ސުވާލު:
އަޅުގަނޑު ރައީސްއާއި ކޮށްލަން ބޭނުންވާ ސުވާލަކީ، ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިރު އަޅުގަނޑުމެންނަށް ވެފައި އޮތް ވަޢުދެއް، ހިޔާ ފްލެޓަށް އިތުރު ލިފްޓްތަކެއް އިތުރުކޮށްދޭނަމޭ. ދެން އަދިވެސް އެކަމަށް ޙައްލެއް ލިބިފައި ނެތް ކަމަށް އަޅުގަނޑުމެންގެ މި ހިޔާ ފްލެޓުގައި ދިރިއުޅޭ، ރައްޔިތުން ބުނަމުން އަންނަނީ. ދެން ހަމަ އެއާއިއެއްކޮށް އަޅުގަނޑުމެން މިތާ ހަމަ މި ރޯދަމަހު ވަރަށް ދިގު ކިއޫ އޮވޭ، މުސްކުޅިންނާއި ކުޑަކުދިންނާއި. ވަރަށް ބައިވަރު ދަތިތައް ހުރޭ ހިޔާ ފްލެޓްގައި، ލިފްޓްގެ ދަތިކަން އޮންނާތީ. އެހެންވީމާ ކިހާ ހިސާބެއްގައިތޯ އަޅުގަނޑުމެންނަށް މީގެ ހައްލެއް ލިބިގެންދާނީ؟ ހިޔާ ފްލެޓް ލިފްޓަށް.

ޖަވާބު:
އާދެ! ހަލީމާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހިޔާ ފްލެޓްގައި ލިފްޓް ހަރުކުރުމަކީ އަޅުގަނޑު ވީ ވަޢުދެއް. މިހާރު ވާނީ އެކަމަށް ބަޔަކާ އެގްރީމަންޓްވެސް ހެދިފައި. ކޮންމެ އިމާރާތެއްގައި 2 ލިފްޓް ހަރުކުރެވޭނެ. އޭގެ ތެރެއިން 1 ލިފްޓަކީ ސްޓްރެޗަރ އެރުވޭ ކަހަލަ ބޮޑު ލިފްޓެއް. އެހެންވީމާ 2 ލިފްޓް ހަރުކުރެވޭނެ. މިހާރު ކުރެވޭ މަސައްކަތަކީ، އެގްރީމަންޓް ހެދިފައިއޮތީ. ދެން ޑީޓެއިލްޑް ޑިޒައިނިންގެ މަސައްކަތްތައް ކުރިއަށް އެބަގެންދޭ. ދެން ކުރިއަށް މިއޮތް މަސް ތެރޭގައި، އޭޕްރީލް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެފަރާތުން ޢަމަލީ މަސައްކަތަށް ހިޔާ ފްލެޓް ސަރަޙައްދަށް މޮބިލައިޒް ކުރާނެކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ.
އެހެންވީމާ އަޅުގަނޑު އަދިވެސް އިތުރަށް ބާރު އަޅާނަން، ވީހާވެސް އަވަހަށް ޢަމަލީ މަސައްކަތަށް ދާން. މިހާރު ޑިޒައިނިންގެ މަސައްކަތް ނިމެނީ. ދެން އެޑްވާންސް ޕޭމަންޓް ސަރުކާރުން ވަރަށް އަވަހަށް އެފަރާތަށް ދޭނެ. ދިނީމާ އެގްރީމަންޓްގައި އޮންނަ ގޮތުން އެޑްވާންސް ޕޭމަންޓް ދޭތާ 1 މަސް ތެރޭ މޮބިލައިޒް ކުރަން ޖެހޭނެ. އެހެންނަމަވެސް އަޅުގަނޑު ވަރަށް ބޮޑަށް ބާރު އަޅާނަން އެއަށްވުރެ މާއަވަހަށް އެކަން ފަށަން. ދެން އެގްރީމަންޓްގައި އޮންނަނީ ޢަމަލީ މަސައްކަތް ފަށާތާ އެއް އަހަރު ތެރޭގައި އެހުރިހާ ލިފްޓެއް ހަރުކޮށް ނިންމަން. މިއީ ވަރަށް ބައިވަރު ލިފްޓް. ކޮންމެ އިމާރާތެއްގައި 2 ލިފްޓް. އެހެންނަމަވެސް އެއަށްވުރެވެސް އަވަހަށް ނިންމަން ސަރުކާރުން ވަރަށް ބާރު އަޅާނަން. ޝުކުރިއްޔާ.