1.      ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

2.      ރާއްޖޭގެ އިމިގްރޭޝަނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން.

3.      ކުށްވެރިން ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.

4.      ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުން.

5.      ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑު، ޒުވާނުންނާއި ކުޑަކުދިން ދެނެގަނެ އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި، ޤާނޫނަށް ބޯލަނބާ ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ކުރިއަށް ދެވޭނެ ފުރުޞަތު ތަނަވަސް ކޮށްދިނުން.

6.      ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.

7.      ރާއްޖޭގެ ސައެންސް އެންޑް ޓެކްނޯލޮޖީއާއި އިންފޮމޭޝަން ޓެކްނޯލޮޖީއާބެހޭ ސިޔާސަތު ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން.

8.      ދައުލަތުގެ ޑޭޓާ ސެންޓަރުތައް ގާއިމުކުރުމާއި، ޑޭޓާ އިންޓަގްރޭޓް ކުރުމާއި، ޑޭޓާ މެނޭޖްކޮށް، ޑޭޓާ ރައްކާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

9.      ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

10. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރޕްލޭން އެކުލަވާލައި ތަންފީޒުކުރުން.

11. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ރާވައި ހިންގުން.

12. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އައު ޓެކްނޯލޮޖީ ރާއްޖެއަށް ތަޢާރުފުކުރުމާއި، އެފަދަ ޓެކްނޯލޮޖީއާބެހޭ މިންގަނޑުތައް ކަނޑައެޅުން.

13. ރާއްޖޭގައި ކޮމްޕިއުޓަރ ޓެކްނޯލޮޖީ ކުރިއަރުވައި، އެކި ރޮނގު ރޮނގުން ރާއްޖޭގައި ދޭ ޚިދުމަތްތަކުގެ ފެންވަރު ކޮމްޕިއުޓަރ ޓެކްނޯލޮޖީ ބޭނުންކޮށްގެން މަތިކުރެވޭނެ ގޮތްތައް ހޯދުން.

14. ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ސައިންސާއި ޓެކްނޯލޮޖީގެ ދައުރު ފުޅާކުރުމަށް، އެ ދާއިރާތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުން.

15. ރާއްޖެއަށް އެންމެ ފައިދާކުރަނިވިގޮތަށް ސައެންސާއި ޓެކްނޯލޮޖީގެ ބޭނުން ހިފުމަށްޓަކައި، ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ދިރާސާތައްކުރުމާއި، އެފަދަ ދިރާސާތައްކުރުމަށް ހިތްވަރުދިނުން.

16. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ގާއިމުކުރާ ޤައުމީ ސައެންސް ފައުންޑޭޝަން ގާއިމުކޮށް ހިންގުން.

17. ރާއްޖޭގައި ސައެންސާއި، ޓެކްނޯލޮޖީގެ ޕާކްތަކާއި އިންޓަރެކްޓިވް ސެންޓަރުތަކާއި އިންކިއުބޭޓަރތައް ގާއިމުކުރުމާބެހޭ ސިޔާސަތުތަކާއި ސްޓްރެޓަޖީތައް ކަނޑައަޅައި، މިފަދަ ތަންތަން ގާއިމުކޮށް ހިންގުން.

18. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް ސްޓެރެޓެޖީތައް އެކުލަވައިލައި، ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތައްކުރުމަށް ގްރާންޓް ދިނުން.

19. ރާއްޖޭގައި ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދައި، ސައެންސާއި ޓެކްނޯލޮޖީގެ ވަސީލަތްތައް އިތުރުކުރުން.

20. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާތައް ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމަނައި ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެ، މަޢުލޫމާތު ފޯރުކޮށްދިނުން.

21. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާ ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރ ޕްލޭންތަކުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ހަރަކާތްތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.

22. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.

23. ޤާނޫނު ނަންބަރު 48/78 (ކާނިވަލް، ފަންފެއަރ ފަދަ ތަންތަން ހެދުމުގެ ޤާނޫނު)ގެ ދަށުން، ރާއްޖޭގައި ކާނިވަލް، ފަންފެއަރ ފަދަ ތަންތަން ހިނގުމަށް ހުއްދަދިނުމާއި، އެތަންތަން ހިންގުމާބެހޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުން.

24. އާންމުކޮށް އިޝްތިހާރުކުރުމާބެހޭ އުސޫލުތައް ހަދައި ތަންފީޒުކުރުން.

25. އަޚުލާޤީގޮތުން މަނާ ލަވަޖެހުމާއި، އެފަދަ ލަވަކިއުން މަނާކުރުމާބެހޭ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރާކަން ކަށަވަރު ކުރުން.

26. ޤާނޫނު ނަންބަރު 11/2010 (ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.

27. ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.

28. ޤާނޫނު ނަންބަރު 18/2010 (ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.

29. ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ގަވާއިދުތައް ތަންފީޒުކުރުން.

30. މީހުން ޓްރެފިކްކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި، ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

31. ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ގަވާއިދުތައް ތަންފީޒުކުރުން.

32. ޤާނޫނު ނަންބަރު 38/2014 (ކުށްވެރިން ބަދަލުކުރުމުގެ ޤާނޫނު)ގެ 39 ވަނަ މާއްދާގެ (ހ)ގައި "މިނިސްޓަރު"ކަމަށް ބުނެފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.

33. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ ދަށުން ވަޒީރު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.

34. ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އިން މިނިސްޓްރީން ކުރަން ކަނޑައަޅައިފައިވާ ކަންކަން ތަންފީޒުކުރުން.

35. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.

36. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

37. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދަށުންނެވެ.

(ހ) މޯލްޑިވްސް އިމިގްރޭޝަން

(ށ) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން

(ނ) ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

(ރ) ނޭޝަނަލް ޑްރަގް އެޖެންސީ

(ބ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

 

(ހ) މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް

1.      ދިވެހިންގެ ޕާސްޕޯޓާބެހޭ ގަވާއިދުތައް ހަދައި، ދިވެހިންގެ ޕާސްޕޯޓާބެހޭ އެންމެހައި ކަންތައްތައް ހިންގުން.

2.      ދިވެހިރާއްޖެއަށް ބިދޭސީން އައިސްގޮސްވުމާބެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ހިންގުން.

3.      ވައިގެ މަގުންނާއި ކަނޑުމަގުން ފަސިންޖަރުންނާއި ފަޅުވެރިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދިނުމާއި ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އެންޓްރީ ކްލިއަރަންސްއާއި އެގްޒިޓް ކްލިއަރަންސް ދިނުން.

4.      ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެވާ މީހުންނާއި ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ މީހުންނާއި އެހެނިހެން ކަންކަމުގައި ރާއްޖެއަށް އެތެރެވާ މީހުންގެ މަޢުލޫމާތު ބެލެހެއްޓުން.

5.      ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމާއި އެ މީހުން ރާއްޖޭގައި ހަރަކާތްތެރިވާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.

6.      ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ޤައުމަށް ފޮނުވާލުމުގެ އެންމެހައި ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.

7.      ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވާލެވެންދެން ބޭތިއްބުމަށް ހަދަންޖެހޭ ސެންޓަރުތައް ހަދައި އެތަންތަން ހިންގައި ބެލެހެއްޓުން.

8.      ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ހިންގައި ވިލަރެސްކުރުން.

 

 

(ށ) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ މަސައްކަތްތައް

1.      ދިވެހި ރައްޔިތުންގެ ތެރެއިން 10 އަހަރުންމަތީގެ ކޮންމެ މީހަކަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމާއި، އުމުރުން 10 އަހަރު ނުފުރޭ ކުޑަކުދިންނަށް ވަގުތީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމާއި، މިކަންކަމާގުޅޭ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން.

2.      އުފަންވާ ދިވެހި ކުދިންނަށް ހަދައިދެވޭ އުފަންދުވަހުގެ ސެޓްފިކެޓުގައި އެކުދިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖެހުމަށްޓަކައި ނަންބަރު ދޫކުރުން.

3.      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ގެއްލުމުގެ ސަބަބުން ލިބެން އޮތް ޙައްޤެއް ގެއްލޭނަމަ، އަލުން ކާޑު ހަދައިދެވެންދެން، ކާކުކަން އަންގައިދޭ ވަގުތީ ރަސްމީ ލިޔުމެއް އެ ފަރާތަކަށް ފޯރުކޮށްދިނުން.

4.      ސަރުކާރުގެ އޮފީސް އޮފީހުން އާންމުންނާބެހޭ އެކިއެކި ކަންކަމުގައި ފޮނުވާ މުވައްޒަފުންނަށް "ކާކުކަން އަންގައިދޭ ކާޑު" ހަދައިދިނުމާއި، މިކަމާބެހޭ ރެކޯޑުތައް ބެލެހެއްޓުން.

5.      ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މަޢުލޫމާތު ބެލެހެއްޓުމާބެހޭ ތިރީގައިވާ ކަންކަންކުރުން.

(ހ) ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ފޫޅުމާފޯމު ފުރިހަމަކުރުމަށްޓަކައި ފޯމު ފުރިހަމަކުރަންޖެހޭ ފަރާތްތަކަށް އެ ފޯމުތައް ހުސްނުވެ ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން.

(ށ) އުފަންވާ ކުދިންގެ ފޫޅުމާ ފޯމުގެ ކޮޕީ ހޯދަން އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ލިޔުން ދޫކުރުމާއި، އެ ފޯމުގައިވާ މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މަޢުލޫމާތު ދޫކުރުން.

(ނ) ދިވެހިރާއްޖޭގައި މަރުވާ ކޮންމެ މީހަކަށް މަރު ސާބިތުކުރާ ފޯމު ފުރިހަމަކުރުމަށްޓަކައި މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރަންޖެހޭ ފަރާތްތަކަށް އެ ފޯމުތައް ހުސްނުވެ ލިބެންހުންނާނެ އިންތިޒާމު ހަމަޖެއްސުން.

(ރ) މަރުވާ  މީހުންގެ މަރު ސާބިތުކުރާ ފޯމުގެ ކޮޕީ ހޯދަން އެދޭ ފަރާތްތަކަށް، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ލިޔުން ދޫކުރުމާއި، އެ ފޯމުގައިވާ މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މަޢުލޫމާތު ދޫކުރުން.

(ބ) އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މަޢުލޫމާތު ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ސަރަޙައްދީ ފެންވަރުގައްޔާއި، މަރުކަޒީ ފެންވަރުގައި ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ދިނުން.

(ޅ) ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މަޢުލޫމާތު ހުރިހައި ސަރަޙައްދުތަކަކުން އެއްކޮށް، އެ މަޢުލޫމާތު ބަލަހައްޓައި، ކުރަންޖެހޭ ދިރާސާތައްކުރުން.

) އީ-ގަވަރމަންޓް ނިޒާމުގެ ދަށުން ގާއިމުކޮށްފައިވާ "އޮންލައިން ބާރތު އެންޑް ޑެތު ރެޖިސްޓްރޭޝަން ސިސްޓަމް" ބެލެހެއްޓުން.

6.      މުޅި ރާއްޖޭގައި އެއް އުސޫލަކުން އާބާދީގެ ރަޖިސްޓްރީތައް ލިޔެ ބެލެހެއްޓުމާބެހޭ ތަމްރީނުދީ، އެ ރަޖިސްޓްރީތައް ލިޔެ ބެލެހެއްޓުމުގައި ބޭނުންވާ އެހީތެރިކަން ކަމާބެހޭ މުއައްސަސާތަކަށް ފޯރުކޮށްދިނުން.

7.      ދިވެހިރާއްޖޭގައި ސިވިލް ރެޖިސްޓްރޭޝަން، ވައިޓަލް ސްޓެޓިސްޓިކްސް އެންޑް އައިޑެންޓިޓީ މެނޭޖްމަންޓް (ސީ.އާރު.ވީ.އެސް.އައި.ޑީ) ސިސްޓަމެއް ގާއިމުކޮށް، މިކަމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

 

 

(ނ) ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ މަސައްކަތްތައް

1.      ދިވެހިރާއްޖޭގެ އިޤުތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ގޮތެއްގެމަތިން ހުރިހައި އިންފޮމޭޝަން ޓެކްނޯލޮޖީ (އައި.ޓީ)ގެ ޚިދުމަތްތައް ފޯރުކޮށްދިނުން.

2.      ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގަ ގާއިމުކޮށް ހިންގައި، ބަލަހައްޓައި ތަރައްޤީކޮށް ދެމެހެއްޓުން.

3.      ސަރުކާރުގެ ދާއިރާގައި ބޭނުންކުރެވޭ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، އެޕްލިކޭޝަންތައް ސްޓޭންޑަޑައިޒް ކުރުން.

4.      ދިވެހިރާއްޖޭގެ އިޤުތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް އެކަށޭނަ އިންފޮމޭޝަން ޓެކްނޯލޮޖީގެ ޤައުމީ ޕްލޭނާއި، ސްޓްރެޓިޖީތަކާމެދު ކަމާބެހޭ ފަރާތްތަކަށް ލަފާ ދިނުމާއި، ސަރުކާރުން ކަނޑައަޅާ އިންފޮމޭޝަން ޓެކްނޯލޮޖީގެ ސިޔާސަތުގެ މުރާދު ހާސިލުކުރުމަށް ބޭނުންވާ މަޝްރޫޢުތަކާއި ޕްލޭންތައް ރާވައި، ވިލަރެސްކޮށް ހިންގުން.

5.      އިންފޮމޭޝަން ޓެކްނޯލޮޖީގެ ޒަރީއާއިން ރާއްޖޭގައި ތަޢުލީމާއި މަޢުލޫމާތާއި ވިޔަފާރި ކުރިއެރުވުމަށް މަގުފަހިކޮށްދިނުން.

6.      ދައުލަތުގެ އުފެއްދުންތެރިކަން އިތުރުކޮށް، އާންމުކޮށް މަޢުލޫމާތު ދިނުމުގެ މަގު ފުޅާކޮށް، ސަރުކާރުގެ ޚިދުމަތްތައް ދިނުން ހަލުވިކުރުމަށާއި، ރާއްޖޭގައި "އިލެކްޓްރޯނިކް ގަވަރންމަންޓް" (އީ-ގަވަރންމަންޓް) ގާއިމުކުރުމަށްޓަކައި ސަރުކާރުގެ "އިންފޮމޭޝަން ސިސްޓަމްސް ޕްލޭން" ތަރައްޤީކޮށް ވިލަރެސްކޮށް ހިންގުން.

7.      އިންފޮމޭޝަން ޓެކްނޯލޮޖީއާއި އެއާ ގުޅިފައިވާ ސިނާއީ މަސައްކަތްތައް ރާއްޖޭގައި ތަރައްޤީކޮށް ހަލުވި ކުރުމަށްޓަކައި، ސަރުކާރުގެ ދާއިރާތަކާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ އިންޑަސްޓްރީ ބައިވެރިކޮށްގެން ކަމާބެހޭ ސިޔާސަތުތަކަށާއި ޓެކްނޯލޮޖީއަށް އަންނަ ބަދަލުތައް ދިރާސާކުރުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީއާއި އެއާގުޅިފައިވާ ސިނާއީ މަސައްކަތްތައް ތަރައްޤީކުރުމުގެ ކަންކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.

8.      ކޮމްޕިއުޓަރައިޒް ކުރުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ބޭނުންކޮށްގެން ހިންގާ ކަންތައްތަކުގައި ރާއްޖޭގައި ބޭނުންކުރަންވީ، އެއިރަކަށް އެންމެ އެކަށީގެންވާ މިންގަނޑުތަކާއި، "ގައިޑްލައިން" ތަކާއި "ބެންޗްމާކް" ތައް ކަނޑައަޅައި، އާންމުކުރުން.

9.      ސަރުކާރުގެ އިދާރާތަކުންނާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުން ހުށަހަޅާ "އިންފޮމޭޝަން ސިސްޓަމް ޕްލޭން" ބަލައި، އެ ޕްލޭންތައް ހިންގުމުގެ ހުއްދަ ދިނުން.

10. ސަރުކާރުގެ އިދާރާތަކަށާއި، އަމިއްލަ ފަރާތްތަކަށް އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ލަފައާއި މަޝްވަރާދިނުން.

11. ވިލަރެސްކުރެވިގެން ލާމެހިފައިވާ ގޮތެއްގައި އިންފޮމޭޝަން ސިސްޓަމްތައް ތަރައްޤީކޮށް، ހިންގައި، ބެލެހެއްޓުމަށްޓަކައި، ސަރުކާރުގެ އިންފޮމޭޝަން ސިސްޓަމްތައް ސަރވޭ ކުރުން.

 

(ރ) ނޭޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ތިރީގައި އެވަނީއެވެ.

1.      މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ހާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2.      މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ  ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިޔާސަތުތައް ތަންފީޒުކުރުން.

3.      މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަމުންދޭތޯ ބަލަމުންދިޔުން.

4.      މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހައި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

5.      މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތްކުރުން.

6.      މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

7.      މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.

8.      މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއި، އެމީހުންގެ މަޢުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން.

 

(ބ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ 18 ވަނަ މާއްދާއިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްޢޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ތިރީގައި މިވަނީއެވެ.

1.      ޤާނޫނާ ޚިލާފުވާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިންގެ މައްސަލަތައް ފުލުހުން ހުށަހެޅުމުން، އެކުދިންގެ މަޞްލަޙަތު ހިމާޔާތްކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކޭސް ވަރކްކުރުމަށާއި، އަދި އެކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުން.

2.      ތަޙްޤީޤު މަރުޙަލާގައި ކޯޓަށް ހާޒިރުކުރެވޭ ކުދިންނާއި، ޖިނާއީ ދަޢުވާ އުފުލިފައިވާ ކުދިންގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމަށްޓަކައި ޝަރީޢަތަށް ހާޒިރުވުން.

3.      ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.

4.      ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

5.      މި ޤާނޫނުގެ ދަށުން ހިންގޭ ޑައިވަރޝަންގެ ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވައި ހިންގުން.

6.      ކުށަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ހިންގަންޖެހޭ ރީހެބިލިޓޭޓިވް ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުން.

7.      ކުޑަކުދިންގެ މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުދިންގެ ހާލަތު މޮނިޓަރކުރުން އަދި ބަންދުކުރާ ތަންތަން މޮނިޓަރކުރެވޭނެ ނިޒާމެއް އެކުލަވާލައި ގަވާއިދުން މޮނިޓަރކުރުން.

8.      ޑިޕާޓްމަންޓްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުޙަލާއެއްގައި ކުޑަކުދިންގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތްކުރޭތޯ ބެލުން.

9.      ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާ މުޢާމަލާތުކޮށް، އެކުދިންނާމެދު ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.

10. މުޖުތަމަޢުގައި ކުޑަކުދިން ކުށްކުރަން ދިމާވާ ސަބަބުތައް ދެނެގަތުމުގެ ގޮތުން ދިރާސާތައް ކުރުމާއި، މި މަޢުލޫމާތު ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރުން.

11. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކުރުމާއި، ކަމާބެހޭ ޑޭޓާބޭސްއެއް ގާއިމުކުރުމާއި ބެލެހެއްޓުން.

12. ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް މުޖުތަމަޢު އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.

13. ބައިނަލްއަގުވާމީ މިންގަނޑުތަކާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ކަމާބެހޭ ދާއިރާތައް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުން.

14. ކުށްކުރާ ކުދިންގެ ތެރެއިން މުޖުތަމަޢުން އެކަހެރިކުރަންޖެހޭ ކުދިންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި، މިފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ގާއިމުކޮށް، އެ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.