި އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް އާންމުކުރުން. 

3.      ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާބެހޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވައިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާއި ގައިޑްލައިންތައް ހަދައި، އެ ކަންކަން ތަންފީޒުކުރާކަން ކަށަވަރުކުރުން. 

4.      ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާބެހޭ ޤާނޫނުތަކުގެ ދަށުން މިނިސްޓްރީން އާންމުކުރަންޖެހޭ މަޢުލޫމާތު އާންމުކުރުން. 

5.      ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ޙާޞިލުކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. 

6.      ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާބެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް، ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ މަޝްވަރާގެ މަތިން މާސްޓަރ ޕްލޭންތަކާއި ސްޓްރެޓީޖިކް ޕްލޭންތަކާއި އެކްޝަން ޕްލޭތައް އެކަށައަޅައި، އެ ޕްލޭންތައް މުރާޖަޢާ ކުރަމުންގެންދިޔުމާއި، އެ ޕްލޭން ތަންފީޒުކުރަމުންދާގޮތް މޮނިޓަރކުރުން. 

7.      ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާގުޅޭ މަޝްރޫޢުތަކުގެ ކޮންސެޕްޓް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން. 

8.      ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ޤައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ރާވައި އިންތިޒާމުކުރުމާއި، މިކަމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްނަގައިގެން ކަންކަން ރާވައި ތަންފީޒުކުރުން. 

9.      މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލައި، އެކަމާގުޅިގެން ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން. 

10.  ދިވެހިރާއްޖޭގެ ތަރައްޤީ ބައްޓަންކުރުމުގައި، ޤުދުރަތީ މާޙައުލު، ތަރައްޤީގެ ބިންގަލެއްކަމުގައި ހަދަން މަސައްކަތްކުރުން. 

11.  މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ނުރައްކާތެރިކަން ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކުގެ މަޝްރޫޢުތައް ރާވައި، ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީއާއި ފަންނީ އެހީ ހޯދުމަށް މަސައްކަތްކުރުން. 

12.  މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރު ކުޑަކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ހިންގާ މަޝްރޫޢުތައް ވިލަރެސްކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. 

13.  ޤާނޫނު ނަންބަރު 78/77 (ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު) ތަންފީޒުކުރުން. 

14.  ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން. 

15.  ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމުގެ ސްޓްރެޓެޖީތައް އެކުލަވައިލައި ތަންފީޒުކުރުމާއި، ހިމާޔަތްކުރާ ތަންތަނާއި ސަރަހައްދުތައް ކަނޑައެޅުމުގެ މިންގަނޑުތައް ހެދުމާއި، ދިރޭތަކެތީގެ ނަސްލުތަކުން ލިބޭ ފައިދާ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބޭކަން ކަށަވަރުކުރުން. 

16.  ރާއްޖޭގެ ފަޅުރަށްރަށް، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ ތަންތަނުގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ބެލެހެއްޓުމަށް ގަވާއިދުތައް ހަދައި، ހިންގުން. 

17.  ރާއްޖޭގެ ކަނޑާއި، ކަނޑުގެ އަޑީގެ ބިމާއި، ކަނޑުގެ ބިމުގެ އަޑީގައި މެރީން ސްޓްރަކްޗަރތައް ގާއިމުކުރުމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން. 

18.  ރާއްޖޭގައި ގަސްގަހާ ގެއްސާއި، މަސްމަހާ މެއްސާއި އެހެނިހެން ޖަނަވާރާބެހޭ ކަރަންޓީނުގެ ނިޒާމެއް ގާއިމުކޮށް ހިންގުން. 

19.  ދަތުރުފަތުރުގެ ދާއިރާއިން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި ބެލެހެއްޓުމާއި، މިކަމާގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން. 

20.  ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމުގެ ނިޒާމެއް ގާއިމުކުރުން. 

21.  ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި، އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ހިންގުމުގެ އިންތިޒާމުތައް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން. 

22.  އާންމު ދިރިއުޅުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުންވާ ފެން ލިބެންހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި، އެވަސީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަދި މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީކުރުމަށް މަގު ތަނަވަސްކޮށްދިނުން. 

23.  ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކުގައާއި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކަށަވަރުކުރުން. 

24.  ކައުންސިލުތަކުން ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާގޮތް މޮނިޓަރ ކުރުމާއި، އެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ކައުންސިލުތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރުން. 

25.  އާންމު ބޭނުންތަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެން ތަޙުލީލުކުރާ ލެބޯޓަރީތައް ގާއިމުކޮށް، އެތަންތަނުގެ ޚިދުމަތްލިބޭނެ އިންތިޒާމު ހަމަޖެއްސުން. 

26.  ރާއްޖޭގެ ރަށްރަށުގެ މީރު ފެންފަށަލަ ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ރާވައި ހިންގުން. 

27.  ރަށްރަށަށް ސާފު ބޯފެން ލިބުން ދަތިވާ ހާލަތްތަކުގައި، ހަރުދަނާ ނިޒާމެއްގެ ދަށުން އެ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން. 

28.  ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކުރުން. 

29.  ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ބަލަހައްޓާ އިދާރާގެ މަސައްކަތްތައް ކުރިއަށްދާގޮތް ވިލަރެސްކުރުމާއި، އެ އިދާރާގެ ޕްލޭންތަކާއި ސްޓްރެޓަޖީތައް މޮނިޓަރކުރުން. 

30.  އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލާނެ ވަޞީލަތްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމާއި، ކުނި ނައްތަލާނެ އެކަށީގެންވާ ނިޒާމެއް ރަށު ފެންވަރުގައި ގާއިމުކުރުމަށް ލޯކަލް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. 

31.  ކުނި މެނޭޖުކުރުމުގެ ޚިދުމަތާ ގުޅޭގޮތުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން. 

32.  ކުނި މެނޭޖުކުރުމުގެ ދާއިރާ ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި، އެކިއެކި ފަރާތްތަކުން ރާއްޖޭގައި ހިންގާ ކުނި މެނޭޖުކުރުމާގުޅޭ މަޝްރޫޢުތައް ކުރިއަށްދާގޮތް ބަލައި މޮނިޓަރކުރުން. 

33.  ކުނި އުފެއްދުން މަދުކުރުމާއި، ކުންޏަކީ އަގެއްހުރި އެއްޗަކަށް ބަދަލުކުރުމަށް ހިންގާ ހަރަކާތްތައް ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން އެކްޝަން ޕްލޭން އެކުލަވައިލައި ތަންފީޒުކުރުމާއި، އެ އެކްޝަން ޕްލޭން މުރާޖަޢާކުރަމުން ގެންދިޔުން. 

34.  ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމުގެ ނިޒާމުތައް ހިންގުމަށް ބާރު އަޅައި އެހީތެރިވުމާއި، އެ ދާއިރާގެ މައްޗަށް ބިނާވެފައިވާ ސިނާއަތްތަކާއި ވިޔަފާރިތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުން. 

35.  ނުރައްކާތެރި ކުންޏާއި ޚާއްޞަ ކުނި، ވެއްޓަށް ބޭރުވުން، ބަންޑުންވުން، ފެތުރުން ނުވަތަ ފޭދުމުގެ ހާދިސާތަކުގައި ޤައުމީ ފެންވަރުގައި ޢަމަލުކުރަންވީ ގޮތުގެ ޕްލޭން އެކުލަވައިލައި އާންމުކުރުން. 

36.  ނުރައްކާތެރި ކުނި ބޭރުވުން، ބަންޑުންވުން، ފެތުރުން ނުވަތަ ފޭދުމުގެ ސަބަބުން ތަޣައްޔަރުވެފައިވާކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާ ތަންތަނުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވައިލައި އާންމުކުރުން. 

37.  ދިވެހިރާއްޖޭގެ ކުނީގެ ހާލަތު އޮތްގޮތުގެ އޮޑިޓް އަހަރަކު އެއްފަހަރު ހަދައި އާންމުކުރުން. 

38.  ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ހަކަތައިގެ މިންވަރު ކަށަވަރުކޮށްދިނުން. 

39.  ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެކަށީގެންވާ ހެޔޮ އަގެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން. 

40.  ހަކަތައާބެހޭ އެކިއެކި މަޝްރޫޢުތައް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ގާއިމުކޮށް، ބަލަހައްޓައި މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން. 

41.  ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދު (އެކްސްކްލޫސިވް އިކޮނޮމިކް ޒޯން) ގެ ތެރޭގައި ހުރި ހަކަތަ އުފެއްދިދާނެ ޤުދުރަތީ ވަސީލަތްތަކަކީ ކޮބައިތޯ ބެލުމަށް ކަމާބެހޭ ދިރާސާތައް ކުރުން. 

42.  އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް އެ ދާއިރާގެ ދިރާސާތައް ކުރުމާއި އެފަދަ ދިރާސާތަކަށް ހިތްވަރުދީ އެކަމަށް މަގުފަހިކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ހަކަތަ އުފެއްދުމާއި ބޭނުންކުރުން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުންކުރުމާއި ތަރައްޤީކުރުމަށް މަސައްކަތްކުރުން. 

43.  ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ އިންވެންޓްރީއެއް އެކުލަވާލައި، އެ ވަސީލަތްތައް ރަމްޒުކޮށްދޭ ޗާޓެއް ހަދައި،  އެ މަޢުލޫމާތު މުރާޖަޢާކޮށް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އާންމުކުރުން. 

44. އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދައި ބޭނުންކުރުމަށް ފަހި ވެށްޓެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށް، އަމިއްލަ ފަރާތްތަކުން އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، ބޭނުންކުރުމާއި، ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހަކަތަ ވިއްކުމަށް ހަރުދަނާ އަދި ފަސޭހަ ނިޒާމެއް އެކުލަވައިލުން. 

45. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ހަކަތައިގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

46.  ހަކަތައާއި، ކުންޏާއި، ފެނާ ނަރުދަމާއާބެހޭ ކަންތައްތައް ރާވައި ހިންގުމުގައާއި، ޚިދުމަތް ފޯރުކޮށްދީ ބޭނުންކުރުމުގައާއި، ފަންނީ ރޮނގުންނާއި އިޤުތިޞާދީ ގޮތުން ނިންމުންތައް ނިންމުމުގައި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދުދިނުން. 

47.  ރާއްޖޭގައި އާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެކަށީގެންވާ އަގެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވާދަވެރި މާހައުލެއް ގާއިމުކުރުމަށް ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުން. 

48.  މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ބޭނުންވާ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި، އާންމުކުރުން. 

49.  މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން. 

50.  މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުންބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން. 

51.  މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން. 

52.  މިނިސްޓްރީގެ މަސައްކަތު ދާއިރާއާގުޅޭ ކަންތައްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާ ޖަމާޢަތް ބައިވެރިކުރުވުމާއި، އެފަރާތްތަކުގެ ދައުރު ފުޅާކުރުން. 

53. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން. 

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުންނެވެ. 

(ހ)އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ 

(ށ) މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް 

(ނ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް 

(ރ) ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ 

   (ހ) އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް 

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަކީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިޔުލޭޓަރީ އިދާރާއެކެވެ. މި އޭޖެންސީގެ މަސައްކަތްތައް ތިރީގައި މިވަނީއެވެ. 

1.      ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތް ކުރަންޖެހޭ ތަންތަނާއި، ދިރޭތަކެތީގެ ނަސްލުތަކުގެ ތެރެއިން ހިމާޔަތް ކުރަންޖެހޭ ތަކެތި ކަނޑައަޅައި، އެތަންތަނާއި އެތަކެތި ބެލެހެއްޓުމުގެ ކަންތައްތައް ރާވައި އިންތިޒާމްކުރުން. 

2.      ރާއްޖޭގެ ތިމާވެށްޓަށް، ފާހަގަކުރެވޭފަދަ ބަދަލެއް، އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން ހަދަންޖެހޭ، ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް، ހެދުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ހިންގާ ބެލެހެއްޓުން. 

3.      ރާއްޖޭގެ ރަށްރަށް ގިރުމާއި ޤުދުރަތީގޮތުންނާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކާބެހޭ މަޢުލޫމާތުގެ އަލީގައި އެކަންކަމާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ދިނުން. 

4.      ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން، ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމާއި، އެކަމާބެހޭ ކަންތައްތައް ހިންގުން. 

5.      ރާއްޖޭގެ ރަށްރަށުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީން ހަދާ ގަވާއިދުތައް ތަންފީޒުކުރުން. އަދި ތިމާވެށި ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި، ކަމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން. 

6.      އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތު ދާއިރާއާ ގުޅޭ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ގާއިމުކޮށް، ބަލަހައްޓައި، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން. 

7.      ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތަކާއި، ރަށް ގިރުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ މަޝްވަރާއާއި ލަފާދިނުން. 

8.      ރާއްޖޭގެ ރަށްރަށް އުފެދި އެތަންތަނަށް އަންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު، ސެޓެލައިޓް އިމޭޖަރީއާއި އޭރިއަލް ފޮޓޯގްރަފީފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހޯދައި، ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން. 

9.      ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުންފަދަ ކަންކަމުން ކުރާ އަސަރުތައް ދެނެގަނެ، މިކަންކަން ތިމާވެށްޓާ ރަހުމަތްތެރި ގޮތަކަށް ކުރެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެއްކުރެވޭ މަޢުލޫމާތާއި ތަޖުރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން. 

10.  ރާއްޖޭގެ ތިމާވެށްޓަށް އަންނަ ކިލަނބުކަން (ޕޮލިއުޝަން) ދެނެގަތުމަށް ދިރާސާތަކާއި ތަޙުލީލުތައްކޮށް، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން. 

11.  ދިރޭތަކެތީގެ ނަސްލުތަކާއި އެތަކެތީގެ މާހައުލުތަކާބެހޭ ދިރާސާކޮށް، އެއްކުރެވޭ މަޢުލޫމާތާއި ތަޖުރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން. 

12.  ރާއްޖޭގެ ތިމާވެށްޓާ ގުޅުންހުރި ބަޔޯޓެކްނޯލޮޖީއާއި ބަޔޯސޭފްޓީގެ ކަންތައްތަކާބެހޭ ދިރާސާތަކާއި ތަޙުލީލުތައްކޮށް، ކަމާބެހޭ މަޢުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން. 

13.  ޖައްވުގައި ހިމެނޭ ގޭސްތަކާއި، ދުމާއި ކުނޑިފަދަ ތަކެތީގެ މިންވަރަށް އަންނަމުންދާ ބަދަލުތައް ބަލައި، މިފަދަ މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި، މިކަންކަމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން. 

14. ރާއްޖޭގައި ލިބެންހުރި ފެނުގެ ވަސީލަތްތަކާބެހޭ ސައިންޓިފިކް ދިރާސާތައްކޮށް ކަމާބެހޭ މަޢުލޫމާތު ބަލަހައްޓައި ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން. 

15. ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ، ތިމާވެށްޓާބެހޭ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ގާއިމުކޮށް، ބޭނުންވާ ފަރާތްތަކަށް މި މަޢުލޫމާތު ފޯރުވައިދިނުން. 

   (ށ) ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ. 

1.         އާންމު ބޭނުންތަކުގެ ޚިދުމަތުގެ ދާއިރާ ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރުމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއެރުވުން. 

2.         އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ބޭނުންކުރުމުގައި ޢަމަލުކުރުމަށް ހަދާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން. 

3.         އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގައި ހަމަޖެހޭ ވާދަވެރި ވެށްޓެއް ގާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން. 

4.         އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާއި ދެމެހެއްޓެނިވި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމާ ދެކޮޅު ކަންތައްތައް ދެނެގަތުމާއި އެފަދަ ކަންކަން ހުއްޓުވުން. 

5.         އާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ޚާއްޞަ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމާއި، އެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބެލުން. 

6.         އާންމު ބޭނުންތަކުގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ދޫކުރާ ލައިސަންސާ އެއްގޮތަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުން. 

7.         އާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ޚާއްޞަ ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޚިދުމަތުގެ އަގުތައް ފާސްކުރުމާއި، އަގު ކޮންޓްރޯލުކުރުމާއި، އަގާބެހޭ އެހެނިހެން ކަންކަން ބެލެހެއްޓުން. 

8.         އާންމު ބޭނުންތަކުގެ ޚިދުމަތްދިނުމާގުޅޭގޮތުން ޚިދުމަތްދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި އެފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން. 

9.         އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން ދޭދޭ ފަރުދުންގެ މެދުގައި ވެވޭ އެއްބަސްވުންތަކާ ގުޅިގެން ޖެހޭ މައްސަލަތައް ބަލައި އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 

10.     އާންމު ބޭނުންތަކުގެ ޚިދުމަތް ބޭނުންކުރާ ނުވަތަ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ޝަކުވާއާއި ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން. 

11.     އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކޮށް، އެފަދަ ތަންތަނާއި ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަދިނުން. 

12.     އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި ގައިޑްލައިންތަކާއި ކަމާގުޅޭ އާންމު ގަވާއިދުތައް އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުން. 

13.     އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތައް ގާއިމުކުރުމުގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބާރުއަޅައި، ހިތްވަރުދިނުން. 

14.     އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުން. 

15.     އާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން. 

16.     އާންމު ބޭނުންތަކުގެ ޚިދުމަތްދިނުމުގައި އިސްރާފު ކުޑަކުރުމާއި، ފެންވަރާއި އެފިޝަންސީ ރަނގަޅުކުރުމަށް ބާރުއެޅުން. 

17.     މި ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން ގާއިމުކުރެވޭ އާންމު ބޭނުންތަކުގެ ޚިދުމަތްތައް ގާއިމުކޮށް ހިންގުމުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ އެންމެ މަތީ މިންވަރަކަށް ބޭނުންކުރާކަން ކަށަވަރުކުރުން. 

18.     އާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ދާއިރާތަކާގުޅޭ ތަފާސްހިސާބު އެކުލަވާލައި ޝާއިޢުކުރުން. 

19.    އާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މަސައްކަތްތެރިންނަށް ހުއްދަ ދިނުން. 

20.    މި ޤާނޫނުގެ ދަށުން ނުވަތަ އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނެއްގެ ދަށުން އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުމާއި، އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމާގުޅޭ އެނޫންވެސް ކަންކަން މި ޤާނޫނާއި އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކުރުން. 

ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ. 

21.    މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 

22.    ދިވެހިރާއްޖޭގައި ފެން އުފައްދާ ފަރާތްތަކަށާއި ނަރުދަމާގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އެ ތަންތަނާބެހޭ މަޢުލޫމާތު ދަފްތަރުކޮށް، ކަމާބެހޭ މަޢުލޫމާތު އާންމުކުރުން. 

23.    އާންމު ބޭނުންތަކަށާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ އެކިއެކި މަސައްކަތް ހިންގާ ފަރާތްތަކުން ބަހައްޓާ މީރުފެން އުފައްދާ ޕްލާންޓްތައް ރަޖިސްޓަރީކޮށް އެ ތަންތަނާބެހޭ މަޢުލޫމާތު ދަފުތަރުކޮށް، ބެލެހެއްޓުން. 

24.    ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރެވިފައިވާ ރަށްރަށުގައި ދިރިއުޅޭ ކޮންމެ ފަރުދަކަށް، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ އުމުރަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް، ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅޭކަން ކަށަވަރުކުރުން. 

25.     ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރެވިފައިވަނީ، އެފަދަ ނިޒާމުތައް ފަރުމާކުރުމަށް މި ޤާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި، އެ ފަރުމާތައް ފާސްކޮށް ހުއްދަދިނުން. 

26.     ފެން ވައިރުކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ އިންޖިނިއަރުންނަށާއި، ފެންވައިރުކުރާ ފަރާތްތަކަށް އެކަމުގެ ލައިސަންސް ދޫކުރުމާއި، އެފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލައި، އާންމުކުރުން. 

27.    އޮތޯރިޓީން ތަންފީޒުކުރާ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކަށް އާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުން. 

28.     ފެނާއި ނަރުދަމާގެ ޚިދުމަތަށް އަގު ނަގަމުންދަނީ ކަމާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން. 

29.     މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން. 

30.     ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދެމުންގެންދާކަން ކަށަވަރުކުރުން. 

31.    ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރަނީ އެ ރަށަކާ އެންމެ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއްކަން ކަށަވަރުކުރުން. 

32.    ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން. 

33.    ވިޔަފާރިއާއި އާންމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން. 

34.    އާންމު ބޭނުންތަކަށް ފޯރުކޮށްދޭ ފެނުގެ ފެންވަރު، ލޯކަލް ކައުންސިލުތަކާއި ޚިދުމަތްދޭ ފަރާތާ ގުޅިގެން ކަށަވަރުކުރުން. 

35.     ފެނާއި ނަރުދަމާގެ ޚިދުމަތާގުޅޭ އެންމެހައި މަޢުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، މިނިސްޓްރީއަށް ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެފަދަ މަޢުލޫމާތު ފޯރުކޮށްދިނުން. 

36.    ޚިދުމަތްދޭ ފަރާތުން ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ޚިދުމަތް ދެމުންދާކަން ކަށަވަރުކުރުން. މިގޮތުން، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ސަލާމަތްތެރިކަން ކަށަވަރުކުރެވޭނެ ގޮތުގެމަތިން، ފެނުގެ ޕްރެޝަރާއި، ފެނުގެ ފެންވަރާއި، ނަޖިސްފެން ޓްރީޓްކުރާ މިންގަނޑުތަކާއި، ފެން ދަތުރުކުރާ ބާރުމިނާއި، ޚިދުމަތަށް ބިލުކުރާ އުސޫލާއި، ފެން މީޓަރާގުޅޭ ކަންކަމާއި، ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ކަންކަން ބަލަހައްޓަމުން ގެންދިޔުން. 

37.     ނަރުދަމާއާއި މީރުފެން އުފައްދާ ފެން ޕްލާންޓްތަކުން ބޭރުކުރާ ފެނުގައި ހުންނަންޖެހޭ މިންގަނޑު ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން. 

38.     ފެނާއި ނަރުދަމާއާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، އާންމު ފަރާތްތަކުން މިފަދަ ދިރާސާތައް ކުރުމަށް ބާރުއަޅައި މި މަޢުލޫމާތު ހާމަކުރުން. 

39.    ފެން ފޯރުކޮށްދިނުމާއި ފެން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އަދި އިކުއިޕްމަންޓް ފަދަ ތަކެތީގައި ފެން އިސްރާފުވުން ކުޑަކުރުމަށް ބޭނުންވާ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން. 

ޤާނޫނު ނަންބަރު 2021/18 (ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ. 

40.    މި ޤާނޫނާއި މި ޤާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.

41.    ހަކަތައިގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އާކުރުމާއި، ބަދަލުގެނައުމާއި، ބާޠިލުކުރުމާއި، ހިފެހެއްޓުން.

42.     ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފެންވަރު ކަނޑައެޅުމާއި، ފެންވަރު ވަޒަންކުރުމާއި، ގިންތިކުރުމާއި، ޚިދުމަތުގެ ދާއިރާތައް ކަނޑައެޅުން.

43.     ކަރަންޓް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމާއި، އަގު މުރާޖަޢާކުރުމާއި، މޮނިޓަރކުރުމާއި، ބަދަލުގެނައުން.

44.     ހަކަތައިގެ ޚިދުމަތްދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުން.

45.     ހަކަތައިގެ ޚިދުމަތްދޭ ފަރާތްތައް މޮނިޓަރކުރުމާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން.

46.    ހަކަތައިގެ ދާއިރާއާ ގުޅޭގޮތުން، ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު ތިމާވެށްޓާއި، އާންމު ޞިއްޙަތާއި، ރައްކާތެރިކަމާބެހޭ މިންގަނޑުތައް ހަދައި، އާންމުކޮށް، ތަންފީޒުކުރުން.

47.     ކަރަންޓް ގަނެ ވިއްކުމުގެ އެއްބަސްވުންތަކާއި، ކަރަންޓުގެ ވިއުގައިގެ ޚިދުމަތް ދިނުމާބެހޭ އެއްބަސްވުންތައް ފާސްކުރުން.

48.     ހަކަތައިގެ ޚިދުމަތަކާ ގުޅޭގޮތުން މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ބެލޭ ހާލަތުގައި، ތަންތަނަށް ވަނުމާއި، ބަލައި ފާސްކުރުން.

49.     މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުންތައް އެންގުން.

50.    ހަކަތައިގެ ދާއިރާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.

·         ހަކަތަ އުފެއްދުމާއި، ހަކަތަ ފޯރުކޮށްދިނުމާއި، ފެތުރުމާއި، ބޭނުން ކުރުން. 

·         ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި، ރީ-އެކްސްޕޯޓްކުރުމާއި، ސާފުކުރުމާއި، ރާއްޖެއިން ބޭރު ކުރުމާއި، އެއްތަނުން އަނެއް ތަނަށް އުފުލުމާއި، ރައްކާކުރުމާއި، ވިއްކުން. އަދި 

·         އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، ފޯރުކޮށްދިނުމާއި، ފެތުރުމާއި، ވިއްކުމާއި، މާކެޓް ކުރުމާއި، ބޭނުން ކުރުން. 

51.    ހަކަތަ ގަންނަ ފަރާތްތަކާއި، ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން.

52.    ހަކަތައިގެ ދާއިރާއާ ގުޅޭ އެންމެހައި މަޢުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، ދިރާސާކުރުމާއި، ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެފަދަ މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން. 

53.    އެނަރޖީ އެފިޝެންސީގެ ފެންވަރު ވަޒަންކުރާނެ ލެބޯޓަރީތައް އުފެއްދުމަށް ފުރުޞަތު ތަނަވަސްކޮށް، ކަމާގުޅޭގޮތުން މިނިސްޓްރީން އެކުލަވާލާ ގަވާއިދާ އެއްގޮތަށް އެތަންތަން ރެގިއުލޭޓްކޮށް ފެންވަރު ވަޒަންކޮށް ލައިސަންސް ދިނުން. އަދި 

54.    ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު، ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ހަކަތަ ބޭނުންކުރާ އާލާތްތަކުގައި ހުންނަންވާނެ އެންމެ ދަށް މިންގަނޑު ކަނޑައެޅުން. 

ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު)ގެ 10 ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ. 

55.    މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އެ ޒިންމާ އަދާކުރޭތޯ ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ސީދާ އޮތޯރިޓީން ނުވަތަ ވަކިކަމެއް ބެލުމަށް އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކުރުން؛ 

56.     ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކަށް ހުއްދައާއި ލައިސަންސް ދޫކުރުމާއި، އާކޮށްދިނުމާއި، ބަދަލު ގެނައުމާއި، ބާޠިލުކުރުން؛ 

57.     ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި މިންގަނޑުތައް ތަންފީޒުކުރުމާއި އެ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛ 

58.     ކުނި މެނޭޖުކުރާ މަރުކަޒުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ސަރަހައްދުތައް ކަނޑައެޅުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ޚިދުމަތް ދިނުމާބެހޭ ގޮތުން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތައް ތަންފީޒުކުރުން؛ 

59.     މި ޤާނޫނާއި އަދި އާންމު ޚިދުމަތްތައް ދިނުމާގުޅޭ އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދެމުންގެންދޭތޯ ބެލުމާއި، އެފަދަ ޚިދުމަތްތައް ދިނުމުގައި ލާޒިމުކުރާ މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބަލައި ކަށަވަރުކުރުން؛ 

60.     މި ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ހިނގަމުންދޭތޯ ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ސީދާ އޮތޯރިޓީން ނުވަތަ ވަކިކަމެއް ކުރުމަށް އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކުރުން؛ 

61.     އާންމު ބޭނުންތަކުގެ ޚިދުމަތްތަކާބެހޭ ޚާއްޞަ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ޚިދުމަތުގެ އެންމެ މަތީ އަގު ކަނޑައެޅުމާއި، އަގު މުރާޖަޢާކުރުމާއި، ބަދަލު ގެނައުން؛ 

62.    ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލަންޖެހޭ ހާލަތެއްގައި އެފަދަ ތަންތަން ބަލައި ފާސްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛ 

63.     މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަށަވަރުކުރުން. އަދި 

64.    ކުނި މެނޭޖުކުރުމާ ގުޅޭގޮތުން މި ޤާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުން. 

(ނ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މަސައްކަތްތައް

1.      ދިވެހިރާއްޖޭގައި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން. 

2.      ރާއްޖޭގެ އިޤުތިޞާދީ އަދި އިޖްތިމާޢީ ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ، މޫސުމާބެހޭ މަޢުލޫމާތު ބަލަހައްޓައި، ކަމާބެހޭ "ނޮލެޖްބޭސް" އެއް ގާއިމުކޮށް، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން. 

3.      މީޓިއޮރޮލޮޖީއާބެހޭ ސައިންޓިފިކް މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި ބޭނުންވާ ފަރާތްތަކަށް މި މަޢުލޫމާތު ފޯރުކޮށްދިނުން. 

4.      މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދިމާވެދާނެ، ސުނާމީ ފަދަ ޤުދުރަތީ ކާރިސާތަކާގުޅޭ އިންޒާރު ލިބޭނެ ގޮތްތައް ހޯދައި، އެފަދަ އިންޒާރު ދިނުން. 

5.      ޤުދުރަތީގޮތުންނާއި އެނޫންވެސް ގޮތަކުން ދިމާވާ ނުވަތަ ދިމާވެދާނެ ހާދިސާތަކުގެ ގެއްލުންތައް ލަފާކުރުމާއި، އެފަދަ ހާދިސާތަކުގެ މަޢުލޫމާތު ހޯދުމާއި، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ވަގުތަށް އެ މަޢުލޫމާތު ފޯރުވައިދިނުމާއި އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން. 

6.      ދިވެހިރާއްޖެއަށް އަންނަ ބިންހެލުމާއި، ސުނާމީ ފަދަ ޤުދުރަތީ ކާރިސާތަކާގުޅޭ މަޢުލޫމާތު ރިކޯޑްކޮށް ބެލެހެއްޓުން. 

7.      ދިވެހިރާއްޖޭގެ ފިޒިކަލް އޯޝޮނޮގްރަފީއާބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން. 

(ރ) މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހުގެ މަސައްކަތްތައް 

1.      މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން. 

2.      މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން. 

3.      މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، ރިސޯޓްތައް ބައިވެރިކުރުވުން. 

4.      މާޅޮސްމަޑުލު ދެކުނުބުރީ ކޮންޒަރވޭޝަން ފަންޑާ ގުޅިގެން ބަޔޮސްފިޔަރ ރިޒާރވް ހިމާޔަތްކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫޢުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. 

5. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްއާބެހޭ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭ ފަރާތްތަކާ އެ މަޢުލޫމާތު ހިއްސާކުރުމާއި، މި ރިޒާރވްގައި ކުރެވެންހުރި ދިރާސާތައް ބަލައި، އެފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން.