ސުވާލު:
އައްސަލާމް ޢަލައިކުމް. އަޅުގަނޑަކީ މުޙައްމަދު އިހްސާން. އަޅުގަނޑު ރައީސްއާއި ކޮށްލަން ބޭނުންވާ ސުވާލަކީ، މީގެ ކުރިން ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުތައް އެހެން ޤައުމެއްގެ ސިފައިން ގެނެސްގެން ބެލެހެއްޓި ބެލެހެއްޓުން ނިމުމަކަށް ގެނެސްފައިވާއިރު، އަލަށް މިގެނެވުނު ޑްރޯންތައް އޮޕަރޭޓް ކުރުމާއި ހިންގުމުގައި ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ އެހީތެރިކަމާއި އެކީގައިތޯއޭ ހިންގަނީ؟ ނުވަތަ 100 ޕަސަންޓު ދިވެހީން ހިމަނައިގެންތޯ މިކަންކަން މިހާރު ކުރިއަށް މިގެންދަވަނީ؟

ޖަވާބު:
އާދެ! މުހައްމަދު އިހްސާންގެ ސުވާލަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ރަނގަޅު ސުވާލެއް ތިޔަ ކުރެއްވެވީ. އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭ ގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން. އިހަށް ދުވަހު މި ތަޢާރަފްކުރި ސިފައިންގެ އެއާކޯ ސަރވިސްގައިވެސް، އަދި އޭގެ ދަށުން ދުއްވަން ފެށި ޔޫއޭވީތައް، ޑްރޯންތައް ދުއްވުމުގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް. ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނެއް އެކަމުގައި އެހީތެރިވާކަށްވެސް ރާއްޖޭގައި ނުތިބޭނެ. ތުރުކީއަށް ސިފައިން ގޮސް އެތަނުން ތަމްރީން ހޯދައިގެން އައިސް، ދިވެހި ސިފައިން މިހާރުވެސް އެ ޔޫއޭވީތައް އެ އޮޕަރޭޓްކުރަނީ. ދުއްވަނީ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ބެޗްތައް ޓްރެއިނިންގ ހަދަން ގޮސްފައި އަންނާނެ. މިހާރުވެސް ގޮސް އެބައުޅޭ ޓްރެއިނިންގގައި. އެހެންވީމާ ދިވެހި ސިފައިން ހަމަ ފުލީ، ހުރިހާ ކަމެއްވެސް، އެ ޑްރޯންތައް އުދުހުމުގައި ކުރާނެ. ޝުކުރިއްޔާ.